Firumaaladheyshey, Episode 52
image
ފިރުމާލަދޭށޭ..
ފުނަމާ
1 ކޮމެންޓް
 

ފިރުމާލަދޭށޭ..

52 ވަނަބައި
ކުރިއަށްވުރެން ގަޔާއި ކައިރިކޮށްލެވުނުކަމަށްވިޔަސް، މާޔާގެ މޫނުދެކިލަން އީތަން ނުހަނު ބޭނުންވިއެވެ. ހައިރާންވެ އަންތަރީސްވީއެވެ. މާޔާ ދޮގެއް ނުހަދާނެކަން އީތަންއަށް ކަށަވަރެވެ. މާޔާ ރޮނީއެވެ.

ކަމެއް ގޯސްވެއްޖެކަން އީތަންގެ ހަވަނަ ހިއްސުބުނެލިއެވެ. ގޯސްވީ މާބޮޑަށެވެ. މާޔާ ވަރަށް ހިތްވަރުކޮށްފައި އީތަންއަށް ކިޔައިދީފިއެވެ. ނަމަވެސް ސަވާނާ އީތަންއަށް ފޮނުވި ވީޑިއޯގެ ވާހަކައެއް ނުބުނެއެވެ. އިތުރު އުނދަގުލަކުން މާޔާގެ ސިކުނޑިއަށް ބާރުބޮޑުކުރާން އެވަގުތު ބޭނުންނުވީއެވެ.

"ކީއްވެ އެހެން އެހަދަނީ؟ ކައިވެނީގެ ވާހަކަ އެވަރަށް އިޝްތިހާރުކުރާކަށް އަންހެން ކުއްޖަކަށް ނުކެރޭނެ، ކަމެއް ނެތި! ސަބަބެއް ނެތިއެއް އެވަރުގެކަމެއް ކުރާކަށް އޭނާއަށްވެސް ނުކެރޭނެ ދޯ.. އަހަރެންގެ ހިތް ގަބޫލެއްނުކުރޭ، މިއީ އީތަންއަށް ނޭގި ކޮށްފައި އޮތް ކަމެއްކަމަކަށް.. އީތަންގެ މަންމައަށް އަހަރެން ކަމުނުދަންޏާވެސް ބުނެދީބަލަ" ޝަކުވާކުރާން ބޭނުންނުވިޔަސް، ޖަވާބު ބޭނުމެވެ. މާޔާގެ ސިކުނޑިއަށް ލުއިކަމެއް އޭނާވެސް އެދެއެވެ.

"ތި ފޮޓޯތައް ނަގާފައި ތިހިރީ، އަހަރެން ލަންކާގައި ހުރިއިރު.. ދެން އެއްކަލަ ދުވަހު ރިސޯޓްގައި.. އަހަރެން ގަބޫލުކުރަން، އެދުވަހު ވަރަށް ބޮޑަށް އޭނާއަށް ފުރުސަތު ދެވުނުކަމަށް.. އެކަމަކު ލަންކާގައި އޭނާ، ތިކަންކަން ކޮށްފައި ތިހުރީ ކިހިނެއް، ކޮން އިރަކު ކަމެއް އަހަންނަކަށް ނޭގެ.. ލަފާކުރެވެނީ ނިދާފައި އޮއްވައި ވަދެގެން، ތި ފޮޓޯތައް ނަގާފައި ހުރީކަމަށް! އެހެންވެ ތިކަމުގެ އެއްވެސް ވާހަކައެއް ނުބުނެވި ތިއޮތީ.. ރިސޯޓް ޑޭ ގެ ކަންތަކަށް، ތަކުރާރުކޮށް މަޢާފުވެސް އެދުނިން.. ލޯބިވާ މަޢާފުވެސް ކުރިން ދޯ އެކަމަށް!" ވަރަށް ލޯބިން އީތަން ވާހަކަދެއްކިއެވެ. އަޑުއިވުނު ވާހަކަތަކަށް ދޭނެ ޖަވާބެއް ނެތެވެ. އެއްޗެއް ބުނަން ފަސޭހައެއްވެސް ނޫނެވެ.

