EU in Sarukaarah dhinee varugadha Message eh: Dunya
image
އީޔޫން ސަރުކާރަށް ދިނީ ވަރުގަދަ މެސެޖެއް: ދުންޔާ
0 ކޮމެންޓް
 

އީޔޫން ސަރުކާރަށް ދިނީ ވަރުގަދަ މެސެޖެއް: ދުންޔާ

ދިވެހި ސަރުކާރުގެ އިސް ފަރާތްތަކާއި ބައެއް މުއައްސަސާތަކާ ވަކި ވަކި ފަރުދުންނާއި ބައެއް ތަންތަނާ މެދު ފިޔަވަޅު އަޅާނެ އުސޫލެއް ފާސްކޮށް ޔޫރަޕިއަން ޔޫނިއަން، އީޔޫ އިން ދިވެހި ސަރުކާރަށް ދިނީ ވަރަށް ވަރުގަދަ މެެސެޖެއް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ ދަރިކަނބަލެއް ކަމަށްވާ ދުންޔާ ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ އީޔޫން ދިނީ ވަރަށް ސާފު މެސެޖެއް ކަމަށާއި އެކަމާއި އަޅާނުލާ ދޫކޮށްލުމަކީ ބުއްދިވެރި ކަމަކަށް ނުވާނެ ކަމުގައެވެ.
ދުންޔާ ވިދާޅުވީ އީޔޫން ބޭނުންވަނީ ދިވެހި ރާއްޖެ އަލުން ޑިމޮކްރަސީގެ މަގަށް ރުޖޫއަވުމަށް ކަމުގައެވެ.

ކައުންސިލް އޮފް ދަ ޔޫރަޕިއަން ޔޫނިއަން ނުވަތަ އީޔޫގެ ހާރިޖީ ވަޒީރުންގެ ކައުންސިލުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި ފޮރިން އެފެއާޒް ކައުންސިލުގެ މިއަދުގެ ބައްދަލުވުމުގައި ރާއްޖޭގެ ވަކިވަކި ފަރުދުންނާއި މުއައްސަސާތަކާއި އިދާރާތަކުގެ މައްޗަށް ފިޔަވަޅު އެޅުމަށް ފްރޭމްވޯކެއް(އުސޫލުތަކެއް) މިއަދު ފާސްކޮށްފައިވެއެވެ.

ފިޔަވަޅު އަޅަން ފްރޭމްވޯކެއް އެކުލަވާލާފައިވަނީ އިންސާނީ ހައްގުތަކަށް އަރައިގަނެ ގާނޫނީ ހުކޫމަތު ހިންގަން ހުރަސް އަޅާ، ހުރިހާ ފަރާތްތައް ބައިވެރިވާ ސިޔާސީ ހައްލެއް ހޯދަން ދެކޮޅު ހަދާ ފަރާތްތަކާ ދެކޮޅަށެވެ. އެ ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި އީޔޫގެ އެ ނިންމުމުގެ ސަބަބުން ހާލަތު ބަދަލު ނުވެއްޖެ ނަމަ ވަކިވަކި ފަރުދުންނާއި މުއައްސަސާތަކާއި އިދާރާތަކުގެ މައްޗަށް ފިޔަވަޅު އަޅަން ފަހިވެގެންދާނެއެވެ.

އެ ބަޔާނުގައި ރާއްޖޭގެ ހާލަތު ރަނގަޅު ނޫން ކަމަށާއި ހާލަތު ބަދަލު ނުވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވެއެވެ. ބަޔާނުގައި ބުނެފައިވާ ގޮތުގައި ކައުންސިލުގެ މިއަދުގެ ނިންމުމަކީ ފެބުރުއަރީ މަހުގެ 26 ވަނަ ދުވަހު އެ ކައުންސިލުން ފާސް ކުރި ކުރުމާއި ގުޅިގެން އެޅި ފިޔަވަޅެކެވެ.

ފޮރިން އެފެއާޒް ކައުންސިލުގެ މިއަދުގެ ނިންމުމުގައި ވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ ހުރިހާ ފަރާތެއް ބައިވެރިވާ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް އިދިކޮޅު ލީޑަރުންނާ މަޝްވަރާ ކުރުމަށް ގޮވާލާފައިވެއެވެ.

ރާއްޖެއާއި މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އީޔޫގެ ފޮރިން މިނިސްޓަރުންގެ ކައުންސިލުން ކުރިން ދީފައިވާ އިރު އީޔޫގެ ގާނޫނު ހަދާ މަޖިލީހުން ވެސް ވަނީ ރާއްޖެއާއި މެދު ފިޔަވަޅު އެޅުމަށް ގޮވާލާ މިދިޔަ މާޗު މަހުގެ ތެރޭގައި ގަރާރެއް ފާސްކޮށްފައެވެ.

ރާއްޖެއާއި މެދު ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ފޮރިން މިނިސްޓަރުންގެ ކައުންސިލުން ދީފައިވަނީ މިދިޔަ ފެބުރުއަރީ މަހުގެ 26 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައެވެ. ރާއްޖޭގައި ކުއްލި ހާލަތު އިއުލާންކޮށްފައި ވަނިކޮށް ބޭއްވި އެ ބައްދަލުވުމުގައި ކުއްލި ހާލަތު ވަގުތުން ނިމުމަކަށް ގެނައުމަށާއި ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހުރިހާ ހައްގުތަކެއް ފޯރުކޮށް ދިނުމަށާއި ހައްޔަރުކޮށްފައިވާ ސިޔާސީ ހުރިހާ ފަރާތްތައް މިނިވަން ކުރުމަށް ގޮވާލާފައިވެއެވެ.
ހިޔާލު