Rilwan Gellunuthaa 4 Aharu: Dhahthage Dhulun
image
ިލްވާންގެ ދައްތައާއި މަންމަ---
2 ކޮމެންޓް
 

ރިލްވާން ގެއްލުނުތާ ހަތަރު އަހަރު: ދައްތަގެ ދުލުން

މިއަދަކީ، އަޅުގަނޑުގެ ލޯބިވާ ކޮއްކޮ އަހުމަދު ރިލްވާން އަނިޔާވެރި ރަޙްމުކުޑަގޮތަކަށް ވަގަށް ނަގާފައިވާތާ 4 އަހަރު ފުރުނު ދުވަހެވެ. ހިތާމައިގެ ކޮޅެއް ނެތެވެ. މިކަރުނަ އޮހޮރުމަށް ހުއްޓުމެއް ނެތެވެ. ހަމައެކަނި ބުނެވެން އޮތީ މިހެންނެވެ. ހެޔޮވާނެތޯއެވެ!
އަޅުގަނޑުގެ ކޮއްކޮ ވަގަށްނެގި ފަހުން މިއަދާއި ހަމައަށްވެސް މިވީ ހަތަރު އަހަރުގެ ތެރޭގައި އަޅުގަނޑު އުންމީދު ކަނޑައެއް ނުލަމެވެ. ހިތްވަރު ދޫކޮށެއް ނުލަމެވެ. އިއްޔެވެސް މިއަދުވެސް އަދި މާދަމާވެސް އިންޝާﷲ އަޅުގަނޑު ހުންނާނީ ހިތްވަރާއި އެކު އަޅުގަނޑުގެ ކޮއްކޮ އަށް ހެދިގޮތެއް އޮޅުންފިލުވާ ކޮއްކޮ އަށް އިންސާފުހޯދައިދިނުމަށް މަސައްކަތް ކުރުމުގައެވެ. ޖަރީމާތައް ހިންގި މީހުންނަށް ހައްގު އަދަބު ދިނުމަށް ހަރުއަޑުން ގޮވާލުމުގައެވެ. ހައްޤަށް ނަސްރު ދެއްވާނެއެވެ. އަނިޔާވެރިކަމުގެ ކުރިބޯށިތައް ވެއްޓޭނެއެވެ. އިއްޔެގެ މަންޒަރު މިއަދު ބަދަލުވެއްޖެ ނޫންތޯއެވެ.

އަޅުގަނޑުގެ ކޮއްކޮ އަށް ވީގޮތެއް ހޯދުމަށް އާއިލާ އާއި ރަޙްމަތްތެރިން ކެނޑިނޭޅި ކުރިމަސައްކަތް ދިވެހި އުއްމަތް ހެކިވާނެއެވެ. މަޔަކު އޮހޮރި ކަރުނަ އާއި ކުރި އާދޭސް ދެކޭނެއެވެ. އެކަމަކު މިދައުލަތުން މިސަރުކާރުން އަޅުގަނޑުމެންގެ އަޑު އެހިތޯއެވެ. ހަމްދަރުދީއެއް ވިތޯއެވެ. ނޫނެކެވެ. ކުރީ މަލާމާތެވެ. ފުރައްސާރައެވެ. ޖެއްސީ ލިބުނު ހިތާމައިގެ މައްޗަށް އިތުރު ހިތާމައެވެ. އެކަމަކު ކަލާނގެ ރަހުމަތުން މިއަދު މިއަންނަނީމަންޒަރު ބަދަލުވަމުންނެވެ.

