Firumaaladheyshey, Episode 51
image
ފިރުމާލަދޭށޭ..
ފުނަމާ
1 ކޮމެންޓް
 

ފިރުމާލަދޭށޭ..

51 ވަނަބައި
އޮއްސުނުއިރާއިއެކު ފަތުރާލި އަނދިރިކަމުގައި ކާއިނާތުގެ ކުލަތައް ގެއްލި، ފަރުދާވެއްޖެއެވެ. ހަނދުގެ އަލިކަން ލިބޭނެވަގުތެއްގެ އިންތިޒާރުގައި އެތައް ގަޑީރެއް ބޭކާރުކުރަންވީހެއްޔެވެ؟ އުޑުމަތީގައި ވިލާތައް ދަތުރުކުރާގޮތުން، އަލިކަމަކަށް ކުރެވޭ އުއްމީދުގައި ކުލައެއް ނުޖެހުމަކީވެސް، މިރޭ އެކަށީގެންވާ ކަމެކެވެ. ވިއްސާރަ ވިލާތަކުން ހިތްތައް ބިރުގަންނަވާލަންއުޅޭހެންވެސް ހީވެއެވެ. ކޮލަމްބޯގެ އުދަރެސް ބައްދާލައިފިއެވެ. ދެންމެ ދެންމެ ކެރިގަނޑު އޮއްސާލަފާނެހެން ހީވެއެވެ. ފޭސްބުކް ރީފްރެޝްކޮށްކޮށް ސަވާނާގެ އިނގިލި އައްސިވެއްޖެއެވެ. އުއްމީދުކުރި ކޮމެންޓް އަދިވެސް ނުލިބެއެވެ. ނުވަތަ އެމީހަކު އަދިވެސް އޮންލައިން ނުވެއެވެ. ޗެކްކުރަމުންދިޔަ އެއްވެސް ނަންބަރަކުން މެސެޖެއް ނުވަތަ ކޯލެއްވެސް ނުލިބެއެވެ. މިއީ ސަވާނާ ހީކުރިވަރަށްވުރެން މާބޮޑު ހިތްހަމަނުޖެހުމެކެވެ. ރުޅިގަދަވެ، ބޮލުން ހޫނުއަރަންފެށުމުން ސަވާނާ ގުޅާލީ އެކުވެރިއަކަށެވެ. އާންމުކޮށް އެކުގައި ކްލަބަށްދާ ފިރިހެންކުއްޖެކެވެ. ގަޑިހަމަޖެއްސުމަށްފަހު އެވަނީ ކޮޓަރިއަށެވެ.

***
"އަހަރެންގެވެސް އޮންނަނީ ހިތެއް.. މިހިތައްވެސް ތަދުވާނެ.. ވަރަށް ވޭންއަޅާ!" އީތަންގެ މޫނަށް ބަލައިލާފައި މާޔާ ބުނެލިއެވެ.

"ވަރަށް ވަގުތު އެބައޮތް މިރޭ.. ޕްރިންސެސްގެ ތިހިތައް ފިނިކަމެއް ދީފައިނޫނީ އަހަރެން މިރޭ ގެއަށްނުދާނަން.. އެކަމަކު އޭގެ ކުރިން އެބަޖެހޭ ކަމެއްކޮށްދޭން" މާޔާގެ އެހީތެރިކަމަށްއެދި ހުށަހަޅާފަދަގޮތަކަށް އީތަން ބުނެލިއެވެ. ދިލަނަގަމުންދިޔަ ދެލޮލުގެ އެސްފިޔަތައް ދުރުކޮށްލާފައި މާޔާ ބަލައިލިއެވެ. ދެބުމަ މައްޗަށް ހިއްލާލާފައި އެދުނީ އީތަންގެ ބޭނުން، ބުނެދިނުމަށެވެ.

"ވަރަށް ބަނޑުހައި.. ކާއެއްޗެއް ލިބިދާނެތަ؟" ވަރަށް ލަދުން ބުނެލާފަދަ ގޮތަކަށް އީތަން ބުންޏެވެ. ފުންނޭވާއެއް ދޫކޮށްލަމުން، އީތަންގެ އަތުގެތެރެއިން މާޔާ ދުރައްޖެހިލާފައި ނުހަނު ފަސޭހައިން އެނދުން ތެދުވިއެވެ. ހަގީގަތުގައި އީތަން ބަނޑުހައިވީއެއް ނޫނެވެ. އެނދުން މާޔާ ނެގޭނެ މޮޅު އުކުޅެއް ބޭނުންކުރީއެވެ.

