Raaveribey Food Court Ge Haalathakee Mieetha?
image
ރާވެރިބޭ ފުޑް ކޯޓުތަކުން ނެރެފައިވާ ކުނިތަކެއް: ކުނިތައް ހުންނަނީ އަމީނީމަގަށްވާގޮތަށް-- ފޮޓޯ: ވީއެފްޕީ
އާއިޝަތު ހުސައިން
7 ކޮމެންޓް
 

ރާވެރިބޭ ފުޑް ކޯޓުގެ ހާލަތަކީ މިއީތަ!

މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި ހަދާފައިވާ ރާވެރިބޭ ފުޑް ކޯޓު ހުޅުވިތާ މަހެއްހާ ދުވަހެވެ. އާ ތަނެއް ހުޅުވައިފިއްޔާ އެތަނުގެ އަޖުމަ ބަލާލަން ދިއުމަކީ އެއްމެންގެވެސް ބޭނުމެވެ. އަހަރެންވެސް އެތަނުގެ އަޖުމަ ބަލާލަން ދިޔައީމެވެ. އަމީނީމަގުން ހުރި ސީދަލަށް ހިނގާފައި އާދެވެނީ ރާވެރިބޭ ފުޑް ކޯޓުގެ ބިއްދަށުންނެވެ. ތަނުގެ ހާލަތުގެ ވާހަކަ ފަށާނީ މިހިސާބުންދޯއެވެ.
ފުޑް ކޯޓުގެ ފުރަތަމަ ރެސްޓޯރަންޓާއި ހަމަވިއިރު ދުވާ ކާ އެއްޗެހީގެ ވަހުން ބަނޑުފުރިއްޖެއެވެ. ފުޑް ކޯޓުގެ ދެވަނަ ރެސްޓޯރަންޓާއި އަރާ ހަމަވިއިރު މިރުސްދުންވަސް ގަދަކަމުން ކޮށިއަރާގޮތްވިއެވެ. ފުޑް ކޯޓުގެ ތިންވަނަ ރެސްޓޯރަންޓާއި އަރާ ހަމަވިއިރު ކުނި ކޮތަޅުތަކައިގެން ޕޭވްމަންޓް ކައިރިން ހިނގާލެވޭ ވަރު ނުވިއެވެ. ހަމަ އެއާއެކު ކުނި ކޮތަޅުތައް ކައިރިން ބުޅާ ދުވާ މަންޒަރެވެ. އެތަންތަނުގައި މަސައްކަތްކުރާ މީހުން ގާގަނޑެއް މަތީގައި ކާންތިބޭ ތަނާ، ސިގިރޭޓް ބޯން ތިބޭތަނެވެ. މި ހިސާބުން ރާވެރިބޭ ފުޑް ކޯޓުގެ އަޖުމަ ބަލަން އައި ހިތް ކެނޑިއްޖެއެވެ.


ފުޑް ކޯޓު ތަކަކީ ރާއްޖޭގައިވެސް އާ ކަމެއް ނޫނެވެ. އާއްމު ތަންތާގައި ރެސްޓޯރަންޓް ހޮޓާތައް ހުރުމަކީ އެއްމެންނަށްވެސް ލިބޭ ލުއިފަސޭހަކަމަކަށް ވާނެއެވެ. ކާނިވަލް ސަރަހައްދުގައި ހުންނަ ކާބޯތަކެތި ވިއްކާ ތަންތަނާ އަދި މީގެ ކުރިން ހާބަރުގައި ހަދާފައިހުރި ކެފޭ ތަކަކީވެސް ފުޑް ކޯޓެކޭ ކިޔިދާނެއެވެ. އެހެންނަމަވެސް، އެތަން ތަނުގެ ކައްކާ އެއްޗެތީގެ ވަސް އެތަނަށް ވަންނަ ބަޔަކަށް ނޫނީ ނުދުވައެވެ. އެހެންނަމަވެސް ރާވެރިބޭ ފުޑް ކޯޓުގައި ކައްކާ އެއްޗެހީގެވަސް ވިޔަފާރިވެރިންގެ މިސްކިތުގައި ނަމާދުކުރަން ހުންނަ މީހާއަށާ، އަމީނީމަގުން ދުއްވާފައި ދާ މީހަކަށްވެސް ނުދުވާ ނުދާނެއެވެ. ސަބަބަކީ ރާވެރިބޭ ފުޑް ކޯޓުގެ ވަހާ އުދާސް ބޭރު ކުރާ ހޮޅި ހުންނަނީ އާއްމު މީހުން ހިނގާބިނގާވާ މަގަކަށްވާކަމެވެ. ދުންހޮޅި ހަރުކުރުމުގައި މިންގަނޑެއް ހެދިފައިނޯންނަނީ ބާވައެވެ. ނުވަތަ މިއީ މިކަންކުރުމުގެ އާއްމު އުސޫލުބާވައެވެ.

