Firumaaladheyshey, Episode 25
image
ފިރުމާލަދޭށޭ..
3 ކޮމެންޓް
ފުނަމާ
 

ފިރުމާލަދޭށޭ..

25 ވަނަބައި dhi2
މުޅިއުމުރު އެދަރިއެއްގެ ހައްގުގައި ގުރުބާންކޮށްލުމަށް އަޒުމުކަނޑައަޅައިގެން ދިރިއުޅުމުގެ ހަނގުރާމައާއި ގައިސަރު ކުރިމަތިލީ މާބޮޑެތި އުއްމީދުތަކެއް އޮވެގެން ނޫނެވެ. ނަމަވެސް ޔާދުއަށްޓަކައި ކޮންމެ ނޭވާއެއްވެސް ގުރުބާންކޮށްލާނެކަމުގެ ޔަގީންކަން ގައިސަރުގެ ހިތުގައި އަބަދުވެސް އޮވެއެވެ. އެހެންމީހުން ފަޚްރުވެރިވާނެ 'މީހެއް'ގެ ގޮތުގައި ޔާދުގެ ހަޔާތުގެ ދަތުރު އަމާންވުމަކީ ގައިސަރުގެ ހިތުގެ އެދުމެވެ. މަތީ ތަޢުލީމަށް، ޔާދު ތައްޔާރުވާން ޖެހުނުއިރު މަންނާނުވަނީ، އެދެމައިންގެ ހަޔާތާއި އަލްވަދާޢުކިޔައިފައެވެ. ފިރިމީހާ ނިޔަވުމާއެކު ދިރިއުޅުން އެފުށްމިފުށަށް ޖެހިގެން ދިޔަވަގުތު ކުރެވުނު ހިތްވަރު، ގައިސަރުގެ ހަނދާނުން ދުވަހަކުވެސް ފިލައިގެން ނުދިއުމަކީ އޭނާގެ ދުޢާއެކެވެ. ޝުކުރުގެ ކަރުނަ ގައިސަރުގެ ލޮލުން މިއަދު ވިދާލަނީ ޔާދުއަށްޓަކައި މަންނާނުކުރި އުއްމީދު، ގައިސަރަށް ހަގީގަތަކަށް ހަދައިދެވިއްޖެކަމުގެ ފުރިހަމަ އިހުސާސް ކުރެވޭތީއެވެ.

"ބައްޕަގެ ދަރިފުޅު ބައްޕައަށް މަޢާފުކޮށްދީ.. ސޮރީ މައި ލަވް! މާމާއާއި ދަރިފުޅު ދުރުކޮށްގެން ވަރަށް ދުވަހު ބައްޕައަށް ގެންގުޅެވިއްޖެ.. މާޒީގެ ތެރެއިން އެދުވަސްތައް ބައްޕައަށް ހޯދައިނުދެވޭނެ.. އެއީ ވާނެކަމެއްނޫން! އެކަމަކު އިންޝާﷲ ދެން ދުވަހަކުވެސް އެވަރުގެ ކަމެއް ބައްޕަ ނުކުރާނަން.. މާމައަކީ ދަރިފުޅާއި ބައްޕައަށްޓަކައި މާތްﷲ މިދުނިޔޭގައި ލެއްވި އަގުހުރި ނިޢުމަތެއް.." އާންޔާގެ ގައިގައި ބައްދާލަމުން ޔާދު ބުނެލީ އަސަރުން ފުރިފައިވާ ބަލައިލުމަކުން މަންމައަށް ބަލައިލަމުންނެވެ.

