Bodethi Operationthakeh Kuranjehifaivaa Alyan ah Ehee eh Dhihkohlahvaa
image
އަލްޔާން ޒައުލް
2 ކޮމެންޓް
 

ބޮޑެތި އޮޕަރޭޝަންތަކެއް ކުރަންޖެހިފައިވާ އަލްޔާނަށް އެހީއެއް ދިއްކޮށްލައްވާ

ދަރިފުޅު ބަލިވެ، އެކަމުގައި ދުވަސްތައް ހޭދަކުރަން ޖެހުމަކީ މައިންބަފައިންނަށް ހިތްދަތި އިހުސާސްތަކެއް ކުރުވާނެ ކަމެކެވެ. އަލްޔާން ޒައުލް އުފަންވިއިރު ހަށިގަނޑުގައި އައިބުތަކެއް ހުރިއިރު ބޮޑެތި އޮޕަރޭޝަންތަކެއް ކުރަން ޖެހޭނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.
މިހާރު އުމުރުން އެއް އަހަރު ފުރިފައިވާ އަލްޔާން ޒައުލްގެ ބޯ ވެސް އާދަޔާ ހިލާފަށް ބޮޑެވެ. އަލްޔާންގެ ބޮލުގެ ނާށިގަނޑު ވަނީ އެތެރެއަށް ވަދެފައެވެ. އަލްޔާންގެ އަތުގެ އިނގިލިތައް ގުޅިފައިވާއިރު ފައިގެ އިނގިލިތައްވެސް ވަނީ ގުޅިފައެވެ. އަދިވެސް އިތުރު ސިއްހީ މައްސަލަތަކެއް ވަނީ ކުރިމަތިވެފައެވެ.

އަލްޔާންގެ ބައްޕަ، އަހުމަދު ހަމްދޫން ބުނި ގޮތުގައި އަލްޔާން ރަނގަޅު ކުރުމަށްޓަކައި މަސްތަކަށް ބަހާލައިގެން ގިނަ އޮޕަރޭޝަންތަކެއް ކުރަން ޖެހެއެވެ. އަލްޔާންގެ ބޮލުގެ އޮޕަރޭޝަނެއް މިއަހަރުގެ ތެރޭގައި ކޮށްފައިވާއިރު އެ އޮޕަރޭޝަން ﷲ ގެ އިރާދަފުޅުން ކާމިޔާބު ކަމަށް އަހުމަދު ހަމްދޫން ބުންޏެވެ.

ހއ. އިހަވަންދޫގައި ހުރެ ވާހަކަ ދައްކަވަމުން އަހުމަދު ހަމްދޫން ބުނީ އަލްޔާނަށް ފަރުވާ ކުރުމަށްޓަކައި އަދި އާސަންދަ ހަމަޖެހިފައިނުވާ ކަމަށާއި މިމަހުގެ ތެރޭގައި މާލެ އައިސް އާސަންދަ ހަމަޖެހޭތޯ މަސައްކަތް ކުރާނެއެވެ.

އަލްޔާނަށް ކުރަން ޖެހޭ އޮޕަރޭޝަންތަކަކީ މަސްތަކަށް ބަހާލައިގެން ކުރަންޖެހޭ އޮޕަރޭޝަންތަކަކަށްވާއިރު އެ އޮޕަރޭޝަންތަކަށްފަހު ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި ހޭދަ ކުރަންޖެހެއެވެ. އަދި އެއީވެސް ބޮޑު ހޭދައެއް ހިނގާ ކަމެއް ކަމަށް ހަމްދޫން ބުންޏެވެ.

"އަތާއި ފައިގެ އޮޕަރޭޝަންތަކަށް ތިން މިލިއަން އިންޑިއަން ރުޕީސްއަށްވުރެ ގިނަ ފައިސާ އަރާ." އަހުމަދު ހަމްދޫން ބުންޏެވެ.

އަލްޔާންގެ ބަލި ހާލަތު ހުރި ގޮތުން އިހަވަންދޫގައި ކުދިކުދި މަސައްކަތްތަކެއް ކޮށްގެން އުޅޭ ހަމްދޫން ބުނި ގޮތުގައި ދަރިފުޅު އަލްޔާންގެ ކޮންމެ އޮޕަރޭޝަނަކަށްފަހު ގާތްގަނޑަކަށް އެއް މަހާއި 15 ވަރަކަށް ދުވަސް ވަންދެން ބެންގަލޫރުގައި މަޑުކުރަންޖެހެއެވެ.

"އަތާއި ފައިގެ އޮޕަރޭޝަންތަކަށް ދެ އަހަރު ދުވަސް ނަގާ. ތިން މަހުން ތިން މަހުން ދާންޖެހޭ. ފުރަތަމަ ދެ އަތުގެ އެއް އިނގިލި އޮޕަރޭޝަން ކުރާނީ. އަދި ފައިގެ އެއް އިނގިލި އޮޕަރޭޝަން ކުރާނީ. އޭގެ ތިން މަސް ފަހުން އަނެއް އިނގިލި އޮޕަރޭޝަން ކުރާނީ" އަހުމަދު ހަމްދޫން ބުންޏެވެ.

