Haahoora Column: Kaafabey ai Film Awards
image
މާލޭގެ މަގެއް---
އިބްރާހީމް ޢާތިފް ޝަކޫރު
0 ކޮމެންޓް
 

ހާހޫރަ ކޮލަމް: ކާފަބޭ އާއި ފިލްމް އެވޯރޑްސް

ޖަހައިގެން ހުރި އަރުވާ މޮހި، ސޯރު ފޮތިކޮޅު ބިންމަތީ ދެމޭ ޙާލުގައި މީހަކު މާބަރަކަށް މަގު ހުރަސްކުރަން އުޅުމުގެ ތެރޭގައި މުންޑާއިގެން ފައިއޮޅި، ބިންމައްޗަށް ކަހާލައިގެން ވެއްޓި، އަތުގާ އޮތް ފައިލު ބޮނޑި މުޅި ހިސާބަށް ބުރައިގެން ދިޔަތަން ފެނުމުން، ފަހަތުން އަންނަ އެއްޗެތީގެ ހަޅޭކަށް ނުބަލާ ވީގޮތެއް ބެލުމަށް ހެލިގަތްއިރު، ނުމޫސުމުގައި މަގުމައްޗަށް ބިސްއަޅާފައިވަނީ ކާފަބެއެވެ. ކަނާއަަތު ކޮނޑުހުޅުން ނައްޓައިގެން ދިޔުމާއި، ވައާތުގެ ދެއިނގިއްޔެއް ފިޔަވާ ބިންދައިގެން ގޮސްފައިނެތުމާއި، ހަމަހޭގައި ހުރީތީ، މަގުމަތީގެ އެކްސިޑެންޓުތަކާ ބަލާ، މިޒަމާނުގެ ނިސްބަތުން ބޮޑު ކަމެއް ކާފަބެއަށް ވެފަ ހުރިކަމަކަށް ނުވެއެވެ.

ބުރައިގެން ދިޔަ ފައިލް ބޮނޑިން އަތު ޖެހުނު ގަނޑުތަކާއިއެކު ކާފަބޭ އަތުލަފިކޮށްގެން ކައިރީ ހުރި ސައިހޮޓަލަކަށް ވަދެއްޖައީމެވެ. ރަނގަޅު ފުރުސަތެއް ލިބުނީތީ ބަލާކަށް ނެތި 2 ދަޅު ރެޑުބުލާއި، 4 ފޮތި ކޭކާއި، 12 ހެދިކާ، ނޭވާއަކަށް ބެލުމެއްނެތި އެތެރެ ކޮށް، ބޮޑުވަޔެއްބޭރު ކުރުމަށްފަހު ކާފަބޭ ހަމަޖެހިލުމުން، ޓްރެފިކަށް ބެލުމަށް ނެތި އެހާ ބާރަކަށް ހެލި ގަތީ ކިޔެއްވެތޯ ސުވާލުކޮށްފީމެވެ.

ކާފަބޭ: "މިއުޅެނީ މުއްދަތު ހަމަވުމުގެ ކުރިން ފިލްމު އެވާރޑްސަށް ކުރިމަތި ލާންވެގެންނެންނު"

ކާފަބޭއަކީ ދުވަހަކުވެސް ފިލްމެއް އުފެއްދި، ނުވަތަ ފިލްމެއް ބެލިވެސް މީހަކު ކަމުގައިވެސް ހީވެސްވެފައި ނެތުމާއެކު، އެވޯރޑަށް ހުށަހަޅަން ތިއުޅެނީ ކޮންފިލްމެއްތޯ ޙައިރާންކަމާއެކު ސުވާލު ކޮށްފީމެވެ.

ކާފަބޭ: 'ރިޔާސީ އިންތިޙާބު 2018' މިފިލްމެއްނު؟ މިއީ އެންމެ ފޯރިއާއިއެކު އެންމެން މިހާރު ބަލަމުންގެންދާ ފިލްމެއްނު؟ ދެރަ ފިލްމެއް މަގޭ ހުށަހަޅާނެތަ؟ ދެއަތުން ދެ ވަށްދޮންކެޔޮ އަނގަޔަށް ހެޔޮވަރު ކުރަމުން ކާފަބޭ އަހާލިއެވެ.