ޔާދުގެ ތުރުތުރުއަޅަމުންދިޔަ އަޑުގެ އިހުސާސްތައް މަންމަގެ ހިތުގެ އެންމެ ހިމަ ނާރާއި ހަމައަށްވެސް ވާސިލްވެއްޖެއެވެ. އުފަލުގެ ކޮޅެއް ނެތެވެ. އޯގާތެރި ދަރިއެއްގެ، މާތް އަޚްލާގާއި ކިޔަމަންތެރިކަމަށްވުރެން ވަކިންބޮޑު ރަޙްމަތެއް، މިދުނިޔޭގައި މަޔަކު އެދޭނެ ހެއްޔެވެ؟ ޝުކުރުގެ ހަމްދެއްގެ މިންވަރުން މިވަގުތަށް ގައިސަރު ފުއްދާލިޔަސް، އެއުފާވެރިކަމާއި އެ ގާތްކަން މުޅި އުމުރަށް ލެހެއްޓެވުން އެދި ރެއާއި ދުވާލުން އެތައް ފަހަރަކު، ﷲގެ ހަޒުރަތުގައި ގައިސަރު ދަންނަވާނެތެވެ.

****
މާޔާ ގެއިން ނިކުމެ ސައިކަލަށް އެރީއްސުރެންވެސް އީތަން އެއްޗެއް ނުބުނެއެވެ. ދުއްވުނު އެންމެ ބާރުމިނެއްގައި އައިސް، ގޭދޮރުމައްޗަށް މަޑުކޮށްލިއެވެ. ފައިބާންވީކަން އެގުމުން މާޔާ ފޭބިއެވެ. އީތަންގެ މޫޑްހުރިގޮތް، އިތުރަށް ސުވާލުކޮށް އޮޅުން ފިލުވާކަށް ނުޖެހެއެވެ. ހިނިތުންވެފައި އެންމެ ފަހަރަކުވެސް މާޔާގެ މޫނަށް މިރޭ އީތަން ބަލައިނުލިއެވެ.

"ވަންނާން ވީތަ؟" މާޔާއަށް އަހައިލެވުނެވެ.

ދުވަހެއްގައިވެސް އީތަންގެ ހިޔާވައްސެއްގެ އޮޅި ގިރާކޮށްފައި ނުވާތީ، މާޔާއަށް ސުވާލުކުރެވުނީ ހިތް ނުތަނަވަސް ވެފައިވީތީއެވެ. މަންމައާއި ބައްޕަ ގޭގައި މާލޭގައި ނެތްކަން މާޔާއަށްވެސް އިނގެއެވެ. ނަމަވެސް ގޭގައި އެކިމަސައްކަތްތައް ކުރުމަށް ގެންގުޅޭ ބިދޭސީން އުޅޭނެއެވެ. އެއިން ކޮންމެ މީހާކާއިމެދުގައިވެސް މިއަދު މާޔާ ކަންތައްބޮޑުވެއެވެ. އަތުގައި ހިފައި ދަމަމުންކަހަލަ ގޮތަކަށް މާޔާ ގޮވައިގެން އީތަން އެދަނީ ކޮޓަރިއާއި ދިމާއަށެވެ. މާޔާ ކުރިސުވާލަށް އީތަންގެ ޖަވާބެއް ލިބުން އެއްކިބައިކޮށްފައި މޫނަށް ބަލައިވެސް ނުލިއެވެ.

އަތުގައި ހިފައިގެން އެތެރެއަށް ވަނުމަށް އީތަން ތައްޔާރުވި ވަގުތު، މާޔާގެ ހަރަކާތްތައް ލަސްކުރީ ގަސްތުގައެވެ. ހަމައެވަގުތު ކުރިއަށްވުރެން ބާރަށް މާޔާގެ އަތުގައި އީތަން ހިފާލާފައި ކުރިއަށް ލުއްކިއެއް ޖެހިއެވެ. ބުނާނެ އެއްޗެއްވެސް ނޭގި މާޔާއަށް ބަލައިލެވުނީ އީތަންއަށެވެ. ގަހަކުން ވެއްޓުނު ހިކިފަތެއް، ބާރު ވައިރޯޅިއަކާއެކު ގެންދާފަދައިން އީތަންގެ ބާރުގައި މާޔާ ގެންދިޔައެވެ. ކިޔަމަންތެރިކަން ނޫން އެހެން އެއްވެސް ސިފައެއް މިވަގުތު މާޔާގެ ކިބައިގައި ނެތެވެ. ބޮޑު ގެއެއްގެ ތެރެއިން ގެންގޮސް، ކޮޓަރިއެއްގެ ދޮރު ހުޅުވައިލުމާއި ހަމައަށްވެސް އީތަން ނޫން އެހެން އެއްވެސް އެއްޗެއް މާޔާގެ ނަޒަރުން ފާހަގަނުކުރެވުނެވެ. ކޮޓަރިއަށް ވައްދާފައި ދޮރުލެއްޕިއެވެ. މާޔާއަށް ވަށައިގެން ބަލައިލެވުނީ ކޮޓަރީގެ ތެރެއަށެވެ. ބޮޑުވެފައި، ފުރިހަމަ ތަނެކެވެ. ކޮޓަރީގެ ސާފުތާހިރުކަން ހިތައް ހަމަޖެހުން ގެނުވިއެވެ.

