Afraasheemge Marah 6 Aharu: Aa Sarukaaraa Eku Insaafah Ailaa'in Kuraa Ummeedhu Bodu
image
އަފްރާޝީމް އަލީ---
3 ކޮމެންޓް
 

އަފްރާޝީމްގެ މަރަށް ހަ އަހަރު: އާ ސަރުކާރާއެކު އިންސާފަށް އާއިލާ ކުރާ އުންމީދު ބޮޑު

2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހުގެ އިރު ފެނުން ތޮޅިލީ ބަޔަކު ދިން ރަހުމުކުޑަ ހަމަލާއެއްގައި މުޅި ގައުމަށް ބިރުވެރިކަމާއި ނާމާންކަން ވެރި ކުރުވަމުންނެވެ. ރަހުމު ކުޑަ ހަމަލާތަކާއެކު އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލިތާ މިއަދަށް ހަ އަހަރު ފުރުނީއެވެ.
ޑރ.އަފްރާޝީމް އަވަހާރަކޮށްލި މައްސަލައާއި ގުޅިގެން 11 މީހަކު ހައްޔަރުކޮށްފައިވެއެވެ. އޭގެ އިތުރުން އުމުރުން 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކު ވެސް ހިމެނެއެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި އިދިކޮޅު އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ވެސް ހިމެނުނެވެ. ނަމަވެސް ފަހުން އެމީހުން ދޫކޮށްލީއެވެ.

ހައްޔަރު ކުރި މީހުންގެ ތެރެއިން ދައުވާ ކުރަން ފޮނުވާފައިވަނީ ހަ މީހަކާއި ކުޑަ ކުއްޖެއްގެ މައްޗަށެވެ. އޭގެތެރެއިން ދައުވާ އުފުލާފައިވަނީ ދެ މީހަކާއި ކުޑަ ކުއްޖާގެ މައްޗަށެވެ. ދައުވާ އުފުލާފައިވާ ހ.ލޮބީ ހުސައިން ހުމާމް މަރަން ދަށު ކޯޓުން އިއްވި ހުކުމަށް ހައިކޯޓާއި ސްޕްރީމް ކޯޓުން ވެސް ތާއީދުކޮށްފައިވާ އިރު އެ މައްސަލާގައި ދެން ދައުވާ އުފުލި ހ.ހިކޯސްޓު އަލީ ޝާންގެ މައްޗަށް އެ މައްސަލަ ސާބިތު ނުވާ ކަމަށް، 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ވަނީ ހުކުމްކޮށްފައެވެ.

ފުލުހުން އޭރު ތުހުމަތު ކުރި ގޮތުގައި ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ހުމާމާއި ޝާން ބައިވެރިވި ނަމަވެސް އެކަމުގެ އަޑީގައި އެހެން ބަޔަކު ތިއްބެވެ. އެކަމަށް ހަތަރު މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އަފްރާޝީމް އަވަހާރަކޮށްލަން ފަންޑު ކުރިކަމުގެ ތުހުމަތު ވެސް ހައްޔަރު ކުރި މީހުންގެ ތެރެއިން ބައެއް މީހުންގެ މައްޗަށް ކޮށްފައިވެއެވެ. ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި ހުމާމާއި، އަލީ ޝާންގެ އިތުރުން ދެން ހައްޔަރުކޮށްފައިވަނީ ކ.މާލެ، ހ. ހިލްޓަން، އަޒުލީފް ރައޫފް (28އ) އާއި ކ.މާލެ، މ.ޖަރީމާގެ އަބްދުﷲ ޖާވިދު (36އ) އާއި ކ.މާލެ، މ.ޖަރީމާގެ، ޝާހިން މުހައްމަދު (38އ) އަދި ލ. ގަން. ތުނޑި، ނޫއަލި، އާދަމް ޞަލާހު (33އ) އެވެ.

އެ ހަތަރު މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ވެސް ފޮނުވާފައިވެއެވެ. ނަމަވެސް ދައުވާ އުފުލާފައެއް ނުވެއެވެ.

