Sidharth Aai Kiara Rahtehiveetha?
image
ސިދާތު އާއި ކިއާރާ--
0 ކޮމެންޓް
 

ސިދާތު އާއި ކިއާރާ ރައްޓެހިވީތަ؟

ސްޓޫޑަންޓް އޮފް ދަ ޔިއާ އިން ބޮލީވުޑަށް ތައާރަފުވި ބަތަލު ސިދާތު މަލްހޯތްރާ އާއި ހިންދީ އަދި ތަމަޅަ ފިލްމުތަކުގެ ބަތަލާ ކިއާރާ އަދްވާނީ ރައްޓެހިވެގެން އުޅޭކަމަށް ހަބަރުތައް ބުނެފިއެވެ.
އުމުރުން 33 އަހަރުގެ ސިދާތާއި ކިއާރާ ރައްޓެހިވެގެން އުޅޭކަމުގެ އަޑުތައް ފެތުރިފައިމިވަނީ މިިދިޔަ މަހުގެ 31 ވަނަ ދުވަހު ކިއާރާއަށް 26 އަހަރު ފުރުމުގެ ގޮތުން ބޭއްވި ދަންވަރުގެ ޕާޓީގައި ސިދާތުވެސް ބައިވެރިވެފައިވަނިކޮށެވެ. އެގޮތުން ދެމީހުންގެ މެދުގައި ހާއްސަ ގުޅުމެއް އޮންނަކަމަށް ފާހަގަކުރެވެމުންދާތާ މިހާރު ދުވަސްކޮޅެއްޖެއެވެ. ސިދާތާއި ކިއާރާ އެކުގައި ކަރަން ޖޯހަރު ދިރިއުޅެމުން އަންނަ ގޭދޮށުން ވެސް ވަރަށް ގިނައިން ފެންނަކަމަށް ހަބަރުތައް ބުނާއިރު ކަރަން ޖޯހަރު ބޭއްވި ޕާޓީއެއްގައި ވެސް އެދެމީހުން އެކުގައި ފެނިފައިވެއެވެ.

ހިންދީ ފިލްމަކުން 2014 ވަނަ އަހަރު ފުރަތަމަ ފަހަރަށް ކިއާރާ ފެނިގެންދިޔައިރު މިހާތަނަށް އޭނާ ސިދާތާއެކު އެއްވެސް ފިލްމެއްގައި އޭނާ މަސައްކަތްކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ކިއާރާ ވަނީ ކަރަން ޖޯހަރުގެ ފިލްމެއްގައި މަސައްކަތްކޮށްފައެވެ. އަދި ސިދާތުވެސް ބޮލީވުޑަށް ތައާރަފުވެފައިވަނީ ކަރަން ޖޯހަރުގެ ފިލްމަކުންނެވެ.

މަޝްހޫރު ބަތަލު ސިދާތު ބޮލީވުޑަށް ތައާރަފުވި ފިލްމުން ބޮލީވުޑްގެ ޕްރޮޑިއުސަރު މަހޭޝް ބަޓްގެ އަންހެން ދަރިފުޅު އާލިއާ ބަޓް އާއި ވަރުން ދާވަން ވެސް ބޮލީވުޑަށް ތައާރަފުވެފައިވެއެވެ. އަދި 2012 ވަނަ އަހަރު ނެރުން އެފިލްމުގައި މަސައްކަތްކުރުމަށްފަހު ސިދާތާއި އާލިއާ ލޯބީގެ ގޮތުން ގުޅުނެވެ. އެގޮތުން ފަސް އަހަރު އެކުގައި އުޅުމަށްފަހު އެދެމީހުން ރުޅިވެފައިވަނީ މިިދިޔަ އަހަރުގެ ފަހުކޮޅެވެ. އަދި މިއަހަރުގެ ކުރީކޮޅު އާލިއާ ވަނީ ރަންބީރު ކަޕޫރާއެކު ލޯބީގެ ގޮތުން ގުޅިފައެވެ.

ހަބަރުތައް ބުނާ ގޮތުގައި ސިދާތާއި އާލިއާ ރުޅިވެފައިވަނީ މިދިޔަ އަހަރު ސިދާތު މަސައްކަތްކޮށްފައިވާ ފިލްމު 'އަ ޖެންޓަލްމެން' ގައި އޭނާއާއެކު ލީޑު ބަތާލާގެ ރޯލުން ފެނިގެންދިޔަ ޖެކްލީން ފެނާންޑެޒް އާ ދެމެދު ގުޅުމެއް އޮންނަކަމަށް ބުނެއެވެ. އެހެންނަމަވެސް އެއީ ދޮގެއްކަމަށް ސިދާތާއި ޖެކްލީން ވަނީ ބުނެފައެވެ.

ސިދާތު ވަނީ ވިކްރަމް ބަޓްރާގެ ހަޔާތުގެ މައްޗަށް ނެރޭ ފިލްމުގައި މަސައްކަތް ކުރަން ނިންމާފައެވެ. އެގޮތުން ވިކްރަމަކީ ޕާކިސްތާނާއި އިންޑިއާ އާދެމެދު 1993 ވަނަ އަހަރު ހިނގި ކަރްގިލް ހަނގުރާމާގެ ހީރޯއެއްގެ ގޮތުގައި މަޝްހޫރުވި އިންޑިއާގެ ސިފައިންގެ މީހެއްކެވެ. ވިކްރަމް ބަޓްރާގެ ހަޔާތުގެ މައްޗަށް ތައްޔާރުކުރާ އެފިލްމުގެ ޑައިރެކްޓަރަކީ ވިޝްނޫ ވަރްދާނެވެ. އަދި ފިލްމު ޕްރޮޑިއުސްކުރާނީ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރާއި ޝައްބީރް ބޮކްސްވާލާއެވެ. ފިލްމުގެ ޝޫޓިންތައް ފަށާނެ ތާރީހު އަދި ހާމަކޮށްފައެއް ނުވެއެވެ.
ހިޔާލު