ރިލްވާން ވަގަށްނެގުމާ އެކު އެކަމުގައި ބައެއްގެ އަތެއްވާކަން ޝައްކު ކުރެވުނު ހިސާބުންފެށިގެން އާއިލާ އާއި ރަޙުމަތްތެރިން ދިޔައީ ކަމާބެހޭ ފަރާތްތަކުގައި އެކަން ބަލައިދިނުމަށް އެދި އާދޭސްކުރަމުންނެވެ. ރިލްވާނަށް ވީގޮތެއް ހޯދުމުގައި އާއިލާއާއި ރައްޓެހިން ހޯދި މައުލޫމާތު ކަމާއި ބެހޭ ފަރާތްތަކާއި ހިއްސާކުރީމެވެ. ފުލުހުންނަށް ފުރިހަމައަށް އެއްބާރުލުން ދިނީމެވެ. ރަތްކާރުގެ ވާހަކަ އާއި ފެނުނު ވަޅީގެ ވާހަކަވެސް ދެއްކިއެވެ. އެކަމަކު ފުލުހުން ފުރަތަމަ ބުނީ ރިލްވާނާއި ރަތްކާރާއި އެއްވެސް ގުޅުމެއް ނެތްކަމަށެވެ.
ރިލްވާނު ހޯދުމުގައި ފުލުހުން އެކަށީގެންވާ ގޮތެއްގައި ތަހުޤީޤު ހިންގާކަމަށް ނުފެނިގެން އަޅުގަނޑުމެން ޕޮލިސް އިންޓަރގްރިޓީ ކޮމިޝަންއަށާއި، ހިއުމަންރައިޓްސް ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހަށްވެސް ޝަކުވާތައް ހުށައެޅީމެވެ. ދެންކަން ހިނގާދިޔަގޮތް ޓީވީތަކުންނާއި ނޫސްތަކުން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެއެވެ. ރައްޔިތުންގެ މަޖިލީހުން ޕެޓިޝަން ބަލައިނުގަތީކީ އެކަންޏެއް ނޫނެވެ. ފުލުހުން ނުކުމެ އަޅުގަނޑުމެންގެ ސުލްހަވެރި ހަމަހިމޭން އެއްވުންތައް ހުއްޓުވައި ކުރެވެންއޮތް އަނިޔާއެއް ކުރިއެވެ. ރައްޔިތުންގެ ގެއަށް މަޔަކު އޭނާގެ ދަރިގެއްލި ޝަކުވާ އާއިގެން ދިޔައީމާ ކުރިބައްދައި ޖަވާބު ދިނީ ހަޑިހުތުރު ބަހުންނާއި މުގުރުންނެވެ. ހެޔޮވާނެތޯއެވެ!

އަޅުގަނޑުމެން މަގުމައްޗަށް ނުކުތީ ސަރުކާރާއި ދެކޮޅުވާކަށް ނޫނެވެ. ސަރުކާރަށް އެއްޗެހި ގޮވާކަށްވެސް ނޫނެވެ. ރިލްވާންއަށް ވީގޮތެއް ހޯދައިދިނުމަށް ގޮވާލާށެވެ. އިންސާފު ޤާއިމްކޮށް ދިނުމަށް ގޮވާލާށެވެ. އެކަމަކު އެއަޑު އެހުމުގެ ބަދަލުގައި ފުލުހުން އަޅުގަނޑުމެންނަށް ދެއްކީ މުގުރުތަކެވެ. ޖެހީ މިރުސްފެނެވެ. ކާކުގެ ލޮލަށް ހެއްޔެވެ؟ ދަރިއަކު ގެއްލި އެދަރިފުޅު ހޯދައިދޭން އެދި އާދޭސްކުރި މިސްކީނު މައިމީހާ އާއި އޭނާގެ ދަރީންގެ ލޮލަށެވެ. ރިލްވާނުގެ ރައްޓެހީންގެ ލޮލަށެވެ. އަނިޔާވެރިވުމުގައި ހައްދެއް ނެތީ ތޯއެވެ.

އެންމެ ކުޑަމިނުން ރިލްވާނަށް އިންސާފު ހޯދައި ދިނުމަށް މަގުމައްޗަށް ނުކުތް އާއިލާގެ މީހުންނަށް ސަރުކާރުގެ ވަޒީފާތަކުން ވަކިވާން މަޖުބޫރުވެސް ކުރުވީއެވެ. ރިލްވާނު ހޯދައި ދިނުމަށް ގޮވާލައި ނުކުތް ރައްޓެހީންނަށްވެސް އައީ މަރުގެ އިންޒާރުތަކެވެ. އެ އިންޒާރުތަކުގެ ވާހަކަތައް ފުލުހުންނަށް ހުށައެޅި ނަމަވެސް އެކަމެއްވެސް ނުބެލިއެވެ.

