Firumaaladheyshey, Episode 53
image
ފިރުމާލަދޭށޭ..
ފުނަމާ
3 ކޮމެންޓް
 

ފިރުމާލަދޭށޭ..

53 ވަނަބައި
ކޮންމެ ގޮތަކަށް ރާނިޔާ ކަންކޮށްފައިވިޔަސް އޭނާގެ ދަރިފުޅާއި ފިރިމީހާ، ރާނިޔާ ދޫކޮށް ނުލާނެކަން ޔަގީންކުރާން ޖެހެއެވެ. ލިބޭ ކޮންމެ އުފަލަކާއި މޮޅެއް، އެމީހުންނާއި ހިއްސާކުރުމުން ރާނިޔާ ފެއިލްވެފައި ވިޔަސް، އެއިން މީހަކަށް އެދި، ރާނިޔާ އަތް އުފުލާލި ކޮންމެ ވަގުތެއްގައި، ކޮންމެ ހާލެއްގައިވިޔަސް ރާނިޔާގެ އަތުގައި އޯގާތެރިކަމާއެކު ހިފާލާފައިވަނީ ފިރިމީހާއާއި ދަރިފުޅެވެ. ފޯނުގެ ސްކްރީނުން ފެންނަމުންދިޔަ ނުރައްކާތެރި މެސެޖްތަކާއި ފޮޓޯތަކުން ނުހަނު އުނދަގޫވެއެވެ. އިންމައާއި ހިއްސާކުރާން ހިތައް އެރިޔަސް ހަތަރެސްފައި ތުރުތުރު އަޅައެވެ.

"މަންމާ! ކޮންކަމަކާ ތިވިސްނަނީ؟" ރާނިޔާ ދިޔައީ ސިއްސައިގެންނެވެ. ރާނިޔާގެ އިތުރުން، ގޭގައި ގެންގުޅޭ ނޯކަރުންފިޔަވައި އިތުރު މީހަކު އެވަގުތު ނޫޅޭނެއެވެ. ކުއްލިޔަކަށް ބިރުގަތީ ހިތުގައި ނުތަނަވަސްކަން އޮތްވަރުންނެވެ.

"ނުވިސްނަން ދަރިފުޅާ.. ހަމައޮވެލީ"
ހިތުގައި އޮތް ގޮތަށް ބުނަން ސިކުނޑި މަޖުބޫރުކުރިޔަސް، ދޫ ހަރަކާތް ނުކުރީމައި އަމިއްލަ ނަފުސުކުރާނީ ކީއްހެއްޔެވެ؟ ރާނިޔާގެ މޫނުމަތީގައި އުޖާލާކަމެއް ނެތެވެ. ގޭތެރޭގައި އުޅޭއިރުވެސް ފެންވަރައި ނަލަ ހެދިލައިގެން ހުއްޓައި ނޫނީ ރަނިޔާ ފެންނާނީ މަދުފަހަރަކުއެވެ. މިއަދު ހޭލީއްސުރެން ރާނިޔާ އެއޮންނަނީ ސިޓިންރޫމްގައެވެ. ކަމަކާއިމެދު ނުވިސްނަމޭ ބުންޏަސް، ހިތުގައި އޮތް އެއްޗެއް އީތަންއަށް ސިއްރުނުކުރެވޭނެކަން މިވަގުތު ރާނިޔާއަށް އިހުސާސްކުރެވެއެވެ.

