Riyaasee Candidatun naamedhu Hamahamakoh Amalukurumah Bandaara Naibu Angavaifi
image
2016 ވަނަ އަހަރު ބޭއްވި ވަކީލުން ހުވާ ކުރުމުގެ ރަސްމިއްޔާތުގައި އަނިލް: ފައިލް ފޮޓޯ
3 ކޮމެންޓް
 

ރިޔާސީ ކެންޑިޑޭޓުންނާ މެދު ހަމަހަމަކޮށް އަމަލުކުރުމަށް ބަންޑާރަ ނައިބު އަންގަވައިފި

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާ ރިޔާސީ ކެންޑިޑޭޓުންނާމެދު ހަމަހަމަކޮށް އަމަލުކުރުމަށް ދައުލަތުގެ އިދާރާތަކަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް އަންގަވައިފިއެވެ.
އޭޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންތިޚާބާބެހޭ ޤާނޫނުތަކުގައިވާ ގޮތުގެމަތިން ރިޔާސީ އިންތިޚާބުގެ ކެންޑިޑޭޓުން ރަސްމީކޮށް އިޢުލާން ކުރެއްވެންދެންވެސް، ބައެއް މުހިއްމު ފިޔަވަޅުތައް އެޅުމަށް ހައުސިން މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އާއި ފުލުހުންގެ އިދާރާގެ އިތުރުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް ބަންޑާރަ ނައިބު އަންގަވާފައިވާ ކަމަށެވެ.

އެ އިދާރާތަކަށް ވަކިވަކިން ބަންޑާރަ ނައިބު ފޮނުއްވި ސިޓީތަކުގައި، ރާއްޖޭގެ އެކި ސިޔާސީ ޕާޓީތަކުން ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން އާންމުކުރަމުން ގެންދާކަން ވަނީ ފާހަގަކޮށްފައެވެ.

އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުގެ ނަންތައް ރިޔާސީ އިންތިހާބުގެ ގާނޫނުގައިވާ ގޮތުގެ މަތިން އިލެކްޝަންސް ކޮމިޝަނުން އާންމުކޮށް އަންގާ އިއުލާނު ކުރުމުގެ ކުރިންވެސް، ކެންޑިޑޭޓުންގެ ގޮތުގައި ސިޔާސީ ޕާޓީތަކުން އާންމުކޮށްފައިވާ ފަރާތްތަކަށާއި، އެ ފަރާތްތަކާ އެކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ހުންނަން އެ ކެންޑިޑޭޓުން ހުށަހަޅާފައިވާ މީހުންނަށް ދައުލަތުގެ ޚަރަދުގައި ސަލާމަތާއި ރައްކާތެރިކަމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބަންޑާރަ ނައިބު އަންގަވާފައިވާ ކަމަށް އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

ކެންޑިޑޭޓުން ތާއީދު ހޯދުމަށް ކުރާ މަސައްކަތްތަކަށް ދައުލަތުގެ ވަޞީލަތްތަކާއި، ދިވެހިރާއްޖޭގެ ރަށްރަށުގެ މަގުތަކާއި ޢާންމު ތަންތަނާއި، ދައުލަތުގެ ޢިމާރާތްތަކާއި ބިންތައް ކަމާބެހޭ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ފޯރުކޮށްދިނުމަށްވެސް ބަންޑާރަ ނައިބު ވަނީ އަންގަވާފައެވެ.

އޭގެ އިތުރުން ޕީއެސްއެމްގެ ޚަބަރުފަތުރާ ވަޞީލަތްތަކުގެ ބޭނުންހިފުމަށް އެ ފަރާތްތަކަށް ދޫކުރުމުގައާއި، އެ ކުންފުނީގެ ބްރޯޑްކާސްޓްކުރާ ތަންތަނުން އެއަރ ޓައިމް އެ ފަރާތްތަކަށް ދިނުމުގައި ހަމަހަމަ އުޞޫލަކުން އަމަލުކުރުމަށް ވަނީ އަންގަވާފައެވެ. މިހާރުން ފެށިގެންވެސް ސިޔާސީ ޕާޓީތަކުން ކުރަމުން ގެންދާ ކެމްޕޭންގެ ޙަރަކާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ފޯރުކޮށްދެއްވުން އިތުރަށް ހަރުދަނާ ކުރުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާއާ ޙަވާލާދެއްވައި ބަންޑާރަނައިބު ވަނީ އަންގަވާފައެވެ.

ބަންޑާރަ ނައިބު އެ ގޮތަށް އަންގަވާފައިވާއިރު އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ހުޅުމާލޭގައި ކެމްޕެއިން ކުރައްވަމުން ގެންދަވަނިކޮށް ބަޔަކު ވަނީ އިބޫއަށް ހަމަލާދޭން މަސައްކަތްކޮށްފައެވެ.
ހިޔާލު

އަހުމަދު

ޤާނޫނެއްގައިނެތް ވަކިމީހަކަށްވަކިގޮތެއްހަދާކަށް. އިގިއްޖެ. ލަދުހަޔާތްކުޑަކަމުން ތަފާތުކުރަމުންދަނީ ހިތަށްއެރިމީހަކަށް ދައުވާކުރަމުން ޖަލަށްލަމުންދަނީއެއްނު.... ޤާނޫނު މިހިގަނީ އަދި ނުހިގަނީވެސް ވަކިމީހަކަށްޓަކައިހެން ހީވަނީ...؟

އެކްސް ސޯލްޖަރ

ވަރަށް މުހިންމު ގާނޫނީ ވާޖިބެއް ތިއަދާ ކުރެއްވީ. ޙަމަ ތިއުސޫލުން އެންގުމަށް އެކި އުޒުރުތައް ދައްކައި ފަރުވާ ކުޑަކޮށް އަދި އަމަލު ނުކުރާ ފަރާތްތަކާއި މެދި ގާނޫނީ ފިޔަވަޅު އެޅުމަށްވެސް ގޮވައިލަން.

ރައްޔިތުން

މަގުމަތީގެ ރައްކާތެރިކަންވެސް ލިބެންޖެހޭ، އެއްވެސް މީހަކު، އެއްވެސް ކެންޑިޑޭޓަކަށް އަދި ރަނިންމޭޓަކަށް ހަމަލާދީ ހަދައިގެން ނުވާނެ