"ހިނގާ ދާން.. މަންމަވެސް އެދިޔައީ ކާން.." ވަރަށް މަޑުން މާޔާ ބުނެލިއެވެ.

"ޕްރިންސެސްވެސް ވާނެ ކާން.. އެންމެންއެކީގައި ކައިގެން، ޕްރިންސެސް ފެންވަރާލައިގެން ނަމާދުކޮށްގެން ހިނގާ ޓެރަސްއަށް.. އެއީ އަހަރުމެންގެ ލޯބީގެ މަންޒިލް.. ވަރަށް ގިނަ ވާހަކަތަކަށް އެތަނުގައި ހުރި ގަސްތަކާއި އެގަސްތަކުގައި ފޮޅިފައިވާ މާތައް ހެކިވާނެ.. އެއީ އަހަރުމެންގެ ވަރަށް ޚާއްޞަތަނެއް.. އަހަރެން ބޭނުމީ އެގޮތް.. އޯކޭތަ؟" ކޮޓަރިއަށް ވަންނަމުން ސައިލެންޓްކޮށްލި ފޯނު، ރިންގް އޮން ކޮށްލިއެވެ. އީތަން ބޭނުންވާ ގޮތް ބުނެލުމުން މާޔާވެސް ލުއި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. މާގިނަ ވާހަކައެއް ނުދައްކައެވެ.

ހަމައެވަގުތު އީތަންއަށް ވަޓްސްއެޕް މެސެޖްއެއްލިބުނެވެ. ޖީބަށްލީ ފޯނު ނެގިއެވެ. މާޔާގެ މޫޑް ކުއްލިޔަކަށް ބަދަލުވެ، ފެންކަޅިވެއްޖެއެވެ. އިސްޖަހައިލަމުން އެކޮޓަރީން މާޔާ ނިކުތީ، އީތަން ފޯނަށް ބަލަހައްޓައިގެން ހުއްޓައެވެ.

****
އީތަން އާދޭތޯ މަޑުކޮށްފިއެވެ. ކާންހެދިފަހުން ކިތަންމެ އިރެކެވެ. އިޝާނަމާދުން ފައިބައިގެން ކެއުމަށް އާދަވެފައިވާ އިސްމާއިލް މިރޭ ބަނޑުހައިވެސް ނުވާ ފަދައެވެ. ޓީވީ ޚަބަރުތައްވެސް ނިމިއްޖެއެވެ. އެކަމަކުވެސް އެއިންނަނީ ޓީވީ ކުރިމަތީގައެވެ.

"ކިތަންމެ ފަހަރަކު ގުޅައިފިން ފޯނެއް ނުނަގާ.. ދެން އަހަރުމެން ކާން ހިނގާ!" ފިރިމީހާގެ އަތުގައި ހިފާލާފައި ރާނިޔާ ބުނެލިއެވެ. އިތުރު ބަހަނާއެއްނުދައްކައި އިންމަވެސް ތެދުވެއްޖެއެވެ. ސުފުރާމަތީގައި މާގިނަ ވާހަކަތަކެއް ނުދެއްކިޔަސް، ކާއެއްޗެހީގެ ރަހަތަކާއި، އަލަށް ކައްކަން ގެނައި، މެއިޑްގެ ކެއްކުމުގެ ހުނަރާއި މެދުގައި ދެމަފިރިން ވާހަކަދެއްކިއެވެ. ރަގަޅުކުރާންހުރި ކަންކަން ރަގަޅުކުރުވާނެކަމަށް ރާނިޔާ ބުންޏެވެ.
***
މާޔާއަށް ވީގޮތެއް ނޭގޭތީ ޒިޔާން ކިތަންމެ ފަހަރަކު ގުޅައިފިއެވެ. އިރުއޮއްސުމުގެކުރީން ތަކުރާރުކޮށް ގުޅިއިރުވެސް ރިންގުވެއެވެ. ނަމަވެސް މިހާރު ބުނަނީ ފޯނު ނިވިފައިވާ ކަމަށެވެ. މާޔާއާއިބެހޭގޮތުން އޮފީހުގެ އެހެން މުވައްޒަފެއްކުރެން އަހާކަށްވެސް ނުކެރޭނެއެވެ. މާޔާއަކީ އެހެންމީހުންނާއި އޭނާގެ އަމިއްލަ ދިރިއުޅުން މާބޮޑަށް ހިއްސާކުރާ ކުއްޖެއްނޫންކަން ޒިޔާންއަށްވެސް އިނގެއެވެ. މިއަދު ޒިޔާން ގާތުގައި އިނދެފައި މާޔާ ދިޔައި ވަރަށްބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެގެންކަން އޭނާއަށްވެސް ޔަގީންކުރެވޭތީ ސިކުނޑިއަށް ތުރާ ވަނީއެވެ.
***
ގޭގައި ރަގަޅު ކާއެއްޗެއް ނެތުމުން، ވިސްނާލުމަށްފަހު މާޔާ ތައްޔާރުވީ މަސްބަތްކޮޅަކާއި ރިހާކުރާއި ކާން ތައްޔާރުކުރުމަށެވެ. ބަދިގެއާއި ހަމައަށް އީތަން އައުމަށް ވަގުތުނަގާނެކަން މިވަގުތު މާޔާއަށް އިނގެއެވެ. ވަރަށް ހިތްހަމަނުޖެހިފައިވެސް މަސްކޮޅެއް ނަގައިގެން ފެނަށް ލައިގެން އައިސްކަން ނުކެނޑެނީސް އެ މަސްކޮޅު ކޮށަށް މާޔާ އުޅޭގޮތް ބަލަން ހައްވާފުޅު އެއިންނަނީ ބޮލަށް އުނދަގޫވެފައެވެ.

