Karan Johar Ge Favorite Actor Akee Kaakukan Engeytha?
image
ކަރަން ޖޯހަރު--
0 ކޮމެންޓް
 

ކަރަން ޖޯހަރުގެ ފޭވަރިޓް އެކްޓަރަކީ ކާކުކަން އެނގޭތަ؟

ބޮލީވުޑުގެ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ކަރަން ޖޯހަރުގެ ފިލްމުތަކަކީ ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ފިލްމުތަކެކެވެ. އެގޮތުން އޭނާގެ ޑައިރެކްޝަން ހަޔާތް ފެށާފައިވަނީ 1998 ވަނަ އަހަރު ނެރުނު ފިލްމު "ކުޗްކުޗް ހޯ ތާ ހޭ" އިންނެވެ. ފިލްމަށް ބޮޑު ތަރުހީބެއް ލިބިގެންގޮސްފައިވާއިރު ފިލްމުގެ ލަވަތަކަކީ މިއަދު ވެސް ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނަ ލަވަތަކެކެވެ.
ފިލްމު އުފެއްދުމުގައި މަސައްކަތްކުރަމުން އަންނަތާ މިހާރު 20 އަހަރުވެފައިވާ ކަރަންގެ ފިލްމީ ހަޔާތުގައި އެންމެ ގިނަ އަދަދަކަށް އޭނާ މަސައްކަތްކޮށްފައިވާ އެއް ބަތަލަކީ ބޮލީވުޑުގެ "ކިންގް" ގެ ނަމުން މަޝްހޫރު ބަތަލު ޝާހުރުކް ހާނާއެކުއެވެ. އެގޮތުން ކަރަން ޖޯހަރުގެ ފިލްމުތައްކަމަށްވާ "ކަބި ހުށި ކަބި ގަމް" އާއި "ކަބި އަލްވިދާ ނާ ކެހެނާ" އަދި "މައި ނޭމް އިޒް ހާން" އާއި "ދިލްވާލޭ ދުލްހަނިއާ ލޭޖާއޭންގޭ" އާއި "ކަލް ހޯ ނަ ހޯ" ގެ އިތުރުން "ޑިއާ ޒިންދަގީ" އަށް އޭނާ ނަގާފައިވަނީ ޝާހުއެވެ. އެސަބަބާހުރެ ގިނަ ބަޔަކަށް ގަބޫލުކުރެވިފައި އޮތީ އުމުރުން 46 އަހަރުގެ ކަރަންގެ ފޭވަރިޓް އެކްޓަރަކީ ޝާހުކަމަށެވެ.

"މެންސް ވޯލްޑް މެގަޒިން" ދާދިފަހުން ދިން އިންޓަވިއުއެއްގައި ކަރަން މިވަނީ ބޮލީވުޑުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން އޭނާގެ ފޭވަރިޓް އެކްޓަރަކީ ކާކުކަން ބުނެދީފައެވެ. އެސުވާލުގެ ޖަވާބުގައި ހީކުރިގޮތާއި މުޅިން ހިލާފަށް ކަރަން ބުނީ، އޭނާއަށް އެންމެ ކަމުދަނީ ރަންބީރު ކަޕޫރުކަމަށެވެ. ކަރަން އެންމެ ފުރަތަމަ ރަންބީރާއެކު މަސައްކަތްކޮށްފައިވަނީ 2016 ވަނަ އަހަރު ނެރުނު ފިލްމު "އޭ ދިލް ހޭ މުޝްކިލް" ގައެވެ. އަދި މިހާރު އޭނާ ޕްރޮޑިއުސްކޮށް ނެރެން ނިންމާފައިވާ ފިލްމު ބްރަހަމަސްތްރާ ގެ ލީޑު ބަތަލަކަށް ވެސް ނަގާފައިވަނީ ރަންބީރެވެ.

އުމުރުން 35 އަހަރުގެ ރަންބީރުގެ ފިލްމީ ކެރިއަރު ވަރަށް ބޮޑަށް އަޑިއަޅާލުމަށްފަހު އޭނާގެ ފިލްމަކަށް އެންމެ ބޮޑު ތަރުހީބެއް ލިބިފައިވަނީ ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ނެރުނު ފިލްމު "ސަންޖޫ" އާއެކުއެވެ. އެފިލްމުގައި އޭނާ ދައްކުވައިދީފައިވާ ކުޅަދާނަ އެކްޓިންއަށް ފިލްމު އުފައްދާ ފަރާތްތަކުން ވެސް ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.
ހިޔާލު