Komolika ge Rolun Hina Fenigendhaane goi Dhahkalaifi
image
ކޮމޮލިކާގެ ރޯލުން ހީނާ ފެނިގެންދާނެ ގޮތް--
0 ކޮމެންޓް
 

ކޮމޮލިކާގެ ރޯލުން ހީނާ ފެނިގެންދާނެ ގޮތް ދައްކާލައިފި

އެކްތާ ކަޕޫރުގެ އެންމެ މަގްބޫލު އެއް ޑްރާމާ ކަމަށްވާ ކަސޯޓީ ޒިންދަގީ ކޭގެ ދެވަނަ ބައިގެ އެންމެ މުހިއްމު އެއް ރޯލުކަމަށްވާ ކޮމޮލިކާގެ ރޯލުން ހީނާ ހާން ފެނިގެންދާނެ ގޮތް ދައްކާލައިފިއެވެ.
ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޑްރާމާ ޔޭ ރިޝްތާ ކިޔާ ކެހްލާތާހޭގައި މަސައްކަތްކޮށް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ހީނާ ވަނީ ކަސޯޓީ ޒިންދަގީ ކޭގެ ދެވަނަ ބައިގައި ކޮމޮލިކާގެ ރޯލު ކުޅެން ނިންމާފައެވެ. މިމަހު ހަތް ވަނަ ދުވަހު އެޝޯ ދައްކަން ފެށިއިރު ގިނަ ބަޔަކު ތިބީ ހީނާ ކޮމޮލިކާގެ ރޯލުން ފެނިގެންދާނެ ގޮތް ބަލާލުމަށް ކެތްމަދުވެފައެވެ.

ގިނަ ބައެއްގެ އިންތިޒާރުގެ ނިމުމަކަށް އައީ އިއްޔެ އޭކްތާ ޓުވިޓާ މެދުވެރިކޮށް ހީނާ ކޮމަލިކާގެ ރޯލުން ފެނިގެންދާނެ ގޮތް ދައްކާލުމުންނެވެ. ގިނަ ބަޔަކު ގަބޫލު ކުރާގޮތުގައި ހީނާ ފެނިގެންދަނީ ވަރަށް ތަފާތު ކޮށެވެ. އަދި އޭނާ ހަގީގަތުގައިވެސް ކޮމޮލިކާ އާ އެއްގޮތް ކަމެއް ހުންނަ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ކަލާސް ޓީވީ އިން ދައްކާ މަޝްހޫރު ރިއަލިޓީ ޝޯ 'ބިގް ބޮސް' އިން ފެނިފައިވާ ހީނާ 'ކަސޯޓީ'ގެ ދެވަނަ ބައި ކުޅެން އެއްބަސް ވެފައިވަނީ އޭނާއަށް ކޮންމެ އެޕިސޯޑަކަށް 2.25 ލައްކަ ރުޕީސް ދޭނެކަމަށް އެޑްރާމާ އުފައްދާ ޓީމުން އެއްބަސްވުމުންކަމަށް ބައެއް ފަރާތްތަކާއި ހަވާލާދީ ނޫސްތަކުގައި ބުނެއެވެ.

ކޮމޮލިކާގެ ރޯލުން ހީނާ ފެނިގެންދާއިރު ޕްރެނާގެ ރޯލުން ފެންނާނީ އެރިކާ ފެނާންޑެޒެވެ. އަދި އަނޫރާގުގެ ރޯލުން ފެންނާނީ ޕާތް ސަމްތާންއެވެ.
ހިޔާލު