Suhana Ah Vogue Magazine In Furusathu Libunee Shah Nufoozu Foaruvaigen?
image
ޝާހުރުކް ހާން--
0 ކޮމެންޓް
 

ސުހާނާއަށް ވޮގް މެގަޒިން އިން ފުރުސަތު ލިބުނީ ޝާހު ނުފޫޒު ފޯރުވައިގެން؟

ބޮލީވުޑްގެ މަޝްހޫރު ބަތަލު ޝާހް ރުކް ހާންގެ އަންހެން ދަރިފުޅު ސުހާނާ ހާންގެ ފުރަތަމަ މެގަޒިން ކަވަރ އާއްމުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އުމުރުން އެންމެ 18 އަހަރުގެ ސުހާނާގެ ފުރަތަމަ މަސައްކަތް ލޯންޗުކޮށްދީފައިވަނީ އޭނާގެ ބައްޕަ، ޝާހު ރުކް ހާނެވެ.
ސުހާނާގެ ފުރަތަމަ މަސައްކަތް ލޯންޗުކޮށްދިނުމަށްފަހު ޝާހު އާއި އޭނާގެ އަންހެން އަދި ސުހާނާގެ މަންމަ ގޯރީ ހާން ވަނީ ސުހާނާ އެމެގަޒިންއަށް ޝޫޓްކޮށްފައިވާ ފޮޓޯއަކާއި ވީޑިއޯއެއް ޓްވީޓާ މެދުވެރިކޮށް ހިއްސާކޮށްފައެވެ. ސުހާނާ އާއި އޭނާގެ މުޅި އާއިލާއިން ސުހާނާގެ ފުރަތަމަ ފެނިލުން މަޝްހޫރު މެގަޒިންއެއްގެ ކަވާއިން ފެށުމުން ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ތިބިނަމަވެސް ބައެއް ފަރާތްތަކުން ވަނީ ސުހާނާއަށް ވޮގް ފަދަ ބޮޑު މެގަޒިންގެ ކަވާއިން ފުރުސަތު ލިބުން ގޮތާއި މެދު ސުވާލު އުފައްދާފައެވެ.

ފިލްމެއްގައި ވެސް މިހާތަނަށް މަސައްކަތްކޮށްފައި ނުވާ ސުހާނާއަށް އެފުރުސަތު ލިބުމާއި ގުޅިގެން އެކަމާއި ކަންބޮޑުވެ ޓްވީޓާ މެދުވެރިކޮށް މީހަކު ބުނީ، ވޮގް މެގަޒިން އިން ބޮލީވުޑްގެ ސްޕަސްޓާއެއްގެ ދަރިއެެއް ކަވާގައި ޖަހައިގެން ނެޕޮޓިޒަމް ޕްރޮމޯޓުކުރަނީކަމަށެވެ. އަދި އެހެން މީހަކު ބުނީ އެއްވެސް ސަބަބަކާ ނުލާ ސުހާނާ މެގަޒިންގެ ކަވާ އިން ފެނުމަކީ ގަބޫލުކުރެވޭނެކަމެއް ނޫންކަމަަށެވެ. ބައެއް ފަރާތްތަކުން ވަނީ ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރަކީ ވެސް ބޮލީވުޑްގެ ކުރީގެ ތަރިންގެ ދަރިން ބޮލީވުޑަށް ތައާރަފުވުމަށް މަސައްކަތްކުރާ ފަރާތެއްކަމަށާއި ބޮލީވުޑާއި ގުޅުމެއް ނެތް ފަރާތަކަށް ބޮލީވުޑުން ފުރުސަތު ލިބުމަކީ ވަރަށް ދަތިކަމެއްކަމަށް ބުނެފައެވެ.










ސުހާނާގެ ފެނިލުން އެއްބަޔަކަށް ކަމުގޮސްފައިނުވި ނަމަވެސް އޭނާ މެގަޒިންގެ ކަވާއިން ފެނުމުން އެކަމާއި އުފާކުރި ސަޕޯޓަރުން ވެސް މަދެެއް ނޫނެވެ. އެގޮތުން މެގަޒިންގެ ޝޫޓަށް ނަގާފައިވާ ފޮޓޯތަކުން އެކަނިވެސް ބޮލީވުޑުގައި މަސައްކަތްކުރުމަށް އޭނާ ވަރަށް ތައްޔާރުކަން ހާމަވާކަމަށާއި ސުހާނާ އޭނާގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރުވެސް ވަރަށް ބޮޑަށް ފޮޓޯތަކުން ފެނިގެންދާ ކަމަށް އެފަރާތްތަކުން ބުނެއެވެ.




އުމުރުން 52 އަހަރުގެ ޝާހު އަކީ ބޮލީވުޑުގައި ކާމިޔާބު ބަތަލެކެވެ. އެގޮތުން "ކިންގް އޮފް ބޮލީވުޑް" ނުވަތަ "ކިންގް ހާން" ގެ ނަމުން ގިނަ ބަޔަކު އޭނާއާ މުހާތަބުކުރާއިރު އޭނާގެ އަންހެނުންނަކީ ވެސް ބޮލީވުޑްގެ ޕްރޮޑިއުސަރެއްވެސް މެއެވެ. އަދި އޭނާއަކީ އިންޓީރިއާ ޑިޒައިނަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާ ފަރާތެކެވެ.

ގިނަ ބައެއްގެ ގަދަރާއި ލޯބިލިބިފައިވާ ޝާހް ބާރާއި ނުފޫޒު ފޯރުވައިގެން އޭނާގެ އަންހެން ދަރިފުޅު ލޯންޗުކުރިކަމުގެ ތުހުމަތު ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކުރަމުން އަންނައިރު މިހާތަނަށް ޝާހު އާއި އޭނާގެ އަންހެން އެފަރާތްތަކަށް ރައްދުދީފައެއް ނުވެއެވެ.

ސުހާނާއި ހާން މިހާތަނަށް މޮޑެލެއްގެ ގޮތުގައި ވެސް ފެނިފައިނުވާއިރު ބޮލީވުޑުގައި މަސައްކަތްކުރުމުގެ ޝައުގު އޭނާގެ ހުރިކަމަށް ޝާހް ބުނެއެވެ. އަދި ކިޔަވާ ނިމުމުން އެކަން ކޮށްދިނުމަށް މަސައްކަތް ކުރާނެކަމަށް ވެސް ޝާހް ބުނެއެވެ.
ހިޔާލު