"ދަރިފުޅަކީ ބަދިގޭގެ ކަންކަންކުރާން ނޭގޭ ކުއްޖެއްތަ؟ މަންމަ ހަމަ އަންތަރީސްވެއްޖެ މަންމަގެ ދޮންކަނބުލޮ ތިއުޅޭ ގޮތަކުން.. ދަރިފުޅުގެ އަތް ކަނޑައިގެން ހިނގައިދާނެ.. ހަނޑޫކޮޅު ދޮވެފައި ފިޔާކޮޅާއި އެއްޗެހި ތައްޔާރުކުރަންވާއިރަށް މަސްކޮޅު ކޮށޭވަރުވާނެ.. އިހަށް ފެނަން ލާފައި ބާއްވާލާ" ހައްވާފުޅު ބުނެލިއެވެ.

"އަތް ކެނޑުނީމައި އިނގޭނެ.. އޭރުން ލޭވެސް އަންނާނެ.. އައުޗް!" ސިންކުތެރެއަށް ވަޅިއެއްލާލުމަށްފަހު މާޔާގެ އިނގިލި ދިއްކޮށްލީ އިސްކުރާއި ދިމާއަށެވެ. ދަރިފުޅާއޭ.. ގޮވާލާފައި ހައްވާފުޅު އައީ މާޔާއަށް އެހީވުމަށެވެ. އިނގިލިން އިސްކުރުގެ ފެނާއި އެކުވެގެން އޮހޮރެމުންދިޔަ ލޭތައް ހައްވާފުޅަށްފެނުނީ ބިރުވެރިކަމެއްގެ ގޮތުގައެވެ. އޭރުވެސް އީތަން އެތަނަށް ނާދެއެވެ. ތަންކޮޅެއް ބާރަށް އީތަންއަށް ގޮވައިލާން ޖެހުނުސަބަބަކީވެސް އެއީއެވެ. ނަމަވެސް އީތަން ހުރީ އަޑުއިވޭ ހިސާބެއްގައިކަމަށްނުވާތީ، އެއަޑު ނީވުނީއެވެ.

