Hulhudhuffaaru Gai Eid Kulhivaru Adhives Varah Sagaafee
image
ހުޅުދުއްފާރުގައި މިއަދު ކުރިއަށްދިޔަ ބައެއް ޢީދު ކުޅިވަރުތަކުގެ ތެރެއިން-- ފޮޓޯ: ހުޅުދުއްފާރު ޢީދު- ފޭސްބުކް ޕޭޖް
1 ކޮމެންޓް
 

ހުޅުދުއްފާރުގައި އީދު ކުޅިވަރު އަދިވެސް ވަރަށް ސަޤާފީ

މާޅޮސް މަޑުލު އުތުރު ބުރީ ހުޅުދުއްފާރަކީ ޒަމާނުއްސުރެ ވަރަށް ފޯރީގައި އަޟްހާ އީދު ފާހަގަކުރަމުން އަންނަ ރަށެކެވެ. އާބާދީގައި 1500 އާ ގާތްކުރާ އަދަދަކަށް މީހުން ދިރިއުޅެމުން އަންނަ ހުޅުދުއްފާރުގައި ހިންގާ އީދުގެ ހަރަކާތްތައް ބަލާލުމަށް އެރަށަށް ރަށްރަށުން މީހުންދާ އެއް ސަބަބަކީ ވެސް އެއީއެވެ. Dhiraagu
ރާއްޖޭގެ ގިނަ ރަށްރަށާއި ހިލާފަށް މިރަށުގައި މިއަދާ ހަމައަށް ވެސް ބޮޑު އީދު ފާހަގަކުރަމުން އައިސްފައިވަނީ އިހުގައި ވެސް އީދު ފާހަގަކުރަމުން އައި ގޮތަށެވެ. އެގޮތުން ކޮންމެ ކުޅިވަރަކަށް ބިލެއް އެޅުމާއި ކޯޑި ކެނޑުމާއި ދޫނި ނެރުމާއި، ބޮޑު މަސް ބޭނުމާއި އަދި ނައު ކެނޑުން ފަދަ ކުޅިވަރުތައް ކުޅެމުންދެއެވެ. މިހުރިހާ ހަރަކާތްތައް ވެސް މިރަށުގައި ކުރިއަށް ގެންދަނީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވަކިންކަމަށް ވުމުން، އީދުގެ ފޯރި ހުރިހާ އުމުރުފުރައެއްގައި ވެސް ވަރަށް ގަދައެވެ. އަދި މި ހަރަކާތްތައް ކުރިއަށް ގެންދަނީ އީދު ފާހަގަކުރުމަށް ލިބޭ ދުވަސްތަކުގެ ތެރެއިން ވަކިވަކި ދުވަސްތަކަށް ބަހާލެވިގެންނެވެ.

އެހެން އަހަރުތަކާއި ހިލާފަށް މިއަހަރުގެ އީދު ކުޅިވަރު ބަލާލުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުން އެރަށަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އައިސްފައެވެ. މިއަހަރުގެ ބޮޑު އީދުގެ ކުޅިވަރުތައް ފަށާފައިވަނީ ހައްޖު ދުވަހުގެ ރޭގަނޑެވެ. އެގޮތުން އެރޭ ވަނީ މާލި ޕެރޭޑުގެ ނަމުގައި ޕެރޭޑެއް ކުރިއަށް ގެންގޮސްފައެވެ. މި ޕެރޭޑުގައި ރަށުގެ ކުދި ބޮޑު ފިރިހެނުން ބައިވެރިވެ އެކި ވައްތަރުގެ މާލި ހެދިގެން ރަށުގެ ބޮޑުމަގުގެ އެއްކޮޅުން އަނެއްކޮޅަށް ބެރާއެކު ލަވަކިޔަމުން ހިނގާފައިވެއެވެ.

