Firumaaladheyshey, Episode 54
image
ފިރުމާލަދޭށޭ..
ފުނަމާ
2 ކޮމެންޓް
 

ފިރުމާލަދޭށޭ..

54 ވަނަބައި
ހަފުތާއެއް ފާއިތުވެގެންދިޔައިރު، މާޔާ ހަމައަކަށް އަޅުވާލުމަށް އީތަންކުރި މަސައްކަތް ކާމިޔާބާއި ހަމައަށް ގެންދެވިއްޖެއެވެ. އުފާވެރި ހިނިތުންވުން، އެ ލޯބި މޫނުމަތީން ފެންނާން ފަށައިފިއެވެ. ކުރިއަށްވުރެން ގިނަ ވަގުތު މާޔާއަށް ދިނުމަށް އީތަންއަށް މަޖުބޫރެވެ. އެއްވެސް ކުށެއްނެތި މާޔާގެ ހިތައް، އެތައް އަނިޔާތަކެއް ލިބިއްޖެއެވެ. ނަމަވެސް އީތަންއާއިމެދު މާޔާ ފަރުވާކުޑަކޮށްފައިވެސް ނުވެއެވެ.

"ދަރިފުޅާ.. ދަރިފުޅުމެން ކައިވެނިކުރުމަށް ހުރަހަކަށްވާން މަންމައަށް ކެތްވާނެތަ؟ ހެޔޮނުވާނެ، ދަރިފުޅު އީތަން، މާޔާއަކީ ދަރިފުޅުގެ އަމާނާތަކަށް ހަދައިދީބަލަ! މަންމަގެ މި ވޭންދެނިވި އިމްތިހާނުގައި އެއަށްވުރެން ބޮޑު އުފަލެއް ދެން ނުލިބޭނެ" މާޔާގެ މަސައްކަތައް ތަޢުރީފުކުރަމުން ހައްވާފުޅު ވާހަކަދެއްކީ އީތަންއާއެވެ.

"މަންމަގެ މިހިރަ ލޯބި ދަރިފުޅުގެ ނުރުހުމުގައި އޭނާއާއި ދިމާއަށް ބަލައިލާންވެސް އަހަންނަށް ކުޅަދާނައެއް ނޫން.. ތިކަމަށްވެސް މާޔާގެ ރުހުން އަހަރެން ބޭނުންވާނެ.. މަންމަ ތި އެދުނުކަމުގައި، އަހަރެންގެ ކޮންމެ ހުށަހެޅުމަކަށް އެބުނަނީ އަދި ވަގުތުކޮޅެއް ބޭނުމޭ.. އެހެންވީމައި އަހަރެންގެ މުޅި އުމުރު އެބުނާ ވަގުތުކޮޅަކަށް އިންތިޒާރުކުރާންޖެހުނަސް އެކަމަށް ތައްޔާރުވެގެން މިހުރީ" މާޔޫސްކަމާއެކު އީތަން ބުނެލީ، މާޔާއަށް އަޑުއިވޭ ވަރަށެވެ.

"ހަގީގަތުގައި އެންމެ ދުވަހެއްވެސް މިގޮތަށް ހޭދަކުރާން އަހަރެން މިހާރަކު ބޭނުމެއް ނޫން" ބުނާން ބޭނުންވި ސާފު ޢިބާރާތުން ނުބުނެވުނަސް، އީތަންގެ ހިތައް އުނދަގޫކުރަމުންދިޔަ، ކަމެއްގެ ވާހަކަ އެވަގުތު ބުނެވެން އޮތްގޮތަށް ބުނެލިއެވެ. ލޯބިވެރިޔާ އެބުނި އެއްޗެއް މާޔާއަށް ދޭހަވުމުން ބަލައިލާފަދަ ގޮތަކަށް އީތަންއާއި ދިމާއަށް މާޔާ ބަލައިލިއެވެ.

