Tharahgeege namugai Ivey aduthakaai fenna manzaruthakuge ha faraiy!
image
އަހުމަދު ޖިލާނީ
6 ކޮމެންޓް
 

ތަރައްގީގެ ނަމުގައި އިވޭއަޑުތަކާއި ފެންނަ މަންޒަރުތަކުގެ ހަފަރާތް!

ހިލަޔާ ހިލަވެލިން ޤައުމު ތަކަށް ތަރަށްޤީ ގެނެވޭނަމަ ދުނިޔޭގައިވާ އެންމެ ތަރައްޤީވެފައިވާ ޤައުމަކަށްވާނީ ހިލަޔާ ހިލަވެލީގެ އުސް އަހުރާމުތައްހުރި މިސްރުކަމަށް ހިތައްފެނެއެވެ. ނަމަވެސް މިސްރުގެ ހިލަޔާ ހިލަވެލީގެ އުސް އަހުރާމުތައް ބިނާކުރިތާ އެތައް ހާސްއަހަރެއްވެގެން ދިއައިރު، އަދިވެސް މިސްރަކީ ތަރައްޤީވެފައިވާ ޤައުމަކަށް ނުބެލެވެއެވެ. އޭގެ ބަދަލުގައި ތަރައްގީގެ އިންޑެކްސްއަށްބަލާއިރު މިއަދުވެސް މިސްރަކީ "ތަރައްޤީވުމުގެ މަގުމަތީ" އުޅޭ ގައުމެކެވެ. ތަރައްޤީގެއަޑު އަޅުގަނޑުމެންގެ ޤައުމުގެ ހަފަރާތުން ގުގުމަމުންދާ މި މުހިންމު ވަގުތަކީ، ރާއްޖެއަށް އަންނަމުންމިދާ "ތަރައްޤީގެމައްޗަށް" ޢިލްމީ ނަޒަރަކުން ވިސްނާލުން މުހިންމު ވަގުތެއްކަމަށްފެނެއެވެ. ހާއްސަކޮށް އިޤްތިސާދީ ތަރައްޤީގެ ދާއިރާއިން ގްރޭޖްއޭޓް ޑިގްރީއަކަށް ކިއަވަމުންދާ މީހެއްގެ ހައިސިއްޔަތުން މި މައުލޫއަށް އިންސާފުކޮށްލުމަކީ މުހިންމުކަމެއްކަމަށް ޤަބޫލުކުރެވޭތީ މި ލިއުން ލިއެލީމެވެ. muni
ތަރައްޤީއަކީ ކޮބާ؟

ފުރަތަމަ ސުވާލަކީ ތަރައްޤީއަކީ ކޮބައިތޯ އުފެދޭ ސުވާލެވެ. އިލްމީ ނަޒަރަކުންބަލާއިރު ތަރައްޤީއަކީ ވަކިމިވަނި ކަމެކޭ ބުނަން ދައްޗެވެ. އެހެނީ ތަރައްޤީއަކީ ވަށާޖެހިފައިވާ އެތައްސަތޭކަކަމެއްގެމައްޗަށް ބިނާވެފައިވާކަމަކަށްވުމެވެ. ތަރައްޤީއަކީ ވަރަށްކުރުކޮށްދަންނަވާނަމަ ވަށާޖެހިފައިވާ ވިސްނުންތަކެއްގެތެރެއިން ތަހްޒީބު އަދި އަބުރުވެރި ދިރިއުޅުމަކަށް އެމުޖްތަމައެއްގައި ދިރިއުޅޭ ފަރުދުންނަށް މަގުފަހިވެގެން ދިއުމެވެ. ތަރައްގީއަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވުމެވެ. އަދި ދެމެހެއްޓެނިވި ގޮތުގައި ދިރިއުޅުމުގެ ފެންވަރު އެއްދުވަހުން އަނެއްދުވަހަށް ކުރިއަރަމުން ދިއުމެވެ. ތަރައްޤީ ގެނައުމުގެ ޖުމްލަ އަމާޒުތަކަކީ ރައްޔިތުންނަށް އަބުރުވެރި ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދިނުމެވެ.

އަދި އިޖްތިމާއީ ގޮތުންނާއި ސިޔާސީ ގޮތުން ޢަދުލުވެރި، ހަމަހަމަ، އިންސާފުވެރި އަދި އިހްސާންތެރި ޖަމާޢަތެއް ޤާއިމުކުރުމާއި ދެމެހެއްޓެނިވި ގޮތުގައި ޤައުމުގެ އިގްތިސާދު ކުރިއަރުވާ، އާމްދަނީލިބޭނެ މަގުތައް އިތުރުކޮށް ފަހިކޮށް އަދި ފަރުދީ ފުދުންތެރިކަން މަތިވަމުންދާނެމަގަށް ޤައުމީ އިންވެސްޓްމަންޓްތައް އާބިނާކުރަމުންގެންދިއުމެވެ. މިއީ ޢިލްމީ ނަޒަރަކުން ތަރައްޤީކަމަށް ބަޔާންކުރެވިފައިވާ ސިފަތައް އެއްކޮށްލުމުންދޭހަވާ މައުނަވީތަރައްޤީ ބަޔާންކޮށްދެވިދާނެ އެއްގޮތެވެ. މިހަމައިން އުފެދޭ ސުވާލަކީ ތަރައްޤީގެ ބަހާތައް އަޅުގަނޑުމެންގެ ތެރޭގައި ބިނާކުރެވި އަށަގެންނެވިފައިވާ މިންވަރާއި، ތަރައްޤީ ގެނައުމުގެ ވިސްނުމުގައި ކުރެވޭ މަސައްކަތްތަކާއި އަދި އެ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދަނީ ކިހިނެއް ހެއްޔެވެ؟ ޖުމްލަގޮތެއްގައި ދަންނަވާނަމަ އަޅުގަނޑުމެންގެ ޤައުމަށް އަންނަމުންދާ ބަދަލުތައް އެއީ ތަރައްޤީތޯ ވަޒަންކުރާނީ ކިހިނެއް ހެއްޔެވެ؟

