Haahoora Column: Kaafabeyge Dhemafiringe Ehbaarulun Dhinumuge Ehbasvun
image
ދެމަފިރިއަކު ހިނގާފައި ދަނީ---
އިބްރާހީމް ޢާތިފް ޝަކޫރު
1 ކޮމެންޓް
 

ހާހޫރަ ކޮލަމް: ކާފަބޭގެ ދެމަފިރިންގެ އެއްބާރުލުން ދިނުމުގެ އެއްބަސްވުން

ނޫސް ކޮންފަރެންސަކަށް ކަމަށް ބުނެ މެންދުރުފަހު 3 ޖެހިއިރަށް ކާފާބޭގެ ގެއަށް ނޫސްވެރިންނަށް ދަޢުވަތު ދީފާއިވުމާއެކު ހާހޫރަ ނޫހުގެ ފަރާތުންވެސް ދަޢުވަތު ޤަބޫލުކޮށް ކާފަބޭގެ ގެޔަށް ހާޒިރުވެއްޖައީމެވެ. މެންދުރުފަހުގެ މިވަގުތަކީ ގިނަ ނޫސްވެރިން ތާއްޔާޖެހޭ ވަގުތު ކަމުގައި ފަހަރުގައި ވީ ކަންނޭގެއެވެ، ކާފަބޭގެ ޕްރެސް ކޮންފަރެންސަށް ހާޒިރުވީ ހާހޫރަ ނޫހާއިއެކު ޖުމްލަ އެއް ފަރާތެވެ. ނޫސްކޮންފަރެންސްގައި ތިބީ ކާފަބޭއާއި އަޅުގަނޑެވެ.
70ގެ މެދުތެރޭގައި ޕާލަމެންޓަށް ހޮވި "ކާފަބޭ ޕާލަމެންޓުގައި" ގެ ނަމުގައި ކިޔުންތެރިންނަށް ގެނެސްދެވުނު ހުށަހެޅުމަށްފަހު، ޢާއިލީ ގުޅުމެއް އޮތީ ތޯއްޗެެކެވެ. އެދުވަހަށް ފަހު ކާފަބޭއާއި އެކުގައި ވަރަށް އާދަޔާ ޚިލާފު ގުޅުމެއް ވަނީ އުފެދިފައެވެ. އަދި ކާފަބޭ ކަމަކު ކިޔައިފިއްޔާ ބޮލާލާ ޖެހުމަކީ އުނދަގޫ ކަމަކަށް ވަނީ ވެފައެވެ. ކާފަބޭ އުމުރުން ދޮށިވެ، ވިސްނުމުގެ ފެންވަރު އަސުރަށް ވުރެ ތިރިވެފައި ވުމާއެކުވެސް ކަންނޭގެއެވެ، ކާފަބޭގެ ހުރިހާ ޢަމަލެއް ހުންނަނީ މުޅިން ދޮންވެ ފައްކާ ވެފައެއް ނޫނެވެ. ނަމަވެސް، މިއަދުވެސް، އެކަނިނަމަވެސް، ކާފަބޭގެ ނޫސްކޮންފަރެންސް އަޑުއަހައި، ރަނގަޅު ރިޕޯޓެއް ލިޔުމަށް ހިތުނިޔަތް ގަނެ، އެތެރެގޭތެރޭ ހުރި ފަތްޖެހި އެނދެއް ފޮޅާލުމަށްފަހު އިށީނދެ ހަމަޖެހިލައިފީމެވެ.

އަނެއްކާ އަނެއް ނޫސްކަންފަރެންސް މިބާއްވަނީ ކޮން މުހުތާދަކާތޯ ވިސްނުމުގައި ބޯކަހަން އިންދާ ނޫސްކޮންފަރެންސް ފަށައި، ނޫސްކޮންފަރެންސްގެ މަޤްޞަދު ހާމަކޮށްފިއެވެ. ކާފަބޭ އިޢުލާނު ކުރިގޮތުގައި މިއަދުގެ ނޫސްކޮންފަރެންސްގެ މަޤްޞަދަކީ ކާފާބޭއާއި ކާފަބޭގެ އަނބި ދައިތައާއި ދެމެދު ސޮއިކުރި އެއްބަސްވުމުގެ ވާހަކަ މީޑިއާ މެދުވެރިކޮށް ރައްޔަތުންނާއި ހިއްސާކުރުމުވެ. ދެމަފިރިންގެ ދޭތެރޭގައި ދިމާވެދާނެ ކަންތައްތަކާމެދު ދެމީހުން މަޝްވަރާކޮށްގެން ގޮތްތަކެއް ނިންމުމުގެ މުހިންމު މަޤްޞަދުގައި ދެމަފިރިން އެކުގައި ސޮއިކުރި އެގްރީމެންޓް މީޑިއާއާއި ހިއްސާކޮށް އެގްރީމެންޓްގެ މުހިންމު މާއްދާތައް ކާފަބޭ ކިޔައިދެމުން ގެންދިޔައެވެ.