"އަހަރެންގެ ނަސީބުގައި ތިފަދަ މާތް އިންސާނަކު ލިޔެވިފައި ނެތީކަމަށްވެސް ވެދާނެ" ރަތްވެފައި ހުރި ދެލޯ، އެސްފިޔަތަކުގެ ނިވަލުގައި ފޮރުވައިލަމުން މާޔާ ބުންޏެވެ. އެ ޢިބާރާތުން ރިހުންލިބުނީ ހަމައެކަނި އީތަންއަކަށް ނޫނެވެ. ހައްވާފުޅަސްވެސް ބަލައިލެވުނީ ސުވާލުއުފެދިފައިވާ ނަޒަރަކުންނެވެ. އީތަންއަށް ފޯނެއް އައުމުން އޭނާ ފޯނުނެގީ 'މަންމަ އެބަގުޅައޭ' ބުނެލާފައެވެ. ހެލޯއޭ ބުނެލުމާއެކު އީތަންގެ މޫނަށް އަރައިފައިބަމުން ދިޔަ ކުލަތައް ލިސްޓުކުރާން މާޔާ ނުކުޅެދުނެވެ.

"ދާން ޖެހިއްޖެ! މިރޭ ދެން ނާދެވިދާނެ.. އެކަމަކު ގުޅާނަން.. ބައްޕައަށް ކޮންމެވެސްކަމެއްވެގެން މަންމަ ވަރަށް ހާސްވެފައި އެގުޅީ.. އެންމެ ރަގަޅުތަ މިވަގުތު ގޮސްލިޔަސް؟" އީތަން އެދުނީ މާޔާގެ ހުއްދައަކަށެވެ. ކަމެއް ގޯސްވެއްޖެކަމުގެ އިހުސާސް، ހަވަނަ ހިއްސު ސިގުނަލް ކޮށްލުމާއެކު މާޔާއަށް އިސްޖަހައިލެވުނެވެ. އާއެކޭ ބުނެލުން ފިޔަވައި އިތުރުއެއްޗެއް ނުބުނެވުނީވެސް ބިރުވެރިކަމެއް އިހުސާސްކުރެވުނީތީއެވެ.
***

ސަވާނާ ފުރީންސުރެން ގިޔާދާއަށް ހަމަޖެހުމެއް ނުލިބެއެވެ. އަމިއްލަ ގެއިން، އެއްވެސް އެހީތެރިކަމެއް ނުލިބޭނެކަން އިނގޭތީ ސަވާނާ މާލެއަށް އެފޮނުވީ އެޕާޓްމެންޓެއް ކުއްޔަށް ހިފާފައެވެ. ކެއިންބުއިމަކީ ބޭރުން ހަމަޖެއްސޭނެކަންކަމޭ ބުނެފައި، މުއްދަތެއް ނެތް ގޮތަކަށް ސަވާނާ މިވަގުތު ފޮނުވުމަކީވެސް ގިޔާދާއާއި ނަވީންއަށް ލިބުނު، ދަތިކަމެކެވެ. ހަދަމުންދާ ފިހާރަނިމި، މުދާވައްދަންވީ ވަގުތު ނުހަނު ގިނަފައިސާ ބޭނުންވެއެވެ. އެކިމީސްމީހުންއަތުން ތަކުރާރުކޮށް ބޮޑެތި އަދަދުތައް ނަގަފައިއޮތުމުން، މިފަހަރު އެފަދަ ފުރުސަތެއްވެސް ނަވީންއަށް ނެތެވެ. ގިޔާދާއާއި ދެބަސްވާންޖެހުނު ސަބަބަކީވެސް އެއީއެވެ.

"މިކަމުގައި ނަވީން ނޫން އެހެންމީހަކު ނުހުންނާނެދޯ އަހަރުމެން ދެމައިންނަށް ހިތްވަރެއް ދޭކަށް.. ތިހެން ރުޅިއައިސް ދެބަސްވެފައި ހުންނަންޏާ އަހަރެން ވަރަށް ނުތަނަވަސްވާނެ" މަޑުމައިތިރިކަމާއެކު ގިޔާދާ ވާހަކަދެއްކިއެވެ. ގިޔާދާ ކަންތައްކުރިގޮތް ކަމުނުގޮސްގެން މިފަހަރުވެސް ނަވީން ޝަކުވާކުރިއެވެ.

