Hingaabingaave Ulhumuge Hanguraama!
image
ވެހިކަލެއް ދުވާރުމަތީގައި ޕާކްކޮށްފަ--
އާއިޝަތު ހުސައިން
3 ކޮމެންޓް
 

ހިނގާބިނގާވެ އުޅުމުގެ ހަނގުރާމަ!

"ޕޭވްމަންޓްމަތިން ހިނގާބަލަ' މިއީ ވަރަށް ގިނަ ފަހަރު ހިނގާބިނގާވެ އުޅޭއިރު ކައިރީގައި ހުންނަ މީހާ ނުވަަތަ ކައިރިން ދުއްވާފައި ދާ މީހުން ބުނެ އުޅޭ ބަހެކެވެ. މަގުމަތީގައި ހިނގާބިނގާވެ އުޅުމުގެ އުނދަގުލުގެ ވާހަކައަކީ ދައްކާކޮޅުންލާނެ ވާހަކައެއް ނޫނެވެ. ވަކިން ހާއްސަކޮށް ކާރުބާރު ބޮޑު މާލެގައި ހިނގާ މީހުންނާ ދުއްވާ މީހުންނަށް ދިމާވާ ދަތިތައް މިކަމުގައި އިސްތިސްނާއެއް ނުވާނެއެވެ. ހިނގާ މީހުން ދައްކާނީ ދުއްވާ މީހުންގެ ވާހަކައެެވެ. ދުއްވާ މީހުން ދައްކާނީ ހިނގާމީހުންގެ ވާހަަކައެވެ.
ހިނގަން ހާއްސަކޮށްގެން މަގުމަތީގައި ހުންނަނީ ދުވާރު ހަދާފައެވެ. ރާއްޖޭގެ ވެރިކަން ކުރާރަށް މާލޭގައި، މާލެ ސިޓީގައި ދުވާރުގެ ފުޅާ މިނަކީ އާއްމުގޮތެއްގައި ދެ ފޫޓް ބައެވެ. ދެމީހަކަށް އެއްފަހަރާ ދުވާރުމަތިން ގައިގައި ނުޖެހި ހިނގަންދަތިވާނެއެވެ. ދެ މީހުން ދެކޮޅަށް ހިންގާނަމަ، އެކަކު އަރި ހުރަހަށް ނުގޮއްސިއްޔާ ޖެހޭނީ އަރިމަތީގައި މަޑުކޮށްލާށެވެ. ނުވަތަ ފަހަތުގައި މަޑުކޮށްލާށެވެ. ނޫނީ ގައިގައި ޖެހިގެންދާށެެވެ. ދުވާރުގެ ފުޅާމިނުގެ ސަަބަބުން ކުޑަކުއްޖަކު ގޮވައިގެން އަމުދުންވެސް ދުވާރުމަތިން ހިނގުމަކީ ދަތިކަމަކަށްވާނެއެވެ. ކުޑަ ކުއްޖާގެ އަތުން ދޫކޮށްލާފައި ކުރިއަށް އަންނަ މީހާއަށް ޖާގަދޭންޖެހޭ ފަހަރުވެސް މަދެއްނޫނެވެ. މިކަން އެންމެ ރަނގަޅަށް އެނގޭނީ ދަރިން ބަލާ ސްކޫލްދޮށަށް ހިނގާ ބެލެނިވެރިންނަށެވެ. ދުވާރުގެ ވާހަކަ ދައްކާއިރު އަނެއްކަމަކީ މަގުގެ ދެފަރާތުގައި ދުވާރު ހަދާފައި ހުންނަނީ މަދު މަގެއްގައެވެ. ދެފަރާތުގައި ދުވާރު ހުންނަ ބައެއް މަގުތަކުގައި އެއް ދުވާރު އަނެއް ދުވާރަށްވުރެވެސް ހަނިވާނެއެވެ. އެތަނުން އެކަކު އެކަނިވެސް ހިނގާފައި ދިއުންވާނީ ދަތިކަމަކަށްވެފައެވެ. ބޮޑު އުޅަނދެއް މަގުމަތިން އަންނަންޏާ ލޯގަނޑުންވިއަސް ގައިގައި ޖެހިދާނެކަމަށް އަރިއަކަށް މަޑުކޮށްލަންޖެހޭ ފަހަރު ގިނައެވެ.

ދުވާރުގައި ގާ އަތުރާފައި ހުންނަގޮތުގެ ވާހަކަ ދައްކާ ހުސްނުވާނެއެވެ. ދުވާރުގައި ހުންނަނީ ގާ އަތުރާފައޭ ބުނުމަށްވުރެ ހުންނަނީ ގާ އުކާފައޭ ބުނުން މާ ރަނގަޅުވާނެއެވެ. ކިތަންމެ ދުވަހަކު ދެ ގަލުގެ ދޭތެރޭގައި ފައިވާން ތާށިވެގެން އެ ތާށިފިލުވޭތޯ ހުންނަންޖެހޭ ފަހަރުވެސް މަދެއްނޫނެވެ. ކޮންމެ ދިހަ ފޫޓަކުން ގަލެއްގައި އަޅައިނުގަނެ ހިނގާފައިދެވިއްޖެއްޔާ ހަމަ ސާބަހެވެ. ދުވާރުން ހިނގާފައިދާއިރު ގޭގޭގެ އޭސީ ހޮޅިއާ، ދިޔަދޮވިން ދޫކޮށްފައި ހުންނަ ފެން ހޮޅިން މަގުމައްޗައް ފައިބާ ފެންތައް އޮހޭނީ ހަމަ ސީދާ ގަޔަށެވެ. ނަލަވެގެން ބޭރަށްދާން ނިކުމެ ފައިވާން ހަލާކުވެ، ލައިގެން ހުންނަ ހެދުން ހަރާބުވިޔަސް ހަމަ ކެތްކޮށްލާނީއެވެ.

