GMRge Massalaagai Raees yamin Ithurufulhu Hahdhavaathee Idhikolhgun Kanboduvun Faalhu Koffi
image
ޖީއެމްއާރު ވާހަކަ ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ހެއްދެވީ އިތުރުފުޅެއް: މާރިޔާ--
0 ކޮމެންޓް
 

ޖީއެމްއާރުގެ މައްސަލާގައި އިތުރުފުޅު ހައްދަވާތީ އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފި

އިންޑިއާގެ ޖީއެމްއާރަށް އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ކުއްޔަން ދިން މައްސަލާގައި ރައީސް އަބްދުﷲ ޔާމީން އިތުރުފުޅު ހައްދަވާތީ އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
މާރިޔާ މިއަދު ވިދާޅުވީ އެއާޕޯޓު ވިއްކާލީ ކަމަށް ރައީސް ޔާމީން ވިދާޅުވާ ވިދާޅުވުމަކީ އިތުރުފުޅެއް ކަމަށެވެ. އެމްޑީޕީ ސަރުކާރުން ޖީއެމްއާރަށް އެއާޕޯޓް ވިއްކާލީ ނޫން ކަމަށާއި އެއާޕޯޓް 25 އަހަރަށް ކުއްޔަށް ދިނީ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ޖީއެމްއާރަށް އެއާޕޯޓު ކުއްޔަށް ދިނީ ހާމަ ކުރެވިފައިވާ ބިޑެއްގެ ތެރެއިން ކަމަށެވެ. އެ ބިޑިން ޕްރޮސެސް ވޯލްޑް ބޭންކާއި އިންޓޭނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން ފަދަ އިދާރާތަކުން ކައިރިން ބެލި ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވަނީ ރައީސް ޔާމީން އިތުރުފުޅު ހައްދަވާ މަންޒަރު ޕީއެސްއެމުން ގެނެސްދޭ އިރު ބްރޯޑްކާސްޓިން ކޮމިޝަނުން އެއްވެސް ކަމެއް ނުކުރާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

އޭގެއިތުރުން މާރިޔާ ވަނީ އެމަނިކުފާނުގެ ދެފައި ނުބަދެ އިންތިހާބަށް އައުމަކީ އިދިކޮޅު ފަރާތްތަކަށް ހެދުނު ގޯހެއް ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާތީ އެވާހަކަފުޅުތަކަށް ރައްދު ދެއްވާފައެވެ.

މާރިޔާ ވިދާޅުވީ ވާދަވެރިން އެއްފަރާތްކޮށް އިންތިހާބުގައި ވާދަ ކުރުމަކީ އިދިކޮޅު ފަރާތްތަކުގެ ވިސްނުމެއް ނޫން ކަމަށާއި އެއީ ރައީސް ޔާމީންގެ ސަގާފަތެއް ކަމަށެވެ. އަދި ރައީސް ޔާމީން އެހެން ވިދާޅުވި އިރު މިހާރު ވެސް އެމަނިކުފާނު ހުންނެވީ އިދިކޮޅު ހުރިހާ ލީޑަރުން ޖަލަށް ލައިގެން ކަމަށް މާރިޔާ ފާހަގަ ކުރެއްވިއެވެ.

"ބޮޑުތަނުން މޮޅުވާނެކަން އެއީ ޝައްކެއް ވެސް އޮތް ކަމެއް ނޫން. ކޮންމެހެން ނުޖެހޭ ރައީސް ޔާމީންގެ ދެފައިންޕުޅު ބަނދެގެން، އެބޭފުޅާ އެ ހައްދަވާހެން އެއްބަފާ ބޭބެ ޖަލަށްލައިގެން ދެން ތިބި ސިޔާސީ ލީދަރުން ޖަލަށް ލައިގެން އެހެން މީހަކަށް ވާދަކޮށްލަން ވެސް ފުރުސަތު ނުލިބޭނެ ގޮތަށް އެބޭފުޅާ ދެކެވަޑައިގަންނަވާ ގޮތަށް ހުރިހާ ކަމެއް ތަރުތީބުކޮށްގެން ދާކަށް،" މާރިޔާ ވިދާޅުވިއެވެ.
ހިޔާލު