އޮޕަރޭޝަންތަކަށް ބެންގަލޫރުގައި ހުރުމާއި ކެއުމަށް ހަރަދުތަކެއް ހިނގާއިރު އެއް ކޮޓަރި ލިބެނީ ދުވާލަކަށް 2000 ރުޕީސް އަށް ކަމަށް އަހުމަދު ހަމްދޫން ބުންޏެވެ.

އޭގެ ތިން މަސް ފަހުން އަލްޔާންގެ އިނގިލިތަކުގެ އިތުރު އޮޕަރޭޝަނެއް ކުރުމަށް ހަމަޖެހިފައިވާއިރު ކޮނޑުގެ އޮޕަރޭޝަނެއްވެސް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ކުރާނެއެވެ. އަލްޔާންގެ "ޓެސްޓިސް" އެތެރޭގައި އިންނާތީ އެކަމަށްޓަކައިވެސް އޮަޕަރޭޝަން ކުރަން ޖެހޭނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

އަލްޔާންގެ ސިކުނޑީގައި ފެން ހުރި ކަމަށް ޑޮކްޓަރުން ބުނެފައިވާޢިރު ފެން މަދުނުވާނަމަ އިތުރު އޮޕަރޭޝަނެއް ކުރަން ޖެހޭނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް އަހުމަދު ހަމްދޫން ބުންޏެވެ.

ޑޮކްޓަރުންނާއި ހަވާލާދީ އަލްޔާންގެ ބައްޕަ އަހުމަދު ހަމްދޫން ބުނި ގޮތުގައި އަލްޔާންގެ ހަރަކާތްތައް ހުންނާނީ އެ އުމުރުގެ އެހެން ކުދިންނާއި އަޅާބަލާއިރު ފަސް މަސް ނުވަތަ ހަމަސް ފަހަތުގައެވެ.

"އަލްޔާންގެ ނޭފަތުގެ ކަށިގަނޑު ފިތިފައިހުރުމުން އަބަދުވެސް ހުންނަނީ ރޯގާ ޖެހިފައި. ރޭގަނޑު ނިދުމުގައި ވަރަށް އުނދަގޫވޭ" އަހުމަދު ހަމްދޫން ބުންޏެވެ. އަލްޔާންގެ ނޭފަތުގެ އޮޕަރޭޝަނެއް، އަލްޔާންގެ އުމުރުން ފަސް އަހަރުގައި ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެކި އޮޕަރޭޝަންތަކަށްފަހު ގިނަ ދުވަސްތަކެއް އިންޑިއާގައި ހޭދަ ކުރަންޖެހޭއިރު އަލްޔާންގެ އާއިލާ ވަނީ ހެޔޮ އެދޭ ފަރާތްތަކުގެ ދީލަތި އެހީއަށް ބޭނުންވެފައެވެ. އަލްޔާނަށް ފަރުވާކުރުމަށްޓަކައި އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބެންގަލޫރަށް ފުރަން ހަމަޖެހިފައިވާ އަލްޔާންގެ ބައްޕަ އަހުމަދު ހަމްދޫން ބުންޏެވެ. އަލްޔާންގެ އޮޕަރޭޝަންތައް ކުރުމަށް ހަމަޖެހިފައިވަނީ މަނިޕާލް ހޮސްޕިޓަލުންނެވެ.

އަލްޔާން ޒައުލްއަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާއި ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ.

އަހުމަދު ހަމްދޫން ފޯނު ނަންބަރު: 7915801 (އަލްޔާންގެ ބައްޕަ)

ބީއެމްއެލް ރުފިޔާ އެކައުންޓް ނަންބަރު: 7704239070101 (ހަމްދޫންގެ ރުފިޔާ އެކައުންޓް ނަންބަރު)
ބީއެމްއެލް ޑޮލަރު އެކައުންޓް ނަންބަރު: 7703239070101 (ހަމްދޫންގެ ޑޮލަރު އެކައުންޓް ނަންބަރު)
ނޯޓް: ވީއެފްޕީ އެހީގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާއި ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ.
ސީއެންއެމް އެހީ
ހިޔާލު

ދެރަ

ސިޔާސީ ނުވެ 1ރުފިޔާވެސް ދިއްކޮށްލުން ކީތްތޯ..

ހަޖަމް

ކޮބައިތަ ސަދަޤާތު ފަންޑު، މެޑަމް ޖަމިއްޔާ...ބޭނުމެއް ޖެހިފައިވާ މީހަކަށް ކަމެއް ކޮށްދޭތަ؟!