Noos Majallaage Editorun ge Sharuthuthakah Islaahu Genesfi
image
ނޫސް މަޖައްލާތަކެއް
0 ކޮމެންޓް
 

ނޫސް މަޖައްލާގެ އެޑިޓަރުންގެ ޝަރުތުތަކަށް އިސްލާހު ގެނެސްފި

ނޫސް ނުވަތަ މަޖައްލާގެ އެޑިޓަރުންގެ ޝަރުތަކަށް އިސްލާހު ގެނެސް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފިއެވެ.
ހޯމް މިނިސްޓްރީން އެކުލަވާލައި އަމަލު ކުރަމުން އަންނަ ނޫސް މަޖައްލާ އާއި އެނޫންވެސް އެފަދަ ތަކެތި ރަޖިސްޓަރީ ކުރުމުގެ ގަވާއިދުގެ ދަށުން ނޫސް ނުވަތަ މަޖައްލާގެ އެޑިޓަރުންގެ ޝަރުތަކާއި ޖާނަލްގެ އެޑިޓަރުންގެ ޝަރުތަކާއި ކޮމިކް އެޑިޓަރުންގެ ޝަރުތަކަށް ވަނީ އިސްލާހު ގެނެސްފައެވެ.

ގަވާއިދުގައި މީގެ ކުރިން އޮންނަ ގޮތުން ނޫސް ނުވަތަ މަޖައްލާގެ އެޑިޓަރުންގެ ޝަރުތުތަކުގެ ތެރޭގައި ނޫސްވެރިކަމުގެ ދާއިރާއިން ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ޝާއިއުކުރާ ނޫހެއްގައި ފަސް އަހަރު ދުވަހު މަސައްކަތްކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ.

އިސްލާހުގައިވާ ގޮތުން ނޫސް ނުވަތަ މަޖައްލާގެ އެޑިޓަރަކީ ނޫސްވެރިކަމުގެ ދާއިރާއިން ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިގްރީއެއް ހާސިލުކޮށްފައިވާ ފަރާތަކަށް ނުވަތަ ނޫސްވެރިކަމުގެ ދާއިރާގައި ހަތް އަހަރު މަސައްކަތްކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ.

ގަވާއިދުގައި މީގެ ކުރިން އޮންނަ ގޮތުން ޖާނަލް އެޑިޓަރަކީ ޖާނަލް ނެރެވޭ ދާއިރާއަކުން ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު އެ ދާއިރާއެއްގައި ފަސް އަހަރު ދުވަހު މަސައްކަތްކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ. އަދި ކޮމިކް އެޑިޓަރަކީ ގްރެފިކްސް ނުވަތަ ޕްރޮޑިއުސިންގެ ދާއިރާއެއްގައި ފަސް އަހަރު ދުވަހު މަސައްކަތްކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ.

މިއަދު ގެނައި އިސްލާހާއެކު ޖާނަލް އެޑިޓަރަކީ ޖާނަލް ނެރެވޭ ދާއިރާއަކުން ޑިގްރީއެއް ހާސިލުކޮށްފައިވާ ފަރާތަކަށް ނުވަތަ އެ ދާއިރާއެއްގައި ހަތް އަހަރު ދުވަހު މަސައްކަތްކޮށްފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި ކޮމިކް އެޑިޓަރަކީ ގްރެފިކްސް ނުވަތަ ޕްރޮޑިއުސިން ދާއިރާގައި ހަތް އަހަރު މަސައްކަތްކޮށްފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.
ހިޔާލު