ވަޒަންކުރާނީ ކިހިނެއް؟

މަތީގައި ބަޔާންކުރެވުނު ގޮތަށް އަޅުގަނޑުމެންގެ ތެރެއަށް ތަރައްޤީ އަންނަމުންދޭތޯބެލުމަށް ކުރަންޖެހޭ އަސާސީ ސުވާލު ތަކެއް އެބަހުއްޓެވެ. އެގޮތުން، އަޅުގަނޑުމެންގެ ތެރެއިން ގިނަބައެއްގެ ދިރިއުޅުމުގެ ފެންވަރު، ނުވަތަ ހާލަތު، މީގެ ފަސްއަހަރު ކުރިއަށްވިސްނާއިރު މިއަދު މަތިވެއްޖެކަމަށް ގިނަބަޔަކަށް ޤަބޫލުކުރެވޭ ހެއްޔެވެ؟ މީގެ ފަސްއަހަރު ކުރިއަށްވުރެ މިއަދު އަޅުގަނޑުމެންނަކީ ކޮރަޕްޝަނާ ފަސާދައާ ވަކިން، މިނިވަންކަމާއެކު ކުރާ މަސައްކަތުން އަބުރުވެރި ދިރިއުޅުމެއް ލިބިފައިވާ ބަޔަކަށް ވެއްޖެކަމުގެ އިހްސާސް ޤައުމުގެ ގިނަމީހުންނަށް ކުރެވޭ ހެއްޔެެވެ؟

މީގެ ފަސްއަހަރުކުރިއަށް ބަލާއިރު މިއަދު އަަޅުގަނޑުމެންގެ މެދުގައި ޢަދުލުވެރި ނިޒާމެއް ގާއިމުވެ އެންމެންނާއިމެދުވެސް ހަމަހަމަކަމާ އަދި އިހްސާންތެރިކަމާއެކު މުއާމަލާތުކުރާނެ މާހައުލެއް ޤާއިމުވެއްޖެކަމުގެ އިހްސާސް ނުވަތަ ޤާއިމުކުރުމަށް މަސައްކަތް ކުރެވެމުންދާކަމުގެ އިހްސާސް ގިނަބަޔަކަށް ކުރެވޭ ހެއްޔެވެ؟ އަދި ކުރިއަށްވުރެ މިއަދު ދެމެހެއްޓެނިވި ގޮތުގައި ޤައުމުގެ އިގްތިސާދު ކުރިއަރުވާ، އާމްދަނީލިބޭނެ މަގުތައް އިތުރުކޮށް ފަހިކޮށް އަދި ފަރުދީ ފުދުންތެރިކަންމަތިކޮށް ލިބޭ އާމްދަނީ އިތުރު ކުރެވިއްޖެހެއްޔެވެ؟

މަތީގައި ފާހަގަ ކުރެވުނު ސުވާލުތަކަށް ޖަވާބުދިނުމަށްޓަކާ ހޯދާބަލާލާއިރު ގާތުން ފެންނަން އޮތީ ދިވެހި ބަންޑާރަގަނޑުން 72 ފަޅުރަށް ވީނުވީއެއްނޭނގި ޤައުމުގެ ތޮއްޑުދަށުން ބޭރުވެ ދިއައިރު، 60،000 ވަރަކަށް ރައްޔިތުންގެ ސިއާސީ ހައްގު ނިގުޅައިގަނެ އެމީހުން އައްޔަންކުޅަ މަންދޫބުން މަގުމަތިކުރެވިފައިވާ މަންޒަރުކަމަށްވާނަމަ، އަދި އެގޮތައް އެކަން ކުރެވިފައިވަނީ ޢަދުލާއިންސާފުގެ މަތިން ޤައުމުގެ ކަންކަން ކުރިއަށްގެންދިއުމަށް މާތްﷲގަންދީ ހުވާކުރުވާފަ ރައްޔިތުން ވެރިކަމާ ހަވާލުކުރި ފަރާތުންކުރި "ބުރަމަސައްކަތުން" ކަމަށްއިޢުތިރާފުވާނަމަ، ޤައުމަށް ދަތުރު ކުރެވެމުން އެދަނީ ތަރައްޤީއާއި ދިމައަކަށްނޫނެވެ.