"އެކަމަކު ސަވާނާ ތި ލެވެލްއަށް ވެއްޓިދާނެކަމަށް ހީވެސްނުކުރަން.. ލަދުހަޔާތުގެ ކަންފުޅެއް ހުރިނަމަވެސް އަންހެންކުއްޖަކަށް ތިވަރުގެ ކަމެއްކުރާން ނުކެރޭނެ.. ހީނުކުރައްޗޭ އެވަރުގެ އަންހެނެއްގެ މަޅިއަށް އަހަރެން ފުންމާލާނެޔޭ" ސަވާނާގެ އެފްބީއަށް ލާފައިހުރި ފޮޓޯތަކުގައި، ނިވާކަންކުޑަ ގޮތްތަކަށް، އީތަންގެ ކައިރީގައި އޭނާ ވަގުތު ހޭދަކުރާކަށް ދޭހަވާގޮތަށް ފޮޓޯތައް އެބަހުއްޓެވެ.

އަނދިރީގެ ތެރޭގައި ނަގާފައި ހުރި ފޮޓޯތަކަކަށްވާތީ އޭގެ ހަގީގަތް ދެނެގަންނާން އީތަންއަށް ފަސޭހައެވެ. އެއީ އީތަން ނިދާފައި އޮއްވައި ސަވާނާ އޭނާގެ ކޮޓަރިއަށް ވަދެފައިވަނީ އެންމެ ރެއަކު ނޫނެވެ. ދެތިންރެއަކު އީތަންއަށް ހޭލެވުނުކަން މިހާރުވެސް ހަނދާން އެބަހުއްޓެވެ. ތަޅުދަނޑިއަކީ ސަވާނާގެ އަމިއްލަ ހައްގެކެވެ. އޭނާ ބުނާގޮތުން އެއީ އޭނާގެ ގެއެވެ. އީތަންގެ ސިކުނޑީގައި ރުޅިވެރިކަމާއި ނަފްރަތު އިންތިހާއަށް އެނބުރެނީއެވެ. ނަމަވެސް މަޑުމައިތިރިކަމާއި ހަމަހިމޭންކަމާއެކު މާޔާގެ ދުނިޔޭގައި އުފާވެރިކަމަށް މިވަގުތު ފުރުސަތުދިނުން ވަރަށް މުހިއްމެވެ. މުޅި ދުވަސް ރުއިމާއި ގިސްލުމުގައި ހޭދަކުރުމަށްފަހު މާޔާ މިވަގުތު އެއިނީ ކޮންމެވެސް ވަރަކަށް ހަމަޖެހިލާފައެވެ.

"ހިތް ބުނަނީ އަހަރެންގެ ހަޔާތުގައި ކުރިއަށް އޮތް ދުވަސްތައް ވަރަށް އަނދިރިވާނެކަމަށް.. ވަރަށް ހާލުގައި ކަންނޭގެ އަހަރެން އުޅޭނީ" އީތަންގެ ކޮނޑުގައި މާޔާ ބޯއަޅާއިލިއެވެ. ރޯލަން ބޭނުމެވެ. ހިތައްކޮށްފައިވާ އަސަރު އެ ނިޔަނެތި ބުނެލުމުން ފާޅުވިއެވެ.

"އަހަރެންގެ އަތުގައި މާޔާއަށްޓަކައި ހަދިޔާކުރާނެ މާބައިވަރު މުދާތަކެއް ނެތް.. ތަނަވަސްކަމުގެ ގޮތުންބަލާއިރުވެސް އަހަންނަކީ ވަރަށް އާދައިގެ މީހެއް.. މައިންބަފައިންގެ ފަރާތުން ވާރުތަވާ އެއްވެސް މުދަލެއް އަހަރެން ކައުންޓެއް ނުކުރަން! އަމިއްލަ މަސައްކަތުން މާގިނަ ފައިސާ އެއްކުރެވިފައި ނެތް.. އެކަމަކު މިވަގުތު ދިރިއުޅުމެއް ފަށަންޖެހުނަސް، އެހެންމީހެއްގެ އެހީއެއްނެތި އަހަރެންގެ އަންހެނުންގެ ހުރިހައި ޒިންމާއެއް އުފުލޭނެވަރު ހުންނާނެ.. އަހަރެންގެ މި ޕްރިންސެސްއަށްޓަކައި އެއީ ގިނަ އަދަދެއް ކަމަށް ގަބޫލެއްނުކުރަން! އެކަމަކު އަހަރެންގެ ހިތް ވަރަށް ބޮޑު! އެއީ ހަމައެކަނި މާޔާއަށްޓަކައި.. މާޔާއަށް މިހިތުގައި އޮތް ޖާގައާއި ގަނޑުވަރު، ވަރަށް ބޮޑުވެފައި އެހާމެ ތަނަވަސް! އަހަނަށް ކޮށްދެވޭނީ އެވަރު.. ދުވަހަކުވެސް މާޔާ ނޫން އެހެން އަންހެނަކުދެކެ ލޯބިވުމުގެ ހައްޤު މިހިތައް ނުދޭނަން! ވަރަށް މަޢާފުކުރޭ، މަގޭ ލޯބިވާ.. މިއަށްވުރެން ވަރުގަދަ ވަޢުދެއް ނުވެވޭނެ.." އީތަންގެ ލޮލުން ކަރުނަ އައިސަބަބެއް މާޔާއަށް ނޭގުނެވެ. ނަމަވެސް ލޮލުން ވެއްޓުނު ކަރުނަތިކި އެޖެހުނީ މާޔާގެ އަތް ތިލައިގައެވެ.