"ޔޫ އާރ މައިން" މާޔާގެ ގައިގައި އީތަން ބައްދާލީ މާ ބާރަށެވެ.
ދައުރުވަމުންދިޔަ ނޭވާވެސް ހުއްޓުނުހެން ހީވިއެވެ. އަމިއްލަ ބާރެއްނެތި އެހެންމީހެއްގެ އިޚްތިޔާރަށް ތިމާމީހާގެ އަމިއްލަ ނަފުސު ހުށަހަޅާން ޖެހުނުވަގުތެއް މިނޫނީ މާޔާގެ ހަޔާތުގައި އަދި ކުރިމަތިނުވެއެވެ. އީތަންގެ ހިތުގައި ހިނގަނީ ކޮންފަދަ އިހުސާސްތަކެއްކަން ނުވަތަ އެވަގުތު އެހުރީ ކޮންފަދަ ޚިޔާލެއްގައިކަމެއް ހިތައް ގެންނާންވެސް މާޔާ ނުކުޅެދުނެވެ. ލޯބިވެރިޔާގެ ލޮލުގެ ރިހުން މާޔާގެ ހިތް މަޑުމޮޅިކޮށްލިއެވެ. ނޫނެކޭ ބުނާންޖެހޭވަރުގެކަމެއް އީތަން ހުށަނާޅާނެކަން މާޔާއަށް ޔަގީންވެއެވެ. އަދަމުންދިޔަ އަލިފާނުގެ ބާރުދެރަކުރުމަށް ފެން އެޅުން މުހިއްމުކަން ދެނެގަންނާން މާޔާގެ ބުއްދިވެރި ސިކުނޑި ފުދެއެވެ.
****
އޮފީހުގައި ގިނަވަގުތު ހޭދަކުރުމަކީ އެލީއަށް މިވަގުތަށް އެންމެ ރަގަޅު ގޮތްކަމަށް ދީނާ ބުނެދިނެވެ. ގެއަށް ދިއުމުން ބޮލަށް އުނދަގޫވަނީނަމަ، އެކުވެރިންނާއިއެކު މިހާރަށްވުރެން ގިނަ ވަގުތު އެލީހޭދަކުރާންޖެހޭކަމަށް އޭނާއަށްވެސް ގަބޫލުކުރެވިއްޖެއެވެ.

"އަހަންނަކަށްނޭގެ މިހާރު ޔާދުއަށް ވެފައި ހުންނަ ގޮތެއްވެސް.. އަހަރެން ވަރަށް މަސައްކަތްކޮށްފިން އޭނަ ބަދަލުކުރެވޭތޯ.. އެކަމަކު މިހާރު މަށަށް ހީވަނީ..." ވަރަށް ލަސްލަހުން ފުރިހަމަކުރާން މަސައްކަތްކުރި ޖުމުލަ، އެލީއަށް ފުރިހަމައެއް ނުކުރެވުނެވެ. ދައްކަންބޭނުން ކޮންމެ ވާހަކައެއް އަޑުއަހާނެކަމުގެ ޔަގީންޔަން ދީނާގެ ފަރާތުން އެލީއަށް ލިބުނެވެ.