- ޢީދު ވިލޭރޭ ކުރިއަށް ގެންދެވުނު މާލި ޕެރޭޑުގެ ތެރެއިން- ފޮޓޯ: ހުޅުދުއްފާރު ޢީދު ފޭސްބުކް ޕޭޖް

މިފަހަކަށް އައިސް ރާއްޖޭގެ ގިނަ ރަށްރަށުގައި އީދު ނަމާދުކުރަމުން އައިސްފައިވަނީ ހުސް ބިންތަކުގައެވެ. އެގޮތުން ހުޅުދުއްފާރުގައި ވެސް އީދު ނަމާދުކޮށްފައިވަނީ އެރަށުގެ ފުޓުބޯޅަ ދަނޑުގައެވެ. އީދު ނަމާދުގައި ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއިރު، އީދު ނަމާދަށްފަހު ރައްޔިތުންނަށް ހާއްސަކޮށްގެން އީދު ސައެއް އޮތެވެ. އެ ސަޔަކީ އެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން، ގޭގެއިން ސަޔަށް ބޭނުންވާ އެކި ބާވަތްތައް ނަގައިގެން ބޭއްވި ސަޔެކެވެ.

- މިއަހަރުގެ ޢީދު ނަމާދު ތެރެއިން- ފޮޓޯ: ހާތިމް ޔޫސުފްް

އީދު ސަޔަށްފަހު ދެން އޮތީ ދެލިމާލީގެ ހަރަކާތްތަކެވެ. އަދި ރަށުގެ ހުރިހާ ޒުވާނުންނަށް އަމާޒުކޮށް އެދުވަހު ވަނީ 'ވަން ޑޭ ކަޕް" ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ކުރިއަށް ގެންގޮސްފައެވެ. އޭގެއިތުރުން، ލެންޓާންއާ ރަށުގެ ހުރިހާ މުވައްސަސާތަކާއި ގުޅިގެން ވަރަށް ފޯރިގަދަ ކުޑަކުދިންގެ ހަވީރެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ކުޑަކުދިންގެ ހަވީރުގައި ތަފާތު ކުޅިވަރު ސްޓޯލްތައް ކުރިޔަށް ގެންދެވުނުއިރު، އަގުހުރި އިނާމްތަކެއްވެސް ބައިވެރިންނަށް ލިބިގެން ދިޔައެވެ. އަދި އެރޭ ވަނީ އީދުއުފާގެ ނަމުގައި ފޯރިގަދަ ސްޓޭޖު ޝޯއެއް ކުރިއަށް ގެންގޮސްފައެވެ.

އީދުގެ ދެވަނަ ދުވަހުގެ ކުޅިވަރުތައް ފެށިފައިވަނީ ކޯޑިއަށް ބިލެއް އެޅުމުންނެވެ. ކޯޑިއަށް ބިލެއް އެޅުމަކީ އަންހެނުން ބިލެއް ދަތްޕާއެކު ދަނޑިޖަހާފައި ލަވަކިޔަމުން ފިރިހެންނުންގެ ގާތަށްގޮސް ކޯޑި ހެދުމަށް އެދުމެވެ. މި ބިލެތް ދަފީގައި ހުންނާނީ ދުފުމަށް ބޭނުންވާ ހުރިހާ ސާމާނެކެވެ. މިސާމާނުތައް ހުންނާނީ ކުޑަ ދަޅަކަށް އެޅުމަށްފަހު ރުމާލަކުން އައްސާފައެވެ.

ހަމައެދުވަހުގެ މެންދުރު، "މެންދުރު ކޯޑި" ނެރެފައިވެއެވެ. މެންދުރު ކޯޑިއަކީ މެންދުރު ވަގުތު ރަށުތެރޭގައި ކުޑަކޯޑިއެއް ހިފައިގެން ބެރާއި ލަވާއާއި އެކު ހިންގުމެވެ. އެދުވަހުގެ އެންމެ ބޮޑު ހަރަކާތެއްގެ ގޮތުގައި ފާހަގަކުރެވުނީ ފިރިހެނުން ކޯޑި ނެރުމެވެ. މި ހަރަކާތުގައި ފިރިހެނުން މާއްޔާއި ކޯޑިއާ ބެރުޖެހުމަށްފަހު ލަވަކިޔަމުން ރަށުގެ އެއްކޮޅުން އަނެއް ކޮޅަށް ހިނގުމަށްފަހު ފުޓްބޯޅަ ދަނޑަށް އައިސް ބެރުޖަހާ ލަވަކިޔާފައިވެއެވެ. އަދި ބެރާ އެއްވަރަށް އަންހެނުންގެ ދަނޑީގެ ހަރަކާތް ތަކާއި އެކު ދަފިނެގުމުގެ ހަރަކާތެއް ބޭއްވިފައިވެއެވެ.