"އައި ޑިޑް ނޮޓް މީން ޓް ހަރޓް ޔޫ.. އައި އެމް ސޯ ސޮރީ މައިލަވް.. އެކަމަކު ހިތް ބުނަނީ ކޮންމެވެސް ނުރަގަޅުކަމެއް އަހަރެންގެ ތަދުބީރުގައި ލިޔެވިފައި އެބައޮތޭ.. ކެތްކުރުން ނޫން އެހެން ގޮތެއް މިހަށިގަނޑަށް ނެތޭ.. ކީއްވެކަމެއް ނޭގެ، އެއްގޮތަކަށްވެސް ހިތްހަމައެއްނުޖެހޭ.. ނުތަނަވަސްވަނީ! ސަވާނާގެ މިކަންތައްގަނޑު އަހަރެންގެ ދުނިޔެ އަނެއްކާވެސް އަނދިރިކޮށްލައިފި.. މިފަހަރުގެ ބިރުވެރިކަމުން، އަލިކަމުގެ އައްސޭރިއަށް އަހަންނަށް ދެވޭނެ އިރެއްވެސް ނޭގެ.. މިހިތައް ވަރަށް ތަދުވޭ" އީތަންގެ ގައިގައި މާޔާ ބައްދައިލީ އެހަށިގަނޑުގެ ހިމާޔަތް އުމުރަށްވެސް ބޭނުމޭ ބުނެލަމުންނެވެ.

****
ޖެހިގެންއައި ދުވަހުގެ ހަވީރު ހަތަރެއްޖެހީރު އީތަން އޮފީހުން ނިކުތީ އޭނާގެ ގެއަށް ދިއުމުގެ މަޤްޞަދުގައެވެ. ދޭއްޖެހުމުން މާޔާ ގެއަށް ގެންގޮސްދީފައި އޮފީހަށް އައިގޮތަށް އީތަންއަށް އެނިކުމެވުނީ އަދިކިރިޔާއެވެ. ހެނދުނު ސައިބުއިގޮތަށް އަދި އެހުރީ ކޮފީއެއްގެ މިންވަރުވެސް ބޮއެނުލައެވެ. އިންތިހައި ވަރުބަލިވެ، ލޮޑުވެފައެވެ. ސައިކަލަށް އަރާފައި ތަޅުދަނޑިޖަހައިލި ވަގުތު ފޯނު ރިންގުވާން ފަށައިފިއެވެ. އެއީ މާޔާގެ ކޯލެއްކަމަށް ޔަގީންކޮށްފައި ޖީބުން ފޯނު ނެގިއެވެ. ސްކްރީންގައި އޮތް ނަން ފެނުމާއެކު އީތަންގެ ޠަބީއަތު ކުރިއަށްވުރެންވެސް ގޯސްވެއްޖެއެވެ. ނަމަވެސް މިފަހަރު ބޭނުންވީ އެކޯލްއަށް ޖަވާބުދޭށެވެ.

"މުޅި ދުވަހު އަހަންނަށް ޖެއްސުން ކުރެވުނުއިރުވެސް ކަލޭގެ ހިތް ނުފުރުނުތަ؟ ކަލޭގެ މަޤްޞަދާއި ބޭނުން އަހަންނަށް ތަފްޞީލްކޮށްދީފައި އިތުރަށް ކުރިއަށް ދިޔައީމައި މަށަށް ތަންކޮޅެއް ފަސޭހަވާނެ" ސަވާނާ ލަދުގަންނަވާލުމުގެ ބޭނުމުގައި އީތަން ވާހަކަދެއްކިއެވެ.

