Ranbir Ge Ufan Dhuvahuge Emme Salhi Hadhiyaaeh Dhinee Messi
image
ރަންބީރާއި މެސީ--
0 ކޮމެންޓް
 

ރަންބީރު އުފަންދުވަހުގެ އެންމެ ސަޅި ހަދިޔާއެއް ދިނީ މެސީ

ބޮލީވުޑުގެ މަޝްހޫރު ބަތަލު ރަންބީރު ކަޕޫރުގެ 36 ވަނަ އުފަން ދުވަސް މިމަހުގެ 28 ފާހަގަކޮށްފައިވާއިރު އޭނާގެ އުފަން ދުވަހާއި ގުޅިގެން އޭނާއަށް ލިބުނު އެންމެ ސަޅި ހަދިޔާއަކީ ބާސެލޯނާގެ ލިއޮނަލް މެސީގެ ފަރާތުން ލިބުނު ވަރަށް ހާއްސަ ހަދިޔާއެކެވެ.
ފުޓްބޯޅައަށް ވަރަށް ބޮޑަށް ހިތްޖެހިފައިވާ ރަންބީރަކީ މުޅި ބޮލީވުޑުގައި ވެސް ހުރި މެސީގެ އެންމެ ބޮޑު އެއް ސަޕޯޓަރެވެ. ފިލްމީ ދާއިރާގައި މަސައްކަތް ނުކުރާނަމަ ދެން ފެނިގެންދާނީ ފުޓުބޯޅަ ދަނޑަކުންކަމަށް މީގެކުރިން ދިން އިންޓަވިއުއެއްގައި ރަންބީރު ބުނެފައިވާއިރު އޭނާގެ އުފަން ދުވަހާއި ގުޅިގެން ބާސެލޯނާ ފުޓްބޯޅަ ކްލަބްގެ ފަރާތުން އޭނާއަށް ހަދިޔާކޮށްފައިވަނީ އޭނާ އެންމެ ގަޔާވާ ކުޅުންތެރިޔާ، މެސީ ސޮއިކޮށްފައިވާ ޖޯޒީއެކެވެ.

އެކަމާއި ގުޅިގެން އުފަލުން ފޮޅިފައިހުރި ރަންބީރު ބާސެލޯނާ ފުޓްބޯޅަ ކްލަބުން އޭނާއަށް ހަދިޔާކުރި ޖޯޒީ ލައިގެން ފޮޓޯއެއް ނަގާފައިވާއިރު އެފޮޓޯ ފިލްމުފެއާގެ އޮފިޝަލް އިންސްޓަގްރާމު މެދުވެރިކޮށް ވަނީ ހިއްސާކޮށްފައެވެ.
ބޮލީވުޑުގެ ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ ރަންބީރު، ފުޓްބޯޅައަށް ޖެހިފައިވާ ބޮޑު ލޯތްބެއްގެ ސަބަބުން ކިތަންމެ ބިޒީކޮށް އުޅުންނަމަވެސް ލިބޭ ހުސްވަގުތުތަކުގައި އޭނާގެ ރައްޓެހިންނާއެކު ފުޓްބޯޅަ ކުޅެންގޮސް ހަދައެވެ. އަދި ތަފާތު އެކި ފުޓްބޯޅަ މެޗުތައް ބެލުމަށް ސްޓޭޑިއަމްތަކަށް ގޮސްހަދައެވެ.

ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމު ފަސް ފަހަރެއްގެ މަތިން ހޯދާފައިވާ ބާސެލޯނާ އާއި އާޖެންޓީނާގެ ފޯވަޑް މެސީއާ ބައްދަލުކުރުމުގެ ފުރުސަތު 2011 ވަނަ އަހަރުގެ ތެރޭގައި ބާސެލޯނާ ފުޓްބޯޅަ ކްލަބު ދީފައިވެއެވެ. އެގޮތުން އެފަހަރު މެސީ އާ ބައްދަލުކޮށް އޭނާއާ ވާހަކަދައްކާލުމުގެ ފުރުސަތު ރަންބީރަށް ލިބިފައިވާއިރު މެސީ ވަނީ ރަންބީރަށް އޮޓޯގްރާފް ވެސް ދީފައެވެ.

-ރަންބީރު މެސީއާ ބައްދަލުކޮށް ނަގާފައިވާ ފޮޓޯއެއް--

އުފަން ދުވަސް ފާހަގަކުރުމަށް މިއަހަރި ބޮޑު ޕާޓީއެއް ރަންބީރު ބާއްވާފައިނުވިނަމަވެސް އޭނާ ވަނީ އޭނާގެ މަންމަ އާއު ލޯބިވެރިޔާ އާލިއާ ބަޓް އަދި އާލިއާގެ މަންމަގެ އިތުރުން އޭނާގެ ބައެއް ގާތް ރައްޓެހިންނާއެކު އެކަމުގެ އުފާ ފާޅުކޮށްފައެވެ. އަދި އާލިއާ ރަންބީރުގެ އުފަން ދުވަހު ކޭކެއް އެޅުމުގެ މަސައްކަތްކުރަނިކޮށް ނަގާފައިވާ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވެއެވެ.

--އާލިއާ ރަންބީރަށް ކޭކެއް ތައްޔާރުކުރަނީ

ސަންޖޭ ދަތުގެ ހަޔާތަށް ނެރުނު ފިލްމު "ސަންޖޫ" އިން އެންމެ ފަހުން ފެނިފައިވާ ރަންބީރު ލީޑުން ފެނިގެންދިޔަ އެފިލްމަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިގެންގޮސްފައެވެ. އަދި މިހާރު އޭނާ އަންނަނީ ލޯބިވެރިޔާ އާލިއާއާއެކު އޭނާ ފެނިގެންދާ ފުރަތަމަ ފިލްމު "ބްރަހަމަސްތްރާ"ގެ މަސައްކަތް ކުރަމުންނެވެ.
ހިޔާލު