71.6 Million Ge Release Clause Dhekee Kepa Amilla Jeebun
image
ކެޕާ ފޮޓޯ:---
0 ކޮމެންޓް
 

71 މިލިއަން ޕައުންޑުގެ ރިލީޒް ކްލައުސް ދެއްކީ ކެޕާ އަމިއްލަ ޖީބުން

71.6 މިލިއަން ޕައުންޑުގެ ރިޒީލް ކްލައުސް އެކްޓިވޭޓުކޮށް ޗެލްސީއާ ގުޅުމަށް ތައްޔާރުވަމުންދާ ސްޕެއިންގެ ޒުވާން ކީޕަރ ކެޕާގެ ރިލީޒް ކްލައުސް ދެއްކީ އޭނާގެ އަމިއްލަ ޖީބުންކަން ހާމަވެއްޖެ އެވެ.
އެތުލެޓިކް ބިލްބާއޯއަށް ކުޅެމުން އައި ޒުވާން ކީޕަރުގެ ރިލީޒް ކްލައުސް ދައްކާފައިވާކަން އެކްލަބުން ކަށަވަރު ކޮށްދީފައިވާޢިރު ރިޕޯޓްތައް ބުނާ ގޮތުގައި ކެޕާގެ ރިލީޒް ކްލައުސް ދެއްކީ ގިނަ ބަޔަކު ހީކުރި ގޮތާ ހިލާފަށް އޭނާގެ އަމިއްލަ ޖީބުންނެވެ. ގިނަ ފަހަރަށް ކުޅުންތެރިއެއްގެ ރިލީޒް ކްލައުސް އެކްޓިވޭޓުކޮށް އެހެން ކްލަބަށް ބަދަލުވާއިރު ރިލީޒް ކްލައުސް ދައްކަނީ ގުޅުންތެރިޔާ އަލަށް ގުޅޭ ކްލަބުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ކެޕާ މިގޮތަށް އަމަލުކޮށްފައިވަނީ ސްޕެއިންގެ ޓްރާންސްފާ ގަވައިދަކާ ގުޅިގެންނެވެ. އެގޮތުން 2014 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑާ ގުޅުމުގެ ކުރިން އެތުލެޓިކް ބިލްބާއޯގެ އެންޑާ ހެރާރާ ވެސް ވަނީ މިފަދައިން އޭނާގެ ރިލީޒް ކްލައުސް އަމިއްލައަށް ދައްކާފައެވެ.

ދުނިޔޭގެ ރެކޯޑު އަގެއްގައި ކެޕާ ޗެލްސީއާ ގުޅެން ތައްޔާރު ވަމުން އަންނައިރު މިރޭގެ ވަގުތެއްގައި އޭނާ ލަންޑަނަށް ގޮސް ޗެލްސީގެ މެޑިކަލްގެ ފުރިހަމަ ކުރާނެ ކަމަށް ބެލެވޭއިރު މި ޓްރާންސްފާއާއެކު އޭނާ ވެގެންދާނީ ދުނިޔޭގެ އެންމެ އަގުބޮޑު ގޯލް ކީޕަރަށެވެ. މިއީ މި ޓްރާންސްފާ ބާޒާރުގައި ދުނިޔޭގެ އެންމެ އަގުބޮޑު ކީޕަރ ގެ ރެކޯޑު މުގުރާލި ދެވަނަ ފަހަރެވެ. ރޯމާގެ ކީޕަރ އެލިސަން ބެކާގެ ސޮއި ހޯދުމަށް މި ރެކޯޑު އެންމެ ފުރަތަމަ މުގުރާލީ ލިވަޕޫލުންނެވެ. މި ޓްރާންސްފާ ބާޒާރު ފެށުމުގެ ކުރިން މި ރެކޯޑު އޮތީ ސިޓީގެ ޒުވާން ކީޕަރ އެޑަސަން އަތުގައެވެ.

ޗެލްސީން ބޮޑު އަގުގައި ސްޕެއިންގެ ބަދަލު ކުރި ކެޕާގެ ސޮއި ހޯދުމާ ގާތަށް ޖެހިލާފައިވާއިރު އެކްލަބުގެ އެއް ނަމްބަރ ކީޕަރ ކޯޓުއާ ވަނީ ރިއާލް މެޑްރިޑަށް ބަދަލުވާން ބޭނުންވާ ކަމަށް ބުނެ އެކްލަބުގެ ފަރިތަކުރުންތަކަށް ހާޒިރުވުން ވެސް ހުއްޓާލާފައެވެ. މި މައްސާލާގައި އޭނާ މިއަދު ކްލަބުގެ ޑިސިޕްލިނަރީ ކޮމިޓީއަށް ހާޒިރު ކުރަން ނިންމާފައިވާއިރު ރިޕޯޓްތައް ބުނާ ގޮތުގައި މި ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން އޭނާ ރިއާލްއާ ގުޅޭނެ ކަމަށް ބެލެވެއެވެ.
ހިޔާލު