"އަދިވެސް މަންމަ އެހައި މޮޅެއްނޫނޭ ދޮގުހަދާކަށް.. އަހަރެންކައިރީގައި ނުބުނެ ދެން ކާކުކައިރީގައި މަންމަ ތިވާހަކަތައް ދައްކާނީ؟ މަންމަގެ ހަޔާތުގެ އަނދިރި ސަފްޙާތަށް ނިއުޅުވާހައި ހިތްވަރެއް މިހާރަކު ބައްޕަގެ ނުހުންނާނެ އިނގޭ.. ބައްޕަ ވަރަށްބަލި! ކުއްލިޔަކަށް ދިމާވެދާނެ ނުރައްކާތެރިކަމަކަށް އަހަރުމެން އެންމެން ތިބެންޖެހޭނީ ތައްޔާރުވެގެން.. ވަރަށް ފަސޭހައިން ބެލެންސް ގެއްލިގެން ބައްޕަ މިހާރަކަށް އައިސް، ވެއްޓޭ! ވަރަށް ބަލައިގެން އުޅެންވާނީ" މީގެކުރީން ބުނެނުދޭވަރަށް މަންމައަށް ބުނެދެވޭތޯ އީތަން މަސައްކަތްކުރަނީއެވެ. ކަނުލައި އަޑުއަހަން ރާނިޔާ އޮތީ ފެންކަޅިވެފައިވާ ޙާލުގައެވެ. އެއްޗެއް ބުނަން އަނގަހުޅުވާލާފައިވެސް ރާނިޔާއަށް ކެތްނުވިއެވެ.

"ލޯތްބަކީ އުމުރުކަނޑައެޅިގެންވާ އެއްޗެއްނޫނޭ މަންމާ! ރަޙުމުކުޑަ އަނިޔާވެރިއެއްގެ ކިބައިން މަންމައަށް ސަލާމަތްވެވުނީތީ އުފާކުރޭ" އީތަންގެ މޫނުމަތީގައި މޮޅިވެރިކަން ވިއެވެ.

"މަންމައަށް މަޢާފުކުރޭ ދަރިފުޅާ! މަންމައަށް ދުނިޔެ ދަހެއްނުވި" ރާނިޔާގެ ކަރުނަ އޭނާއަށް ނުހިފެހެއްޓުނެވެ. މަންމައެއްގެ އިހުސާސްތައް ދަރިއަކަށް ވަޒަންކުރެވިދާނެކަމަށް، އިންސާނަކަށް ގަބޫލުނުކުރެވިދާނެއެވެ. ނަމަވެސް އީތަން، މަންމަގެ މަގަތުން އިށީނދެ، ނުހަނު ލޯބިން ބައްދައިލިއެވެ. މަންމައަށްޓަކައި އެދަރިފުޅުގެ ހިތް ސާފުކަން ބުނެދޭން ބޭނުންވިއެވެ.

"މަންމައަށް ނޭގުނީ ދުނިޔެއެއްނޫން.. މަންމައަށް ދަސްނުވީ މީހުން! ރަގަޅު މީހުންނާއި ނުބައި މީހުން ވަކިކުރާން ނޭގުނީ! ހެޔޮއެދޭ މީހުންނާއި ދެއްކުންތެރި މީހުން ދެނެގަންނާން މަންމައަށް ނޭގުނީ.. އެއީ މައްސަލައެއްނޫން، ލޯތްބަކީ ފާޑެއްގެ އެއްޗެއް މަންމާ.. ބައްޕަ، މަންމަދެކެ ވަރަށް ލޯބިވޭ.. މަންމައާއި ނުލައި ބައްޕައަކަށް ނޫޅެވޭނެ" މިފަހަރު އީތަންގެ އަޑު ބެދުނެވެ. އެކަމަކު އެއީ ހިއްވަރުގަދަ ކުއްޖެކެވެ. ރާނިޔާއަށް ރޮވިއްޖެއެވެ.