ފިރިހެނުންގެ ކޯޑިއަށްފަހު މި ކޯޑި ބޯޅަ ދަނޑާއި ކައިރީގައި ހުރި ރުކެއްގައި އެއްސިއެވެ. މިކޯޑި ކެނޑުމަށް ރުކަށް އެރުމަށްޓަކައި އަންހެންވެރިން ވަރަށް ސިއްރުން ރަށުން ފިރިހެނަކު ހޯދިއެވެ. އަދި އެ ފިރިހެން މީހާ ފަންގަނޑު ކެނޑުމުން ރަށުގެ ފިރިހެންވެރިންނަށް ސިއްރުން އަންހެންވެރިން ފަންގަނޑު ފޮރުވިއެވެ. އެއަށްފަހު، އެކަމާއި ގުޅޭ ލަވައެއް ކިޔަމުން ބޮޑުބެރާއެކު ރަށުގެ ފިރިހެންނަށް އެހޯދުމަށް ގޮވަމުން ދިޔައެވެ. އެއާއެކު ފިރިހެންވެރިން ފަންގަނޑު ހޯދުމަށްފަހު އަނެއްކާ އެފަންގަނޑު ފޮރުވިއެވެ. އަދި އަންހެންވެރިންނަށް އެފަންގަނޑު ހޯދުމަށް އެކަމާއި ގުޅޭ ލަވަކިޔަމުން ބޮޑުބެރާއެކު ފިރިހެނުން ހިނގިއެވެ.

އީދުގެ ތިން ވަނަ ދުވަހުގެ ފަތިހުން ފަށައިގެން ކޯޑިކަނޑާ މީހާ (ކޯޑިބެ) ފުޓްބޯޅަ ދަނޑުގައި ބަނދެފައި ބޭންދިއެވެ. އަދި ކޯޑިބެ ބަނދެފައި ބައިންދާފައި އިން ވަގުތު އޭނާއަށް އުނދަގޫކުރުމަށްޓަކައި މިރުސް ދުން އަޅާ ހެދިއެވެ. އެވަގުތު ކޯޑިބެއަށް ކާނެ އެއްޗެއް ވެސް ނުދެއެވެ. ދެން ހެނދުނު 10:30 ހާއިރު ކޯޑިބެ ކޮނޑުމައްޗަށް ކޯޑި ފަންގަނޑު ލައިގެން ރަށުތެރޭގައި ހިނގުވިއެވެ. ލަވަޔާއި ބެރާއެކު ކޯޑިބެ ހިނގުވާފައިދާއިރު ރަށުގެ ބައެއް ގޭގެއިން ކޯޑިބެ ގަޔަށް ފެނާއި ވެލި ޖަހާހެދިއެވެ. އަދި އެއަށްފަހު ގެންގޮސް މޫދަށް ލިއެވެ. ކޯޑިބެ މޫދަށް ލުމުން އަންހެންވެރިން ވެގެން ކޯޑިބެގެ ގައިގާ އައްސާފައި އޮތް ފަންގަނޑު ނައްޓުވައި އިއްޒަތުގައި ގެންގޮސް ފެންވެރުވިއެވެ. ދެން އެހިސާބުން ފެންކުޅި އާއި މޫދަށް ލުމުގެ ހަރާކްތައް ފެށުނެވެ.


