Kasautii Zindagii Kay 2 Gai Anurag Ge Role In Parth
image
ޕާރްތް ސަމްތާން--
0 ކޮމެންޓް
 

ކަސޯޓީ ޒިންދަގީ ކޭގައި އަނުރާގްގެ ރޯލުން ޕާރްތު

އެކްތާ ކަޕޫރުގެ އެންމެ މަގްބޫލު އެއް ޑްރާމާކަމަށްވާ ކަސޯޓީ ޒިންދަގީ ކޭގެ އެންމެ މަޝްހޫރު އެއް ރޯލު ކަމަށްވާ އަނުރާގުގެ ރޯލުން ފެނިގެންދާނީ ޕާރްތު ސަމްތާން ކަމަށް ހަބަރުތައް ބުނެފިއެވެ.
ކަސޯޓީ ޒިންދަގީ ކޭގެ ދެވަނަ ބައެއް އުފައްދަން އުޅޭ ހަބަރު މިއަހަރުގެ ތެރޭގައި އެކްތާ ކަޕޫރު އިއުލާނުކޮށްފައިވާއިރު ގިނަ ބަޔަކު ތިބީ ކެތް މަދުވެފައެވެ. ޑްރާމާގައި ކުރީގެ ތަރިން ފެންނާނެތޯ ނުވަތަ ނޫންތޯ ގިނަބަޔަކު އުފެއްދި ސުވާލަށް ޖަވާބު ލިބިގެންދިޔައީ އެފިލްމަށް މުޅިން އާތަރިއަކު ނަގާ އެކަން އެކްތާ އިއުލާން ކުރި ހިސާބުންނެވެ. އެގޮތުން ކަސޯޓީ ޒިންދަގީ ކޭގައި ޕްރެނާގެ ރޯލަށް އެރިކާ ފެނާންޑެޒް ނަގާ އެކަން އިއުލާނުކުރިއިރު ކޮމަލިކާގެ ރޯލަށް ނަގާފައިވަނީ ހީނާ ހާންކަމަށް ހަބަރުތައް ބުނެއެވެ.

އެޑްރާމާގައި އަނުރާގްގެ ރޯލުން ފެންނާނީ ބަރުން ސޯބްތީ ކަމަށް އަޑުފެތުރުނުއިރު ޝާހިރު ޝެއިހް އެރޯލަށް ނެގިކަމަށް ވެސް އަޑުތައް ފެތުރުނެވެ. އަދި އެރޯލަށް ޝަރަދު މަލޯތްރާ ނަގާފައިވާކަމަށް ދާދިފަހުން ހަބަރުތައް ފެތުރުނުއިރު މިހާރު ހަބަރުތައް ބުނާގޮތުގައި އެރޯލަށް ނަގާފައިވަނީ ޕާރްތުއެވެ. އެހެންނަމަވެސް އެކަން އެކްތާ ކަޕޫރު އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ. އަދި އަނުރާގްގެ ރޯލުން ފެނިގެންދާނެކަމަށް އަޑުތައް ފެތުރުނު އެއްވެސް އެކްޓަރަކު އެރޯލަށް ނަގާފައިވާ ނުވާކަމަށާއި އެޑްރާމާގައި ފެނިގެންދާނީ 30 އަަހަރުން ދަށުގެ އެކްޓަރެއްކަމަށް އެކްތާ ބުނެއެވެ.

އެހެންކަމުން އުމުރުން 27 އަހަރުގެ ޕާރްތު އެޑްރާމާގައި ފެނިގެންދާނެ ކަމަށް ބެލެވެއެވެ. ކަސޯޓީ ޒިންދަގީ ކޭގެ ފުރަތަމަ ބައިން ކޮޮމަލިކާގެ ރޯލުން ފެނިގެންގޮސްފައިވަނީ މަޝްހޫރު ތަރި ޝްވެތާ ތިވާރީއެވެ. އަދި އަނުރާގްގެ ރޯލުން ފެނިގެންގޮސްފައިވަނީ ސިޒޭން ހާނެވެ. އަދި އެޑްރާމާގައި ފެނިގެންދިޔަ އެކްޓަރުންނަށް ވެސް ވަރަށް ބޮޑު މަގްބޫލުކަމެއް ލިބިފައިވެއެވެ.
ހިޔާލު