ފުޑްކޯޓުގެ ކުރިމައްޗަށް މޭޒާ ގޮނޑިއާ ޖަހާފައި މީހުން އިށީންދެވޭގޮތަށް ހުރުމަކުން ނުފުދޭނެ ދޯއެވެ. އެތަންތަނުގައި މަސައްކަތްކުރާ މީހުން ކައިބޯ ހަދާނެ ގޮތެއްނޯންނާތީއެވެ. ފުޑްކޯޓުގެ ފުރަގަހަށް، އަމީނީމަގަށް އޮޅިތަކުގެ މަތީގައި އަތްމައްޗަށް ތަށިލައިގެން ކާންތިބޭ މަންޒަރު ފެންނަ މީހަކީ އަހަރެންނަށް އެކަންޏެއް ނުވާނެއެވެ. އެތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް ކެއުންބުއިމުގެ ރަނގަޅު އިންތިޒާމެއް ހަމަޖެހިފައި އޮތުމަކީ މުހިއްމުކަމެކެވެ. މިއާ ގުޅިގެން އަންނަ އަނެއްކަމަކީ، ފުޑް ކޯޓުތަކުގައި ސިގިރޭޓް ބުއިމުގެ މައްސަލައެވެ. ސިގިރޭޓް ބުއިން މަނާ ސަރަހައްދުގެ ގޮތުގައި ކަނޑައެޅިފައި ހުންނަ ސަރަހައްދުގައިވެސް ސިނގިރޭޓް ބުއިމަކީ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބެލިއަސް އާއްމުކަމަކެވެ. ސުވާލަކީ މި އާއްމު ކަންތައް އާއްމު ކަމެއްގެ ގޮތުގައި ބަލައިގަނެ ދޫކޮށްލާނަމަ މިއީ ކޮން ބޭނުމަކު ހެދިފައިހުރި ގަވައިދުތަކެއްބާވައެވެ.

ހަމަމިއާއެކު ދެން އުފެދޭ އަނެއް ސުވާލަކީ މިތަންތަނުން އުކާލަން ނެރޭ ކުނި ބުނި މަގުމައްޗަށް ނުނެރެވާނެ އެހެން އިންތިޒާމެއް ހަމަޖެއްސޭނެގޮތެއް ނެތީބާވައެވެ. އާއެކެވެ. ރެސްޓޯރަންޓު ހޮޓާ ތަކުގައިވެސް ކުނި ނެރެނީ ބިތްދަށަށެވެ. ނަމަވެސް ރާވެރިބޭ ފުޑް ކޯޓުގެ ތަފާތަކީ ފުޑް ކޯޓުގެ ބިތްދަށަކީ މީހުން ހިނގާބިނގާވާ ބޮޑު މަގަކަށްވާކަމެވެ. ރާއްޖެއިން ބޭރުގައި ހުންނަ ފުޑް ކޯޓުތަކުގައިވެސް ހުރިހާ ފުޑް ކޯޓުތަކަކުން އެއްކުރެވޭ ކުނި ވަގުތުން ޑިސްޕޯސްކުރެވޭ ނިޒާމްތައް ހެދިފައިހުރެއެވެ. އޭގެ ބަދަލުގަ ރާއްޖެއިން މި ފެންނަނީ ކުނި ކޮތަޅުތައް މަގުމައްޗަށް ނެރެ، ބުޅާ އެ ދަތުލައިގެން މަގުމަތީގައި ދަމާތަނެވެ. މި ހާލަތުގައި މި ތަންތަން ހިންގުމަކީ ކާބޯތަކެތި އުފައްދާ އެތަކެތިން ހިދުމަތްދޭން ހެދިފައި ހުންނަ ގަވާއިދުތަކާއި ހަމަ އެއްހަމައިން މި ކަން ކުރާ ގޮތްބާވައެވެ.