އެފަދަ އިންޒާރުތައް ލިބުނު އެކަކީ ރިލްވާނުގެ ރަހުމަތްތެރިޔާ ޔާމީން ރަޝީދެވެ. ރިލްވާނު ވަގަށްނެގިތާ 2 އަހަރު ފަހުން ހަށިގަނޑުގެ 32 ތަނަކަށް ވަޅިހަރައި ރަޙްމުކުޑަ ގޮތަކަށް ޔާމީން ރަޝީދު މިދުނިޔެ އާއި ވަކިކޮށްލީ އިންޒާރުގެ ޝަކުވާތައް ފުލުހުންނަށް ހުށައަޅާފައި ވަނިކޮށެވެ. ޔާމީން ރަޝީދު މަރާލުމުން އާއިލާ އާއި ރައްޓެހިން މައްސަލަ އަވަހަށް ތަހުޤީޤުކޮށްދޭން އެދުނީމާވެސް ކަންކުރީ ރިލްވާނާއި މެދުވެސް އަމަލު ކުރި ގޮތަށެވެ. ހެޔޮވާނެތޯއެވެ.

ރިލްވާނު ބަޔަކު ފޮރުވީ ކަމުގައި އާއިލާ އާއި ރަހުމެތްތެރިންނަށް ފާހަގަވެ އެވާހަކަ ދައްކަމުން ދިޔައިރު، މައްސަލައިގެ ކުރީކޮޅު އަމިއްލަ ޖަމިއްޔާއަކުން ހޯދި ހޯދުންތަކުގެ ވާހަކަ އާއްމު ކުރުމުން ފުލުހުން އެކަން ދޮގުކުރިއެވެ. އެކަމަކު އޭގެ 2 އަހަރު ފަހުން ބަޔަކު ރިލްވާން ވަގަށް ނެގީކަމުގައި ބުނެ ފުލުހުން ޕްރެސް ކޮންފަރެންސް ދިން އިރު އެދުވަހު އެވާހަކަތައް ދޮގުކުރި ސަބަބެއް ބުނެއެއް ނުދެވުނެވެ.

މައްސަލައިގެ ކުރީކޮޅު ބަޔަކު ހައްޔަރު ކުރުމަށް ފަހު އެމީހުން ދޫކޮށްލީ ކީއްވެ ކޮން ސަބަބަކާއި ހެދިކަން ފުލުހުންނަކަށް ބުނެއެއް ނުދެވުނެވެ.

ރިލްވާން ގެއްލުނުތާ 3 އަހަރު ފުރެން ދަނިކޮށް ރިލްވާނުގެ މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރުމުންނާއި، ރަތްކާރުން ފެނުނު އިސްތައްޓަކުން ލިބުނު ޑީއެންއޭ އަޅުގަނޑުގެ މަންމަ އާއި ދިމާވާކަމަށް ބުނުމުން އެންމެ ކުޑަމިނުން ރިލްވާނަށް ވީގޮތެއް ހޯދިދާނެ ކަމުގެ އުއްމީދު އާވިއެވެ. އެކަމަކު ދައުލަތުން އެއުންމީދު ފެނަށް ދުއްވާލީ ތަހުޤީޤާއި ޝަރީއަތުގެ މަރުހަލާގައިވީ ބޮޑު އިހުމާލުންނެވެ. ހެޔޮވާނެތޯއެވެ.

މީގެ އިތުރުން ރިލްވާނުގެ ނަމުގައި ވަގުޕާސްޕޯޓެއް ބަޔަކު ހައްދަން އުޅުނުކަމާއި ރިލްވާނު ރާއްޖެއިން ބޭރަށް ފުރައިގެން ދިޔައީކަން ދައްކަންވެސް ބަޔަކު މަސައްކަތް ކުރިކަމުގައި ފުލުހުންވަނީ ބުނެފައެވެ. އެކަމަކު އެއީ ކޮންބައެއްކަމެއް ފުލުހުންނަށް ބުނެދެވިފައެއް ނުވެއެވެ. ޝަރީއަތުގައި ޙުކުމާއި ހަމައަށް ދިޔައިރުވެސް އެވާހަކައެއް އިތުރަށް އަޑެއްވެސް ނީވުނެވެ.