"އަހަރެންދެކެ ޔާދު މިހާރު ލޯތްބެއްނުވޭ.. އަހަރެން ބުނާއެއްގޮތެއްވެސް ނުހަދާ.. އަހަންނަކަށް ވަގުތެއްވެސް ނުދޭ.." ވަރަށް ދެރަވެލާފައި އެލީ ބުންޏެވެ. އެލީ ގަބޫލުކުރާގޮތުގައި ދިރިއުޅުމައިގެން ކުރިއަށްދާންވީ މިސްރާބު، ބުނެދިނުމުގައި ދީނާއަކީ ކުޅަދާނަ މާހިރެކެވެ.

****
"އިތުރަށް އެންމެ ގަޑިއެއްގެއިރު.. " ވަރަށް ދެރަވެލާފައި އީތަން ބުންޏެވެ. އެނދުގެ ހެޑްބޯޑްގައި ބުރަކަށި ޖައްސާލައިގެން މާޔާ އިނީ، އޭނާގެ އުނގުގައި އީތަން ބޯއަޅާލައިގެން އޮތް ގޮތް ހިތުގައި ތަސްވީރު ކުރުމަށެވެ.

"ގޮއްސައި އަންނަނީ ކޮން އިރަކުން..؟" އީތަންގެ ބޮލުގައި ފިރުމާލަމުން މާޔާ ސުވާލުކޮށްލިއެވެ. ލޯބިގޮތަކަށް އީތަންގެ އިސްތަށިގަނޑާއި ކުޅެލަމުން މާޔާ ވާހަކަދެއްކިއެވެ. ހިތުގެ އިހުސާސްތައް މޫނުމަތީން ފާޅުވިޔަނުދިނުމަށް މާޔާ މަސައްކަތްކުރިއެވެ.

"ނޭގެ.. އެއްގޮތަކަށްވެސް ނޭގެ.." ނާއުންމީދުން ފުރިފައިވި ބުނެލުމެކެވެ.
ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނީ މާޔާއަށެވެ. ހަގީގަތް ގަބޫލުކުރާން ހިތް މަޖުބޫރުކުރެއެވެ. އީތަން އެދަނީ ވަރަށް ދުރަށެވެ. ނަމަވެސް ދުނިޔެވީ ތަރައްގީއާއި ތަހުޒީބުގެ ގޮތުން ބަލާއިރު، ދުރެއްނޫނެވެ. ދުނިޔޭގެ ކޮންމެ ބައްރެއްގައި ހުއްޓަސް ވަރަށް ގާތެވެ. ތަފާތަކީ ހާލަތާއި ވަގުތެވެ. ފުރައިގެން ދިއުމަށްފަހު، އީތަންގެ ހާލަތަކީ ކޮބައިކަމެއް، ކަންކަން ވެދާނެގޮތެއް މާޔާގެ ހިތައްވެސް ނުގެނެވެއެވެ.

"ސޭ ސަމްތިންގ މައިލަވް" އީތަން ބުނެލިއެވެ. މާޔާގެ ލޮލުގެ އެސްފިޔަތައް ތަންކޮޅެއް އަވަސްއަވަހަށް ހަރަކާތްކޮށްލިއެވެ. އިހުސާސްތައް ބައިވަރެވެ. ސުވާލުތައް ފުނިޖެހިފައެވެ. ޝަކުވާތައް ކޮޅުން ނުލައެވެ.

"ކީކޭ ބުނަންވީ؟" ހަގީގަތުގައިވެސް ކުރިއަށްދާންވީ މަގު މާޔާއަށް އޮޅުންބޮޅުންވެއްޖެއެވެ. މާޔާގެ އުނގުގައި އޮށޯވެ އޮތް އީތަންގެ ގައިގައި އުނދަގުލުން ނަމަވެސް ބައްދާލިއެވެ. ގާތްވެލާފައި ލޯބިކޮށްލިއެވެ. ނުތަނަވަސްކަން ދުރުކުރާން މާޔާ މަސައްކަތްކުރަނީކަން އީތަންއަށްވެސް އެނގެއެވެ.

