Resort ownerun muvazzafun ge haqqah ihthiraam kuraavaru balaane test eh
image
ރާއްޖޭގެ ރިސޯޓެއް: ވޯޓް ފޮށި ބަހައްޓަނީ ރިސޯޓުން އެއްބަސްވާނަމަ
0 ކޮމެންޓް
 

ރިސޯޓް އޯނަރުން މުވައްޒަފުންގެ ހައްޤަށް އިހްތިރާމް ކުރާވަރު ބަލާނެ ޓެސްޓެއް

އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހަކީ މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ނިންމާފައިވާ ދުވަހެވެ. އެއާއިއެކު އިންތިޒާމްތައް ހަމަޖެހިގެން ދާގޮތް ބަލަން ގިނަ ބަޔަކު ޝައުގުވެރިވެއެވެ. އެގޮތުން ވޯޓްލުމުގެ ހައްޤު ފުޅާދާއިރާއެއްގައި ލިބޭނެ ކަމަށް ގިނަޔަބަކު ދެކެމުން ދަނިކޮށް މަދު ރިސޯޓްތަކެއްގައި ވޯޓްފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމާއި އެކު ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ. kobadoctor
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓްފޮށި ބަހައްޓާނެ ތަންތަން މިމަހުގެ 15 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން އާއްމު ކުރިއިރު ރިސޯޓްތަކުގެ ތެރެއިން ވޯޓްފޮށި ބަހައްޓާނީ އެންމެ ހަތް ރިސޯޓްގައި ކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ބުނެފައެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި 100 މީހުން ވޯޓްލުމަށް ރެޖިސްޓާކުރި ހުރިހާ ރިސޯޓެއްގައި ވޯޓްފޮށި ބަހައްޓާފައިވާއިރު މިއަހަރު އިލެކްޝަންސް ކޮމިޝަނުން ނިންމީ 250 މީހުން ރަޖިސްޓްރީކުރާ ރިސޯޓް ތަކުގައި އެކަނި ވޯޓްފޮށި ބެހެއްޓުމަށެވެ.

އެއާއިއެކު އިލެކްޝަން ކޮމިޝަނަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވިއެވެ. ގިނަ ބަޔަކު ބުނަމުން ގެންދިޔައީ އިލެކްޝަންސް ކޮމިޝަނުން އެގޮތަށް އަމަލުކުރީ ސަރުކާރުގެ ނުފޫޒުގެ ސަބަބުން ކަމުގައެވެ. އެކަމަށް އިދިކޮޅު ފަރާތްތަކުން ދެއްކި ހުއްޖަތަކީ ރިސޯޓް މުވައްޒަފުންނަށް ރިސޯޓް ހިއްސާ ދޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވެވަޑައިގެންނެވި ވައުދު ފުއްދިފައި ނުވުމާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރިސޯޓްތަކުން ރައީސް އަބްދުﷲ ޔާމީނަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއެވެ.

ރިސޯޓް މުވައްޒަފުންނަށް ހިއްސާ ދެއްވާނެކަމަށް ވައުދުވެ ވަޑައިގެންނެވި ނަމަވެސް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި 42 ރިސޯޓެއްގައި ވޯޓް ފޮށި ބެހެއްޓިއިރު އިންތިހާބުގެ ފުރަތަމަ ބުރުގައި ރިސޯޓްތަކުން 5926 މީހުން ވޯޓްލާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވޯޓްގެ .56.7 އިންސައްތަ ލިބިވަޑައިގެންނެވިއެބެ. އަދި މިހާރުގެ ރައީސް އަބްދުﷲ ޔާމީނަށް ރިސޯޓްތަކުން ލިބިވަޑައިގެންނެވީ އެންމެ 18.8 އިންސައްތަ ވޯޓެވެ.