ދައްކާވާހަކަ ރަނގަޅަށް އަޑުއެހުމުގެ ނިޔަތުގައި ދެލޯ މަރާލައިގެން އިންދާ ތާއްޔާވެސް ޖެހުނީވެސް ތޯއްޗެކެވެ. ކޮންމެއަކަސް ދެން އަޑުއިވުނީ އެއްވެސް ސުވާލެއް އެބައޮތްތޯ ކާފަބޭ ބުނި އަޑެވެ. ވަރަށް ކަނުލާ އަހަން އިންކަމުގެ މޫނު ދެއްކުމަށްޓަކައި އަވަހަށް އަތް ނެގުމާއެކު ދާދި އަވަހަށް ސުވާލު ކުރުމުގެ ފުރުސަތުވެސް ލިބިއްޖެއެވެ.

ހާހޫރަ ނޫސް: " ދިރުއުޅުމުގެ ކަންތައްތަކުގައި އެއްބާރުލުން ދިނުމާމެދު، ދެމަފިރިއެއްގެ ދެމެދުގައި ކޮންމެހެން އެއްބަސް ވުމެއްގައި ސޮއި ކުރުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟ އަދި މިވާހަކަ ހާމަ ކުރުމަށް ނޫސް ކޮންފަރެންސެއް ބާއްވަނީ ކީއްކުރަން ތޯއެވެ؟"

ކާފަބޭ: "ޝުކުރިއްޔާ ތިކުރެއްވި ސުވާލަށް. ޤާނޫނީ ގޮތުން، އަދި ޢާންމު އާދަކާދައާއި އެއްގޮތްވާ ގޮތުގެ މަތިންވެސް، އެ މުއައްސަސާއަކުން ކުރަން ހަމަޖެހިފައި، އަދިއަބަދުވެސް ކުރަމުން ގެންދާ ކަންތައް ކުރުމަށްޓަކައި، ވަކިވަކި ޙަފްލާ ބާއްވައި، އެއްބަސްވުންތަކުގައި ސޮއި ކުރަމުންގެންދިޔުމަކީ މިއަދުގެ ފެޝަނެއްނު، ޒުވާން ގޮތަކީ އެއީ ޔެއްނު."

މީގެ އިތުރުން ތަފްސީލު ހާމަކުރަމުން ކާފަބޭ ކުރިޔަށް ގެންދިޔައެވެ. " މިސާލަކަށް މާލެތެރޭގެ އަމާންކަން ބެލެހެއްޓުމަށް ފުލުހުންނާ ޙަވާލުކޮށް، އިހަށް ދުވަހު އެއްބަސް ވުމެއްގައި ސޮއިކޮށްފި. މާލޭގެ މަގުތައް ސާފު ތާހިރު ކޮށް ބެލެހެއްޓުމަށް ވެމްކޯ އާއި ޙަވާލުކޮށް ދެފާރާތުން އަހުދެވެ ސޮއި ކުރީވެސް ދާދިފަހުން. އެ މުއައްސަސާއަކުން ކުރަން ޖެހޭ މަސައްކަތް، އަދާ ކުރަން އެއްބަސްވުން ތަކުގައި ވަކި ވަކިން ސޮއި ކުރަމުން ދާއިރު، ތިފަދަ ސުވާލެއް އުފެއްދީތީ މުޅިން ހައިރާން ވެއްޖެ" ކުޑަކޮށް ނުރުހުމާއެކު ކާފަބޭ ޖަވާބުދިނެވެ.

ހާހޫރަ ނޫސް: "ބަލަ އެކަމަކު ދެމަފރިން ދޭތެރޭ، އަނބި ފިރި ކަމުގެ ގުޅުން ޤާއިމުކުރަން، ބަލި ވެއްޖެއްޔާ ބަލަން، މަރުވީމާ ވަޅުލަން، މިހިރަ މިހިރަ ކަންތަކީ އެއްބަސްވުން ސޮއި ކުރަން ޖެހޭ ކަންތައްތަކެއް ނޫނެއްނު؟" އަލުން ކިޔާދެވޭތޯ ބެލީމެވެ.

ކާފަބޭ: "މިހާރު ދެން އެހެން ފަރާތަކަށް ސުވާލު ކުރުމުގެ ފުރުސަތު ދޭންވީ ހެން ހީވަނީ" ޗޮކެއް ކަނޑާފައި ނުރުހުމާއެކު ކާފަބޭ ބުންޏެވެ.

ނަމަވެސް ޕްރެސް ކޮންފަރެންސްގައި ބައިވެރިވާ އެހެން ފަރާތެއް ނެތުމާއެކު، ހިތްހަމަ ނުޖެހުމާއެކު، ބަލާލާފައި، ދެމިޔަކަނުން ނުރުހުމުގެ ޗޯ ފޮހެލާފައި އެހެން ސުވާލެއް ނެތްތޯ އަހައި ކުރިން ކުރި ސުވާލު މުޅިން ހެން ހަނދާން ނައްތާލައިފިއެވެ.

