Ayushman aai Nushrat Furathama Faharah Ekugai Filmakun?
image
ނުޝްރަތް އާއި އަޔުޝްމަން--
0 ކޮމެންޓް
 

އަޔުޝްމަން އާއި ނުޝްރަތް ފުރަތަމަ ފަހަރަށް އެކުގައި ފިލްމަކުން؟

އަޔުޝްމަން ކުރާނާއާއި ނުޝްރަތް ބަރޫޗާ ފުރަތަމަ ފަހަރަށް އެކުގައި މަސައްކަތް ކުރަން ނިންމައިފި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
އަޔުޝްމަން މިއަހަރު ދެ ފިލްމެއްގައި މަސައްކަތް ކުރާއިރު، އޭގެ ތެރެއިން އެއް ފިލްމު ކަމަށްވާ "އަންދާދުން" ވަނީ މިމަހު ފަސް ވަނަ ދުވަހު ނެރެފައެވެ. އެފިލްމު ގިނަ ބަޔަކަށް ކަމުދިޔައިރު އަޔުޝްމަން މިއަހަރު ފެނިގެންދާ ދެވަނަ ފިލްމު "ބަދާއި ހޯ" ވެސް މިމަހުގެ 19 ވަނަ ދުވަހު ވަނީ ނެރުމަށް ނިންމާފައެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ދިނޭޝް ވިޖަން ގެ ކުރިއަށް އޮތް ފިލްމު "ބަލާ" ގައި އަޔުޝްމަން މަސައްކަތް ކުރާނެއެވެ. ނަމަވެސް އެކަމާ ބެހޭގޮތުން އަދި ރަސްމީ އިއުލާނެއް ކޮށްފައި ނުވާއިރު މިހާރު ރިޕޯޓުތަކުން ބުނާގޮތުގައި އަޔުޝްމަން ދެން ފެނިގެންދާނީ "ގޮގްލީ" ނަމަކަށް ކިޔާ ފިލްމެއްގައެވެ.

އެފިލްމުގައި އަޔުޝްމަނާއެކު ނުޝްރަތު ފެނިގެންދާއިރު އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި އެދެމީހުން މިހާރު ވަނީ ފިލްމަށް ސޮއި ވެސް ކޮށްފައެވެ. އޭގެ އިތުރުން އެފިލްމަކީ ކޮމެޑީ ފިލްމެއް ކަމަށް ވެސް ނޫސްތަކުން އަންނަނީ ބުނަމުންނެވެ.

ނުޝްރަތު އެންމެ ފަހުން ފެނިގެން ދިޔައީ "ސޯނު ކެ ޓީޓޫ ކި ސުވިޓީ" އިންނެވެ. އަދި އޭނާ މިހާރު ވަނީ ހަންސަލް ޑައިރެކްޓު ކުރާ ފިލްމު "ތުއްރާމް ހާން" ގައި މަސައްކަތް ކުރަން ނިންމާފައެވެ.
ހިޔާލު