ކާފަބޭގެ ވިސްނުމުގައި އަބަދުވެސް ތިލަފަތް ހަމަނުވާ ގޮތެއް ހުރުމާއި އެކުވެސް ހައިރާންކަން އެއްކިބާކޮށް، ވާހަކަ ގިނަވާ ވަރަކަށް ހަށިގަނޑަށް އިމްޕޯޓް ކުރާ މުދާ މަދުވާނެ ކަމުގައި ހީކޮށް، 'ރިޔާސީ އިންތިޙާބު 2018' އެފިލްމް ހުށަހަޅާނީ ކޮން ކެޓަގަރީއަކުންތޯ ސުވާލު ކޮށްފީމެވެ.

ކާފަބޭ: ތިއްޔެއްނު މިއަދު ފުރަތަމަ ދިމާވި މައްސަލައަކީ، މަގޭ ރުޅިއައީ ތިކަމާނު". ހިތްހަމަ ނުޖެހިފައި ހުރިލެއް ބޮޑުކަމުން ނޮޅަން ފެށި 2 ވަނަ ކުކުޅުބިހުގެ ތޮށިތައް ރަނގަޅަށް ފިލުވުނުތޯ ނުބަލައި، އެކީ އެއްފަހަރާ އަނގަޔަށްލައި ރަނގަޅަށް ނުހަފައި ދިރުވަން އުޅުމުގެ ތެރޭގައި ފުރިހަމައަށް ކޮށިއަރައިފިއެވެ.

ކާފަބޭ: "މަގޭ ބޭނުންވި ދެތިން ކެޓަގަރީ އަކުން ހުށަހަޅަން". ހަމައަށް ނޭވާލެވުމުން ކާފަބޭ ކިޔާދެމުން ގެންދިޔައެވެ. " 'ރިޔާސީ އިންތިޙާބު 2018' މިފިލްމް މަގޭ ބޭނުން އެކްޝަން، ޑްރާމާ، އަދި ސަސްޕެންސް، ތަފާތު މި 3 ކެޓަގަރީންވެސް ހުށަހަޅަން، އަދި ހަމަ އިތުރަށް ހެއްވާ މަޖާ ކޮމެޑީތަކުގެ ތެރޭގައިވެސް މަގޭ ޤަބޫލު ކުރާގޮތުން އެފިލްމް ކުރިހޯދާނެ. ނަމަވެސް އެވެރިން ބުނަނީ އެންމެ ކެޓަގަރީއަކުންނޭ ހުށަހަޅޭނީ" ކާފަބޭގެ ހިތްހަމަނުޖެހުން ކޮންމެވެސް މިންވަރަކަށް ކިޔާދިނެވެ.

ލޯބީގެ ފިލްމުތަކުގެ ތެރޭގައި ހުށަހަޅަން ނުވިސްނީ ކީއްވެތޯ ބޭއިޚްތިޔާރުގައި ސުވާލު ކުރެވުމުން ކާފާބޭގެ ޖަވާބު ވަރަށް ސާދާއެވެ.

