Customs ge Muvahzafunnah Dhevey Allowance thakah Badhaluthakeh
image
ކަސްޓަމްސް ބިލްޑިންގް--ފައިލް ފޮޓޯ
0 ކޮމެންޓް
 

ކަސްޓަމްސްގެ މުވައްޒަފުންނަށް ދެވޭ އެލަވަންސްތަކަށް ބަދަލުތަކެއް

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މުވައްޒަފުންގެ ގަވާއިދު އިސްލާހުކޮށް، މުވައްޒަފުންނަށް ދެވޭ އެލަވަންސްތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ގަވާއިދު 2012 އަށް ތިން ވަނަ އިސްލާހު ގެނެސް އަމަލުކުރަން ފަށާފައިވަނީ އިއްޔެއެވެ.

ގަވާއިދުގައި މީގެ ކުރިން އޮތް ގޮތުން ކަސްޓަމްސް މުވައްޒަފުންނަށް ސާވިސް އެލަވަންސް ދެވޭނީ މަހަކު 3500 ރުފިޔާއެވެ. ނަމަވެސް ގަވާއިދަށް އިއްޔެ ގެނައި އިސްލާހުގައިވާ ގޮތުން ކަސްޓަމްސް މުވައްޒަފުން ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް، އަހަރީ ޗުއްޓީގައި ހުންނަ ދުވަސްތައް ނުހިމަނައި ސަރވިސް އެލަވަންސްގެ ގޮތުގައި 200 ރުފިޔާ ދޭންޖެހެއެވެ.

މުސާރައިގެ ދެބައިކުޅަ އެއްބައި ލިބޭ ޗުއްޓީގައި ތިބޭ މުވައްޒަފުންނަށް، ޗުއްޓީގައި ހުންނަ ދުވަސްތަކަށް ސާވިސް އެލަވަންސްގެ ގޮތުގައި ސާވިސް އެލަވަންސްގެ ދެބައިކުޅަ އެއްބައި ލިބޭނެ ކަމަށް ބަޔާންކޮށްފައި އޮތް މާއްދާ މިހާރު ވަނީ އުވާލާފައެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ގަވާއިދަށް ގެނައި އިސްލާހު ގެނެސް ޓެކްނިކަލް ކޯ އެލެވެންސްގެ ގޮތުގައި އެލަވަންސެއް އިތުރުކޮށް ކަސްޓަމްސް ދާއިރާއާގުޅޭ ތައުލީމު ހާސިލުކޮށްފައިވާ މުވައްޒަފުންނަށް ޓެކްނިކަލް ކޯ އެލަވަންސް ދެވޭނެ ގޮތްތައް ވަނީ ބަޔާންކޮށްފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 އަށްވުރެ ދަށް ސަނަދެއް ނުވަތަ ކަސްޓަމްސްގެ ޓްރެއިނިން އެއް ހާސިލްކޮށްފައިވާނަމަ މަހަކު 500 ރުފިޔާ ލިބޭއިރު ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވާނަމަ މަހަކު 750 ރުފިޔާ ލިބޭނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވާނަމަ މަހަކު 1000 ރުފިޔާ ލިބޭއިރު ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވާނަމަ މަހަކު 1500 ރުފިޔާ ލިބޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
ކަސްޓަމްސް ވަޒީފާ
ހިޔާލު