"ތީގައި އެންމެ ރަގަޅުވާނީ، ތިކުޅޭ ޑްރާމާ ތަންކޮޅެއް އަވަސްކޮށްފައި ނަތީޖާއަކާއި ހަމައަށް ދިއުން.. އަހަންނަކަށް ހިޔެއްނުވޭ، ތިކަން ވާނެހެނެއް.. ރާނިޔާ ބުނިގޮތުންވިއްޔާ އީތަން އެއަންހެން ކުއްޖާއާއި ދުރުކުރުވުމަކީ ފަސޭހަކަމަކަށްނުވާނެ" ނަވީންގެ ދުލުން ރާނިޔާގެ ނަން ކިޔާއަޑުއަހާންވެސް ގިޔާދާއަށް ފަސޭހައެއް ނޫނެވެ. އެނަން އަޑުއިވޭ ކޮންމެ ފަހަރަކު ލޭގެހިނގުން ބަދަލުވެއެވެ.

"މިދުނިޔޭގައި ނުހުންނާނެ، ރާނިޔާއަށްވުރެން އަހަރެން ނަފުރަތުކުރާ އެއްވެސް އިންސާނެއް.. އަހަންނަށް ވެގެންވާނެނަމަ، އޭނާގެ ވަސްވެސް ފޮހެލާނާން.. މިތަނަށް އޭނާ ގެނެސްގެން ނަވީން ތިއުޅުނުއިރުވެސް މަގޭ ހިތައްއެރި.." ގިޔާދާގެ އަޑު ތުރުތުރުއަޅައެވެ. ބުނަން އުޅުނުއެތި އެތެރެއަށް ހިނދައިލުމުން ދެލޮލުން ކަރުނައެއައީ ބުނަން އުޅުނު އެއްޗެއްގެ ބަރުބޮޑުވެގެންނެވެ. ނަވީންއަށް މިފަހަރު ބަލައިލެވުނީވެސް ސުވާލުގެ ނަޒަރަކުންނެވެ.

"ނުޖެހޭ ރެއާއި ދުވާލު އޭނާ ގޮވައިގެން އެނދު ހޫނުކުރާން އޮންނާކަށް.. އަހަރެން ކެތް ގަދައެއްނުން! ކަލޭމެން ދެމީހުން ދިރިތިބިކަމަށްޓަކައި ޝުކުރުކޮށްބަލަ! މަށަށް ހީވޭ، ނަވީން ހަމަހަގީގަތުގައިވެސް ރާނިޔާދެކެ ލޯބިވާހެން" އަނބިމީހާ ބުނިއެއްޗެއް ސާފުނުވެގެން ބަލައިލާފަދަ ގޮތަކަށް ނަވީން ބަލައިލިއެވެ. އެވާހަކަ ހުއްޓާލާފައި ސަވާނާގެ މަސައްކަތައް ފޯކަސްކުރުމަށް ނަވީން ނަސޭހަތްތެރިވިއެވެ. ގިޔާދާ ހަމަޔަކަށް އަޅުވާލަން ނަވީންއަށް ވަގުތުކޮޅެއް ބޭނުންވިއެވެ. އަދި އީތަންގެ މައުލޫއުގައި ނަވީން ކުރިއަށްދިޔައެވެ.

"ފުރުސަތު ލިބުނު! ކީއްވެ އޭރު އެކަން ނުކުރީ.. ސަވާނާލައްވައި ކުރުވާންވެސް އޭރު، ފަސޭހަވީސް.. މިހާރު އަހަންނަށްވެސް ކިހާބޮޑު ނުރައްކަލެއް! ކޮންމެވަގުތެއްގައިވެސް އަހަރެންގޮވައިގެން އެމީހުން ކޯޓަށް ހިނގައިދާނެ" ނަވީން ބުނެލީ ހިތްހަމަނުޖެހިފައެވެ.