އިޖްތިމާޢީ ގޮތުން ޢަދުލުވެރި ނިޒާމެއް ރާވާ ހިންގުމުގެ ވިސްނުން ފާހަގަ ނުކުރެވި ޤައުމުގެ ރައީސުންނާއި ވަޒީރުންނާއި މަޖްލިސް މެންބަރުންނާއި ހަމައިން ފެށިގެން އާންމު ރައްޔިތުންނާއި ދެމެދުގެ އެންމެންނަށް ޢަދުލުވެރި ހަމަހަމަ ނިޒާމެއްގެ ހިމާޔަތް ލިބިފައިވޭތޯ ކުރާސުވާލަށް ދެވެން އޮތީ ނާއުންމީދީ ޖަވާބެއްކަމަށްވާނަމަ ތަރައްޤީއާއި ދިމަޔަށް އަޅުގަނޑުމެންނަށް ދަތުރުކުރެވެމުންނެއް ނުދެއެވެ. އިޤްތިސާދީ ގޮތުން ވަކި ބައެއްގެ ވިއަފާރިތައް "ފުނޑާލުމުގެ" ވިސްނުމުގައި ދައުލަތުން މަސައްކަތްކުރަމުންދާއިރު އަނެއް ބަޔަކު އިގްތިސާދީ ގޮތުން އެއްވެސް އުފެއްދުންތެރި މަސައްކަތެއް ނުކޮށް މަހުޖަނުންނަށް ވުމުގެ މަގުފަހިވެފައިވާޖަމާއަތަކީ ތަރައްގީގެ ހަވާސާއިން ބޭރުވެފައިވާ ޖަމާޢަތެކެވެ.

ކުރެވެމުންދާ އިންވެސްޓްމަންޓްތައް ކުރުމުގައި ގައުމީ ތަރައްގީގެ އިސްފަސްކަމަށް ބެލުމެއްނެތި ވަކިކަހަލަ މަޝްރޫޢުތަކެއް ބާޒާރުގެ އަގުގެ އެތައްގުނައެއް ބޮޑުކޮށް "ސިއާސީ ގޮތުން ލިޔެލެވޭ ޖުމްލައެއްގެ" ގޮތުގައި ކުރަމުން ދާނަމަ އެގައުމަށް އެދެވެނީ ތަރައްޤީއާއި ދިމާލަކަށްނޫނެވެ. ގައުމަށް އާމްދަނީ ލިބޭނެ މަގުތައް ފުޅާނުކުރެވި އަދި އިޤްތިސާދީ މައިބަދާގައިހުރި ހަކަތައަށް ބެލުމެއްނެތި ނަގާލޯނުތަކުން ހަމައެކަނި "ވަކިކަހަލަ" އުމްރާނީ ތަރައްގީގެ މަސައްކަތްތަކެއް ކުރަމުންދިއުމަށް ތަރައްގީއެކޭ ނުކިއޭނެއެވެ. އެނގިވަޑައިގަންނަވާނެފަދައިން ތަރައްގީގެ ވަރަށް ގިނަ އަމާޒުތަކެއްވެއެވެ. ތަރައްޤީއަކީ ވަށާޖެހިފައިވާ ވިސްނުމެކެވެ. އަދި ހާއްސަކޮށް ދެމެހެއްޓެނިވި ތަރައްޤީ ހާސިލުކުރުމުގައި އެންމެބޮޑަށް ގައުމުތަކުން އިސްކަންދޭންޖެހެނީ ދެމެހެއްޓެނިވި އިގްތިސާދީ ތަރައްޤީއަށެވެ.

އިގްތިސާދީ ތަރައްޤީ

ޤައުމީ ތަރައްގީގެ އެންމެ މުހިންމު ނާރެހަކީ އެގައުމެއްގެ އިގްތިސާދީ ތަރައްގީއެވެ. އިގްތިސާދީ ތަރައްގީގެ މައިގަނޑު އަމާޒުތަކަކީ ގައުމީ އުފެއްދުންތެރިކަން ދެމެހެއްޓެނިވި ގޮތުގައި މަތިކުރުމެވެ. ކޮންމެ ގައުމެއްް ނަމަވެސް އެގައުމެއްގެ ގައުމީ އުފެއްދުންތެރިކަން ދެމެހެއްޓެނިވި ގޮތުގައި މަތިކުރުމައްޓަކާ ކުރަންޖެހޭ އެންމެ މުހިންމު ދެކަމަކީ ފަރުދީ އުފެއްދުންތެރިކަން މަތިކުރުމާއި، އިގްތިސާދުގެ ބޭސް ފުޅާކޮށް ގައުމުން ބޭރުކުރެވޭ މުދަލާއި ޚިދުމަތުގެ މިންވަރު މަތިކުރުމާއި ތަފާތު މުދާ އުފެއްދުން އިތުރުކުރުމަށް އިސްކަން ދިނުމެވެ. މި ވިސްނުމުން ވިސްނާއިރު ޤައުމަށް ތަރައްޤީ އާދޭތޯ ވަޒަންކުރުމަށްޓަކާ އުފައްދަންޖެހޭ މައިގަނޑު 2 ސުވާލެއް އެބައޮތެވެ. އެއީ، ފަރުދީ އުފެއްދުންތެރިކަން މަތިކުރުމަށްޓަކާ މީހުންގެ ހުނަރާ ޤާބިލިކަން މަތިކުރުމަށް މަސައްކަތް ކުރެވެމުންދޭތޯ އުދެދޭ ސުވާލާއި، ގައުމުން ބޭރުކުރެވޭ މުދަލުގެ ބާވަތްތަކާއި އަދަދު މަތި ކުރެވިއްޖެތޯ އުފެދޭ ސުވާލެވެ.