މިއަދު އަނެއްކާވެސް ހިތުގައި އުފެދެނީ ސުވާލުތަކެވެ. ރިލްވާނު ވަގަށްނެގި މައްސަލަ ސީރިއަސްކޮށް ފުލުހުން ނުނެގީ ކީއްވެ ހެއްޔެވެ؟ ބޮޑު މާސިންގާ ތަހުޤީޤެއް ހިންގަންޖެހޭ ކަމެއް އިސްތައްޓެއް ފެނުނީމާ ނިންމާލީ ހެއްޔެވެ! ރިލްވާނު ވަގަށް ނެގިކަމަށް ފުލުހުން ބުނި މީހުން މައްސަލައިން މިނިވަންވާން ފުރުޞަތު ދީ މައްސަލައިގެ ޝަރީއަތަށް އެކަށީގެންވާ ހެއްކާއި ޤަރީނާ އާއި ލިޔެކިޔުންތައް ހުށަނޭޅީ އެކަމުގައި ފުލުހުންނަށް ކޮން ބިރެއް އޮވެގެން ހެއްޔެވެ؟

ރިލްވާނު ވަގަށް ނެގިތާ މިއަދަށް ހަތަރު އަހަރު ފުރޭއިރު، މިއޮތީ ކަންކުރި ކަމަށް ފުލުހުން ތުހުމަތު ކުރި މީހުން މިނިވަންވެ އެއްވެސް ކުށެއްނުކުރާ ބަޔަކަށް ހަދާފައެވެ. ހެއްކާއި ޤަރީނާ ހުރެ ކުށްސާބިތު ނުކުރެވި ދައުލަތް ފޭލުވެއްޖެއެވެ. ދެން އޮތީ އިސްތިއުނާފުގެ މަރުހަލާއެވެ. ދަށުކޯޓުގައި އެކުރިގޮތަށް ކަންކޮށްގެން މަތީ ކޯޓަކުން އެމީހުންގެ މައްޗަށް ކުށް ސާބިތު ކުރެވިދާނެ ބާވައެވެ! ނޫނީ ބޭނުމަކީ އަވަސް އަވަހަށް އިސްތިއުނާފުގެ މަރުހަލާތައް ނިންމައި މައްސަލަގައި ނިމުމުގެ ދާއިމީ ސިއްކަ ޖެހުން ހެއްޔެވެ؟ އެމައްސަލަގައި ދެން އެމީހުންގެ މައްޗަށް ދައުވާކުރުމަށް މައްސަލަ އަލުން ނުހުޅުވޭނެ ގޮތް ހެދުން ހެއްޔެވެ؟

ކުރިމިނަލްކޯޓުގެ ޙުކުމުން ސާބިތުވީ އެއްކަމެކެވެ. ރިލްވާންގެ މައްސަލައިގައި ފުލުހުންނާއި ޕީޖީގެ އިހުމާލު އޮތްކަމެވެ. ފުރަތަމަ ދުވަހުންފެށިގެން އާއިލާއިން ތަހުޤީޤު ހިންގުމުގައި ފުލުހުން ގަސްދުގައި އިހުމާލުވާކަމަށް ކުރި ތުހުމަތަކީ ރަނގަޅު ތުހުމަތަކަށް ވުމެވެ. އެކަމަކު ކުރިމިނަލްކޯޓުގެ އެހުކުމާއި އެކު ދިވެހިއުއްމަތަށް އިވެންޖެހޭނީ އިންޒާރުގެ ރަނގަބީލެއްގެ އަޑެވެ. އެއީ ރިލްވާނު ގެއްލުވާލުމުގައި ނުވަތަ ވަގަށް ނެގުމުގައި ސަރުކާރުގައި ބާރުގަދަ ނުފޫޒުގަދަ މަޤާމުތަކުގައި ތިބި ބައެއްގެ ބައިވެރިވުމެއް އޮވެދާނެކަމަށް އެލިބޭ ބިރުވެރިކަމާއި އިންޒާރެވެ.

ކުރިމިނަލްކޯޓުގެ ހުކުމުން އެނގިގެން ދިޔައީ މިފަދަބޮޑު ޖިނާއީ ކުށެއް ތަހުގީގު ކުރުމުގައި ފުލުހުން ނުކުޅެދިފައިވާ މިންވަރެވެ. ފުލުހުންގެ އިހްމާލު މިކަމުގައި ވަރަށްބޮޑެވެ. އެހެންކަމުން މިހުކުމާއި އެކު އަޅުގަނޑު ފުލުހުންގެ ކިބައިން މިއެދެނީ ރިލްވާން ވަގަށްނެގި މައްސަލައިގެ މިނިވަން ދެފުއްފެންނަ ތަޙުޤީޤެއް އަލުންކޮށް އެކަންކުރި ބަޔަކަށް ހައްގު އަދަބު ދިނުމަށެވެ. އަދި މިމައްސަލަ ތަޙްޤީޤުކުރި ފުލުހުން އިހުމާލުވި ސަބަބުވެސް ބަލައި ތަޙްގީގުކޮށް ދިނުމަށެވެ.