އީތަންގެ ދެލޯ ބޮޑުވެ، އިންތިހާއަށް ރުޅި އައިއްސައި ހުރެ، މަސައްކަތް އެކުރަނީ ސަވާނާއަށް ގުޅޭތޯއެވެ. ނަމަވެސް ފޯނެއް ނުނެގިއެވެ. ކުޑަވަގުތުކޮޅެއްގައި އެތައް މެސެޖްއެއް ކޮށްފިއެވެ. ޖަވާބު ނުދިނަސް، އެމެސެޖްތައް އޭނާ އެބަ ބަލައެވެ. ފޯނަން ލިބުނު ވީޑިއޯ ބަލަން، އީތަން ބޭނުމެއް ނޫނެވެ. ފުރަތަމަ، ޕްލޭކޮށްލުމާއެކު، ސަވާނާ އެފޮނުވި ވީޑިއޯއަކީ ކޯންޗެއްކަން އިނގޭވަރުގެ މަންޒަރެއް ފެނިއްޖެއެވެ. އިނގިލިތަކަށް ބާރުލާފައި އަތުގެތެރޭގައި ފޯނު ފުނޑުކޮށްލާން އީތަން ބޭނުންވިއެވެ. ނަމަވެސް އެކަމެއްވެސް ނުވިއެވެ. ބެލްކެނީގައި ހުރުމުން، ދުނިޔޭގެ ސާފުވައި ލިބެއެވެ. ނަމަވެސް މަގުމަތީގައި ދުއްވާ ވެހިކަލްތަކުގެ އަޑުން، އިތުރަށް ބޮލަށް އުނދަގޫވެއްޖެއެވެ. ފޯނުން އަނެއް އަތުގައި ތަޅައިލާން ހުރެފައި، ކުއްލިޔަކަށް އީތަންއަށް ހުއްޓުން އެރިއެވެ. ހިތައް އެރިއެއްޗަކުންނެވެ. ނިކަން ހަލުވިކޮށް މަސައްކަތްފެށީ މާޔާއާއި ހަމައަށް އާދެވޭތޯއެވެ.
***
"މިރޭ އިރުއޮއްސުނުއިރު މަށަށް ނަވީން ގުޅި.." ކައިނިމިގެން ގޮނޑިން ތެދުވަމުން އިންމަ ބުނެލިއެވެ. އޭރު ރާނިޔާވެސް އިނީ ކައި ނިމިފައެވެ. އަޑުއިވުނީ ކަންފަތައް ފަސޭހަ ޖުމުލައެއް ނޫނެވެ. ދެބުމަ ގޮއްޖަހައިލާފައި އިންމައާއި ދިމާއަށް ބަލައިލެވުނީވެސް އެހެންވެއެވެ.

"އޭނާ ނުޖެހޭނެ އަހަރެންގެ ފިރިމީހާއަށް އުނދަގޫކުރާކަށް! ކުށް ކުރީ އަހަރެން.. އޭނާ ކުރިމަތިލާންޖެހޭނީ މި ރާނިޔާއާއި" ވަރަށް ނުރުހިފައި ރާނިޔާ ބުނެލިއެވެ.

"އޭނާ ގުޅީ ރާނިޔާއާއިބެހޭ މައުލޫމާތެއް ހޯދާކަށް ނޫން.. އަދި އެކަމާބެހޭގޮތުން އަހަންނާއި ވާހަކަދައްކާކަށްވެސް ނޫން.." ރާނިޔާއާއި ނަވީންއާއި ދެމެދުގައި ހިނގައިދިޔަ ކަންކަމުގެ މާބޮޑު ތަފްސީލެއް ނޭނގިހުރެ، ނަވީން ވާހަކަދެއްކީ ވަރަށް ރުންކުރުކޮށެވެ. އެއީ ދައްކާހިއްވާ ވާހަކައަކަށް ނުވާތީއެވެ.

"އޭނަ އިންމައާއި ދައްކަންޖެހޭ ވާހަކައެއް ނޯންނާނެ" ފަހަތައް ގޮނޑިދަމައިލަމުން ރާނިޔާ ބުންޏެވެ.

"އޮންނާނެ! އަހަރެންގެ އަތުން ލައްކަފައިސާ ނަގައިގެން އެހުރީ.. އެހެންވީމައި ދައްކާނެ ވާހަކަ ހުންނާނެ" ވަރަށް ހަރުކަށި ރާގެއްގައި އިންމަ ބުނެލިއެވެ. ފަސްއެނބުރި ބަލައިނުލައި ހިނގައިގަތުމުން އިންމަގެ ފަހަތުން ރާނިޔާވެސް ހިނގައިގަތީ ހަލުވިކޮށެވެ.

***
"ތިވަރުވީއިރު އަހަންނަށް ގޮވައިނުލީ ކީއްވެ؟ މާބޮޑަށް ކަނޑައިގެން ގޮއްސަތިއޮތީ.. ހިނގާ ހޮސްޕިޓަލަށްގޮސް، ބޭސްއަޅައިގެން އަންނަން.. ލަހެއްނުވާނެ" މާޔާގެ އިނގިލީގައި ބޭސްއަޅަންވެގެން ހައްވާފުޅު ގެންގުޅުގު ބެންޑޭޖްރޯލް އަތުލީ އިތަންއެވެ.