މިސުވާލަށް ޖަވާބުދިނުމައްޓަކާ ލިބެން ހުރި ތަފާސް ހިސާބަށް ބަލާއިރު ޤައުމުގެ އުފެއްދުންތެރިކަން މަތިކުރުމަށް ވަކިހާއްސަ ސިޔާސަތުތަކެއްގެދަށުން ކުރެވޭ މަސައްކަތްތަކެއް ފާހަގަ ކުރެވޭކަށް ނެތެވެ. އަދި ފެންނަން އޮތީ ރާއްޖެއިން ބޭރުކުރެވޭ މުދާލާއި ޚިދުމަތުގެ މިންވަރު މަތި ނުކުރެވޭއިރު ޓްއަރިޒަމް އިންޑަސްޓްރީގައި ވިއްކާ ހިދުމަތުގެ އަގު ދަށްވަމުންދާމަންޒަރެވެ. ރާއްޖެއިން ބޭރުކުރެވޭ މުދަލުގެ މިންވަރުވެސް ވޭތުވެދިއަ ފަސް އަހަރުވެސް ބައެއް އަހަރަށް ހިފެހެއްޓިފައި ހުރި އިރު ބައެއް އަހަރަށް ދަށްވެފައި ހުރި މަންޒަރެވެ. މިސާލަކަށް 2017 ވަނަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއިން ބޭރުކުރެވުނު މުދަލުގެ އަގަށްވުރެ 2018 ވަނަ އަހަރުގެ ޖެނުއަރީމަހު ރާއްޖެއިން ބޭރުކުރެވުނު މުދަލުގެ އަގު 31 އިންސައްތަ ދަށްވެފައިވެއެވެ. މިއީ ގަތްގަނޑަކަށް ތިން ބައިކުޅަ އެއްބައިގެ ދަށްވުމަކަށްވީއިރު މިއީ ކަންބޮޑުވާ ވަރުގެ ދަށްވުމެކެވެ.

މިހަގީގަތުގެ މަތީގައި ސަރަހައްދީ އަދި ދުނިޔޭގެ އިގްތިސާދައްބަލާއިރު އޭގެ ކުރިން ދިޔަ ފަސް އަހަރަށްވުރެ އިގްތިސާދީގޮތުން ކުރިއެރުން ހޯދަމުންދާކަން ފާހަގަ ކުރެވެއެވެ. މާނައަކީ، އިޤްތިސާދީ އުފެއްދުންތެރިކަން މަތިކުރެވި ފަރުދުންނަށާއި ޤައުމަށް ލިބޭ އާމްދަނީ އިތުރުކުރެވެމުންދާ މިންވަރު އެއީ ގައުމުގެ ވެރިންގެ ތަރައްޤީގެ ސިޔާސަތުގެ ސާބިތުކަން ދެނެގަނެވޭނެ އެންމެ ސާބިތު އެއްމިންގަނޑުކަމަށްވިއަސް، މިގޮތުން ބަލާއިރު ފަހަގަކުރެވޭ އެއްވެސް ކުރިއެރުމެއް ވޭތުވެދިއަ ފަސް އަހަރުތެރޭގައި ރާއްޖެއަށް ހޯދިފައިވާކަން އިގްތިސާދު ވަޒަންކުރާ އެއްވެސް މިންގަނޑަކުން ފެންނާކަށްނެތެވެ.

އައު ވަޒީފާތައް އުފައްދާ އިގްތިސާދީ ކުރިއެެރުން އަވަސްކޮށް އިޤްތިސާދީ ތަރައްޤީ ޤައުމުތަކަށް ގެނައުމުގައި ޤައުމުތަކުން އެންމެ ބޮޑަށް އިންވެސްޓްކުރާތަން ފެންނަނީ ޓެކްނޮލޮޖީގެ ދާއިރާއަށެވެ. އެހެނީ ޓެކްނޮލޮޖީގެ އެހީގައި ހަރަދު ކުޑަކޮށް އުފެއްދުންތެރިކަން މަތިކޮށް ގައުމުގެ އެތެރެއަށް ވަންނަ ފައިސާގެމިންވަރު އިތުރު ކުރުމުގައި ޓެކްނޮލޮޖީއަށް އިންވެސްޓް ކުރުމަކީ ދުރުމުސަތަގްބަލުގައި އޭގެ ހެޔޮނަތީޖާ ފެންނާނެ ކަމެކެވެ. އެހެންނަމަވެސް މިގޮތުން އެކަށައެޅިފައިވާ ހާއްސަ ސިޔާސަތުތަކެއްގެ ތެރެއިން ކުރެވޭ ނަތީޖާ ހެޔޮ މަސައްކަތެއް ފެންނާން ނެތް އިރު ފާހަގަކުރެވެނީ ސިމެންތިއާ ހިލަވެއްޔަށް އިންވެސްޓްކުރެވެމުންދާމަންޒަރެވެ.