"ނުކެރޭނެ.. ރާނިޔާ ހުންނަނީ ނަވީންއަށް ހޭބަލިވެފައި.. މިހާރުވެސް ނަވީން ބޭނުންގޮތެއް އޭނާއަށް ހަދައިލެވޭނެ.. އެކަމަކު ދެން އޭނާއާއި ދިމާއަށް އިސްއުފުލައި ބަލައިލިޔަވެސް ނުދޭނަން.. ތިއީ އަހަރެންގެ މީހެއް.. ނަވީންގެ މައްޗަށް ރާނިޔާއަށް އެއްވެސް ހައްގެއް، އެއްވެސް އިރަކު ނޯންނާނެ.. ކެތްކުރެވުނީއެއް ނޫން.. އޭނާ މިތަނުގައި އެއުޅުނު ވައްތަރުން.. އަހަރެންގެ ހިތުގެ ރިހުން އަދިވެސް ފަސޭހަނުވޭ.. އެކަމަކު ދެން، ނަވީންއަކަށްވެސް ލާހިކެއްނޫން އޭނާއާއި ކައިރިވާކަށް! އޭނާގެ ދުވަސްދުއްވާލަން، ނުވަތަ އޭނާއަށް ގެއްލުމެއް ދޭން އެދެފިއްޔާ ނޫނެކޭ ނުބުނާނަން.. އެއީ އަހަރެންގެ ދުޝްމަނެއް.. ލޭންދޭނަށް ނަވީން ނެގި ފައިސާއިން ކުޑަމިންވަރެއްވެސް އަދާނުކުރާނަން.. އެފައިސާ ނުހޯދޭނެ.. އޭނާއަށް ނުކެރޭނެ އެކަންކުރާކަށް.. އަދިވެސް ކާމިޔާބުކުރާނީ އަހަރެން!" އަޑަށް ބާރުލާފައި ގިޔާދާ ބުނެލިއެވެ. ހަސަދައިގެ އަލިފާނަން ޕެޓްރޯލް އެޅުމަށް ގިޔާދާ އެހުރީ ތައްޔާރުވެގެންނެވެ.

****
އީތަންއަށް ހޮސްޕިޓަލަށް ވަދެވުނުއިރު ރާނިޔާ ދެކޮޅަށް ހިނގަނީއެވެ. މަންމަފެނުމާއެކު އީތަންވެސް ހިނގުން އަވަސްކޮށްލިއެވެ. ދެމައިންގެ ބައްދާލުމުން އެދެމެދުގައިވާ ގާތްކަމާއި އޯގާތެރިކަން އެތައް ލޮލެއްގައި ތަސްވީރު ކުރަހާލިއެވެ. ކަންތައް ވީގޮތް ރާނިޔާ ބުނެދިނެވެ. އީތަންގެ ބޮލުގައި ދެއަތުން ހިފަހައްޓާލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. އަވަސްފަރުވާދޭ ބައިގައި، އިސްމާއިލްއަށް ފަރުވާދިނުމުގައި ނަރުހުން ފަރުވާތެރިކަމާއެކު ހަރަކާތްތެރިވަމުންދިޔައެވެ. ޑޮކްޓަރާއި ބައްދަލުކުރުމަށް އީތަން އެދުމުން އެފުރުސަތުވެސް ލިބުނެވެ.

****
ޒިޔާންގެ މެސެޖްތަކަށް ޖަވާބުދިނުމަކީ މާޔާއަށް މުހިއްމުކަމެއްނޫނެވެ. ނަމަވެސް ރަސްމީ ހައިސިއްޔަތުން ނުވަތަ ވަޒީފާގެ ގޮތުން ކުރާންޖެހުނު ކޮންމެ މުއާމަލާތެއް މާޔާ ކުރާނެއެވެ. ބޮލަށް ތުރާވަނީ މާގިނައިން ޒިޔާން ގުޅާތީއެވެ. މެސެޖްވެސް ކުރާތީއެވެ. މަންމަގެ ހާލަތާއިބެހޭގޮތުންވެސް ސުވާލުކުރާތީއެވެ. އެކަންކަން އެގޮތަށް ކުރާތީ މާޔާއަށް އުނދަގޫވާކަމަށްވެސް، ވަރަށް ސީދާކޮށް ޒިޔާންގާތު މާޔާ ބުނެފިއެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ޒިޔާން ނުހުއްޓިއެވެ. ލިބުނު ފުރުސަތެއްގެ ބޭނުންހިފޭތޯ މަސައްކަތްކުރުމަކީ ޒިޔާންއަށް ލިބޭ އުފަލެއްކަމުގައި އޭނާ ދެކެއެވެ.
ތަކުރާރުކޮށް ލިބެމުންދާ މެސެޖްތަކުގެ ވާހަކަ އީތަންއާއިވެސް މާޔާ ހިއްސާކޮށްފައެއްނުވެއެވެ.