"މާއަވަސް އަރުވައިގެން އުޅުމުގެ ބޭނުމެއް ނެތެއްނުން.. ބައެއްކަންކަމަށް ވަގުތު ނަގާނެދޯ.. މަގޭ އަތުގައި ހުރި ހުރިހައި ވީޑިއޯއަކާއި ފޮޓޯތަކެއް ލިބެންދެން މަޑުން ހުރެލާ! ބޭނުމިއްޔާ ދައްކާނަމޭ.. މީގެ ކޮންޓްރޯލް އޮތީ ހަމައެކަނި އީތަންގެ އަތުގައި.. އަހަރެންގެ ކުރިމަތީގައި އަހަރެންގެ މަންމަ ވަރަށް ކަރުނަ އަޅައިފި! ދެން އޮތީ އެކަމަގެ އަގު އަދާކުރަންޖެހޭ ވަގުތު! އަހަރެންގެ މަންމަގެ ދިފާޢުގައި މިނިކުތީ އަހަރެން، އެހެންވީމައި އީތަންގެ މަންމަގެ ދިފާޢުގައި އީތަން ނިކުތުމަކީ ރާނިޔާދައްތަ ވަރަށް އުފާވާނެކަމެއް.." އަކުރުތަކަށް ދަމާލާފައި ސަވާނާ ބައެއް ޖުމުލަތައް ބުނެލިއެވެ. އޭނާގެ މަސައްކަތައް އޭނާ ފަޚުރުވެރިވާ ފަދައެވެ.

"އަހަރެން ކުރާންޖެހޭނެ ކަންކަމާއި، އަހަރެން މަންމަ ކަންކުރާންޖެހޭނެ ގޮތް ކިޔައިދޭން ކަލޭތިއީ ކާކު؟" ސަވާނާ ދައްކޮށްލުމަށް އީތަން މަސައްކަތްކުރިއެވެ. ނަމަވެސް ބޮލުގައި ހީވަނީ އެއްޗަކުން ތަޅާހެންނެވެ. ސަވާނާ އެކުރާކަންކަމުގެ ޚަބަރެއް ބައްޕައަށް އަޑުއިވޭންވެސް އީތަން ބޭނުންނުވެއެވެ. މިހާރުވެސް ބައްޕަ އެދަނީ ޓެންޝަނަށް ބޭސްކަމުންނެވެ.

"ތިކަމުން އުފަލެއް ލިބެންޏާއި ތިކަމައިގެން ކުރިއަށްދޭ.. ވަރަށް ސަލާމް" އީތަން ބޭނުންވީ އެވާހަކަ އެހިސާބުން ނިންމާލާށެވެ.

"އަދި މަޑުކުރޭ!" އީތަން ފޯނުކަނޑާލަނީކަން އެނގުމުން ސަވާނާ ތެޅިގަތެވެ. އީތަންއެދުނީ ވީހާވެސް ކުރުކޮށް ބުނެލުމަށެވެ.

"ﷲގަންދީބުނަން، މިއިން އެއްވެސް އެއްޗެއް އެހެންމީހަކަށް އަހަރެން ނުދޭނަން.. އެކަމަކު އީތަން ކަންތައް ކުރާގޮތަކުން އަހަންނަށް މަޖުބޫރުވެދާނެ، އީތަންގެ ބައްޕަ ނުތަނަވަސްކުރާން.. ބައްޕައަށް ދައްކާނަން.. މިވާހަކައިން އޭނާއަށް އުނދަގޫވެސްކުރާނަން.. ލޮލުން ކަރުނަ ހިކިފައި އެންމެ މިނެޓަކުވެސް ހުރިޔަ ނުދޭނަން.." ސަވާނާގެ ވާހަކަ އީތަން މެދުކަނޑާލިއެވެ. ހުތުރުބަހެއް އަނގައިން ނިކުތީ ގަސްތަކު ނޫނެވެ.