އިގްތިސާދީ ތަރައްގީގައި ގައުމުތަކުން ގެންގުޅޭ މައިގަނޑުއަނެއް ވިސްނުމަކީ އެހެން ގައުމުތަކަށް، ހާސަކޮށް ވަކި އެކަނި ގައުމަކަށް މާބޮޑަށް ބަރޯސާނުވެ ގައުމުގެ އިގްތިސާދު ކުރިއަށްގެންދެވޭނެ މަގުތަކެއް ބަވަނަވެފައިވާ ދުނިޔޭގައި ހޯދުމެވެ. މިއީ އޭގެ ޒާތުގައިވެސް ގޮންޖެހުމެކެވެ. އެހެންނަމަވެސް ވޭތުވެދިއަ ތަނުގައި ދިވެހި ރާއްޖެ ދުވަހަކުވެސް ނުދަރާވަރަށް، އަދި ހާއްސަކޮށް ވަކި ގައުމަކަށް ނުދަރާވަރަށް މިއަދު ދިވެހި ރާއްޖެ ދަރާފައިވާކަންމިއީ، ރާއްޖޭގެ ކުރިމަގާމެދު ވިސްނާއިރު ބިރުވެރިކަން ހިތައްވެރިވާފަދަ ބޮޑުމައްސަލައެކެވެ. މިއަދު އަޅުގަނޑުމެންނަށް ގޭދޮރުމަތިން ފެންނަ ބަށިކޯޓާ ފްޓްސަލްދަނޑު އެއީ ތަރައްގީކަމަށް ހިތައް ފެނުނު ނަމަވެސް ތަަރައްގީގެ ތަރަހަޔަކީ މާފުޅާ ވިސްނުމެއްކަން އަޅުގަނޑުމެން ހެޔޮހިތުން ވަޒަން ކުރަން ޖެހެއެވެ.

ރާއްޖޭގެ އެތެރެއާއި ބޭރުގެ ދަރަނިކުޑަކޮށް ބޭރު ފައިސާގެ ރިޒާވް އިތުރުކުރުކޮށް ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިވާނެ އިގްތިސާދީ ސިޔާސަތުތަކެއް ތަންފީޒުވަމުންދާމަންޒަރު އަޅުގަނޑުމެންނަށް ފެންނާކަށް ނެތެވެ. މިހާރު ރާއްޖޭގައި ދަރަނީގެ ފައިސާއިން ހިންގަމުންދާ ބޮޑަތި ބައެއް މަޝްރޫޢުގެ ސަބަބުން މިވަގުތައް ރާއްޖޭގެ އިގްތިސާދު ފުޅާވަމުން ދާކަމަށް ބައެއް އިގްތިސާދީ މިންގަނޑުތަކުން ދެއްކިނަމަވެސް ހަގީގީ އިގްތިސާދީ ވިސްނުމަކުންވިސްނާއިރު، ރާއްޖޭގެ ޓްރޭޑް ޑެފިޒިޓް މަތިވުމާ އަދި ބޭރުގެ ދަރަނި ބޮޑުވުމުގެ ސަބަބުން މުސްތަގްބަލުގައި އިގްތިސާދީ ގިނަ މައްސަލަތަކަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތުބޮޑެވެ.

ހާއްސަގޮތެއްގައި ރާއްޖޭގެ ތާރީހުގައިވެސް ނުނަގާފަދަ ގިނަ އަދަދެއްގެ ބޮޑަތި ލޯނުތަކެއް ނަގައިގެން ހިންގަމުންދާ މަޝްރޫއުތަކުގެ މަސައްކަތް ރާވާފައިވާގޮތުން ނަގާފައިވާ ލޯނުފައިސާގެ ތެރެއިން ކުޑަމިންވަރެއްވެސް ރާއްޖޭގެ ލޯކަލް އިގްތިސާދުގެ ތެރޭގައި ބުރުޖަހަމުން ނުދާކަން އެއީ ކަންބޮޑުވުމާއެކު ފާހަގަކުރަން ޖެހޭކަމެކެވެ. އަދި މިއީ މިއަދުގެ ސަރުކާރުގެ އިގްތިސާދި ތަސައްވަރާއީ ވިސްނުމާއި ސިޔާސަތުގެ އަނަރޫފަކަން ގަބޫލުކުރަންޖެހޭ މައިގައިގަނޑު އެއްސަބަބެވެ. ޤައުމުގެ ގައުމީ އުފެއްދުންތެރިކަމާ ނުބައްދަލު އެތައް ބިލިއަން ލޯނެއްގެ މަޝްރުޢުތައް ޤައުމުގައި ހިންގެމުންދާއިރު އެކަން މެދުފަންތި އާއި އަދި ކުދި ވިޔަފާރިތަކަށް އިހްސާސް ނުކުރެވޭކަން އެއީ އަޅުގަނޑު މިދެންނެވި ނުކުތާގެ ސާބިތު ހެއްކެކެވެ.