"ބުނަން އޮތީ އެންމެ އެއްޗެއް.. އެއީ ކަންތައް ވާނެގޮތެއް ނޭގޭތީ! ކޮންމެ ޒަމާނަކުން އީތަން އަޔަސް، އަހަރެންގެ ހަޔާތުގެ ދޮރު އީތަންއަށްޓަކައި ހުންނާނީ ހުޅުވާފައި.. ދޮރުގައި ޓަކި ދިނުމެއްނެތި އީތަންއަށް އެތެރެއަށް ވަދެވޭނެ!" އީތަންއަށް އެއްޗެއް ވިސްނިދާނެކަމަށް، މާޔާ ބުނެލިއެވެ.

"ހީކުރީތަ، މާޔާ ދޫކޮށްލާނެކަމަށް؟ ދުވަހަކުވެސް އެކަން ނުވާނެ.. ދުރަށް ލިޔަސް، ސަލާމްވެސް ޖަހާނަން" އީތަން ބުނެލިއެވެ.

"އަހަރެންގެ ހަޔާތުން އީތަންއަށް ދިނީ 'ވަން ވޭ ޓިކެޓްއެއް' އެއަށް ޚިޔާނަތްތެރިނުވާނެކަމަށް އުއްމީދުކުރަން.. އަބަދުވެސް ވަރަށް ގާތުގައި ވެދޭނަން.. ތިނޫން މީހަކަށް މިހިތަކުން ދުވަހަކުވެސް ޖާގައެއް ނުލިބޭނެ.. އެކަނިހާލަށް ހުރެ، އުމުރު ހުސްކޮށްލަންޖެހުނަސް އެހެން ފިރިހެނަކުދެކެ ލޯބި ނުވެވޭނެ.. މަޖުބޫރުވިޔަސް، މިހަޔާތަށް އެހެން މީހަކު ނުގެންނާނަން" އަސަރާއެކު މާޔާ ވާހަކަދެއްކިއެވެ. އަޒުމުގައި ސާބިތުކަންވިއެވެ.

"މާޔާގެ ހިތުގައި ކޯންޗެއް އޮވެގެން، ތިކަހަލަ ވާހަކަ ތިދައްކަނީ؟" އީތަން ހިތްހަމަ ނުޖެހުނެވެ.

"ހިތުގައި އޮތް އެއްޗެއް ބުނާކަށް ފަސޭހައެއް ނޫން.. އެކަމަކު އިހުސާސްވަނީ، އީތަން ގެއްލިދާނެކަމުގެ ބިރު" ވަރަށް ސާފުކޮށް މާޔާ ބުނެލިއެވެ.

"އަހަރެންގެ ހިތް ނަގާފައި ކުދިކުދި ކޮށްލިޔަސް، މާޔާ ނޫން އެހެން އިންސާނެއްގެ ތަސްވީރު އޭގާއި ނުވާނެ.. އެހެންމީހަކަށް އެއިން އެތިފުކެއްގެ ތެރެއަށް ވަނުމަށްވެސް އަހަރެން ހުއްދަނުދޭނަން.. މާޔާއާއި ނުލައި ނޫޅެވޭނެ.. ހެޔޮނުވާނެ މަގޭ ޕްރިންސެސް! އަހަންނަށް އިތުބާރުކޮށްބަލަ!.. އަހަރެން މިވާ ލޯބި ގަބޫލުކޮށްބަލަ" އާދޭސްކުރަންވެސް މިއަދު އީތަން ތައްޔާރެވެ.

