Shaheedh Kohli Nuruhuge Uniform Gai Eynaa ge Mamma
image
ރަޒަންގެ ޔުނީފޯމުގައި މީހުންނަށް ފަރުވާ ކުރުމަށް އޭނާގެ މަންމަ ނުކުމެއްޖެ--
0 ކޮމެންޓް
 

ޝަހީދުކޮށްލި ނަރުހުގެ ޔުނީފޯމުގައި އޭނާގެ މަންމަ

މިމަހުގެ އެއްވަނަ ދުވަހު އިޒްރާއީލު ސިފައިން ދިން ހަމަލާއެއްގައި ޝަހީދުކޮށްލި އުމުރުން އެންމެ 21 އަހަރުގެ ރަޒަން އަލް ނަޖާރަކީ މިފަހުގެ ތާރީހެއްގައި ފަލަސްތީނުގައި އުފެދުނު އެންމެ މަގުބޫލު އެއް ނަރުހެވެ. kobadoctor
މާޗު މަހުގެ 30 ވަނަ ދުވަހުން ފެށިގެން ގާޒާގައި ކުރަމުންދާ މުޒާހަރާތަކުގައި ސީދާ އާއްމުންނާއި ޕެރަމެޑިކުންނަށް އަމާޒުކޮށް އިޒްރާއީލުން ސިފައިން އަނިޔާވެރި ހަމަލާތައް ދެމުން އަންނައިރު ފަހަތައް ޖެހުމެއް ނެތި ރަޒަން ވަނީ ޒަހަމްވާ ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ ފަސްޓް އެއިޑް އަދި އެހެނިހެން ފަރުވާތައް ފޯރުކޮށްދިނުމަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވެފައެވެ.



އޭނާގެ މެއަށް އަމާޒުކޮށް އިޒްރާއީލް ސިފައިންގެ މީހަކު ބަޑިން ހަމަލާދީ އޭނާ ޝަހީދުކޮށްލާފައިވަނީ ވެސް މުޒާހަރާގެ ތެރެއިން ވެއްޓިފައި އޮތް މީހަކަށް ފަރުވާ ދިނުމަށް ދުވެފައި ދަނިކޮށެވެ. ރަޒަންގެ ކުޅަދާނަކަމާއި ހިތްވަރު ގިނަ ބަޔަކު ފާހަގަކޮށްފައިވާއިރު އޭނާގެ މެޔަަށް އަމާޒުކޮށް ގަސްތުގައި އޭނާ މަރާލީ އިޒްރާއީލް ސިފައިންނަށް އޭނާގެ މަސައްކަތްތައް ހަޖަމް ނުކުރެވިގެންކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ރަޒަން ޝަހީދުކޮށްލައި އޭނާވި އެހިދުމަތްތައް ތާއަބަދަށް ފަނޑުކޮށްލެވޭނެކަމަށް އިޒްރާއިލް ސިފައިންނަށް ހީކުރެވިފައި އޮތްނަމަވެސް މިދިޔަ ހުކުރު ދުވަހު ރަޒަންގެ މަންމަ، ޝަބްރީން އަލް ނައްޖާރު ވެސް ވަނީ ނަރުހެއްގެ ގޮތުގައި މުޒާހަރާތަކުގައި އަނިޔާވާ މީހުންނަށް ފަރުވާ ދިނުމަށް އެހިދުމަތާއި ގުޅިފައެވެ.

ރަޒަންގެ ޔުނީފޯމުގައި އޭނާގެ މަންމަ--

ދަރިފުޅުގެ ލެއިން ތައްތެޅިފައިވާ ޕެރަމެޑިކް ޔުނީފޯމުގައި ޝަބްރީން ނުކުތުމާއެކު އޭނާއަށް މީޑިއާތަކުގެ ސަމާލުކަން މުޅިންހެން ހުއްޓިގެންދިޔައެވެ. ވޮލެންޓިއަރު ނަރުހެއްގެ ގޮތުގައި ޝަބްރީން ނުކުމެ ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ، އޭނާ ގަބޫލުކުރާ ގޮތުގައި ރަޒަންއަށް އަމާޒުކޮށް އިސްރާއީލް ސިފައިން ހަމަލާދީފައިވަނީ ގަސްތުގައި ކަމަށެވެ.