ރިލްވާނު ވަގަށް ނެގީ ވަކިބައެކޭ އާއިލާ އާއި ރަހުމަތްތެރިންނެއް ނުބުނެއެވެ. އެވާހަކަ ބުނީ ފުލުހުންނެވެ. އެހެންވީމާ އެކަން ސާބިތު ނުކޮށްދެވުމަކީ ދައުލަތް ފޭލުވުމެވެ. އެމީހުންގެ މައްޗަށް ކުށްސާބިތު ވިޔަސް ނުވިޔަސް އެއަށްވުރެ ބޮޑަށް އަޅުގަނޑުމެން އެދިތިބީ ރިލްވާނަށް ވީގޮތެއް ހޯދުމަށެވެ. މިއަދުވެސް މިކުރަނީ އެސުވާލެވެ. ރިލްވާނު ކޮބައި ހެއްޔެވެ؟ ވަގަށް ނަގާފައި އެމީހުން އެކުއްޖާފުޅަށް ހެދީ ކިހިނެއް ހެއްޔެވެ؟

މޮޓޯއަކީ ރައްކާތެރިކޮށްދީ ޚިދުމަތް ދިނުން ކަމަށް އޮތަސް ހުރިހާ ކަމެއް ހިނގަނީ ދީމާ އިދިކޮޅަށް ކަމަށް ފެންނަ މަންޒަރުތަކުންނާއި އިވޭއަޑުތަކުން ޔަޤީނާ ގާތައް އާދެއެވެ. ކުރެވޭ ހުރިހާ ތުހުމަތެއްގެ ފަހަތުގައި ދެކުލައިގެ ޔުނީފޯމްވެސް ހިމެނެއެވެ. ތިމާމެންނަށް ފާޅުގައި ފެނުނު މަންޒަރުތަކާއި ލިބުނު ރިޕޯޓްތައްވެސް ފޮނުވާލީ ޑަސްބިނަށެވެ. ފަހަތުން ދުއްވި ސައިކަލާއި ރަތްކާރާއި ވެޓުނު ވަޅިއާއި ފުލުހުންގެ އިދާރާއަށް އައި ފޯނު ކޯލާއި އެރަތް ކާރުން ފެނުނު އިސްތައްޓާއި އެތައް ބައިވަރު ހެކިތަކެއް އެއްވެސް އެއްޗަކަށް ނުހަދާ ފަސްއަޅާ ފޮރުވާލީއެވެ. އެއްވެސް ކަމެއް ނުވާކަމަށް ހަދާލީއެވެ. ހަމަ އެހާވެސް ބާރުގަދަ ބަޔަކު ރިލްވާން ވަގަށްނެގި މައްސަލަ ބެލުމަށް ހުރަސްއެޅުމަށް ފަހަތުގައި ތިބީހެއްޔެވެ. ކޮންފަދަ ބިރުވެރި ކަމެއްތޯއެވެ؟

ސުވާލުތައް ގިނަގުނައެވެ. ދުވަސްވީވަރަކަށް އެ ސުވާލުތަކަށްވެސް ދިރުންލިބި ބައެއް ޒާތުގެ ކަންކަމުގެ ހަޤީޤަތް ކުޑަކޮށްނަމަވެސް ފެންނަން ފަށައެވެ. ޤައުމީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ ޒިންމާ އަދާކުރުމުގައި ޚިޔާނާތްތެރިވާ މިންވަރު ދުވަހެއް ދުވަހަކަށް ދަނީ ބޭޒާރުވަމުންނެވެ. ތިމާމެންނަށް ހީކުރެވެނީ ތިމާމެންގެ ހިމާޔަތާއި ރައްކާތެރިކަން ދޭންޖެހެނީ ހަމައެކަނި ވަކި މީހަކަށް ކަމަށާއި އަދި ވަކި މީހަކު ބުނާ މީހަކަށް ކަމަށް ހެއްޔެވެ؟ އިންސާފަކީ ހަމައެކަނި ވަކި މީހަކަށްއޮތް ޙައްޤެއް ކަމަށް ދެއްކުމަކީ އިސްލާމް ދީނުގައި ކޮންފަދަ ނުބައި ޚިޔާނާތެއް ތޯއެވެ؟ ސުބްޙާނަށްﷲ އެވެ.

