Mudhaa Import Kurevunu Minvaru 28 Percent Ithuruvehje
image
ބަނދަރު ސަރަހައްދު-ފޮޓޯ ކަސްޓަމްސް
0 ކޮމެންޓް
 

މުދާ އިމްޕޯޓް ކުރެވުނު މިންވަރު 28 އިންސައްތަ އިތުރުވެއްޖެ

މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީއައިއެފް އަގު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 28 އިންސައްތަ އިތުރުވެއްޖެއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއަށް 3.78 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވެއެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއަށް އިމްޕޯޓްކޮށްފައިވަނީ 2.94 ބިލިއަން ރުފިޔާގެ މުދަލެވެ.

އިމްޕޯޓްކުރި މުދަލުގެ އަގުގެ ގޮތުން 18 އިންސައްތަ ޗައިނާ އިން އިމްޕޯޓްކޮށްފައިވާއިރު، ޔޫ.އޭ.އީ އިން 15 އިންސައްތަ އަދި ސިންގަޕޫރުން 11 އިންސަައްތަ މުދާ ވަނީ އެތެރެކޮށްފައެވެ.

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާއި އަޅާބަލާއިރު ހުސްވި ސެޕްޓެމްބަރު މަހު 20 އިންސައްތަ އިތުރުވެފައެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 264 މިލިއަން ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ލިބިފައިވަނީ 219 މިލިއަން ރުފިޔާ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖެއިން އެކްސްޕޯޓް ކުރެވުނު މިންވަރު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާޢިރު 124 އިންސައްތަ ވަނީ އިތުރުވެފައެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއިން 156 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހު އެކްސްޕޯޓްކުރި މުދަލުގެ މިންވަރަކީ 350 މިލިއަން ރުފިޔާއެވެ.

ރާއްޖެއިން މައިގަނޑޫ ގޮތެއްގައި އެކްސްޕޯޓް ކުރަނީ މަހުގެ ބާވަތްތަކެވެ. މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖެއިން އެކްސްޕޯޓްކުރި މުދަލުގެ 23.5 އިންސައްތަ ޖަރުމަނަށް އެކްސްޕޯޓްކޮށްފައިވާއިރު، އެމެރިކާއަށް 11.9 އިންސައްތަ އެކްސްޕޯޓްކޮށޤފައިވެއެވެ.
އިމްޕޯޓް އެކްސްޕޯޓް
ހިޔާލު