Thuhumathuthakeh Kurevemun Dhanikoh HDC ge Haasa Audit eh Kuranee
image
އެޗްޑީސީ---ފޮޓޯ:ޝާން
0 ކޮމެންޓް
 

ތުހުމަތުތަކެއް ކުރެވެމުން ދަނިކޮށް އެޗްޑީސީގެ ހާއްސަ އޮޑިޓެއް ކުރަނީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ތަފާތު ތުހުމަތުތަކެއް ކުރެވެމުންދަނިކޮށް އެޗްޑީސީގެ ހާއްސަ އޮޑިޓެއް ކުރަން އޮޑިޓަ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.
ލިބިފައިވާ މައުލޫމާތުތަކަށް ބަލައި އެޗްޑީސީގެ އޮޑިޓެއް ކުރުމަށް ތައްޔާރުވަމުންދާ ކަމަށް އޮޑިޓަ ޖެނެރަލް އޮފީހުގެ އޮފިޝަލަކު ވިދާޅުވިއެވެ.

އެޗްޑީސީ އޮޑިޓްކުރަން ތައްޔާރުވަމުންދާއިރު ހުޅުމާލޭގައި އެޗްޑީސީގެ އިސް ފަރާތްތަކުގެ ބެލުމުގެ ދަށުން ނެއިބަހުޑް ދެ އަކަށް ހާއްސަކޮށް ހަދާފައިވާ ޕްރީ ސްކޫލުގައި ހިންގަމުން ދިޔަ ޖަގަހާގައި ހުރި ލިޔުންތަކެއް އަންދާލަން އުޅޭ ކަމަށް ބުނެ އެޗްޑީސީގެ މުވައްޒަފުންތަކެއް މިއަދު ވަނީ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.

އޭގެ އިތުރުން މިދިޔަ ރިޔާސީ އިންތިހާބުގައި އެޗްޑީސީގެ ފައިސާ އާއި ތަކެތި ބޭނުންކޮށްގެން ރައީސް ޔާމީނަށް ކެމްޕޭޏް ކުރި ކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.

މިމަހު ބޭއްވި ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ އެޗްޑީސީގެ ކޭޝްފްލޯ ހުސްވެފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.

ރިޔާސީ އިންތިހާބު ނިމުނުއިރު އެޗްޑީސީގެ ފައިސާ ހުސްވެފައިވާ ކަމަށް ބުނެފައި ވަނިކޮށް އެޗްޑީސީގެ ކޮރަޕްޝަންގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ބަލަން ފަށާފައެވެ. އޭސީސީން ބުނި ގޮތުގައި އެއީ އެޗްޑީސީގެ މުވައްޒަފުން ހުށަހެޅި ޕެޓީޝަނެއްގައި ހިމެނޭ ކަންކަމެވެ.
ހިޔާލު