"އަހަރެން ފުރައިގެން މިދަނީ މާޔާގެ އަމާނާތެއްގެ ގޮތުގައި، އެނބުރި އަންނާނީވެސް މާޔާގެ މީހެއްގެ ގޮތުގައި.. އެކަމަކު ތަފާތަކީ މިހާރުގެ އީތަންއަށްވުރެން، ފަހުގެ އީތަން ރަހުމުކުޑަވެދާނެކަން" އިންޒާރުގެ ރާގުގައި އީތަން ބުނެލީ ހިތްހަމަނުޖެހުމާއެކުއެވެ. ފުރަންދާން ދާދި ގާތްވިއިރުވެސް މާޔާގެ އަތުގެ ތެރެއިން އީތަން ނުނިކުތެވެ.

****
ސަވާނާގެ އަތްމަތި ހަލުވިކޮށްލާފައިވަނީ ތަފާތު ބާވަތްތައް ސުފުރާމައްޗަށް އިތުރުކޮށްލެވޭތޯއެވެ. ކައްކާނެ މީހަކު ގޭގައި ގެންގުޅުނަސް، މިރޭ އޭނާއަށްވަނީ ޗުއްޓީ ދީފައެވެ. ހުރިހާ އެއްޗެއް ކައްކަން ބޭނުމީ ސަވާނާގެ އަމިއްލަ އަތުންނެވެ.

"ތިހައި ބައިވަރު ނުކެއްކިޔަސް، ރަނގަޅުވާނެ.. ކާންވެސް މިރޭ ތިބޭނީ އަހަރުމެން ހަތަރުމީހުން.. ބައްޕަވެސް މިރޭ މިކޮޅަކަށް ނާންނާނެ.. ދަރިފުޅު ތަންކޮޅެއް އަވަހަށް ތިކަން ނިންމާލާފައި ދޭބަލަ ފެންވަރައިގެން އީތަން ބަލައި" ގިޔާދާގެ ހިނިތުންވުން އޭނާގެ އުފާވެރިކަން ހާމަކޮށްދިނެވެ.

"ދާނެ ދޯ މަންމާ..! މިވަގުތަށްޓަކައި ހާދަ އިންތިޒާރެއް ކޮށްފީމޭ.. ފްލައިޓް ޖެއްސުމުގެ ކުރިން އަހަރެން ދާނަން.. ވަރަށް އުފާވެރި ރެއެއްމިއީ.." ލަދުރަކި ހިނިތުންވުމެއް ސަވާނާގެ ތުންފަތްމަތީން ދަތުރުކޮށްލިއެވެ.
***
ފްލައިޓްޖެއްސުމާއެކު އީތަންގެ މެއަށް ފިނިވިއެވެ. ޖީންސްގެ ޖީބުން ފޯނު ނެގުމަށްފަހު، ސިމް ބަދަލުކޮށްލިއެވެ. ހަމައެހިނދުގައި ހަރަކާތް އަވަސްކޮށްލާފައި ސިމް ނަގައިފިއެވެ. ފޯނުވެސް އޯފްކޮށްލިއެވެ.

-- ނުނިމޭ -
10 އޯގަސްޓު 2018
ފިރުމާލަދޭށޭ..
9 އޯގަސްޓު 2018
ފިރުމާލަދޭށޭ..
6 އޯގަސްޓު 2018
ފިރުމާލަދޭށޭ..
3 އޯގަސްޓު 2018
ފިރުމާލަދޭށޭ..
ހިޔާލު

އުނިމާ

ކޮބާ ސްޓޯރީ

ރީނާ

އީތަންއަށް މަޖުބޫރުކުރަނީތަ ސަވާނާއާ އިންނަން. އެކަމުދެން މާޔާ އަށް ވެސް އީތަންއަށްވެސް ހާދަދެރަގޮތެކޭ. ލޯބިވާ ދެމީހުން އެކަކު އަނެކަކާ އެކު ނޫޅެވުމަކީ ލިބޭނެ އެންމެ ބޮޑު ވޭން. އެހެން ނުހަދައްޗޭ

ރާޔާ

އަޅެ ތިއުޅެނީ މާޔާއާ އީތަންއަށް ކިހިނެއް ހަދަން.. ދެރަގޮތެއް ނުހަދައްޗޭ ޕްލީޒް