"މަންމާ! އެކަމަކު ދެރަކަމަކީ ވިސްނާނުލާ ވަރަށް ބޮޑެތި ޅައެއްޗެހި މަންމައަށް އެޅިއްޖެ.. ދެން އޮތީ ހިތްވަރާއެކު މުސްތަޤްބަލަށް ކުރިމަތިލުން.. މަންމަ އަޒުމުކަނޑައަޅަންވީ، މަންމަގެ ހިތައް އެއްވެސް އިންސާނަކަށް ތަދުނުކުރެވޭނެކަން، އެއްވެސް މީހަކަށް އަހަރެންގެ ހިމާޔަތުގެ ފާރު ހުރަސްކޮށް، މަންމައަށް ހަމަލާއެއް ނުދެވޭނެ! އެކަމެއް ނުވާނެ މަންމާ! މިދަރިފުޅު ދުނިޔޭގައި ހުރިއްޔާ މަންމައާއި ބައްޕަ، އުމުރަށް ހިމާޔަތްކުރާނަން.." އަސަރުން ފުރިގެންވާފަދަ ޖަޒްބާތަކާއެކު އީތަން ވާހަކަދެއްކީ ވަރަށް ހިތްވަރުކޮށްގެންނެވެ. އޮފީހުގައި ހުރެފައި ގެއަށް އެއައީވެސް ބައްޕަ ނެތް ވަގުތެއްގައި މަންމައާއި ވާހަކަދައްކަން ބޭނުންވެގެންނެވެ. ރޯނެވަރަކަށް ރުއިމަށްޓަކައި އީތަންގެ ކޮނޑު މަންމައަށް މިވަގުތު ހަދިޔާކޮށްލާފައިވެއެވެ.

"އެކަމަކު، މަންމައަށްވެސް އެނގެންޖެހޭ އެއްޗެއް އެބައޮތް.. ވަރަށް މަޢާފުކުރާތި މިކަހަލަ ސިޓުއޭޝަނެއްގައި މިވާހަކަ ބުނަންޖެހޭތީ" މަންމަގެ ބުރަކަށީގައި ފިރުމާލަމުން އީތަން ވާހަކަދެއްކިއެވެ.

"މަންމައާއި ބައްޕައާއި އެއްވަރަށް، އަހަންނަށް މާޔާވެސް މުހިއްމު.. މަޔާގެ މަންމަވެސް މުހިއްމު! މިހަށިގަނޑުގެ އެންމެ ވިންދެއް ހުއްޓަސް، އެދެމައިން އަހަރެންގެ ރައްކާތެރިކަމުން އެއްކިބައި ނުކުރެވޭނެ.. މިކަމުގައި މަންމަގެ އެހީތެރިކަން އަހަރެން ވަރަށް ބޭނުން.. އެމީހުންނަށް އަހަރެންގެ ފަރާތުން ދެވޭ ވަގުތާއިމެދު މަންމަ ޝަކުވާއެއް ނުކުރާނެކަމަށް އުއްމީދުކުރަން.. މާޔާ ވަރުގެ މާތް އަޚްލާގެއްގެ، ކެތްތެރި އަންހެން ކުއްޖެއް އަހަރެން ހަޔާތުގައިވެސް ނުދެކެން.. އަހަރެންގެ ހަޔާތުން މާޔާ ދުރުކުރުމަށް މަންމަ މަޖުބޫރުނުކުރާނެކަމަށް ހީކުރަން.. އެނޫން ކޮންމެ އެއްޗެއް އަހަރެންގެ ފަރާތުން މަންމައަށްލިބޭނެ.." އީތަންގެ އަޑުގައި ތުރުތުރުއެޅުމެއް ހުއްޓެވެ. ދަރިފުޅުގެ ހަޔާތަށް ކުރިމަތިކުރެވުނު ޠޫފާނުގެ އިހްސާސްތައް ރާނިޔާގެ ހަށިގަނޑުގައި ދައުރުކޮށްލިއެވެ. ދުވަހަކުވެސް އީތަންގެ ކުރިމަތީގައި ރޮއެފައިނުވާފަދަ ހިތްދަތި ރުއިމަކުން ރާނިޔާ ރުއެވެ. ތަކުރާރުކޮށް ދަރިފުޅުގެ ކިބައިން ރާނިޔާ މަޢާފަށް އެދުނެވެ.

"ދަރިފުޅަކަށް ނޭގޭނެ މަންމައަށް ކުރެވުނީ ކިހާވަރެއްގެ ކަމެއްކަން.." ރާނިޔާގެ ޖުމުލައިގެ ތެރެއަށް އީތަންވަނީ އެވާހަކަ އަޑުއަހަންޖެހޭނެކަން އެނގިހުރެއެވެ.