" 'ރިޔާސީ އިންތިޙާބު 2018'ގެ މުޅި ކާސްޓުގައިވެސް ލޯބިން، ހިތްހެޔޮކަމާއެކު އުޅޭ އެއްވެސްމީހެއް، ކުރާ އެއްވެސް ޢަމަލެއް ނުފެނޭ. މުޅިންވެސް އަމިއްލަ ފައިދާއަށް ހިންގާ ޢަމަލުތައް އެކުލެވިގެން ވާތީވެ، ތިޔަ ކެޓަގަރީގެ މަތިން ހައްދާ ނައްތާލީ" ކާފަބޭ ކިޔައިދިނެވެ. "އެކްޝަން، ޑްރާމާ، ސަސްޕެންސް ކެޓަގަރީގެވެސް ކުޑަ މައްސަލައެއް އެބައުޅޭ، އުޅެނީ ހުސް ނުބައިބައި ކުޅޭ މީހުން ކަމުގައި ފެންނަނީ، ހީރޯއެއް އަދި ނުފެނޭ، އެހެންވީމަ އެކަމާވެސް އަދިވެސް މިދަނީ ވިސްނަމުން. އެންމެ ކެޓަގަރީއަކުން ހުށަހަޅަން މަޖުބޫރު ވެއްޖެނަމަ ހީވަނީ އެންމެ ކާމިޔާބު ވާނީ ހެއްވާ މަޖާ ކޮމެޑީއެއްގެ ގޮތުގައި ހުށަހެޅުނިއްޔާހެން" ކެތްތެރި ކަމާއެކު 3 ވަނަ ސަބްމެރިން ހުސްކޮށްލަމުން ކާފާބެ ކިޔާދިނެވެ.

މުސާރަ ހުސް ނުވަނީސް ހޮޓަލުން ނުކުމެވޭތޯ ބެލުން މުހިންމު ނަމަވެސް، އަދިވެސް އެންމެ މުހިންމު ވާހަކަ ނޭހޭތީ، 'ރިޔާސީ އިންތިޙާބު 2018' މިފިލްމާ ކާފަބޭއާއި އޮތީ ކޮންގުޅުމެއްތޯ އަހައިފީމެވެ.

ކާފަބޭ: "ތިޔެއްނު ހަމައިން ނެއްޓި، ބިން މައްޗަށް ވެއްޓި، ހޭދެބައިވާ ހަމައަށް ދިޔަ މައްސަލައަކީ. އެމީހުން ބުނީ ތީ ކާކުހޭ 'ރިޔާސީ އިންތިޙާބު 2018' އެވޯރޑަށް ހުށަހަޅަން، ފިލްމުގައި ވޯޓުލާ މީހެއްގެ ހައިސިއްޔަތު އެއީކީ އެވޯޑަށް ހުށަހެޅުމަށް ޝަރުތު ފުރިހަމަ ކަމެއް ނޫނޭ، ފޯރމުތައް ހިފައިގެން އައި ތާކަށް ދާން އުޅޭށޭ"

މިހިސާބުން މިކަންތައް ނިމުނީ ކަމުގެ ހިތްހަމަޖެހުމާ އެކު ދެން ކީއްދޯއޭ ކުރާނީ ބުނެ، މަތި އަޅަން އުޅެނިކޮށް ކާފަބޭ ކުރިޔަށް ގެންދިޔައެވެ.

ކާފަބޭ: "އެމީހުން ބުނީ އެންމެ ކުޑަ މިނުން ކެންޑިޑޭޓަކަށް ނޫނީ އެވޯޑަށް ފިލްމެއް ހުށަނޭޅޭނެ ކަމަށް. އެހެންވީމާ، މިހާރު މިނިމުނީ ފޯރމް ނަގައިގެން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލާން." ހާސްކަމެއް ނެތި ކާފަބޭ ބުނެލިއެވެ. "ކަލޯ އާދަނާ ކަލޯތީ ވަރަށް ކޮމްޕިޔުޓަރަށް ފަރިތަ މީހެއްނު، މެނިފެސްޓޯ ހަދަން ގުޅާނަން އިނގޭ" މިހެން ބުނުމާއެކު ފުންމައިގެން ތެދުވެ ކާފަބާ ކަނޑާލައިފީއެވެ.

ދުނިޔެމައްޗަށް ވެރިވާން މިއުޅެނީ ކޮންބާވަތެއްގެ ތޫފާނެއްތޯ، ހޮޓަލަށް ބިލް ދައްކާނީ ކިހިނަކުންތޯ ވިސްނަން އިންދާ ކާފަބޭ ގޮސް އޮބައިލައިފިއެވެ.
ހިޔާލު