HighCourtuge Uthuru Gofeege Shareeiy thah Miadhu Fashafi
image
ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީއަތުގެ ތެރެއިން--ފޮޓޯ: އަވަސް
0 ކޮމެންޓް
 

ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީއަތްތައް މިއަދު ފަށައިފި

ހައިކޯޓުގެ އުތުރުގޮފި ހުޅުވައި، ޝަރީއަތްތައް މިއަދު ފަށައިފި އެވެ.
ދިދަ ނެމުމުގެ ރަސްމިއްޔާތަކުން ހައިކޯޓުގެ އުތުރުގޮފި ކުޅުދުއްފުށީގައި ހުޅުވައިދެއްވިއިރު ފުރަތަމަ ޝަރީއަތް ފެއްޓެވުމަށްޓަކައި ހައިކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު އަބްދުﷲ ހަމީދާއި، ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު އަލީ ސަމީރެ ވަނީ ވަޑައިގަންނަވާފައެވެ.

މިއަދު ހެނދުނު 9:00 ގައި ހައިކޯޓުގެ އުތުރުގޮފީގެ ފުރަތަމަ ޝަރީއަތްތައް ފެށިއިރު ޖުމްލަ ހަތް އަޑުއެހުމެއް ވަނީ ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. އެގޮތުން ވަފުދުގެ މަސައްކަތް މިމަހު 25 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ހައިކޯޓުގެ އުތުރު ގޮފިން ބަލުމަށް ހަމަޖެހިފައިވަނީ ށ، ބ، ހއ، ހދ، ހއ، އަދި ރ އަތޮޅުގެ މެޖިސްޓްރޭޓު ކޯޓުތަކުން ނިންމާ މައްސަލަތުކުގެ ތެރެއިން އިސްތިއުނާފު ކުރުމަށް ހުށަހަޅާ މައްސަލަތަކެވެ.

މައުލޫމާތު ލިބުން ގޮތުގައި ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީއަތްތައް ފެށިފައިވަނީ ގޮފިތަކުގައި ދާއިމީކޮށް ފަނޑިޔާރުން ތިއްބެވުމުގެ ބަދަލުގައި، ގޮފިތަކަށް ވަފުދު ފޮނުއްވައިގެން ޝަރީއަތް ހިންގުމަށް ސުޕްރީމް ކޯޓުން ކަނޑައެޅުއްވުމާ ގުޅިގެންނެވެ.

އެރަސްމިއްޔާތުގައި ކުޅުދުއްފުށީގެ ކައުންސިލް އިދާރާގެ ރައީސްގެ އިތުރުން ކުޅުދުއްފުށީގައި ފުލުހުން، މެޖިސްޓްރޭޓު ކޯޓު އަދި ޕްރޮސިކިއުޓާ ޖެނެރަލްގެ ކުޅުދުއްފުށީ ގޮފީގެ އިސްވެރިން ވެސް ވަނީ ބައިވެރިވެފައެވެ.
ހިޔާލު