"އެނގޭ.. ހުރިހައި އެއްޗެއްވެސް އެނގޭ! މަންމައަށް އެނގޭވަރަށްވުރެން ބޮޑަށްވެސް އެނގޭ.. އަހަރެން ބުނާގޮތަށް މަންމަ ކަންކަންކުރީމައި ރަގަޅަށް ހުންނާނީ.. މިއީ އަހަރުމެން ދެމީހުންގެ ސިއްރެއް!" އީތަންގެ އަޑުގައި ސިރިއަސްކަންވިއެވެ.

"ހީކުރާ ވަރަށްވުރެން..." ރާނިޔާ މަސައްކަތްކުރީ، އިތުރަށްވެސް ބުނެދެވޭތޯއެވެ. ނަމަވެސް އެކަމަށް އީތަން ފުރުސަތެއް ނުދިނެވެ. އަޑުއަހާން ބޭނުންނުވާތީއެވެ.

"ކޮންމެ ހާލެއްގައިވިޔަސް މަންމަ އެކަނިވެރި ނުކުރާނަން.. މަންމަގެ ނުތަނަވަސްކަން އަހަރެންގެ ކޮނޑުގައި އަޅާނަން.. އެކަން ހުއްޓުވާނަން" ވަރަށް ޔަގީންކަމާއެކު އީތަން ބުންޏެވެ.

" މަންމައަށް އިނގޭތަ؟ ތިހުރިހައި އުނދަގުލެއް ސަވާނާ އެކުރަނީ އަހަންނަށް.. ރެއާއި ދުވާލު އެ ފޮޓޯތަކާއި އޭތިމީތި އަހަރެންނަށް ފޮނުވާ! މީގައި އެންމެ ބޮޑު ނުރައްކަލަކީ އޭނާގެ ޑިމާންޑް.. ސަވާނާއަކީ ވަރަށް ގޮތްކުޑަ އަންހެނެއް.. ލަދު ހަޔާތުގެ ކަންފުޅެއްވެސް އޭނާގެ ނުހުންނާނެ.. އަހަރެންގެ ފޮޓޯތައް ފޭސްބުކްއަށް ލައިގެން ކައިވެނިވެސް އިއުލާންކޮށްފި.. މާޔާއަށް ވަރަށް އުނދަގޫކުރޭ.. އިންޒާރުވެސް އެބަދޭ.. އޭނާ ހުއްޓުވާނެގޮތެއް އަހަންނަށް ނުވިސްނިގެން މިއުޅެނީ.. އެކަމަކު ރަގަޅު ގޮތަކަށް މިކަން ނިންމާނަން.. މަންމަ އަހަންނަށް އިތުބާރުކުރޭ" ހަށިގަނޑު ސީދާކޮށްލަމުން މަންމަގެ ގައިން އީތަން ދޫކޮށްލިއެވެ.

***
އައިޖީއެމްއެޗް ތެރެއިން މާޔާ ނިކުތީ ވީލްޗެއާރގައި މަންމަ ގޮވައިގެންނެވެ. ޓެކްސީއެއް ހޯދުމަށްފަހު މަންމަ އަރުވައިގެން ނައްޓާލަމުން މާޔާ ގުޅާލީ އީތަންއަށެވެ.

ދުވަހުގެ އިރު މެންދުރުން ފަސްވެއްޖެއެވެ. ގަދަ އަވީގެ ސަބަބުން ލޮޑުކަން ލިބުނު އެންމެން އިންތިޒާރުކުރަނީ ހަވީރުގެ ފިނިޖެހޭނެ ވަގުތަކަށެވެ. އޮފީސް ނިމުމުން ޔާދުއާއި ބައްދަލުކުރުމަށް މެސެޖެއް ލިބިފައިވާތި އީތަން އަވަސްވީ، އެކަންކުރުމަށެވެ. އެތައް ކަމެއްގެ ސަބަބުން ބޮލަށް ތުރާވަމުންދިޔަ ދުވަސްކޮޅެކެވެ. ޔާދުއަކީ މާގިނައިން އީތަންއާއި ވާހަކަދައްކާ މީހަކަށްނުވިޔަސް ގާތްކަމެއް އެދެމެދުގައި އުފެދިފައިވާކަން ކަށަވަރެވެ. ބައްދަލުކުރާން ބޭނުންވާ ސަބަބެއް ބުނެފައި ނެތަސް، ދަޢުވަތުދިނީ މުހިއްމުކަމެއްގައިކަން އީތަންއަށް އެގެއެވެ. ދެމީހުން ބައްދަލުކުރުމަށް ބުނެފައިވަނީ މަޝްހޫރު ރެސްޓޯރެންޓެއްގައެވެ.
ޕާކިންޒޯނުން ލިބުނު ހަނި ޖާގައެއްގައި ސައިކަލު ބަހައްޓާފައި މަގުހުރަސްކުރާން އީތަން އެނބުރުނުއިރު ޔާދު ހުރީ ބަލަހައްޓައިގެންނެވެ. ދެމީހުންގެ އަތުން ހަނާއަޅާލެވުނީ އެއްފަހަރާއެވެ.