ކާފަބޭއެކީ ޢާއިލީ ރައްޓެއްސެއް ކަމުން، އޭނާގެ ނުރުހުމުގެ ބައްތެލީގައި ދަތުރު ކުރުމަށް ބޭނުންނުވާތީވެ، ކާފަބޭގެ ހިތްހަމަ ޖެއްސުމުގެ ނިޔަތުގައި ސުވާލުގެ މިސްރާބު ބަދަލުކޮށް އެހެން ބާވަތެއްގެ ސުވާލެއް ކުރުމަށް ގަސްދުކޮށްފީމެވެ.

ހާހޫރަ ނޫސް: "އަނބިދައިތައާއި ކުރެވުނު އެއްބާރުލުން ދިނުމުގެ އެއްބަސް ވުމުގެ އިތުރުން މިބާވަތުގެ އެހެން އެއްބަސްވުން ތަކެއް އެހެން ފަރާތްތަކާ އެކު ސޮއި ކުރުމަށް ވިސްނަންތޯއެވެ؟"

ކާފަބޭ: "ޔަގީނެއްނު" ހިތްހަމަޖެހުމާއެކު ކިޔާދޭން ތައްޔާރުވިއެެވެ.

ކާފަބޭ: "ދާދިއަވަހަށް ދެދަރިންނާއެކު އެއްބަސްވުމެއް ސޮއި ކުރަން މަގޭ މިދަނީ ތައްޔާރު ވަމުން"

ހާހޫރަ ނޫސް: "އެއީ؟" ޙައިރާން ކަމާއެކު ސުވާލު ކުރީމެވެ.

ކާފަބޭ: "އެކުދިން ބަލިވީމާ ބެލުމަށާއި، އަތްފޯރާ ފެންވަރުގެ ރަނގަޅު ތަޢްލީމެއް ދިނުމަށާއި، އަދި އެކުދިންނަށް އާމްދަނީއެއް ލިބެން ފަށަންދެން އިންޓަރނެޓާއި، މޯބައިލް ފޯނުގެ ބިލް ދައްކައިދިނުންވެސް ހިމެނޭ ގޮތުން އެކުދިންނާއި އެކުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ދާދިއަވަހަށް ސޮއިކުރުމަށް ވަނީ ޖެހިފައި"

ހާހޫރަ ނޫސް: "އެނިމުނީ؟" އަނގަވިއްލައި ނުކުންނަން އުޅުނު ވަރަށް ގިނަ ޖުމްލަ ބޭރުވިޔަ ނުދީ ދިރުވާލުމަށްފަހު އެހީމެވެ.

ކާފަބޭ: "ނޫނޭ ނޫނޭ، އަދި ފުރަތަމަ ޑްރާފްޓްގައި ހުރި ނަމަވެސް ކުރިޔަށް ހުރި އެއްބަސްވުން ތަކުގައި ހިމެނެނީ، "މަރުބަލީގައި މައިންބަފައިން ބެލުމަށްޓަކައި ކުރާ އެއްބަސް ވުމަކާއި، ދަރިންނަށް ރަނގަޅު ގޮތުގައި ކިޔަވާދިނުމުގެ ބޭނުމުގައި ރަށުމަދުރަސާ ޓީޗަރުންނާއެކު ސޮއި ކުރާ އެއްބަސްވުމަކާއި، ހެޔޮ ގޮތުގައި ކޭބަލް ޓީވީ ލިބިގަތުމަށްޓަކައި މީޑިޔާނެޓާއިއެކު ކުރާ އެއްބަސްވުމާއި، މިކަހަލަ މިކަހަލަ ވަރަށް މުހިންމު އަދި އަސާސީ އެއްބަސްވުންތައް ކުރިޔަށް އެބަހުރި. އަދި ކިއެއްތަ..." ނަމަވެސް އިތުރަށް އަޑުއަހާކަށް ކެތެއް ނުވިއެވެ. "ހޯހޯ ހޯހޯ، ފުދިއްޖޭ ފުދިއްޖޭ" ގޮވަމުން އަވަސް ގޮތަކުން ނުކުމެ މިކަމުން ސަލާމަތް ވުމުގެ ނިޔަތުގައި އަރުވާ ޖަހައި ދުއްވައި ގަންފީމެވެ.
އިޖުތިމާއީ
ހިޔާލު

ައަސުރުން ވީމާއިތިރި

ހަހަ ހާ ސާބަށް ވަރަށް މޮޅު ! އަދި ވައުދު ފުއްދުމާއި ބެހޭ އެއްބަސް ވުމެއްގައި ސޮއިކުރުމަށް ހަފްލާއެއް ބާއްވަން ފެނޭ !