"ކަލޭއަށް ޖެހޭނީ ހަމަ މަށާއި ކައިވެނިކުރަން!" ސަވާނާގެ ރާގު ބަދަލުވެ އަޑު ތުރުތުރުއަޅާން ފެށިއެވެ. އީތަންގެ ވަށައިގެން ދުނިޔެ އެނބުރިގެންހެން ހީވިއެވެ. ކުރިމަތީގައި ހުރިނަމަ ސަވާނާގެ މޫނުމައްޗަށް އޭނާގެ އަތުގެ އިނގިލިތަކުގެ ނިޝާން އަރުވާލީހެވެ. އެކަން ޔަގީނެވެ.

"ތިކަހަލަ ގޮތެއް ފޮތެއްނެތް އަންހެނަކަށް އަހަރެންގެ ހަޔާތުގައި ޖާގައެއް ނެތް! އަދި ބުނަން ވާހަކައެއް! އަހަރެންގެ ބައްޕައާއި ވައި އެޅެލިޔަސް ނިމުނީ! ކުށް ކުރީ އަހަރެންގެ މަންމަ! ކަލޭއާއި ކަލޭގެ މަންމަ ނުވަތަ ބައްޕަވިޔަސް، ނޫނޭ ބައްޕައެއް ނޫން.. އެއީ ޔަގީންނުވާ މީހެކޭ ދޯ.. އެނީވޭ، ތި އާއިލާ އެންމެން އަހަރެންގެ ބައްޕައާއި ދުރުގައި ތިބޭތި!" އީތަންގެ ފޯނު ކަނޑާލިއެވެ. އައި ރުޅީގައި ސައިކަލު ރޭސްކޮށްލެވުނީ މާބާރަށެވެ.
****

ހުޅުވާލި ގޭޓުން އެތެރެއަށް އެލީވެސް ވަނެވެ. ވަރަށް ދުވަސްކޮށްލާފައި މިއަދު އެއައީ އާންޔާ ބަލައެވެ. ޔާދުއާއި ގާތްވުމަށް އެލީއަށް ކުރެވެން އޮތް ހުރިހައިކަމެއް އޭނާ ކުރާނެއެވެ. މިޒާޖުގައި ނުރަނގަޅު އެތައްކަމެއް ހުރިކަން އެލީ މިހާރު ގަބޫލުކުރެއެވެ. ގެއާއި އޮފީސް އަދި ފިރިމީހާއާއި، އެލީ ބަނޑުއަޅައި ވިހެއި މައިމީހާއާއި މެދުގައި ކަންތައް ކުރެވުނު ގޮތް އޭނާއަށް އިހުސާސްކުރެވިއްޖެއެވެ. ކިބުރުވެރިކަމާއި ބޮޑާކަމުން ދުނިޔެ ބަނަވިއެވެ. ލިބިފައިހުރީ އެންމެ ދަރިއެކެވެ. ﷲގެ ހެޔޮރަޙްމަތުން ޖަވާހިރެއް ފަދަ ދަރިއެކެވެ. ނަމަވެސް އެދަރިފުޅުގެ ހިތުގައިވެސް އެލީއަށް މަގާމެއް ހުސްކުރުމަށް އެލީވަނީ ނުކުޅެދިފައެވެ.

"އާވ... މަންމަ ތަ؟" ޚިޔާލުގެ ތެރެއަށް ގެއްލި ހުއްޓައި އެލީގެ އަތުގައި ހިފީ އާންޔާއެވެ.

"ކޮބައިތަ ދަރިފުޅުގެ މިސް؟ މަންމަ މިހުންނަނީ ނޭގިފައި!" ހަގީގަތުގައިވެސް އެލީ އެހުރީ ނޭގިފައެވެ. އާންޔާގެ ކްލާސްޓީޗަރު ބަދަލުވިފަހުން އެތައް ދުވަހެއްވެއްޖެއެވެ. އޭގެފަހުން އެދަރިފުޅު ބަލައި އެލީއަށް، ސްކޫލްއަށް އެއާދެވުނީ މިއަދުއެވެ. އެހެންވީމައި އާންޔާ ހުންނަ ތަނެއްވެސް، ކްލާސްޓީޗަރެއްވެސް އޭނާއަކަށް ނޭގެއެވެ.

