Kuhthaathah Ithurukoh, Drug Loadunnah Enme Harukashi Adhabu Dhee Tag Alhuvaanan: Umar
image
އުމަރު ނަސީރު: ކުއްތާތައް އިތުރު ކުރާނެ ކަމަށް ވިދާޅުވި---
0 ކޮމެންޓް
 

ކުއްތާ އިތުރުކޮށް، ޑްރަގު ލޯޑުންނަށް ހަރުކަށި އަދަބުދީ ޓެގު އަޅުވާނަން: އުމަރު

މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތް ކުރުމަށް ފުލުހުންގެ ކުއްތާތައް(ފާރަގެމަ) އިތުރުކޮށް މސްތުވާތަކެތި ރާއްޖެ އެތެރެކޮށް ވިއްކުމުގައި އުޅޭ މީހުންނަށް ދެވެން އޮންނަ އެންމެ ހަރުކަށި އަދަބެއް ދޭނެ ކަމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައިވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު އެހެން ވިދާޅުވީ މަސްތުވާތަކެއްޗާ ބެހޭ އުމަރުގެ ސިޔާސަތު ހާމަ ކުރުމަށް ފޭސްބުކް މެދުވެރިކޮށް މިއަދު ނެރުއްވި ބަޔާނެއްގައެވެ.

އުމަރު ވިދާޅުވީ ރާއްޖޭގައި މިހާރު ހިންގަމުންދާ ހުރިހާ ނުބައި ކަމެއްގެ އަސްލަކީ މަސްތުވާތަކެތި ކަމަށާއި އެއީ ވޭތުވެ ދިޔަ އެއްވެސް ސަރުކާރަކަށް ހައްލު ކުރެވުނު މައްސަލައެއް ނޫން ކަމަށެވެ. ޑްރަގުގެ ވަބާއިން ގައުމު ސަލާމަތް ކުރުމަށް ކުރިއަށް އޮތް އިންތިހާބުގައި ރައްޔިތުން ނުކުންނަން ޖެހޭ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

ގޭންގުތައް ޑްރަގުން ލިބޭ ނަފާގައި އުޅެމުންދާ އިރު، ޖަލުތަކުގައި ތިބި 80 އިންސައްތަ މީހުންނަކީ ޑްރަގާ ގުޅުފައިވާ ކުށްތަކުގައި ތިބި މީހުން ކަމަށާއި ކޮންމެ އަހަރަކު އެތައް ސަތޭކަ ޒުވާނުންނެއް އެވަބާގައި އަލަށް ޖެހޭ ކަމަށާއި ސުކޫލުތަކުގެ ތެރެއަށް ވެސް ޑްރަގު ވަދެފައިވާ ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އޭނާގެ ސަރުކާރުގައި އެންމެ ފުރަތަމަ ދުވަހު ދްރަގާ ދެކޮޅަށް މަސައްކަތް ފަށާނެ ކަމަށެވެ. އަދި ހަމަ ކޮންމެ ދުވަހަކު ޑްރަގުގެ މުއާމަލާތްތައް ކުރާ ފަރާތްތައް ފަހާ ގާނޫނު ދުވާނެ ކަމަށެވެ.

މަސްތުވާތަކެއްޗަށް ފަރުވާދޭ ރިހެބުތައް ފުރި އެތައް ޒުވާނުންނެއް ފަރުވާއަށް އެދިއެދި ތިބި އިރު އެ ފުރުސަތު އެއް އަހަރު ތެރޭ ހޯދާދޭނެ ކަމަށާއި އެންމެ ކާމިޔާބު ފަރުވާއަކީ ދީން ކަމަށް ދެކި އެ ވަބާގައި ޖެހިފައިވާ މީހުންނަކީ ދީނާ ގާތް ބައެއް ކަމަށް ހަދާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

ޑްރަގާ ދެކޮޅަށް ފުލުހުންގެ ތެރެއިންނާއި ކަސްޓަމާއި އެންޑިއޭގައި ކުރަމުންދާ މަސައްކަތްތައް އެއްކޮށް ޑްރަގު އެންފޯސްމެންޓު އެޖެންސީއެއް އުފައްދަވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

ކުއްތާތަކުގެ ފައުޖު ބޮޑުކޮށް ބޭރުން މީހުން އަންނަ ހުރިހާ އެއާޕޯޓުތަކެއްގައި ފޯރި މަރާ، ހުރިހާ އެއާޕޯޓުތަކެއްގައި ހަށިގަނޑު ސްކޭން ކުރާ މެޝިން ބަހައްޓާނެ ކަމަށް އުމަރު ވިދާޅުވިއެވެ. ޑްރަގުގެ ވަބައިން ސުކޫލުތައް ސަލާމަތް ކުރުމަށް ޒުވާނުންނާއި ކިޔަވާ ކުދިންނަށް ހާއްސަ ޕްރޮގުރާމުތަކެއް ކުރިއަށް ގެންދާނެ ކަމަށާއި ސުކޫލުތަކަށާއި ޕްރިންސިޕަލުންނަށް އިތުރު ބާރުތަކެއް ދޭނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ވަބައިން ސަލާމަތްވާ ބޭނުންވާ މީހުންނަށް އެ ފުރުސަތު ދީ މުޖުތަމައުގައި އަބުރު ވެރި ދިރިއުޅުމެއް ހޯދާދޭނެ ކަމަށާއި އެ ފުރުސަތު ބޭނުން ނުވާ އެންމެންގެ މައްޗަށް މިނިކޮން އަމުރު ހިންގާ ޓެގު އަޅުވާނެ ކަމަށް އުމަރު ވިދާޅުވިއެވެ. ޑްރަގު ލޯޑުންނަށް ނުވަތަ ބޮޑުންނަށް އެންމެ ހަރުކަށި އަދަބުދޭނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

އޭގެއިތުރުން ގޭންގު ކުށްތަކުގައި މިހާތަނަށް އިންސާފު ނުލިބިވާ ފަރާތްތަކަށް އިންސާފު ހޯދާދޭނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
ހިޔާލު