Jinsee Furahsaara Kuri Kamah Bunaa Director Ehge Film Aamir Dhookohlaifi
image
ޑައިރެކްޓަރު ސުބާޝް ކަޕޫރާއި އާމިރު ހާން--
0 ކޮމެންޓް
 

ޖިންސީ ފުރައްސާރަކުރިކަމަށް ބުނާ ޑައިރެކްޓަރެއްގެ ފިލްމު އާމިރު ދޫކޮށްލައިފި

ބޮލީވުޑުގެ މަޝްހޫރު ބަތަލު އާމިރު ހާނާއި އޭނާގެ އަންހެނުން ކިރަން ރާއޯ ހިނގަމުން އަންނަ "އާމިރް ހާން ޕްރޮޑަކްޝަންސް" އިން މަސައްކަތްކުރަން ނިންމާފައިވާ ފިލްމެއްގެ ޑައިރެކްޓަރެއްގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދަނިކޮށް އެފިލްމުގައި އާމިރު ހާން ޕްރޮޑަކްޝަންސް އިން މަސައްކަތް ނުކުރާން ނިންމައިފިއެވެ.
އެކަން ހާމަކޮށް އާމިރު ހާން ނެރުނު ބަޔާނެއްގައި ބުނީ، ޖިންސީ ފުރައްސާރައާ ދެކޮޅަށް ހަދާފައިވާ ހޭޝްޓެގެއްކަމަށްވާ "މީޓޫ" ގެ ސަބަބުން ވަރަށް އަވަހަށް އެމީހުން މަސައްކަތްކުރަން ނިންމާފައިވާ ފަރާތަކަށް ވެސް ޖިންސީ ފުރައްސާރަކުރިކަމުގެ ތުހުމަތުކޮށްފައިވާކަން އެމީހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އަދި އޭނާގެ ޕްރޮޑަކްޝަން ހައުސްއަކީ ޖިންސީ ފުރައްސާރަ އެންމެ ހަރުކަށިކޮށް ކުށްވެރިކުރާ ތަނެއްކަމުން މަސައްކަތްކުރަން ނިންމި ފިލްމުގައި މަސައްކަތް ނުކުރާން މިހާރު ނިންމާފައިވާކަމަށް އެނާގެ ބަޔާނުގައި ބުނެއެވެ.

އެއީ ކޮން ޑައިރެކްޓަރެއްކަން އާމިރު އޭނާގެ ބަޔާނުގައި ފާހަގަކޮށްފައިނުވިނަމަވެސް އާމިރު ހާނުގެ ކުރިއަށް އޮތް ފިލްމަކީ "މޮގުލް" އެވެ. އޭނާގެ ޕްރޮޑަކްޝަން ހައުސް އިން ނެރޭ އެފިލްމުގެ ލީޑު ބަތަލެއްގެ ގޮތުގައި ވެސް އާމިރު މަސައްކަތްކުރަން ނިންމިއިރު އެފިލްމުގެ ޑައިރެކްޓަރު ސުބާޝް ކަޕޫރުގެ މައްޗަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތު ބޮލީވުޑުގެ ބަތަލާ ގީތިކާ ތިޔާގީ ވަނީ ކޮށްފައެވެ. އެހެންކަމުން، އެ ބަޔާނުގައި އާމިރު އިޝާރާތްކޮށްފައި އެވަނީ "މޮގުލް" ގައި އޭނާ މަސައްކަތް ނުކުރާން ނިންމާފައިވާކަމެވެ.

ބައެއް ފަރާތްތަކާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ބުނާ ގޮތުގައި، އުމުރުން 53 އަހަރުގެ އާމިރު ގަބޫލުކުރާ ގޮތުގައި ކަމަކާއި ދެކޮޅަށް ތެދުވާނަމަ އެކަމާއި މެދު އެއްވެސް ކަމެއް ނުކޮށް ހުރުކަމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން، ހާއްސަކޮށް އަންހެނުންނަށް ބޮލީވުޑުގެ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ ފަރާތުން ކުރިމަތިވަމުން އަންނަ ޖިންސީ ފުރައްސާރަ ކުރުމާއި ދެކޮޅުކަން އާމިރު މިވަނީ ހާމަކޮށްދީފައެވެ.
ހިޔާލު