"ނުދާނަން.. ހަމަގޭގައި ބޭސްއަޅާނީ.. އެއްތާކަށްވެސް ނުދާނަން" އީތަންއާއި ދެކޮޅަށް ބުނިނަމަވެސް މާޔާގެ ވާހަކަދެއްކުމުގައިވަނީ މަޑުމައިތިރި ލޯބި ގޮތެކެވެ.

"އޯކޭ.. މާޔާ ބޭނުންގޮތެއް! އެކަމަކު ލޭ މަނާ ނުވެއްޖިއްޔާ، މިރޭ ޖެހޭނީ ދާން" އެހެންޏާއި ހުންނަ މަޖާ މިޒާޖު ބަދަލުވެ، އީތަންގެ ސީރިޔަސްކަން ހައްވާފުޅަށް ފެނުނެވެ. މާޔާއަށްޓަކައި އީތަންގެ ހިތުގައި އޮތް ލޯބި ހަސަދަވެރިންގެ ނުބައި ބެލުންތަކުން ސަލާމަތްކުރެއްވުމަށްއެދި ހައްވާފުޅަށް ދުޢާކުރެވުނެވެ.
ބޭސް އަޅައިގެން ކައްކަން އުޅެންފެށުމުން، އެކަމުގައި ވަރަށް ބޮޑަށް އީތަން އެހީތެރިވިއެވެ.

***
ޓީވީ ކުރިމަތީގައި އިނަސް، އެއިން ދައްކާއެއްޗެއް ރާނިޔާއަކަށް ނުފެނެއެވެ. މިވަގުތު ލޮލާއި ބޮލާއި ސިކުނޑީގައިވަނީ ނަވީންގެ މަކަރުވެރިކަމާއި އޭނާގެ ހީލަތްތެރި ރޭވުންތަކުގެ ނުސާފު މަންޒަރުތަކެވެ. ހުރިހައި ވާހަކަތަކެއް އިންމައަށް ކިޔައިދޭން ރާނިޔާ ބޭނުމެވެ. ނަމަވެސް ކުށެއް ނެތް އިންސާނެއްގެ ހިތް، އިތުރަށް ފުނޑުފުނޑުކޮށްލާނެ ހިތްވަރެއްވެސް އޭނާގެ ކިބައިގައި މިހާރު ނެތެވެ.

"އޭނާ ވަރަށް މަސައްކަތްކުރި، އެފައިސާ މާފުކޮށްދޭތޯ.. އެކަމަކު އަހަރެން ދުވަހަކުވެސް އެކަމަކަށް އިންމަގެ ކިބައިން ނޭދޭނަން" ރާނިޔާއަށް ކެތް ނުވެގެން ބުނެވުނެވެ.

"އެމީހުންގެ ދިރިއުޅުން މުއްސަނދިކުރާން، އެމީހުން އަހަރުމެން ބޭނުންކުރީ ވަރަށް ދަށުދަރަޖައިގައި.." ވަރަށް އަސަރާއެކު ރާނިޔާ ބުނެލިއެވެ. ތަފާތު ނަޒަރަކުން އިންމަ ބަލައިލީ އެވަގުތުއެވެ.

"އަހަންނަށްދެރަވީ ރާނީއަށް އެކަން ނޭގުނީމައި.. ވަރަށް ވަރަށް ދެރަވޭ! ގެއްލުނު ފައިސާއެއް ނޫން އަހަންނަށް މުހިއްމީ.. އަހަންނަށް މުހިއްމީ އަހަރެންގެ ދުނިޔެ! އަހަރެންގެ ދުނިޔެއަކީ އީތަންއާއި ރާނީ.. އެހެން އެކަށްޗެއްވެސް އަހަރެން ބޭނުމެއް ނޫން" ހަލާކުވެފައި އޮތް ހިތެއްގެ ފާރުގަނޑަށް ފަރުވާއެއް ހޯދޭތޯ އިންމަ ނުހަނު މަސައްކަތްކުރިއެވެ.
***
ވަށައިގެން އުސްއިމާރާތްތައް ފެންނާން ހުއްޓަސް، މާލެއަކީ ހާސްކަންބޮޑު ތަނެކެވެ. އެތައްބަޔަކު ތޮއްޖެހި ދިރިއުޅެން އުނދަގޫވިޔަސް، މިތަނަށް ހިޖުރަކުރާމީހުން މަދެއްނޫނެވެ. ތަކެތި އަގުބޮޑުވެ، ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލިފައިވިޔަސް، ކުއްޔަށްދޭ ތަންތަން އޮންނަނީ މަދުވެފައެވެ. މާޔާވެސް މިވަގުތު ދިރިއުޅުން ހަމަޔަކަށް އަޅުވަމުން އެގެންދަނީ ގޭގެ ކުލިތަކުން ލިބޭ އެއްޗަކުންނެވެ.

