Media Ge Minivankan Nethi Democracy Eh Noannaane
image
އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު--- ފޮޓޯ: ޓްވީޓާ
0 ކޮމެންޓް
 

މީޑިއާގެ މިނިވަންކަން ނެތި ޑިމޮކްރަސީ ދެމިއެއް ނޯންނާނެ: އިބޫ

މީޑިއާގެ މިނިވަންކަން ނެތި ޑިމޮކްރަސީއެއް ދެމިގެން ނުދާނެކަމަށް އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީއަށް ވަޑައިގެން އެސްޓޭޝަންގެ ނޫސްވެރިންނާއި މިއަދު ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ޑިމޮކްރަސީގެ "ވިންދު" އަކީ މީޑިއާ ކަމަށެވެ. އަދި މީޑިއާގައި ވިންދެއް ނެތްނަމަ ޑިމޮކްރަސީ ދެމިގެން ނުދާނެކަމަށް އިބޫ ވިދާޅުވިއެވެ.

ދެހާސް އަށްވަނަ އަހަރު ފެހި ގާނޫނު އަސާސީ ވުޖޫދަށް އައުމާއެކު މީޑިއާގެ މިނިވަންކަން ލިބުން ނަމަވެސް މީޑިއާއަށް މިހާރު ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނަކަން އެނގިވަޑައިގަންނަވާކަން ފާހަގަކުރައްވާ އިބޫ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި އެ ގޮންޖެހުންތައް ނައްތާލާއި، މިނިވަން މީޑިއާއަށް ޖާގަ ދެއްވާނެ ކަމަށެވެ.

އަބުރުގެ ގާނޫނުގެ ސަބަބުން އެތައް ދަތިތަކެއް މީޑިއާތަކަށް ކުރިމަތިވަމުން އަންނައިރު އެމަނިކުފާނުގެ ވެރިކަމެއްގެ 100 ވަނަ ދުވަހާއި ހަމައަށް ކުރަން ރާވާފައިވާ ޕްރޮގްރާމުތަކުގެ ތެރޭގައި އަބުރުގެ ގާނޫނު އުވާލުމަށް ކުރަން ޖެހޭ މަސައްކަތްތައް ހިމެނޭ ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ އިތުރަށް ވިދާޅުވީ ސަރުކާރުން ކުރާ ކަންތައްތައް ރައްޔިތުންނާއި ހަމައަށް ގެނެސް ދިނުމުގެ އިތުރުން ރައްޔިތުން ދެކޭ ގޮތް ސަރުކާރާއި ހަމައަށް ގެނެސް ދިނުމަކީ މީޑިއާގެ ޒިންމާއެއް ކަމަށެވެ. އެހެންކަމުން އެމަސައްކަތް ކުރާ ފަރާތަށް މިނިވަންކަމާއެކު ޒިންމާ އަދާކުރުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށް އިބޫ ވިދާޅުވިއެވެ.
ހިޔާލު