މިއަދު މިދިވެހިރާއްޖެއަކީ އެތެރެ ކޮއިލުން ހިތްހަމަ ނުޖެހުނީމާ ރައްޔިތުންގެ މުދަލާއި ރައްކާތެރިކަން ކަށަވަރުކޮށްދޭން މާތްﷲ ގަންދީ ހުވާގޮށްގެން ތިބި ފަރާތްތައް ބޭނުންކޮށްގެން ވަކި އިންތިޒާމްތަކެއްގެ ތެރެއިން ގަސްތުގައި ކުށެއްނެތް މީހުންގެ ބޮލުގައި ކުށްއެޅުވުމުގެ ޕްރޮގްރާމްތައް ފާޅުގައި ހިންގާ ނަމުން މުސްލިމް ރައްޔިތުން ތަކެއް ތިބި ޤައުމެކެވެ. މާތްﷲ ގަންދީ ހުވާކޮށްގެންތިބެ ފްރޭމް ކުރުމާއި އެކިއެކި ކުއްކުށުގައި ޙައްޤެއް ނެތި ގަސްތުގައި މީހުން ބެއްދުމާއި ލާއިންސާނީ އަދި ނުޙައްޤު އިންޓެލިޖެންސް ރިޕޯޓްތައް ހަދައިގެން ހިތްނުރުހޭ އެންމެންގެ ބޮލައް އަރައި ފިއްތަމުން ރިޝްވަތުގެ ދަހިވެތި ކަމުގައި ދޮގުހެކިދެނީ ހެއްދެވި ރައްބަށް ސިއްރުވާނެ ކަމަށް ހެއްޔެވެ. މިއީ ކޮންފަދަ ނުބައި ސިފައެއް ހެއްޔެވެ؟

އިންސާނުންގެ ހުރިހާ ސިއްރަކާއި މަކަރެއް ﷲ ސުބްޙާނަހޫ ވަތަޢާލާ މޮޅަށް ދެނެވޮޑިގެން ވެއެވެ. އަދި ކޮންމެވެސް ދުވަހަކުން ﷲ އެ ސިއްރެއް ބޭޒާރު ކުރައްވާނެއެވެ. ދިވެހިންނެވެ. އިބްރަތް ޙާސިލް ކުރާށެވެ. ޤައުމެއްގައި އެޤައުމުގައި ދިރިއުޅޭ އިންސާނީ މުސީބާތަށް ވަކި މީހަކު ވުމުން އެބައިމީހުން ނެތިކުރައްވާ ބަލި ކުރެއްވަށް ﷲ ކުޅަދުންވަންތައެވެ. ނަމްރޫދު ރަސްގެފާނާއި އެރަސްގެފާނުގެ އާރާއި ބާރު ބިމާއި ހަމަވެ ވެއްޔާ މޮޑެވުނެވެ. ފިރުޢައުނާއި ހާމާނުގެ ހުރިހާ ސިއްރެއް ބޭޒާރުވެ ޤާރޫނުގެ މުދާވެރިކަން ޣަރަޤު ކުރައްވާ ފިރުޢައުނާއި ހާމާނު ނިކަމެތި ކުރެއްވިއެވެ. އަބްރަހާގެ ކިބުރުވެރިކަމާއި ބޮޑާވެރި ވެރިކަން ބަލިކުރެއްވުމަށް މެދުވެރި ކުރެއްވީ ކުދިކުދި ދޫނިތަކެކެވެ. މިއިން ކޮންމެ ޖައްބާރުވެރިއެއްގެ ފަހަތުގައިވެސް މުދާވެރިކަމާއި ސަލާމަތާއި ރައްކާތެރިކަމުގައި ބަޔަކު ތިއްބެވެ.