"އެމީހުން [އިޒްރާއީލް ސިފައިން] އަށް އެނގޭ ރަޒަން، އެމީހުންނަށް އެނގޭ އޭނާއަކީ ޕެރަމެޑިކެއްކަން ވެސް. މާޗް 30 އިން ފެށިގެން އޭނާ އައި މުޒާހަރާގައި ޒަހަމްވާ މީހުންނަށް ފަރުވާ ދެމުން." ކަރުނައިން ފުރިފައިހުރެ ވާހަކަ ދައްކަމުން އޭނާގެ މަންމަ ބުންޏެވެ.
-
ރަޒަންގެ ޖަނާޒާގައި ގިނަ ބަޔަކު ބައިވެރިވެފައި--

މާޗް 30 ފެށިގެން ކުރަމުން އަންނަ މުޒާހަރާތަކުގައި 120 މީހުންނަށް ވުރެ ގިނަމީހުން ޝަހީދުވެފައިވާއިރު 12000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. ރަޒަންގެ މަންމަ ބުނި ގޮތުގައި އޭނާގެ ދަރިފުޅު އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ ޒަހަމްވި ކުޑަކުދިންނާއި އަންހެނުންނަށެވެ.

"އަހަރެންގެ ދަރިފުޅު ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު ހަތަކުން ފެށިގެން ރޭގަނޑު އަށަކަށް އުޅޭނީ އޭނާގެ މަސައްކަތުގައި ބޭރުގައި. ޒަހަމްވާ މީހުންނަށް ފަރުވާ ދިނުމުގައި. އަހަރެންގެ ދަރިފުޅަކީ ވަރަށް ހިތްވަރުގަދަ ޕެރަމެޑިކެއް. އިޒްރާއީލް ސިފައިންގެ ސަބަބުން އޭނާ ފަސްޖެހިފައެއް ނުވޭ." ރަޒަންގެ މަންމަ ބުނެއެވެ.

ރަޒަންއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އޭނާގެ މަންމަ އިތުރަށް ބުނީ ކޮންމެ ދުވަހަކު އޭނާގެ ދަރިފުޅު ގެއަށް އަންނާނީ ލެއިން ތަތްތެޅިފައިވާ ޔުނީފޯމުގައި ކަމަށެވެ. އަދި ޒަހަމްވެ މީހަކު ފަރުވާއަށް އާދޭތޯ މުޒާހަރާކޮށް ނިންމާ ހުރިހާ އެންމެން އެތަނުން ދަންދެން އޭނާގެ ދަރިފުޅު އެތަނުގައި ހުންނަކަމަށް ވެސް ޝަބްރީންގެ ވާހަކަގައި ފާހަގަކުރެއެވެ.

ރަޒަންއަކީ އެއާއިލާގައި ތިބި ހަ ކުދިންގެ ތެރެއިން އެންމެ ދޮށީ ކުއްޖާއެވެ. ރައްޔިތުންގެ ހިދުމަތުގައި އުޅެނިކޮށް އޭނާ ޝަހީދުވިއިރު އޭނާގެ ޖަނާޒާގައި އެތައް ހާސް ބަޔަކު ވަނީ ބައިވެރިވެފައެވެ. ދުނިޔެ ދޫކޮށް ރަޒަން ދިޔަނަމަވެސް އެހަނދާންތައް އަބަދުވެސް ހުންނާނެކަމަށް އޭނާގެ ބައްޕަ ބުނެއެވެ.
ހިޔާލު