****
އާދައިގެމަތީން މަންމަގެ ކަންކަން ކޮށްލުމުގައި މާޔާ މަސްއޫލުވެ އުޅުނެވެ. ކޮންމެވެސް މީހަކު ގެއަށް ވަތް އަޑު އިވުމާއެކު ހިނިތުންވެވުނީ ބޭއިޚްތިޔާރުގައެވެ. އޮފީހުން ނިމުމުން، އަރާމުކޮށްލާންވެސް ގޭގައި މަޑުކޮށްނުލައި އީތަން އައީކަން މާޔާއަށް ޔަގީންވިއެވެ. ބޮލުގައި ޖަހާފައި އިންހުޅި ނިއުޅުވާލުމަށްފަހު، އިސްތަށިގަނޑުގެ ތެރެއަށް އިނިގިލިތައް މަހާލާފައި އޮމާންކޮށްލިއެވެ. ފަރި ގޮތަކަށް އިސްތަށިގަނޑު އޮޅައިލުމަށްފަހު ކުރިންވެސް ޖަހާފައި އިން ދަތި ޖަހައިލިއެވެ.

"ބޮޑުދައިތާ!" ކޮޓަރީގެ ދޮރުހުޅުވާލުމާއެކު އާންޔާ ދުވެފައި އައީ މާޔާކައިރިއަށެވެ. މާޔާއަށް ލިބުނީ ހައިރާން ކަމެކެވެ. ނިކަން ލޯބިކޮށް ބައްދައިލިއެވެ. ހިނިތުންވަމުން އެލީ ގާތްވެލީ މަންމައާއެވެ. އަބަދުވެސް ނުރުހުންވެފައިވާ މޫނަކާއެކު މަންމައާއި ބައްދަލުކުރަން އަންނަ އެލީގެ ތަފާތުކަން ހައްވާފުޅަށްވެސް ދާދިއަވަހަށް ފާހަގަކުރެވުނެވެ. މާޔާ ދިޔައީ އާނީ ގޮވައިގެން ބަދިގެއަށެވެ. ސްކޫލު ނިމިގެން އައިސް ކެއުމަކީ އާންޔާ ފަރިތަވެފައިވާ އާދައަކަށްވާތީއެވެ.

"މަންމަގެ ދަރިފުޅުގެ ހިނިތުންވުން ހާދަހައި ފުރިހަމައޭ.. ވަރަށް އުފާވެއްޖެ ދަރިފުޅު ފެނުނީމައި" މީހެއްގެ ހިތް މިލާފަދަ އެއްޗެއް ބުނުމަކީ ނޭނގިނަމަވެސް ހައްވާފުޅުކުރާން ބޭނުންކަމެއް ނޫނެވެ. ނުވަގުތެއްގައި އެލީ އައުމުންވެސް އެކަމާއި ސުވާލުނުކޮށް ހައްވާފުޅު ހާމަކުރީ އޭނާގެ އިހުސާސެވެ. އެއީ އެލީ އަޑުއަހަން ބޭނުންވާނެ ޖުމުލައެކެވެ. މަންމައާއި ބައްދަލުކޮށްލާން ނާދެވި، މާގިނަދުވަސްވުމުން ބައްދަލުކޮށްލާހިތް ވީކަމަށް އެލީ ބުންޏެވެ.

"ވަރަށް ގިނަ ދުވަސްކޮށްލާފައި އާނީ ބަލައި މިއަދު މިދިޔައީ.. އެހެންވެ ބޭނުންވީ އާނީ ގޮވައިގެން މިކޮޅަށް އައިއްސަ ގެއަށްދާން.." މަންމަގެ އަތުގައި ފިރުމާލަމުން އެލީ ބުންޏެވެ. ހައްވާފުޅު ހިނިތުންވިއެވެ.

"ވަރަށް ބުރަކޮށް މިދުވަސްކޮޅު އޮފީހުގައި އުޅެނީ.. އެހެންވެ އާނީ ބަލައިވެސް ނުދެވެނީ.. ޔާދުއަށް ނުދެވެންޏާއި މަންމަ ދާނެ އާނީ ބަލައި... އެހެންވެ ކޮންމެހެން ކަމާއިކަންފަށާއި އެކަމަށް ނުނިކުމެވެނީ" އަމިއްލަ ނަފުސު ކުށްވެރިކުރަމުން އެލީ ބުނެލީ އިސްޖަހައިލާފައެވެ.