އަފްރާޝީމް އަވަހާރަކޮށްލިތާ ހަ އަހަރު ފުރުނު އިރު އެ މައްސަލާގައި ކުށްވެރިވީ ހުމާމް އެކަންޏެވެ. އަފްރާޝީމް އަވަހާރަކޮށްލަން ފަނޑު ކުރި ބަޔަކާއި، އަވަހާރަކޮށްލި ސަބަބެއް، އަދި އެކަމުގެ އަޑީގައި ތިބި ބަޔަކު ހޯދިފައެއް ނެތެވެ. ހުމާމް މަރަން ކޮށްފައިވާ ހުކުމަށް ސްޕްރީމް ކޯޓުން ތާއީދު ކުރުމުގެ ކުރިން އަފްރާޝީމްގެ އާއިލާއިން ވަނީ އެ ކަންކަން ހޯދުމުގެ ކުރިން ހުމާމް މެރުމަށް އިއުތިރާޒުކޮށް ސްޕްރީމް ކޯޓަށް ސިޓީއެއް ވެސް ފޮނުވާފައެވެ. ނަމަވެސް އެ ސިޓީ ބަލައިގަތްކަން އެނގިފައެއް ނުވެއެވެ.

އަފްރާޝީމާއި ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ ހާއްސަ ޓީމުތަކެއް ނަގައިގެން އިތުރަށް ބަލަމުންދާ ކަމަށް ފުލުހުން ވަނީ މިދިޔަ އަހަރު ހާމަކޮށްފައެވެ. ނަމަވެސް ފަހުން އެކަމާ ބެހޭ ތަފުސީލެއް ހާމައެއް ނުކުރެއެވެ.

އަވަހާރަކޮށްލިތާ ހަ އަހަރުވީ އިރު ވެސް އިންސާފު ގާއިމުކޮށް ދެވިފައިވާ ކަމަށް އާއިލާއިން ނުދެކެއެވެ. ނަމަވެސް ސެޕްޓެމްބަރު މަހުގެ 23 ގައި އިންތިހާބު ކުރި އިދިކޮޅު ކެންޑިޑޭޓުގެ ސަރުކާރާއެކު އަފްރާޝީމްގެ އާއިލާ އޮތީ އިންސާފު ގާއިމުވެގެންދާނެ ކަމުގެ އުންމީދުގައެވެ.

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވަނީ ކެމްޕޭންގައި އަފްރާޝީމްގެ ރަށް ރ.އުނގޫފާރަށް ވަޑައިގެން އެ ގޮތަށް މަރާލެވިފައިވާ ފަރާތްތަކުގެ މަރުގެ ހަގީގަތް ހޯއްދަވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

"އުންމީދު އަބަދު ވެސް ކުރަން އިންސާފު ލިބޭނެ ކަމަށް. ކުރީ ސަރުކާރުގައި ވެސް ކުރިން. އެކަމަކު ފަސް އަހަރު ނިމިގެން މިދަނީ ފަސް އަޅާ ފޮރުވީ. އެކި މީހުން ދައްކާ ވާހަކަތަކުގައި އެކި މީހުންނަށް ތުހުމަތު ކުރަނީ. އެހެންކަމުން މިބަލަނީ ނިމިދާ ސަރުކާރަށް ވުރެ ދެން އަންނަ ސަރުކާރަކަށް ފަސޭހަވާނެ ކަމަށް،" އަފްރާޝީމްގެ އެއްބަނޑު އެއްބަފާ ބޭބޭ އަބްދުއްނާސިރު އަލީ ވިދާޅުވިއެވެ.
ހިޔާލު

ސުޕާރި

އާސަރުކާރުން 31 މަރުގެ އިންސާފު ހޯދަން ޖެހޭނެ.

ޔޫސުބު

އާ ސަރުކާރަކަސް އަދި ބާސަރުކާރަކަސް އެމީހަކަށް ހައްޤު އަދަބެއް ދޭންޖެހޭނީ. ތިޔަ އިބޫ އަކަސް ހެޔޮ ނުހައްގު އެއްޗެއް ދީގެން ނުވާނެ

އިބްރާ

ޑރ.އަފްރާޝީމްގެ މަރުގެ މައްސަލައިގައި ފުރަތަމަ ސުވާލުކުރަންވީ އަންނިއާ އޭނަ ބުނި އަފްރާޝީމް މަރާލިމީހާ ރާއްޖޭއިންބޭރަށް ފުރި ވާހަކަ،