އިލެކްޝަންސް ކޮމިޝަނަށް އަމާޒުވި ފާޑުކިއުންތަކާއި އެކު އެކޮމިޝަނުން އެކަން "ކަނޑާލީ" ރިސޯޓްތަކުގެ މެނޭޖްމަންޓަށެވެ. ނުވަތަ ރިސޯޓް އޯނަރުންގެ ބޮލަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ހަތް ރިސޯޓެއްގައި ވޯޓްފޮށި ބަހައްޓަން ނިންމީ 2013 ގެ ތަޖުރިބާއަށް ބެލުމަށްފަހު ކަމަށާއި ރިސޯޓްތަކުން އެއްބާރުލުން ނުލިބޭތީ ކަމުގައެވެ.

ރާއްޖޭގައި 132 ރިސޯޓެއް އޮޕަރޭޓް ކުރާއިރު 100 ވުރެ ގިނަ ދިވެހި މުވައްޒަފުންނަށް ވަޒީފާ އަދާކުރާ 112 ރިސޯޓް އޮވެއެވެ. އެހެން ކަމުން 2013 ވަނަ އަހަރު 42 ރިސޯޓެއްގައި ވޯޓްފޮށި ބެހެއްޓިފައިވާއިރު 100 މުވައްޒަފުންނަށްވުރެ ގިނައިން ދިވެހިން ވަޒީފާ އަދާކުރާ 60 އަށް ވުރެ ގިނަ ރިސޯޓްގައި ވޯޓް ފޮށި ނުބެހެއްޓެއެވެ. އެހެންކަމުން ރިސޯޓްތަކުން އެއްބާރުލުން ނުދޭކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ ބުނުމުގައި ބުރަދަނެއް ހުރިކަމަށް ބެލެވިދާނެއެވެ.

ފާޑުކިއުންތަކާއި އެކު އިލެކްޝަންސް ކޮމިޝަނުން މިވަނީ އަނެއްކާވެސް 100 އަށް ވުރެ ގިނަ ދިވެހި މުވައްޒަފުން ވަޒީފާ އަދާކުރާ ރިސޯޓްތަކުގައި ވޯޓްފޮށި ބެހެއްޓުމަށް ނިންމާފައެވެ. ނަމަވެސް ޝަރުތަކާއި އެކުގައެވެ. އެއީ އެ ރިސޯޓަކުން ވޯޓްފޮށި އެރިސޯޓެއްގައި ބެހެއްޓުމަށް އެއްބަސްވާ ނަމައެވެ.

ފަތުރުވެރިކަމުގެ ދާއިރާއަކީ ރާއްޖޭގެ ރަންބިސްއަޅާ ކުކުޅޭ ބުނެއެވެ. އެހެންކަމުން އިގްތިސާދަށް އެންމެ ބޮޑު އާމްދަނީއެއްވައްދާ ފަތުރުވެރި ކަމުގެ އިންޑަސްޓްރީގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ އެތަންތަނުގެ މުވައްޒަފުންނެވެ.

ބައެއް ރިސޯޓްތަކުގެ ދިވެހި މުވައްޒަފުންނާއި މެދު އެރިސޯޓްތަކުން ކަންކުރާ ނުސިޔާނު ގޮތުގެ ވާހަކަ އަބަދުވެސް ދެކެވެއެވެ. އެހެންކަމުން ރިޔާސީ އިންތިހާބުފަދަ މުޅިގަޢުމުގެ މުސްތަގްބަލާއި ގުޅިފައިވާ ކަމެއްގައި މުވައްޒަފުންގެ ވޯޓް ލުމުގެ އަސާސީ ހައްޤައް އެ ރިސޯޓްކަތުގެ މެނޭޖްމަންޓްތަކާއި ރިސޯޓް އޯނަރުން އިހްތިރާމް ކުރާވަރު މިފަހަރު ބަލާލެވޭނެއެވެ.

ވޯޓްލުން ފަދަ މުވައްޒަފުންނާއި ގުޅުންހުރި އެންމެ އަސާސީ ހައްޤަށް އިހްތިރާމް ނުކުރާ ރިސޯޓްތަކުގައި އެމުވައްޒަވުންގެ އެހެން ހައްޤުތަކަށް އިހްތިރާމް ކުރާވަރު ކިރާލަންވެސް މިއީ ރަނގަޅު ޓެސްޓަކަށް ވެގެންދާނެއެވެ.
ހިޔާލު