ޢުމްރާނީ ތަރައްގީ

ޢުމްރާނީ ތަރައްގީއަކީ ޖުމްލަ ތަރައްގީގެތެރޭގައި ހިމެނެންޖެހޭ އެތައް ބައިތަކެއްގެ ލިސްޓް ލިޔާ އިރު ލިސްޓްގެ ތިރިން ފާހަގަ ކުރެވޭ ޖުމްލަ ތަރައްގީއަށް އެހީތެރިވެދޭ އެއް ބަހާއެވެ. މިއަދު ރާއްޖޭގައި ކަންހިނގާގޮތައް ބަލާއިރު ތަރައްގީއަކީ ހަމައެކަނި އުމްރާނީ ތަރައްގީ ނުވަތަ ސިމެންތިއާ ހިލަވެލީގެ ތަރައްގީކަމަށް ގަބޫލުކުރެވޭކަމަށް ފާހަގަވުން އެއީ އަޅުގަނޑު މި ދިރާސާ ކަރުދާސް ލިޔެލަން ބޭނުންވި އެންމެ މުހިންމު އެއް ސަބަބުވެސް މެއެވެ. އެންމެހާ ބޭފުޅުންވެސް ގަބޫލު ކުރާނެފަދައިން ގައުމުތަކަށް ތަރައްގީ ގެނެވޭ ވަސީލަތަކީ ހިލަޔާ ހިލަވެލިކަމަށްވާނަމަ މިސްރަކީ މީގެ 4500 އަހަރުކުރިންވެސް ތަރައްޤިވެފަިއވާ ގައުމަކަށްވާނެއެވެ.

މިސްރުގައި ހިލަޔާ ހިލަވެލިން ބިނާކުރެވިފައިވާ އަހްރާމުތައް ގިނަވެފައި، އުސްވެފަ އެހާމެގިނައެވެ. ނަމަވެސް މިސްރުގެ ހަގީގަތުން އަޅުގަނޑުމެންނަށް ގަބޫލުކުރަންޖެހެނީ، ތަރައްގީއަކީ ހިލަޔާ ހިލަވެލިން ގެނެވޭ އެއްޗެއް ނޫންކަމެވެ. ތަރައްގީއަކީ ޤައުމަކަށްގެނެވޭ ވަށާޖެހިފައިވާ އިސްލާހީ ވިސްނުމެކެވެ. އެއީ އަދުލުވެރިކަމުގެ ބިންގަލުގެމަތީގައި ދުޅަހެޔޮ ޖަމާޢަތެއް ބިނާކޮށް ދެމެހެއްޓެނިވި އިގްތިސާދީ ކުރިއެރުން ލިބޭނެމަގުން ގައުމަށް ގެނެވޭ އިސްލާހީ ބަދަލުތަކަށްކިޔާ ޖުމްލަ ނަމެކެވެ.

ގައުމަށް ބޭރުފައިސާ އެތެރެކުރެވޭނެ މަގުތައް އިތުރުނުކޮށް ސިމެންތިން ބިނާކުރެވޭ 25 ބުރީގެ އިމާރާތައް ޑޮލަރުން މުސާރަދީފަ ޚިދުމަތްދޭނެ މީހުން ރާއްޖޭން ބޭރުން ގެނައުމަކީ ދެމެހެއްޓެނިވި ތަރައްގީއަށްކޮށޭމަގެއްނޫނެވެ. ރާއްޖޭގެ މިއަދުގެ ޓްއަރިޒަމް އިންޑަސްޓްރީގެ ޕާފޯމަންސްއަށް ބަލާއިރު ރާއްޖޭގެ އެއާޕޯޓުން ޙިދުމަތް ނުދެވިގެން ރާއްޖެ އައުމަށް ބުކިންހެދި އެއްވެސް މެހުމާނަކު ބުކިން ކެންސަލްކުރިކަން އެންގެން ނެތްއިރު، މީގެ 20 އަހަރު ފަހުން ޚިދުމަތްދޭނެ އެއާޕޯޓެއް މިއަދު ލިބެންހުރި ޓެކްނޮލޮޖީ، އާދެ 20 ވަނަ ގަރުނުގެ ޓެކްނޮލޮޖީގެމަތީގައި ބާޒާރުގެ އަގުތަކަށްވުރެ ބޮޑުއަގެއް ހޭދަކޮށްގެން ބިނާކުރުމަކީ ތަރައްޤީއެއްނޫނެވެ.

ހާއްސަގޮތެއްގައި ރާއްޖޭގެ އެތެރޭގެ ހާލަތު އިސްލާހުނުވެ، އަދުލުވެރި ޖަމާޢަތެއް އޮތް ގައުމަކަށް ރާއްޖެ ނުހެދި ދިގުދެމިގެންދާނަމަ މިހާރު ހުރި އެއާޕޯޓްގެ ފުލްކެޕޭސީޓީވެސް ބޭނުން ނުކުރެވޭނެހާލަތަކަށް ނުދާނެތޯ މިއަދު ވިސްނަން ޖެހޭ ސަބަބުތައް ދުނިޔޭގެ ހުރިހާ ފަރާތަކުން ފެންނަން އެބަހުއްޓެވެ. ހާއްސާކޮށް، ބޭރުދުނިޔެއިން ނަގާ ލޯނުތަކުން ހަމައެކަނި އިމާތާތްތަކެއް ކުރަމުންދިއުން އެއީ ދުނިޔޭގެ ތަޖްރިބާއަށް ބަލާއިރު ބިރުގަންނަންޖެހޭވަރުގެ ކަމެކެވެ.