****
ބޭރުންއައިސް ގެއަށް ވަންއިރު ޔާދުގެ ހިނިތުންވުން ނެތްކަން އެލީ ފާހަގަކުރިއެވެ. މާގިނަ ވާހަކަތަކެއް ނުދެއްކިއަސް، ފިރިމީހާއަށް މަރުޙަބާކީ ހިނިތުންވުމަކުންނެވެ. ދުވަހުގެ މަސައްކަތާއި އޮފީހުގެ ވާހަކަތައް އެލީ އޮޅުންފޮލުވިއެވެ. އާންމުކޮށް ކޮށްއުޅޭ ކަންކަމަށްނުވާތީ، ބީރަށްޓެހިގޮތްތަކެއް އެކަމުގައި ހުއްޓަސް، އެލީ ހިތްވަރުކުރިއެވެ. ދުރުގައި ހުރި ސޯފާގެ ބަދަލުގައި ޔާދު މިރޭ އިށީނީވެސް، އެލީއާއި އެއް ސޯފާއެއްގައެވެ. ދެމަފިރިންގެ ވަޒީފާގެ ވާހަކައިން ގާތްކަމެއް ގެނެސްދީފިއެވެ. އާންޔާއާއިބެހޭގޮތުން ޔާދު ސުވާލުކޮށްލިއެވެ. މާދަމާއަކީ ހުކުރުދުވަހަކަށްވާތީ އަދި ނުނިދާނެކަން ޔާދުއަށް އެނގެއެވެ.

"ވެއްޖެ މަންމަ ކޮޓަރީގައި.. އަހަރެންގެ ލެޕްޓޮޕްހިފައިގެން ދިޔައީ.. އެބަތިބި ޓޮމްއެންޑްޖެރީ ބަލަން.. މާމަ ބުންޏޯ ބައްޕަ ކުޑައިރުވެސް އެންމެގިނައިން ބަލަނީ ޓޮމްއެންޑްޖެރީ ކާޓޫނޭ.. ވަރުގަދަ ހިނިގަނޑުޖަހާލާއަޑަށް ދޭތެރެއަކުން އެބަދަން ބަލައިލަން.. ވަރަށް ލޯބިކޮށް އެބަތިބި.. ދޭބަލަ ބަލައިލަން" ސޯފާގައި އޮތް ކުށަށް ނަގާފައި އުނގުމަތީގައި ބާއްވައިލަމުން އެލީ ވާހަކަދެއްކިއެވެ.

ދެބަސްވުމެއްނެތި ޔާދުވެސް ތެދުވިއެވެ. ޖީންސްގެ ދެޖީބަށް އަތް ޖަހައިލައިގެން ލަސްހިނގުމުގައިގޮސް، މަންމަ ކޮޓަރިއަށް ވަންއިރުވެސް އެލީ އެއިނީ ކަޅި ޖަހައިނުލައި ބަލާށެވެ. އޭނާގެ ފިރިމީހާގެ ހިތްގައިމުކަމުން އާޝޯޚްވެފައެވެ. މީހެއްގެ ތީރިކަން ނުވަތަ ފުރިހަމަކަން އިހުސާސްވާނީ، ހިތްހެޔޮކަމާއެކު އެމީހަކަށް ޝައުގުވެރިކަން ދެވިގެންނެވެ. އެކަން އެލީއަށްވުރެންބޮޑަށް ގަބޫލުކުރާނެ މީހަކު ހުންނާނެ ހެއްޔެވެ؟ ޔާދުއަށް ލިބިފައިވަނީ އޭނާގެ މަންމަގެ ސިފަތަކެވެ. ހަށިގަނޑުގެ ބައްޓަން ރީތިވެފައި ބާމަތިފުޅަލެވެ. އިސްކޮޅުންދިގު، ފިރިހެނެކެވެ. ރީތި ދެލޮލާއި ބައްޓަން ރީތި ނޭފަތެކެވެ. ތުންފަތުގެ ހިނިތުންވުމަކީ މަންމަގެ ކޮޕީއެކޭވެސް ބުނެވިދާނެއެވެ.