ފުޑް ކޯޓު ހުޅުވުމުން ފުޑް ކޯޓު ހުޅުވި ބޭނުން ފުދުނީކަމަށް ވެދާނެއެވެ. އެހެންނަމަވެސް، ހަމަ ޔަގީނުންވެސް އެތަން ބޭނުންކުރަން ބޭނުންވެފައިތިބި މީހުންގެ ބޭނުމެއް އަދި ނުފުދެއެވެ. ފުޑް ކޯޓުގެ ބޭނުން އެއްމެ ރަނގަޅުގޮތުގައި ހިފޭނީ އެތަނުން ދޭ ހިދުމަތުގެ ފެންވަރުވެސް ރަނގަޅު ވެގެންނެވެ. އެއީ ހަމައެކަނި ކެއުމަށް ތައްޔާރުކުރާ އެއްޗެހީގެ ރަހައަކުން ނޫނެވެ. އެއީ ކެއުމަށް ތައްޔާރުކުރާ އެއްޗެޗި ތައްޔާރުކުރާ ތަނުގެ ހާލަތުންވެސްމެއެވެ.
ހިޔާލު

ދފ

އެހާ ގިނަ ދުވަސްކޮށްފަ ހަދާފަހުރިގޮތް އެއީ. ކުރިއާ މިހާރުގެ ތަފާތަކީ އަގުބޮޑު ވުމާއި އެތަން ރަބަރު ޓެންޓެއްހެން ހަދާފަހުރުން. ފަންކާއެއް ލެވޭ ގޮތައް ވިސްނައިގެން ހަދާފަހުރިތަނެއްނޫން. އެހާ ތިރި.

ޒުއްބަ

އެއީ ތަރައްގީ .. ލައިކް އަމާ ބުނީތީ ފަރަށް ދާ އުސޫލުން

އަނގަގަދަ

ހަމަ ހިތަށްއަރާ އެތަނުގެ ހުރިހާ އެގްޒޯސްޓެއް އެކި ސިފަސިފައިގަ އެސްލޯންހޮޅިއާ އެއްޗެތިން ހަދާފަ މީހުން ހިނގާބިނގާ ވާ ދިމާލަށް މިރުސްދުން އަޅާގޮތަށް ހުންނީ ކީއްވެބާއޭ ވެސް.

ޢައިޝާ

ފާޑު ކިއުމަކީ ލިބޭ ކުރިއެރުމެއް!

ހާނިމް

އިބޫއަރާފަ އެތަނުގެ ކުލި ވިޔަފާރިވެރިން ހިންދެމިލާވަރު ކުރާނަމޯ މިއީ ތެދެއްތަ؟

އަލީ

ވީއެފްޕީ ގެ ނިޔުސް ރިޕޯޓަރަ ވަރަސަލާން ހަމަކޮއްލާނީ އަސަރެ އެކަން ވެސް ރަތްޔަތުންނަ އެކޮއްދިނީ އަންނި ފަތުލައިގެން ބަލަން ތިބޭ.

އާދަނު، މާމިނގިލި

ކުށް ދެއްކުމުގެ ބަދަލުގައި އިޞްލާޙު ކުރެވޭނެ ގޮތްތަކެއްގެ ވާހަކަ ދެއްކުން މުޙިއްމު. ކޮންމެ ކަމަކަށްވެސް އެކަމެއްގެ އޮންނަ އެންމެ ގޯސްގޮތް ޚިޔާރު ކުރުމަކީ މުޖުތަމަޢު ތެރޭގައި ބައިބައިވުން އުފެދޭނެ ކަމެއް.