****
އާންޔާ ގޮވައިގެން އެލީ އަންނާންވާއިރަށް ގައިސަރުގެ އަތްމަތި ހަލުވިކޮށްލައިފިއެވެ. އޮފީހުން އައިސް ފެންވަރައިލައިގެން އެލީ އެދިޔައީ އާންޔާ ބަލައެވެ. ކާނެވަގުތެއްވެސް އެލީއަށް ނުލިބުނީއެވެ. ގައިސަރު އިންތިޒާރުއެކުރަނީ އެދެމައިންނަށެވެ.

ޔާދުގެ ކުޑައިރުގެ ދުވަސްތައް ކިތަންމެ ބޮޑު ގެއެއްގައި ގައިސަރާއެކު ހޭދަކުރިޔަސް، ގެއެއްގެ އިހުސާސް މިހާރު ކުރެވޭވަރަށް އޭނާއަށް ދުވަހަކުވެސް އެއުފާ ހާޞިލްވެފައި ނުވާކަމަށް ހިތައް އެރުމުން ގައިސަރަށް މަޑުޖެހެވުނެވެ. މަންނާނު ނެތްކަމުގެ އިހުސާސްކުރެވޭ ކޮންމެފަހަރަކު ގައިސަރުގެ ހިތް ރޯލައެވެ. ހަރަކާތްތައް މަޑުޖެހިލައެވެ. އެއީ އޯގާތެރި، ލޯބި ފިރިއެކެވެ. ލިބިދިން އުފާތަކާއި މާޒީކުރުވި، ނަލަނަލަ ހަނދާންތަކަށް މުޅި ދިރިއުޅުން ހަދިޔާކޮށްލިޔަސް، ގައިސަރުގެ ހިތް ފުރޭވަރުނުވާނެއެވެ.

އުމުރުން ފަންސާހާއި ގާތްވެފައިވިޔަސް، ގައިސަރަކީ މިހާރުވެސް ރީތި އަންހެނެކެވެ. ހަށިގަނޑުގެ ބައްޓަން ރީތިކަމާއި ހަމުގެކުލަ އަލިކަމުން އެތައް ފިރިހެނެއްގެ ކަޅި މިހާރުވެސް ގައިސަރަށް އަމާޒުވެއެވެ. ލޮލުގެ ތަނަވަސްކަމާއި ދިގުއެސްފިޔަތަކާއި ބައްޓަން ރީތި ބުމައިން ގައިސަރުގެ ބަނިޔާދަންކަން ފުރިހަމަވެއެވެ. ނަމަވެސް ފިރިމީހާގެ ހައްގުގައި މުޅި ހަޔާތް އެކަނިވެރިކަމުގައި ވެއަތުކޮށްލުމަކީ ގައިސަރު ދެކޭގޮތުގައި މަންނާނަށްޓަކައި އޭނާއަށް ދެވޭނެ އެންމެ ބޮޑު ހަދިޔާއެވެ. މަންނާނު ނޫން ފިރިހެނަކު ގައިސަރުގެ ހަށިގަނޑުގައި ބީހުމަށް އެހިތަކަށް ދުވަހަކުވެސް ނެތެއްނުވާނެއެވެ. ވަކިވެގެންދިޔަތާއި އެތައް އަހަރެއް މާޒީވީއެވެ. ނަމަވެސް ލޯބީގެ ރާހަތުން އަދިވެސް ގައިސަރުގެ މޫނަށް ޖަންބުކުލަ އަރައެވެ.