"އެއްވެސް މީހަކު ގުޅިތަ؟ މެސެޖް ކުރިތަ؟ ނުވަތަ އެކަހަލަ އެއްވެސް ކަމެއްކޮށް މާޔާއަށް އުނދަގުލެއް ކުރިތަ؟" ލޯބިވެރިޔާގެ އަތުގެ އިނގިލިތަކުގައި ފިރުމާލަމުން އީތަން ސުވާލުކޮށްލިއެވެ. ޖަވާބު ދިނުމުގެކުރީން މާޔާ ބަލައިލީ އީތަންގެ މޫނަށެވެ. ޓެރަސްގައި ދިއްލާފައިވަނީ ފަނޑުފަނޑު އެންމެ ބޮތްކެކެވެ. ރީނދޫ އަލިކަމުގައި މާޔާގެ ރީތިކަން އީތަންގެ ހިތް ފިދާކޮށްލިއެވެ.

"އިންތިހާއަށް ލޯބިވޭ.." އީތަންގެ ޖުމުލަ ފުރިހަމަ ކުރާން ފުރުސަތުދޭން މާޔާ މިރޭ ބޭނުމެއްނޫނެވެ.

"ސަވާނާއާއި ދެމީހުން ކީއްތަ ތިކުރަނީ؟ ސާފުކޮށް އަހަންނަށް ކިޔައިދީބަލަ! މިފަހަރުވެސް ބުނާނީ އޭނާ އޮޅުވާލައިގެން ނެގި ފޮޓޯތަކެކޭދޯ؟ ހެޔޮނުވާނެ އީތަން މިކަން ކޮންމެވެސް އެއްގޮތަކަށް ނިންމަން ހިނގާ، އަހަރެން މޮޔަވެދާނެ" އީތަންގެ އަތްތެރެއިން މާޔާގެ އަތް ދަމައިގެންފައި މޫނުމަތީގައި ދެ އަތް އެޅިއެވެ.

"ތި ދައްކާ ވާހަކައެއް އަދި ނޭގުނު.. އަހަރެންގެ ފޮޓޯއެއްތަ؟ ނުވަތަ އެހެންމީހެއްގެ ފޮޓޯއެއްތަ؟ ނޫނީ ވީޑިއޯ އެއްތަ؟" އީތަންގެ ހިތް މާބާރަށް ތެޅެން ފަށައިފިއެވެ. މަންމަގެ ވާހަކަ އެދެމެދަށް ގެންނާން އީތަންއަށް ފަސޭހައެއް ނުވިއެވެ. އެކަންވެފައި އޮތްގޮތެއް އަދި ނޭގޭތީއެވެ.

"އާން އީތަންގެ! އީތަންއާއި ސަވާނާއާއި ދެމީހުންގެ.. މުޅި ދުނިޔެއަށް ތިދެމީހުން އިއުލާންކޮށްގެން ތިއުޅޭ ކައިވެނީގެ ވާހަކަ.. އާންމު ތިކުރާ ލޯބީގެ، ގައިގޯޅި ފޮޓޯތައް!" ސަވާނާ ރޮއެގެންފިއެވެ.

"ވަޓް! ކީކޭ؟" ސުވާލުކުރީ އީތަންއެވެ.

-- ނުނިމޭ --
ހިޔާލު

އަލް

ނަވީން އާއި ރާނިޔާގެ ވީޑިއޯއެއްތަ އީތަން އަށް ސަވާނާ ފޮނުވީ.ވަރަށް ހީވޭ އެކަހަލަ ބިރެއް ދައްކައިގެން އުޅޭ ހެން🤔