ވިސްނަވާށެވެ. ރާއްޖޭގެ ރައްޔިތުންގެ ރާއްކާތެރިކަމާއި އިންސާނިއްޔަތުކަން ވަނީ އެންމެ މަތިން ފެށިގެން ނިގުޅައި ގެންފައެވެ. ދިވެހިރައްޔިތުންނަށް މުޞީބާތް އެކިއެކި ގޮތްގޮތުން ދަނީ ފޯރަމުންނެވެ. ވަގަށްނަގާ ގެއްލުވާލާފައިވާ ކޮއްކޮ އާއި ގުޅޭގޮތުން ދައުލަތުގެ މުއައްސަސާއެއްގެ އިސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި "ސަރުކާރުގެ ބޮޑު ލާރިއެއްވެސް ރިލްވާން ހޯދުމަށް ޚަރަދުކޮށްގެން ނުވާނެ" ކަމަށް ބުނެ މަސައްކަތް ހުއްޓުވި ކަމަށްބުނާ ހުތުރު މި މެސެޖަކީވެސް އޭގައި ޙަޤީޤީގަތެއް އެކުލެވޭނަމަ އެކަން ބޭޒާރުވެ ޙައްޤަށް ރުޖޫއަވާނޭ މެސެޖެކެވެ.

އަހަރުތަކާއި މަސްތައް ފާއިތުވެ ދިޔުމަކުން އަޅުގަނޑު މިމަސައްކަތެއް ހުއްޓައެއް ނުލާނަމެވެ. އަޅުގަނޑުގެ މަންމަ އާއި އަޅުގަނޑުގެ ލޮލުން މިއޮހޮރޭ ކަރުނައިގެ ބަދަލު އިންޝާﷲ ހޯދާނަމެވެ. އެއީ އަޅުގަނޑުގެ ކޮއްކޮގެ އެކަނި ހައްޤު ގައެއް ނޫނެވެ. މުޅި ދިވެހި އުންމަތުގެ ހައްޤުގައެވެ. މިމަސައްކަތުގެ ނިމުމަކީ ކާމިޔާބާއި އިންސާފު ލިބުމެވެ. އެއީ ކިތަންމެ ދުވަހަކުން ނަމަވެސް މެއެވެ.
ރިލްވާން އަށް ހެދިގޮތެއް އޮޅުންފިލުވާދިނުމުގައި ދައުލަތްވަނީ ފޭލްވެފައެވެ. މިހިތާމަވެރި ހާދިސާއާ ރިލްވާނަށް ކުރިމަތިލާން މިޖެހުނީ ކޮރަޕްޝަނުގެ ހާއްޔާ ދިމާއަށް ރިލުވާންގެ ލޮލާއި ގަލަން ހިންގަން ފެށުނީތީއެވެ. ކޮރަޕްޝަނުން ނާނޭފިއްލަވައި، އެއިން ޒާތީ ޖަދަލުކޮށް، ސިޔާސީ ވާގި ހޯދައި، އިދިކޮޅު ލީޑަރުން ތެޔޮހާނާ ގޮށްމުށު ބާރާއި ވައި އެޅެވުނީމައެވެ. އެއީ "މިނިކާ ވަގުން" ކަން ރިލްވާނަށް ވިސްނުނަސް، އޭނާ ބިރުނުގަތީމައެވެ.

ޒާލިމުން އަނިޔާކުރާއިރު ބައްލަވަން މިރުޞާދުގައި ޚާލިޤުލް ކައުނައިނި ވާކަން ނޭނގެނީތަ އަޖައިބެކޭ.

ކަޅު އަނދިރި ރޭރެއަށްމާ ކަޅުހިލަތަކުގެ މަތީގައި ކަޅުހިނި ހިރޭހިރުންވެސް ﷲ ދެނެވޮޑިގެންވެއެވެ.

ކޮއްކޮ އަށް ހެޔޮދުޢާ ކުރުމުގައި ދެމިހުރީމެވެ.
ރިލްވާން
ހިޔާލު

ފާށަނާކޮއެ

ޙިތްވަރު ލިބިއްޖެ. ޢިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ! ތިކަމުގައި މަވެސް ބަިވެރިވާން ނިންމައިފިން

އަޖޭ

މިކަހަލަ ދެރަ ކަންކަން ވީމަ އެތަނެއްގަ އޮންނަ އިދިކޮޅު ބަޔަކާ އެކު އުޅުނީމަ ކުރިޔަށް ކަންކަން ދިއުނ ލަސްވަނީ އެވަނޯީ ހިތާމަ ވެރިކަމެއް އެހެން ކަންތަށް ކަޑަކަށް، ވީމަ މިކަހަލަ ކަންކަން ވީމަ ވަކިބަޔަކު ބޭނުް ވަކަންކަނަ ހާސިލު ކުރަން ދުނުކޮށް ތިމާމެން ގެ ވިސްނުމާއެއްގޮތަށް ކުރިޔަށް ދާނަމަ މާރަނގަޅު ވާނެ.