"މާމާ..! ހާދަ ލޯބިކޮށް ހީނލައިގެން ތިހުންނަނީ! އާނީ ނައިސްގެން ދޯ ތިހުންނަނީ.. މިއަދު ވަރަށް ބަނޑުހައިވެއްޖެ.. އިންޓަވަލްވެސް އެހެންކުއްޖަކާއި ޝެއާރކޮށްލަން ޖެހުނީމަ ވީގޮތް" ވަރަށް ފަޚުރުވެރިވެލާފައި އާންޔާ ބުނަން ބޭނުންވީ އޭނާގެ އިންޓަވަލް މިއަދުކެއީ އެހެން ކުއްޖަކަށް ދީގެންކަމެވެ.

"ތިއީ މާމަގެ ލޮލުގެ ނޫރު..! ދަރިފުޅު ހިނިތުންވެފައި ހުންނަންޏާ މާމަކިހިނެއް، ރޮވިފައި ހުންނާނީ.. ކިހިނެއްވީ އިންޓަވަލް ބަހާލަންޖެހުނީ؟" ވަރަށް ލޯބި ހިނިތުންވުމަކާއެކު ގައިސަރު ބައްދައިލިއެވެ. އެދަރިފުޅަށް މާމަގެ އޯގާތެރިކަން އިހުސާސްކޮށްދިނުމަށެވެ. ވަރަށް އުފަލުން އާންޔާގެ ވާހަކަތައް އަޑުއެހިއެވެ.

"ދަރިފުޅާ.. އިންޓަވަލަކީ ބަހާއެއްޗެއްނޫނޭ.. އެކަމަކު އެހީތެރިކަން ބޭނުންވެފައިވާ ކުއްޖަކަށް ކިތަންމެ ކުޑަ މިންވަރެއް ދިއްކޮށްލިޔަސް އެކުއްޖަކު ދަރިފުޅަށްޓަކައި ހެޔޮދުޢާކުރާނެ.. އަބަދުވެސް އެހީތެރިވާންވާނެ.. މާމައަކަށްނޭގެ އިންޓަވަލް ނުގެންދާ ކުއްޖަކު ތިކުލާހުގައި އިންނަކަމެއް.. ދެން ކޮންމެ ދުވަހަކުވެސް މާމަ ތައްޔާރުކުރާނީ ދެ އިންޓަވަލް! އެއީ ދަރިފުޅަށާއި ދަރިފުޅުގެ ރަޙްމަތްތެރިޔާއަށް!" އާންޔާގެ އުފާވެރިކަން ދުލުން ބަޔާންކުރާކަށް ނުޖެހެއެވެ. ބިއްލޫރިކޮޅެއްހައި ސާފުކޮށް އެދަރިފުޅުގެ ހިނިތުންވުން ވިދާލައެވެ.

"މާމާ.. ޔޫ އާރ ދަ ބެސްޓް" އެއީ އެންމެ އުފާވުމުން މިހާރާކަށްއައިސް ގައިސަރަށް ލިބޭ ހަދިޔާއެވެ.

***
ވާހަކަ ފެށީ ވަރަށް އުނދަގުލުންނެވެ. ނަމަވެސް މިހާރު ޔާދު އެއިނީ ހަމަޖެހިލައިގެންނެވެ. އީތަންއާއި ވާހަކަދައްކަން ޔާދުއަށް ފަސޭހަނުވާ ސަބަބުތަކެއް އެބަހުއްޓެވެ. ޔާދުއަށް ވުރެން، އެއްއިރެއްގައި މަންމައާއި އީތަން މާބޮޑަށްވެސް ގާތީއެވެ. ޔާދުއަށްވުރެން، މަންމަވެސް އީތަންއަށް މާ ލޯބިން އަޅައިލާކަން ޔާދުއަށް ފާހަގަކުރެވިފައިވާތީއެވެ. އީތަން ނުފެނުމުންވެސް މަންމަ ޝަކުވާކުރުމަކީ ޔާދު ހަސަދަވެރިވާ ކަމެކެވެ. ބޭނުންވާ މައުލޫއިން ބޭރުން ވާހަކަދެއްކުން ކުރިއަށްދިޔަޔަސް، މިހާރު ޔާދު ހަމަޔަކަށް އެޅިއްޖެއެވެ. އެއްކޮފީ ހުސްވެ، ދެވަނަ ކޮފީއަށްވެސް އެދެފިއެވެ.