ދޮރުހުޅުވާފައި އެކޮޓަރިއަށް ޔާދު ވަންއިރުވެސް އެލީއަށް އިނދެވުނީ އެދިމާއަށް ބަލާށެވެ. އާޝޯކްވެފައެވެ. އެފަދަ ރީތި ފިރިއެއްގެ ލޯބި ފިރުމުންތަކުގެ އަގުވަޒަންކުރާން ނޭގުނީތީ އިސްޖަހައިލެވުނެވެ. ވިސްނާލުމަށްފަހު ފުންނޭވާއަކާއެކު ހަށިގަނޑު ސީދާކޮށްލިއެވެ. ހިނިތުންވަމުން މޮޅުޚިޔާލަކާއެކު އެލީ ތެދުވިއެވެ. ކޮޓަރިއަށް ވަންނާން ހިނގައިގަތީ ހަލުވިކޮށެވެ.

****
ހިތްބިރުގަނެ، ނޭވާ އަވަސްވެފައިވިޔަސް ސަވާނާ މިރޭ ފަހަތައް ފިޔަވަޅެއް ނާޅާނެއެވެ. އެކަކުވެސް އޭނާގެ މެސެޖްތަކަށް ޖަވާބުދެނީއެއް ނޫނެވެ. ކުޑަމިނުން އެއިންއެއްޗެއް ބަލައިވެސް ނުލައެވެ. މެސެޖްކޮށްކޮށް ރުޅިގަދަވެގެން މިރޭ އެއައީ ލެވެންޑަރވިލާއަށެވެ. ސަވާނާ އެގެއަށް އައިސްއުޅުނު ދުވަސްވަރާއި ތަފާތުކޮށް މިހާރު އެގެއެވަނީ ސެކިއުރިޓީ ވަރުގަދަކޮށްފައެވެ. ބެލް ޖަހާން ހިތް ނޭދުނަސް، އަތް އުފުލާލިއެވެ.

****
"ހިނގާބަލަ އެންމެން އެކުގައި މިރޭ ބޭރަށްގޮސްލަން! ކޮންމެވެސް ތާކަށްގޮސް، ކައިލައިގެން ބުރެއްޖަހާލާފައި އަންނާނީ.. މާމަ ގޮވައިގެން ދުވަހަކުވެސް އަދި ނުދަން ދޯ " ދުވަހަކުވެސް އެދިފައިނުވާ ކަމަކަށް އެލީ އެދުނެވެ. ބުނާނެއެއްޗެއް ނޭގުނީ ހަމައެކަނި ޔާދުއަކަށް ނޫނެވެ. ގައިސަރުގެ އަނގަހުޅުވުނެވެ. ހިނިއައިސްފައި އޮތީ އާންޔާއެވެ. ޓޮމްގެ ބޮލަށް ވައްޓާލެވުނު ބޮން، ގޮވުމާއެކު ނިކަން ބާރަށް އާންޏާ ހީގަތެވެ.

"ދެން ކާޓޫނުބަލާނީ މާދަމާ.. ހުކުރުދުވަސްވީމައި ވަގުތުލިބޭނެ.. މިރޭ ހިނގާބަލަ!" ޔާދުގެ އަތުގައި ހިފާފައި އެލީ އެދުނީ އާދޭހުގެ ރާގުގައެވެ.

"ދަރިފުޅުމެން ގޮސްލާ.. މަންމަ މަޑުކުރާނަން ގޭގައި.. ކޮންމެވެސް އެކަކު ގޭގައިވެސް މަޑުކުރާންވާނެނުން.." ގަބޫލުކުރާން ދަތިވެގެން ގައިސަރު ލަދުގަތީއެވެ. ދެކޮޅުހަދާން ބޭނުންނުވިޔަސް، އިޚްތިޔާރުން ބޭރުން އުޒުރެއް ދެއްކޭތޯ އުޅުނެވެ. މާމަގޮވައިގެން ދިއުމަށް މިފަހަރު ފައިވިއްދާލީ މާމަގެ އާނީއެވެ.

