Geveshi Aniyaa Hutuvumaa Behey Qavaidhah Amalukuran Fashaifi
image
0 ކޮމެންޓް
 

ގެވެށި އަނިޔާ ހުއްޓުވުމާބެހޭ ގަވާއިދަށް އަމަލުކުރަން ފަށައިފި

ގެވެށި އަނިޔާގެ ޝިކާއަރަކަށްވެފައިވާ މީހުންނަށް، ދައުލަތުގެ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަނުން ހިދުމަތް ފޯރުކޮށްދިނުމުގައި 24 ގަޑިއިރު ހިލޭ ހިދުމަތް ލިބޭނެ މަގު ފަހިކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާ ގެވެށި އަނިޔާ ހުއްޓުވުމާބެހޭ އާންމު ގަވާއިދަށް އަމަލު ކުރަން ފަށައިފިއެވެ. dhi2
ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނުނުގެ ދަށުން ބާރު ލިބިގެން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ހަދާފައިވާ ގެވެށި އަނިޔާ ހުއްޓުވުމާބެހޭ އާންމު ގަވާއިދު ގެޒެޓްކޮށް އަމަލު ކުރަން ފަށާފައިވަނީ މިއަދެވެ.

އެ ގަވާއިދުގައި 11 ބާބެއް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ފޯރުކޮށްދޭ ހިދުމަތްތައް ބިނާކުރަންޖެހޭ އާންމު އުސޫލުތަކާއި ވިލަރެސްކުރުމުގެ އޮނިގަނޑާއި ސިއްހީ ހިދުމަތްދޭ ފަަރާތްތަކުން ހިފަހައްޓަންޖެހޭ ހިދުމަތުގެ މިންގަނޑާއި ދައުލަތުގެ ޒިންމާ ހިމެނެއެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުން ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް، ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަނުން ހިދުމަތް ފޯރުކޮށްދޭންވާނެއެވެ. ހިދުމަތްދޭންވާނީ ފަރުވާތެރިކަމާއެކު، ހިދުމަތް ފޯރުކޮށްދެވެން ހުންނަ އެންމެ ފުރިހަމަ މިންގަނޑަށް، އަނިޔާ ލިބިފައިވާ މީހާގެ މަސްލަހަތުގައި ކުރަންޖެހޭ ހުރިހާ ޓެސްޓެއްކޮށް، އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައިގެން ކަމަށް ގަވާއިދުގައިވެއެވެ.

ދައުލަތުގެ ޒިންމާތަކުގެ ތެރޭގައި ގެވެށި އަނިޔާގެ އަމަލު ރިޕޯޓްކުރެވޭ މިންވަރާއި ގެވެށި އަނިޔާއާ ގުޅިގެން މީހުން ހިދުމަތް ހޯދުމަށް އެދޭ މިންވަރުގެ މައްޗަށް ބިނާކޮށް، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން ވަގުތީ މަރުކަޒުތަކުގައި ނުވަތަ އެނޫންވެސް އެފަދަ މަރުކަޒުތަކުގައި ބައިތިއްބަންޖެހޭ މީހުންނާއި، އެ މީހުންގެ 18 އަހަރު ނުފުރޭ ކުދިން ބައިތިއްބާނެ މަރުކަޒުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށް އަގަކާ ނުލާ މަރުކަޒުތަކުން ހިދުމަތް ފޯރުކޮށްދިނުން ހިމެނެއެވެ.

އެ ވަގުތީ މަރުކަޒުތައް، ވަގާއިދަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި ގާއިމުކުރަންވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް، ވަގުތީ މަރުކަޒުތަކުންނާއި އެހެން މަރުކަޒަކުން ހިދުމަތެއް ފޯރުކޮށްދޭނަމަ، ގަވާއިދާއި އގޮތަށް އަމަލުކުރަންވާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
ހިޔާލު