"އެމީހުން މިހާރު އެބައާދޭ.. އެހުރިހައި އެއްޗެއް އީތަންވެސް ރަގަޅަށް ކިޔާލުމަކީ އަހަރެން ވަރަށް އެދޭކަމެއް.. މިއިން އެއްވެސްކަމެއް އެލީއަށްވެސް އަދި ނޭގޭ.. އަހަންނަށްވެސް އަސްލުގައި ނޭގެ.. މަންމަ ނުބުނެއޭ..!" ނިއްކުރީގައި އަތް ހާކައިލަމުން ޔާދު ބުންޏެވެ.

"އަހަރުމެންގެ މައިންބަފައިން އަހަރުމެންނަށްޓަކައި ވެދާނެ ޤުރުބާނީއެއް ހިތައް ގެންނާންވެސް ނޭގޭނެ.. އެމީހުންގެ އެހީތެރިކަމުން މަހުރޫމްވެދާނެތީ އަހަރެން އަބަދުވެސް ވަރަށް ވިސްނަން.. ޔާދުގެ ނަސީބަށްޓަކައި އަހަރެން ވަރަށް އުފާކުރަން.. އަބަދުވެސް އެކަމަށް ޝުކުރުވެރިވާތި އިނގޭ.. މާޝާﷲ އެހެރަ ލޯބި ދަރިއެއްދޯ.. ވަރަށް ބޮޑަށް އާނީ ރައްކާތެރިކުރައްޗޭ" ހިތުގެ އަޑިން ހެޔޮއެދިގެން އީތަން ވާހަކަދެއްކިއެވެ. ދެމީހުންގެ ވާހަކަ މެދުކަނޑާލަންޖެހުނީ، ގެ ހެދުމަށް ހަވާލުކުރާ ފަރާތުން ލިޔެކިޔުންތައް ހިފައިގެން އެވަގުތު އައީތީއެވެ. ޔާދުގެ އިތުރުން އެކަމުގައި އެހީތެރިއެއްގެ ގޮތުގައި ބައިވެރިކުރާން އޭނާ ބޭނުންވީ އީތަންއެވެ. އިންތިހާއަށް އިތުބާރު ކުރެވޭތީއެވެ.

****
މާޔާގެ ފޯނު ރިންގުވިޔަސް އޭނާ ބިރުގަނެއެވެ. ފޯނު ނުނަގާތީ، މަންމަ އެކަމާއި ސުވާލުވެސް ކޮށްފިއެވެ. އީތަންއާއި މައްސަލައެއްޖެހުނީކަމަށް ހީކޮށް، މަންމަ ވަރަށް ނަސޭހަތްވެސް ދީފިއެވެ.

"ދަރިފުޅާ.. ކޮންމެ މީހަކު، ކޮންމެފަދަ ބޭނުމެއްޖެހިގެންވެސް ގުޅާފާނެ.. ފޯނު ނަގާފައި ޖަވާބު ދީބަލަ" ނަސޭހަތުގެ ރާގުގައި ހައްވާފުޅު ބުނެލިއެވެ. އެމީހަކަށް ފަހުން ގުޅާނަންކަމަށްބުނެފައި މާޔާގެ މަސައްކަތައިގެން އޭނާ ކުރިއަށްދިޔައެވެ. ދިހައެއްޖަހަންވާއިރަށް އީތަން އަންނާނެކަން އިނގޭތީ އިސްތިރިކޮށް ނިންމާލަން މާޔާ ބޭނުންވީއެވެ. އެންމެ ލޯބިވާ އިންސާނާއަށް މަރުހަބާކިޔުމަށް ތައްޔާރުވާން ވަގުތު ބޭނުންވާތީއެވެ.

