Fuluhakah Hamalaa Dhin Kamah Bune Bondeyge Mahchah Kuri Dhauvaa Saabitheh Nuvi
image
ބޮންޑެ ކޮމިޓީއެއްގެ ތެރޭގައި---
0 ކޮމެންޓް
 

ފުލުހަކަށް ހަމަލާދިން ކަމަށް ބުނެ ބޮންޑޭގެ މައްޗަށް ކުރި ދައުވާ ސާބިތެއް ނުވި

ފުލުހަކަށް ހަމަލާ ދިން ކަމަށް ބުނެ މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)ގެ މައްޗަށް ކުރި ދައުވާ ސާބިތު ނުވާ ކަމަށް ހުކުމްކޮށްފިއެވެ.
ބޮންޑޭގެ މައްޗަށް އެ ދައުވާ ކޮށްފައިވަނީ 2012 ވަނަ އަހަރުގެ ރޯދަ މަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި ސައިކަލު ބުރެއްގެ ތެރެއިން ފުލުހުން ހުރަސް އެޅުމުން އެ ފުލުސް މީހާގެ މޭމަތީގައި އަތުން ޖެހި ކަމަށް ބުނެއެވެ.

ބޮންޑޭގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ ޖުލައި 30، ގައި އެމްޑީޕީއަށް ސަޕޯޓް ކުރާ ބަޔަކު ކޮލި އުމަރު މަނިކު ގޯޅިން ވަންވޭއާ އިދިކޮޅަށް އޯކިޑް މަގަށް ނުކުންނަން އުޅުމުން ފުލުހުން އެމީހުން ހުއްޓުވައި ލައިސަންސް ދިނުމަށް އެންގި ކަމަށެވެ. ފުލުހުން އެގޮތަށް އަމުރު ކުރުމުން އެތަނުން ސައިކަލެއްގެ ފަހަތުގައި އިންނެވި ބޮންޑޭ ސައިކަލަށް ކޮޅަށް އަރައި އެއްވެސް މީހަކު ފުލުހުންނަށް ލައިސަންސް ނުދިނުމަށް ވިދާޅުވުމަށްފަހު ސައިކަލުން ފައިބާ ފުލުހުންނާ ދިމާލަށް ގޮސް ފަހަތަށް އެނބުރި އޭނާގެ ހަށިގަނޑުން ފުލުހުންގެ ސަފުތައް ފަހަތަށް ޖެއްސުމަށް ބޮންޑޭ މަސައްކަތް ކުރި ކަމަށާއި އެގޮތަށް ކަންތައް ނުކުރުމަށް ފުލުހުން ނަސޭހަތް ދިނުމުން ބޮންޑޭ ފުލުހުންނާ ދިމާލަށް އެނބުރި އޭނާގެ އަތުން ފުލުހެއްގެ މޭ މަތީގައި ޖެހި ކަމަށެވެ.

އެ މައްސަލާގައި ބޮންޑޭ ހައްޔަރުކޮށް ދޫނިދޫގައި ބަންދު ވެސް ކޮށްފައިވެއެވެ.

ޑިއުޓީގައި ހުރި ފުލުހަކަށް ހަމަލާ ދިން ކަމަށް ބުނެ ކޮށްފައިވާ އެ ދައުވާއާއި ގުޅިގެން ތިން ފުލުހެއްގެ ހެކި ބަސް ނަގާފައިވެއެވެ. ނަމަވެސް އޭގެތެރެއިން ދެ ފުލުހަކުވަނީ ބޮންޑޭ ގަސްތުގައި ޖެހީ ކަމަށް ގަބޫލު ނުކުރާ ކަމަށް ބުނެފައެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން މިއަދު ހުކުމް އިއްވީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން ބޮންޑޭގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.
ހިޔާލު