"މާމަ ގޮވައިގެން ވަރަށް ދާހިތްވޭ.. މީ އާނީގެ ލައިފްގެ ބެސްޓް ނައިޓްއަށްވާނެ އޭރުން.." އުފަލުން ފޮޅެނީއެވެ. އާނީ ބައްދާލީ ޔާދުގެ ގައިގައެވެ.

"ތިކަހަލަ ތަންތަނަށް ދާވަރަށްވުރެން މާމަ މިހާރު މާ މުސްކުޅިވެއްޖެ.. ދަރިފުޅުމެން ގޮސްލާ.. މުސްކުޅިން ތިބޭނީ ގޭގައި.. ދަރިފުޅުމެން އައީމަނޫނީ މާމަ ނުނިދާނަމޭ" ގައިސަރު ވާހަކަދެއްކީ ވަރަށް ލޯބިންނެވެ. އިންކާރުކުރިޔަސް، މިރޭ ވަރަށް ދާހިތްވެއެވެ.

"މަންމާ! މަންމަ މުސްކުޅިއެއްނޫނޭ.. މިހާރުވެސް އަހަރުމެންނަށްވުރެން މާ ޗާލު.. މަންމަގެ ހަށިގަނޑުވެސް މާ ރީތި.. އަހަރުމެން ތި އުމުރަށް ދާއިރު ތިބޭނެ ގޮތް ހިތައްވެސް ނުގެނެވޭ.. ޔާދުވަރުގެ ބޮޑު ދަރިޔަކު ހުރެދާނެކަމަށް ގަބޫލުނުކުރާނެ މީހުންވެސް މިހާރުވެސް ތިބޭނެކަން ޔަގީން" ފަސޭހަކަމަކަށްނުވިޔަސް، މައިދައިތައަށް ތަޢުރީފުކުރުން ޙައްޤުކަން އެލީއަށް އިހުސާސްކުރެވުނީ މިރޭއެވެ.

"މިގެއަށް މާމަ އައިއިރު ވަރަށް ބަލި.. އޭރު ހީވަނީ އޯލްޑް މާމައެއްހެން.. އެކަމަކު މިހާރު އާނީގެ މާމައަކީ މި ވޯލްޑްގެ އެންމެ ބިއުޓިފުލް މާމަ" ލަދުން އިސްޖަހައިލަމުން ގައިސަރު ހީނލިއެވެ. އާންޔާގެ ލޯބި ބުނެލުމުން ގޭތެރެއަށް އުޖާލާކަން ގެނެސްދީފިއެވެ.

"މަންމާ! ތެދެކޭ އެއީ.. ތިއީ ހަމަ ވަރަށް ރީތި މަންމައެއް! އެއަށްވުރެން ރީތި މާމައެއް! މިރޭ އެންމެން އެކުގައި ދާނީ.. އާނީ ދާނީ، މަންމަ ސައިކަލްގައި.. މާމަ ދާނީ ބައްޕަ ސައިކަލްގައި" އާންޔާގައިގައި ޔާދު ބައްދައިލިއެވެ. އެހެންމީހަކަށް އަޑު ނީވޭގޮތަށް 'ތެންކިއު' ބުނެލަމުން އެލީއަށް ޔާދު ޝުކުރުވެރިވިއެވެ.

-- ނުނިމޭ --
ހިޔާލު

އައިޝާ

މި ވާހަކައިގައި ސަވާނާއަށް ދެން ކުރި ލިބިއްޖެނަމަ ވަރަށް ފޫހި ވާނެ! މި ހާރު ވާހަކައިގެ ނިމުމާއި ހިސާބަށް ދާއިރު ، ސަވާނާއަށް ކުރި ލިބޭ ގޮތަށް ވާހަކަ ބައްޓަން ކުރާނަމަ، ވާހަކަ އިތުރަށް ދިގު ކުރަން ޖެހޭނެކަމަށް ަފާކުރެވެނީ! އޭރުން ދެން ވާހަކައިގެ ރީތިކަން ގެއްލިގެން ދާނެ!

ދިޔެ

ސަވާނާގެ ކަންތައް މިހާރު މާބޮޑުވެއްޖެ..ފުނަމާ ދެން ސަވާނާއަށް ކޮންމެވެސް ގޮތެއްހަދާ.