Sridevi Dheke Loabi Vevunee On Screen In Fenigen Kamah Boney Bunefi
image
ބޮނީ ކަޕޫރާއި ސްރީދޭވީ--
0 ކޮމެންޓް
 

ސްރީދޭވީ ދެކެ ލޯބިވެވުނީ އޮން ސްކްރީނުން ފެނިގެން ކަމަށް ބޮނީ ބުނެފި

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި މަރުވި ބޮލީވުޑުގެ ބަތަލާ ސްރީދޭވީ ދެކެ ލޯބިވެވުނީ އޭނާ އޮން ސްކްރީނުން ފެނިގެންކަމަށް ސްރީދޭވީގެ ފިރިމީހާ އަދި ޕްރޮޑިއުސަރު ބޮނީ ކަޕޫރު ބުނެފިއެވެ.
ސްރީދޭވީގެ އުފަން ދުވަހާއި ގުޅިގެން އިއްޔެ ދިއްލީގައި އޮތް އިވެންޓެއްގައި ވާހަކަ ދައްކަމުން ސްރީދޭވީގެ ފިރިމީހާ ވަނީ އެދެމީހުންގެ ބައްދަލުވި ގޮތް ވެސް ކިޔައިދީފައެވެ. އެގޮތުން ބޮނީ ބުނީ އޭނާއަށް ސްރީދޭވީ ދެކެ ލޯބިވެވުނީ އޭނާ އޮން ސްކްރީނުން ފެނިގެންކަމަށާއި އޭރު އެކަން ސްރީދޭވީއަށް ވެސް ނޭނގޭކަމަށެވެ. އަދި ސްރީދޭވީ އާއެކު ފިލްމެއްގައި ސޮއިކުރުމަށް ޗެންނާއީ އަށް ދިޔަކަމަށާއި އެހެންނަމަވެސް އޭރު ސްރީދޭވީ ބިޒީކަމުން އެފިލްމަށް ސޮއިކުރެވޭ ގޮތް ނުވިކަމަށެވެ.އަދި އޭރުއްސުރެ ސްރީދޭވީގެ މަސައްކަތްތައް ވަރަށް ބޮޑަށް ކަމުދާކަމަށް ވެސް ބޮނީ ވަނީ އޭނާގެ ވާހަކާގައި ފާހަގަކޮށްފައެވެ.

ސްރީދޭވީ އާއި އެކު ފުރަތަމަ ފަހަރަށް މަސައްކަތް ކުރުމުގެ ފުރުސަތު ބޮނީއަށް ލިބުނީ 1993 ވަނަ އަހަރު ނެރުނު ފިލްމު ރޫޕް ކީ ރާނީ ޗޯރޯން ކާ ރާނާ އިންނެވެ. ސަތިޝް ކޯޝިކް ޑައިރެކްޓުކޮށް ނެރުނު އެފިލްމު ބޮނީ ވަނީ ޕްރޮޑިއުސްކޮށްފައެވެ. އަދި 1997 ވަނަ އަހަރު ނެރުނު ފިލްމު ޖުދާއީ ގައި ވެސް ވެސް ސްރީދޭވީ މަސައްކަތްކުރިއިރު އެފިލްމު ޕްރޮޑިއުސްކުރީ ބޮނީ އެވެ. މީގެއިތުރުން ސްރީދެވީ މަރުވުމުގެ ކުރިން އެންމެ ފަހުން ކުޅެފައިވާ ފިލްމު 'މަމް' ކޯ ޕްރޮޑިއުސް ކުރީ ވެސް އޭނާގެ ފިރިމީހާ ބޮނީއެވެ.

300 ފިލްމުގައި މަސައްކަތްކޮށްފައިވާ ސްރީދޭވީއަށް ވަނީ އޭނާގެ އެންމެ ފަހުގެ މަސައްކަތްކަމަށްވާ "މަމް"އަށް ނޭޝަނަލް އެވޯޑު ވެސް ލިބިފައެވެ. ސްރީދޭވީ މަރުވުމާއި ގުޅިގެން އެ އެވޮޑާއި ހަވާލުވެފައިވަނީ އޭނާގެ ފިރިމީހާ އާއި ދެ ދަރިންނެވެ. އެއެވޯޑަކީ ސްރީދެވީއަށް ލިބުނު ފުރަތަމަ ގައުމީ އެވޯޑު ވެސް މެއެވެ.

1996 ވަނަ އަހަރު ސްރީދޭވީ އާއި ބޮނީ ކައިވެނިކޮށްފައިވާއިރު އެމީހުންގެ ކައިވެންޏަށް ދެ އަންހެން ދަރިން ލިބިފައިވެއެވެ. އެގޮތުން އެންމެ ދޮށީ އަންހެން ދަރިފުޅު ޖާންވީ ދާދިފަހުން ވަނީ ބޮލީވުޑަށް ނުކުމެފައެވެ. އަދި އެމީހުންގެ އެންމެ ހަގު އަންހެން ދަރި ހުށީ ވެސް މިހާރު މަސައްކަތް ކުރަން ބޭނުމީ ފިލްމީ ދާއިރާގައިކަމަށް އޭނާގެ ބައްޕަ ދާދިފަހުން ބުނެފައިވެއެވެ.

ސްރީދޭވީއަކީ ބޮނީ ކަޕޫރުގެ ދެވަނަ އަނބިމީހާއެވެ. ސްރީދޭވީއާ ކައިވެނިކުރުމުގެ ކުރިން ބޮނީ ވަނީ މޯނާ ކަޕޫރާއި ކައިވެނިކޮށްފައެވެ. އެކައިވެންޏަށް ބޮލީވުޑުގެ މިހާރު ތަރި އަރުޖުން ކަޕޫރާއި އަންޝުލާ ވަނީ ލިބިފައެވެ.
ހިޔާލު