- ކުލަޖެހުމުގެ ހަރަކާތްތަކުގެ ތެރެއިން--- ފޮޓޯ: ހުޅުދުއްފާރު ޢީދު ފޭސްބުކް ޕޭޖް


-ކޯޑިބެ -- ފޮޓޯ: ހުޅުދުއްފާރު ޢީދު ފޭސްބުކް ޕޭޖް


މިއަދުގެ ޢީދު ކުޅިވަރުުގެ ތެރެއިން- ފޮޓޯ: ހުޅުދުއްފާރު ޢީދު ފޭސްބުކް ޕޭޖް

މިއަދުގެ ހާއްސަ ހަރަކާތެއްގެ ގޮތުން، މިއަދު ހަވީރު ވަނީ ދޫނި ނެރެފައެވެ. މިދޫނީގެ މައިގަނޑު އޮށިން ދޫންޏެއްގެ ސިފައިގައި ހެދުމަށްފަހު އޭގެމަތީގައި ފޮތި އަޅައެވެ. ފަހަކަށް އައިސް ކުޑަކުދިންގެ ދޫނީގައި ފޮތީގެ ބަދަލުގައި ބޭނުންކުރަނީ ފަނެވެ. މީގެއިތުރުން މިރޭވެސް ސްޓޭޖުމަތީގެ ހަރަކާތްތައް ނުހަނު ފޯރިއާއެކު ކުރިޔަށްދާނެއެވެ.

ބޮޑު އީދުގެ އެންމެ ފަހު ދުވަހުގެ ހަރަކާތްތައް ފެށޭނީ އަންހެންވެރިން ނައު ހެދުމަށް ބިލެތް އަޅާ ހިސާބުންނެވެ. އެއާއެކު ފިރިހެންވެރިން ނައު ހެދުމުގެ މަސައްކަތާއެކު ކުރިއަށްދާނެއެވެ. ނައު ބޭލުން އޮންނާނީ ދޮންކެޔޮ ނިރުން ތައްޔާރުކޮށްފައިވާ ގެރިއެއް ކަތިލާ ހިސާބުންނެވެ. ނައު މޫދަށް ބޭލުމަށްފަހު އަޅާފައި އޮންނާނީ ކަނޑާ ހިސާބުގައެވެ. އަދި އެނައު ކެނޑުމަށް އަންހެންވެރިން ފަތާފައި ނައު އޮންނަ ހިސާބަށް ދެއެވެ. އެއަށްފަހު އަންހެންވެރިން އަތްޖަހަމުން ނައު ކެނޑިކަން ފިރިހެންވެރިންނަށް އަންގައެވެ. ނާ ކަނޑާފައި އައިސް ފެންވަރާ ޒީނަތްތެރިވެގެން ބެރުޖަހާފައި ގޮސް ހުރިހާ އަންހެންވެރިން ކޯޑިބެގެ ގެއަށް ގޮސް ކޯޑިބެއަށް ހަދިޔާ ދެއެވެ. އަދި އެދުވަހުގެ ރޭ ރަށުގެ ރައްޔިތުންނަށް އީދު މާހެފުމެއް ބާއްވައެވެ.

-މީގެ ކުރިން އަހަރެއްގައި ހެދި ޢީދު ނައު-- ފޮޓޯ: ހުޅުދުއްފާރު ޢީދު ފޭސްބުކް ޕޭޖް

މީގެއިތުރުން މިއަހަރު އަލަށްވަނީ އީދު ދަތުރުގެ ނަމުގައި ހަރަކާތެއް ބޭއްވުމަށް ވެސް ނިންމާފައެވެ. އެގޮތުން ރަށުގެ ކުދި ބޮޑު އެންމެނަށް އެދަތުރުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ. މި ފަހަރުގެ ޢީދަކީ ވެސް އެހެން އަހަރުތަކެކޭ އެއްގޮތަށް ހުޅުދުއްފާރުގެ ރައްޔިތުންގެ މޫނުމަތިން ހިނިތުންވުން ފެނިގެންދާ ޢީދެކެވެ.
އީދު ރ.ހުޅުދުއްފާރު
ހިޔާލު

ޅ

ގުޑް