ސާލަކަށް މުޅި ދުނިޔޭގަވެސް ތެލުގެ އެންމެ ބޮޑު ރިޒާވެއްއޮތް މުއްސަނދި ވެނެޒުއެލާފަދަ ގައުމުތަކުގެ ތަޖްރިބާއަށް ވިސްނާލަމާ ހިންގަވާށެވެ. ވެނެޒުއެލާއިން 1999 ވަނައަހަރުން ފެށިގެން ސަރަހައްދީ އިޤްތިސާދީ ބާރުތަކާއެކު އޮތް ގުޅުން ކަނޑާލުމަށްފަހު ޗައިނާއާއި ގުޅުން ބަދަހިކުރިއެވެ. އެއަށްފަހު ޗައިނާއާއި ރަޝިއާއިން ދިން އެތައް ބިލިއަން ޑޮލަރެއްގެ ލޯނު ފައިސާއިން ބޮޑަތި ޢުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގިއެވެ. އަދި އެގޮތުން ހިންގުނު ހުރިހާ މަޝްރޫއެއްގެ ތެރެއިންވެސް ކޮރަޕްޝަނުގެ ތެރެއިން ސަރުކާރުގެ އޮފިޝަލުންގެ ޖީބުތައްބޮޑުކުރަމުންދިއައެވެ.

ރާއްޖޭގެ ތަރައްޤީގެ ސިއާސަތުތަކާވަރަށް އެއްގޮތް ވެނެޒުއެލާގެ ތަރައްޤީގެ ސިޔާސަތުތަކުގެ ސަބަބުން އެގައުމު ވެއްޓިފައިވާ ހާލަތު އެންމެ ފަސޭހައިން ހިތައް ސިފަކޮށްލުމަށް ވެނެޒުއެލާގެ ފައިސާގެ އަގަށް އައި ބަދަލަށް ވިސްނަވާށެވެ. މީގޭ 8 އަހަރު ކުރިން 1 އެމެރިކާ ޑޮލަރަކީ ވެނެޒުއެލާގެ ފައިސާގެ 8 ބޮލޮވާސްއެވެ. ނަމަވެސް އޭގެ އެންމެ އަށް އަހަރު ފަހުން މިއަދު 1 އެމެރިކާ ޑޮލަރަކީ ގާތްގަނޑަކަށް 8000 ބޮލިވާސްއެވެ. ދެން ގައުމު އޮންނާނެ ހާލަތު ހިތައް ސިފަކުރައްވާށެވެ. މިހާލަތައް ވެނެޒުއޭލާ ވެއްޓިގެންދިއުމުގެ ސަބަބުތައް ވަރަށްގިނައެވެ. ނަމަވެސް އެންމެ މައިގަނޑު ދެ ސަބަބަކަށްވީ ގައުމުގެ އިގްތިސާދަށް ނުކަތާވަރުގެ ލޯނުތައް ނެގުމާއި އެ ލޯނުތަކުގެ ބޮޑުބައެއް ކޮރަޕްޝަނުގެ ތެރެއިން ގެއްލިގެންދިއައިރު އިގުތިސާދު ހަރުދަނާ ނުވެ ރައްޔިތުން ގައުމުގެ މުސްތަގްބަލާމެދު އުންމީދު ގެއްލިފައިވަނިކޮށް ގައުމަށް ލިބެމުންދާ މަދު އާމްދަނީކޮޅުން ނެގި ބޮޑަތި ލޯނުތަކަށް ފައިސާ ދައްކަންފަށަން ޖެހުމެެވެ. މިއީ ބިރުވެރިކަމާއެކު އަޅުގަނޑުމެން މިއަދު ވިސްނަންޖެހޭކަމެކެވެ.

ނިންމުން

މަތީގައި ބަޔާންކުރެވިދިޔަ ތަފާތު ސަބަބުތަކަށްޓަކާ ތަރައްގީގެގޮތުގައި ދިވެހި ރާއްޖޭގައި މިއަދު ސިފަކުރެވެމުންދަނީ ތަރައްގީކަމަށް ދެންނެވޭކަށްނެތެވެ. އަދި ތަރައްޤީގެގޮތުގައި ފެންނަންހުރީވެސް އެއްވެސް މިންގަނޑަކުންބަލާއިރު ތަރައްޤީކަމަށް ސިފަކުރެވޭކަށްނެތެވެ. މިއަދު ރާއްޖޭގައި ކަންހިނގާގޮތައްބަލާއިރު ތަރައްގީއަކީ ހަމައެކަނި އުމްރާނީ ތަރައްގީ ނުވަތަ ސިމެންތިއާ ހިލަވެލީގެ ތަރައްގީކަމަށް ގަބޫލުކުރެވޭކަންއެއީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ޤަބޫލުފުޅު ކުރަށްވާށެވެ. ތަރައްޤީގެ އަމާޒަކީ ކޮރަޕްޝަނާ ފަސާދަ އާއި ވަކިން ޢަދުލުވެރި އަދި ދުޅަހެޔޮ މުޖްތަމަޢެއް ބިނާކުރުމެވެ. މިކަން އަދުގެ ސަރުކާރަށް ކާމިޔާބުކުރެވެމުންދާތަން މުޖްތަމަޢުން ފެންނާން ނެތުން އެއީ މިއަދުގެ ސަރުކާރުގައި ތަރައްޤީގެ ތަސައްވަރެއް ނެއްކަމާ ސިއާސަތުތަކުގެ ދޯހަޅިކަން ހަމަވާ ހަގީގަތްތަކެވެ.
ހިޔާލު