ހަގީގަތުގައި ދަރިއަކު ސްކޫލުން ނިމޭގަޑިއަށް ބަލައި ނުދެވޭވަރަށް އެހައިދުވަސްވަންދެން މަންމައަކު މަސައްކަތްނުކުރާނެކަން ކޮންމެމީހަކުވެސް ގަބޫލުކުރާނެއެވެ. އެވާހަކަދައްކަން އެލީ ލަދުގަތް ސަބަބަކީވެސް އެއީއެވެ.
އެލީގެ ވާހަކައިގައި ގައިސަރަށް ނިސްބަތްކޮށް 'މަންމަ'އޭ ބުނެލުމުން ހައްވާފުޅަށް ކުރެވުނީ ތަފާތު އިޙްސާސެކެވެ.

"ދަރިފުޅާ..! ޔާދު މަންމަގެ ހާލު ރަގަޅުތަ؟" އެލީގެ އަތުގައި ހިފާލާފައި ހައްވާފުޅު ސުވާލުކޮށްލިއެވެ. ޖެހިލުންވުން އެއަހައިލުމުގައިވިއެވެ.

"ރަގަޅު! ވަރަށް ރަގަޅު.. " ވަރަށް އަވަހަށް ޖަވާބުދިނެވެ. ނަމަވެސް އެލީ އިސްޖަހައިލިއެވެ. މަންމަގެ ސަލާމް ގައިސަރަށް ރައްދުކޮށްދެއްޗޭ ބުނުމުން އެލީ ބޯ ޖަހައިލިއެވެ.

"މަންމައާއި ބައްދަލުކޮށްލާން ވަރަށް އަންނަހިތުން ހުންނަނީ.. ދެތިން ދުވަހަކު އާނީވެސް ބުނެފި، މަންމަ ވަރަށް އަންނަ ހިތްވާ ވާހަކަ! އަހަރެންނަށް ކަންތައް ކުރެވުނުގޮތުން، މަންމަ ކައިރީގައި ބުނަން ނުކެރިފައި މިހުންނަނީ.. މަންމައަކީ ހިތުގައި ބުރަކަމެއް ބާއްވާނެ މީހެއް ނޫންކަންވެސް އިނގޭ.. އެކަމަކު..!" ވަރަށް ދެރަވެފައި އެލީ ވާހަކަދެއްކިއެވެ. ހައްވާފުޅުގެ ހިތާއި ނަފުސު، ﷲތަޢާލާއަށް ޝުކުރުވެރިވިއެވެ. އެދަރިފުޅަށް ހެޔޮ ވިސްނުން ދެއްވީތީއެވެ.

"އެއީ މާޒީ.. އެކަން އެ ނިމުނީ.. މަންމަ ވަރަށް އުފާވާނެ، މަންމަގާތަށް ގައިސަރު ގެނެސްދީފިއްޔާ" މިފަހަރު ލޮލުން ކަރުނަ ވިދާލިއެވެ. ވަޢުދެއް ވާ ފަދައިން އެކަމަށް އެލީ އެއްބަސްވިއެވެ. ދެމައިން ބައްދާލީ، އެތައް އަހަރަކަށްފަހުއެވެ.
***
ލިބެމުންދިޔަ މެސްޖްތަކާއި އިންޒާރުތަކުން ރާނިޔާގެ ދުވަސްތަކާއި ރޭތައް ޚަރާބުވަމުންދިޔައެވެ. ހިއްސާކުރާނެ މީހެއް ސިކުނޑިއަށް ނުވެސްއަންނަނީއެވެ. އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ގެންގުޅެވުނީ ވިހަގަދަ ހަރުފައަކަށްވުރެން ނުރައްކާތެރި އިންސާނެއްކަމަށް މިއަދު ރާނިޔާ ގަބޫލުކުރެއެވެ. ސަވާނާގެ ހުރިހައި އުނދަގުލެއް ތަހަންމަލް ކުރަމުންގެންދަނީ އެކަނިމައި އެކަންޏެވެ. ނަމަވެސް ރާނިޔާ ގަބޫލުކުރާންޖެހޭ ހަގީގަތެއް އޮތްކަމަށް އޭނާގެ ހަވަނަ ހިއްސު ބުނެލިއެވެ.

-- ނުނިމޭ --
ހިޔާލު

ދިޔެ

އެލީ ހާދަ ދުވަހެއްކޮށްފަ މިދައްކާލީ🙂އެމަންޖެ މަތިން ހަނދާނެއްވެސްނެތް