Majileehah Haaziru Nukuraathee Faris Dhauvaakohfi
image
ފާރިސް މައުމޫނު
0 ކޮމެންޓް
 

މަޖިލީހަށް ހާޒިރު ނުކުރާތީ ފާރިސް ދައުވާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނު ރައްޔިތުންގެ މަޖިލީހަށް ހާޒިރު ނުކުރި މައްސަލާގައި ޒިންމާވާ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ އަމުރަކަށް އެދި ފާރިސްގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
ފާރިސް މައުމޫނުގެ ފަރާތުން ސިވިލް ކޯޓަށް އެ މައްސަލަ ހުށަހެޅީ މިއަދެވެ.

ކޯޓަށް ހުށަހެޅި އެ މައްސަލާގައި ބުނެފައިވަނީ ފާރިސް މައުމޫނު ދިއްގަރު ދާއިރާ ރައްޔިތުން ތަމްސީލުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކޮށްފައިވަނިކޮށް، 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 18 ގައި ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރެވުނު ދުވަހުން ފެށިގެން މިއަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހާ ހަމައަށްވެސް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާޢްދާއާ ހިލާފަށް ފާރިސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށާއި ކޮމިޓީ ބައްދަލުވުންތަކަށް ހާޒިރުވުމުގެ ހައްގު ދައުލަތުގެ އިދާރާތަކުން ނިގުޅައިގަނެފައިވާ ކަމަށެވެ.

އެކަމުގެ ސަބަބުން ދިއްގަރު ދާއިރާގެ ރައްޔިތުންނަށް ގާނޫނުއަސާސީން ލިބިދީފައިވާ ހައްގުން އެ ދާއިރާގެ ރައްޔިތުން މަހުރޫމްވެފައިވާ ކަމަށްވެސް ދައުވާގައި ބުނެފައިވެއެވެ.

އެ މުއްދަތުގައި ރައްޔިތުންގެ މަޖިލީހުގައި ދިއްގަރު ދާއިރާ ތަމްސީލުނުކުރެވުމުގެ ސަބަބުން އެ ދާއިރާގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ދާއިރާގެ ރައްޔިތުންނަށް ދައުލަތުން ދޭންޖެހޭނެ ކަމުގައި ކަނޑައަޅައި ދިނުމަށްވެސް ފާރިސްގެ ފަރާތުން ވަނީ ދައުވާކޮށްފައެވެ.

2017 ވަނަ އަހަރުގެ ތެރޭގައި ފާރިސް ހައްޔަރުކުރިއެވެ. ނަމަވެސް ފަހުން ދޫކޮށްލިއެވެ. އޭގެ ފަހުން ފާރިސް ހައްޔަރުކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ފާރިސްގެ މައްޗަށް ދައުލަތުން އުފުލި ޝަހްސު އޮޅުވާލުގެ ދައުވާ ސާބިތުވެ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ހުކުމްކުރީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
ހިޔާލު