އަހަންމާބެ

ނޫސްވެރިންނަކީ މިކަހަލަ ޔޯލަކޮށް ރިޕޯޓު ގެނެސްދޭ ބަޔަކަށްވެއްޖެނަމަ، ނޫސްވެރިކަމުގެ ފޭރާން އޮންނާނި ވީދި ހަލާކުވެފަ، ތިމާމެންނަކީ އިޤްތިޞާދު ދަންނަ ބަޔަކަށް ނުވެތިބެ މިފަދަ ވާހަކަތައް ލިޔާއިރު ފެކްޓް ބޭސްޑްކޮށް ނޫނީ ތަންދޮރު ދަންނަ މީހުންނެއް ނުލިޔާނެ، މިލިއުމަށްބަލާއިރު އެއްވެސް ވަރަކަށް މިފަންނުގެ އޮއްޓަރެއް ނުފެނުނު، ފެނުނުހާވެސް ކަމަކީ ފިތުނަ އުފައްދައި ރައްޔިތުންނަށް ނުބައި ތަޞައްވަރެއް ދޭން މަސައްކަތް ކޮށްފައިވާތަން، މިވަރުވީމާ މިފަދަ ނޫސްތަކާދޭތެރޭ ފިޔަވަޅު އަޅައި ހުއްޓުވާލަން އެބަޖެހޭ.

މޯލްދިވިޔަން

ކީއްކުރާނީ.ިނއާޓިކްލް ނިމެންދެން ނުކިޔާނެ މަދު ބަޔަކު ނޫނީ.ހާދަ ސަޅި އާރޓިކްލް އެކޭ

ހަސަން

ވޭތުވެ ދިޔަ 50 އަހަރު ތެރޭގައި އެކި ދައުރުގަ ރާއްޖެ ދެކެފައިވާ ތަރައްޤީ މިނެ ކިރާލެވޭނެ ގޮތަކަށް ދިރާސާކޮށްފައި ރިޕޯޓްތައް ތައްޔާރު ކުރާނަމަ ވަކިކޮޅަކަށް ނުޖެހި ހުރެ ކިޔާ މީހަކަށް ގޮތެއް ކަނޑައަޅަން ފަސޭހަ ވާނެ. ހަމަ އެކަނި އެއްކޮޅަށް ޖެހި ހުސްވެފައިވާ ނޫހަކުން ލިޔުންތެރިޔާއަށް ފެންނަ އެއްޗަކަށް ބިނާކޮށް ލިޔާ ލިއުމަކީ އޮށްޓަރެއް ހުރި ލިއުމަކަށް ނުވާނެ. ފެކްޓްސް އެންޑް ފައިންޑިންސް ތިމާ ހިތު ހުުރިގޮތަކަށް ގެންސްދިނުމަކީ ލިޔުންތެރިޔާގެ ވިސްނުން ވަރަށް ރަގަޅަށް އެނގިގެން ދާ ކަންކަން.
3އަހަރު ދުވަހުގެ ވެރިކަން ކުރައްވާފަ އިތުރަށް ކެތް ނުވެގެން އިސްތިއުފާ ދެއްވި ރައީސްގެ 3 އަހަރު އުޞޫލެއް ނެތި ދޫކުރި 400 ފަޅުރަށާއި، ނުއަގުގަ ވިއްކާލި އެއަރޕޯޓާއި، އެމަނިކުފާނުގެ ސަރުކާރުގެ 3 އަހަރު ދަރަނި ކުރުވި 29 ހާސް މިލިއަން ރުފިޔާ އަކީ ތަރައްޤީ ނަމަ 7 ފަރާތް ހާމަކުރާގޮތަށް ރިޕޯޓެއް ތައްޔާރު ކުރައްވާ ނެރެލައްވަން ކެރޭނެތޯ؟؟

މޮހަނު

މިވެސް ދެން ނޫސްވެރިކަން. ބޯހަލާކު.

ޙަސަނު

ރާއްހޭގެ އެކި ހިސާބުތަކުގަ ފެނވަރު ރަގަޅު 25 ހޮސްޕިޓާ އެޅިނަމަ މާ ސަޅިވާނެ

ލަދު

ޤާނޫނު އަސާސީ ފުޑާލާ ތިމާ ހިތުހުރި ގޮތަކަށް އަމަލު ކުރާތަނެއް މިފެންނަނީ !