އަރި ހުރަހަށާ، ލައިގެން ހުންނަ ހެދުން ހަރާބުކޮށްގެންވެސް ހިނގޭނީ ހިނގާނެ ތަނެއް އޮތްނަމަ ދޯއެވެ. މި ދުވާރަކީ ވަރަށް ގިނަ ފަހަރު ދުއްވާ އުޅަނދުފަހަރުގެ ޕާކިންގް ޒޯނަކަށްވެސްވަނީވެފައެވެ. ޕާކް ކުރަން ކަނޑައެޅިފައިވާ ސަހަރައްދުން ޖާގަ ނުލިބިއްޖެނަމަ، ނުވަަތަ އެއަށްވުރެ ފަސޭހައަށް އެންމެ އަވަހަށް މަޑުކުރެވޭ ތަނެއްގައި، އެތަނަކާ އެންމެ ކައިރި ދުވާރުގައިވެސް ދުއްވާ އުޅަނދުފަހަރު ޕާކުކުރާތަން ފެނެއެވެ. ދުއްވާ މީހުންގެ ހައިސިއްޔަތުން ޕާކުކުރާނެ ޖާގަ ނުހުންނަނީއެވެ. ދުވާރުން މީހުންނަށް ހިނގަން ޖާގަ ދިނުމުގެ ބޭނުމުގައި ބައެއް ހާލަތްތަކުގައި ދުވާރުގެ އެއްބައިގައިވެސް އުޅަނދުތައް ޕާކުކޮށްފައި ހުރެއެވެ. މި ޖާގައިން ހިނގާފައި ދެވެނީ ކާކަށްބާވައެެވެ. އަނެއް ބައި ހާލަތްތަކުގައި މަގުގެ އެއްބައި ބަނދުކޮށްފައިވާނަމަ، ދުވާރުމަތިން ދުއްވާ އެއްޗެހި ދުއްވާފައިދާފަހަރުވެސް މަދެއް ނުވާނެއެވެ. ދުވާރާ އެއްހަމައިން މަގުގައި ހުންނާނީ ޕާކިންގް ޒޯނުތަކެވެ. ދުވާރަށް އަރައިފިއްޔާ ފޭބޭނެގޮތެއް ނޯންނާނެއެވެ. ފައިބައިފިއްޔާ އެރޭނެގޮތެއް ނޯންނާނެއެވެ.

ދުއްވާ މީހުންގެ ހައިސިއްޔަތުން ހިނގާ މީހުން ހިނގަންވާނީ ދުވާރުމަތިންނެވެ. ދުވާރުމަތިން ފައިބައިގެން ހިނގަނިކޮށް ދުއްވާ އުޅަނދު ފަހަރަކުން ގައިގައި ޖެހިއްޖެނަމަ އެ ހަމަ ޔަގީނުންވެސް ވާނީ ހިނގާ މީހާ ދުވާރުން ނުހިނގީމާ ދިމާވި އެކްސިޑެންޓަކަށެވެ. ހަމަ މި އުސޫލުން ދުއްވާ މީހާގެ އުޅަނދު ފަހަރު ޕާކުކުރާނެގޮތް މަގުމަތީގައި ނެތުމާ، އެ އުޅަނދު ފަހަރު ދުއްވާނެ ގޮތް މަގުމަތީގައި ނެތުމަކީވެސް ޝަކުވާއެކެވެ. ހިނގާ މީހުންގެ ފަރާތުން ދުވާރުމަތިން ހިނގޭނެގޮތް ނެތުމަކީ އެ ފަރާތްތަކުގެވެސް ޝަކުވާއެކެވެ. ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މާލެއަށް ނުކަތާވަރަށް އުޅަނދުފަހަރު އިތުރުވެ، މީހުންގިނަވެ، ކާރުބާރުބޮޑުވުމަކީ މީގެ ސަބަބެއްވެސްމެއެވެ. ކޮންމެ ސަބަބަކަށްޓަކައި ނަމަވެސް، ހަގީގަތަކީ މިއަދު މާލޭގެ މަގުތަކުގައި ހިނގާ ބިނގާވެ އުޅުމަކީ ދަތިކަމެއްކަމެވެ.
ހިޔާލު

ސޯފީ

މަދު ފަގަރެއްގަ ފުލުހުންގެ ވެހިކަލެއް ތިހެން އޮވެދާނެ

ޢަހުމަދުބެ

ޢެއްހައްލަކަށް ވެދާނެ ފޮތިވިއްކުމާ ފައިވާން. ޙެދުން. ފޯން ވިއްކުމުގެ ހުއްދަ އެއްސަރަހައްދަކުން ދޭގޮތަށް ހަދައި ޕާކުކުރެވޭނެ ގޮތްހެދުން

މަރިއްކޮ

ހައުސިން މިނިސްޓަރަށް
މަނިކުފާނު މަޖީދީ މަގަށް ނުކުންނަވާއިރު، ކަނައަތްފަރާތުގައި ހުންނަ ބައެއް އިމާރާތްތަކުން މަގުމައްޗަށް ފެންއެޅޭތީ، ހިނގާފައި އުޅޭ މީހެއްގެ ހައިސިއްޔަތުން ވަރަށް ދަތިވެއެވެ. މިކަންތައްތައް ހައްލު ކުރެވޭނެ އެއްވެސް ގޮތެއް އޮންނާނެތޯ؟
- މި ކޮމެންޓް ހައުސިންގ މިނިސްޓަރއަށް ލިބޭނެގޮތް ހައްދަވައިދެއްވުން އެދެމެވެ.