***
"މަންމާ! އަހަންނަށްހީވަނީ މާލެއަށް ދާންވީ ވަގުތު ޖެހިއްޖެހެން.." ސަވާނާއަށް ގޮތްހުސްވެފައިވާފަދަ ގޮތަކަށް އޭނާގެ ހަރަކާތްތައް ހުރިކަން ގިޔާދާއަށް ފާހަގަކުރެވުނެވެ. ސަވާނާގެ އުފަލަކީ ގިޔާދާގެ ހިތުގެ ކާނާއެވެ. ފާޅުގައި ދެކޮޅުހަދަން އުނދަގޫވިޔަސް، 'ނޫނެކޭ' ބުނަން ޖެހުނު ސަބަބަކީ އެއީއެވެ. ނުފެންނަ ހިސާބަށް މިފަދަ ނާޒުކު ދަނޑިވަޅެއްގައި ސަވާނާ ފޮނުވާލަން ގިޔާދާއަށް ފަސޭހައެއް ނޫނެވެ.

"އަހަރެންގެ މަސައްކަތް ފެނަށް ދުއްވާލާކަށް ބޭނުމެއް ނޫން.. ހަގީގަތަކީ އަހަރެން އީތަންދެކެ، ލޯބިވޭ! އެއަންހެނާގެ އަތުން އީތަން ޖަހައިގަނެވޭނީ މިގޮތަށް.. ދެން އޮތީ ބަދަލުހިފުމުގެ ބައި.. އެއީ މުޅިން އެހެންކަމެއް.. މަންމަގެ އެހީނުލިބި މިކަމެއް ނުކުރެވޭނެ.. އަހަރެންގެ މާޒީގައި ކިތަންމެ ކިލަނބުކަމެއް އޮތަސް، މިހާރުގެ ލައިފުގައި ނުރަގަނޅު ކަންކަން ހުއްޓަސް، މަގޭ ފަރުވާލެއް ނެތް.. އީތަންއާއި އިނަސް އަހަންނަށް މިހާރު މިއުޅޭގޮތަށް އުޅެވޭނެކަން މަށަށް ޔަގީން.. ބޭނުންވާ އެއްޗެހި މާލެއިންވެސް ލިބޭނެ.. ނުލިބެންޏާއި ރިސޯޓަކަށް ނައްޓާލީމަވީނުން.. އެމީހުން އަތުގައި ފައިސާ ހުންނާނެ.. އެކަންކަން ކުރެވޭނެ ގޮތް ހަމަޖައްސާނީ އަހަރެން.." އުނދަގުލުން ނަމަވެސް ގިޔާދާ އެއްބަސްކުރުވުމަށްފަހު ސަވާނާ ނިންމީ މާލެއަށް އައުމަށެވެ.

-- ނުނިމޭ --
ހިޔާލު

ޔާމީނުގެ ބާނީމު

ޤައިސަރަށް އެވީ ވޯޓު ކަރުދާހުގަ ޖެހި ފާހަގައަށް ވީހެން......ޒުވާންކަން ތިރިން މައްޗަށް އެރީ!

ދިޔެ

ރާނިޔާގެ ހާލާމެދު ވަރަށް ދެރަވޭ😢

ތުނިޔަ

ގައިސަރުގެ އުމުރު ފަންސާހާ ގާތްކުރާއިރުވެސް.....
ޢެހެންވިއްޔާ އަދި ވަރަށް ޒުވާނެއްނު! ވާހަކައިގެ ކުރީބައެއްގައި މުސްކުޅިވެ ބަލިކަށި ވުމުގެ ސަބަބުން އެކަނި އުޅެން ޖެހިލުންވާތީ ޔާދު ކައިރީ ދުވަސްކޮޅަކަށް މަޑުކޮށްލަން ގުޅިއެއްނު! ޔާދު އޮފީސް ބަޔަކާއެކު ކޮފީއެއްގަ ހުއްޓާ!