ވެރިކަން ކުރާ ޕީޕީއެމް ދޫކޮށް އިދިކޮޅު ފަރާތްތަކާއި ގުޅުނު މެންބަރުންގެ ގޮނޑިތައް ގެއްލުވާލަން އެންމެ ބޮޑު މަސައްކަތެއް ކުރެއްވީ ރައީސް އަބްދުﷲ ޔާމީން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ގދ.ތިނަދޫގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން އެކަމަށް އިއުތިރާފުވެވަޑައިގެންފައިވަނީ އިދިކޮޅާ ގުޅިވަޑައިގެންނެވި ތިނަދޫއަށް ނިސްބަތްވާ ދެ މެންބަރުންނަށް އިޝާރާތް ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މެންބަރުންތަކެއް ޕީޕީއެމް ދޫކޮށް ނުކުމެ އިދިކޮޅާ ގުޅުމުން ޕީޕީއެމު ވަރަށް ބޮޑަށް ނިކަމެތިވެފައިވާ ކަމަށާއި މެންބަރުންގެ ގޮނޑިތައް ގެއްލުވާލަން މަސައްކަތް ކުރެއްވީ ޕާޓީގައި ދެން ތިބި މެންބަރުން ބަދަހި ކުރެއްވުމަށް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އިދިކޮޅާ ގުޅުނު މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ ޕާޓީ ބަދަލު ކުރާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ބަނޑާރަ ނައިބު ސްޕްރީމް ކޯޓަށް ވަޑައިގެންނެވުމުން ސްޕްރީމް ކޯޓުން ނެރުނު ހުކުމަކަށް ބިނާކޮށެވެ. އޭގެފަހުން މަޖިލީހުން ވަނީ ޕާޓީ ދޫކޮށްދާ މެންބަރުން އަދި ޕާޓީން ވަކި ކުރާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނެއް ވެސް ފާސްކޮށްފައެވެ.
މަޖިލީހުގެ އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސްޕްރީމް ކޯޓުން ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ރޭ ނެރުނު އަމުރުގައި ކަނޑައެޅިއެވެ. ނަމަވެސް އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް ސަރުކާރުން ސްޕްރީމް ކޯޓުގައި އެދުނު އެދުމަށް ބާކީ ތިއްބެވި ތިން ފަނޑިޔާރުން ވަނީ ފެބުރުއަރީ އެކެއްގެ އަމުރުގައި ހިމެނޭ އެބައި ބާތިލުކޮށްފައެވެ.
ގޮނޑިތައް ގެއްލިފައިވާ ކަމަށް އިލެކްޝަނުން ކަނދައެޅުމާއި ގުޅިގެން އެ 12 މެންބަރުންނަށް މަޖިލީހަށް ވަނަ ނުދޭތީ ގޮނޑިތަކުގެ މައްސަލާގައި ވަކި ގޮތެއް ނިންމަން ވަކި ވަކިން މެންބަރުން ވަނީ ސްޕްރީމް ކޯޓަށް ވެސް ހުށަހަޅާފައެވެ. ފެބުރުއަރީ އެޖކެއްގެ އަމުރުގައި ހިމެނޭ ބައި ބާތިލު ކޮށް ސްޕްރީމް ކޯޓުން ވަނީ ވަކި ވަކި މެންބަރުން ހުށަހެޅި މައްސަލަތައް ބަލަން ޖެހޭ ކަމަށް ބުނެފައެވެ. ނަމަވެސް މިހާތަނަށް އައި އިރު އެއިން މައްސަލައެއް ބަލާފައެއް ނުވެއެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲއާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީއާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމާއި ދަގެނތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާއާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިނާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީއާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު އަދި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނެވެ.