Ranbir Aai Deepika Anehkaaves Ekugai Film Eh Kulhenee
image
ދީޕިކާ އާއި ރަންބީރު--
0 ކޮމެންޓް
 

ރަންބީރާއި ދީޕިކާ އަނެއްކާވެސް އެކުގައި ފިލްމެއް ކުޅެނީ

ބޮލީވުޑުގެ މަޝްހޫރު ބަތަލު ރަންބީރު ކަޕޫރާއި އޭނާގެ ކުރީގެ ލޯބިވެރިޔާ އަދި ކާމިޔާބު ބަތަލާ ދީޕިކާ ޕަޑުކޯނު ވަރަށް އަވަހަށް އެކުގައި ފިލްމެއްގައި މަސައްކަތް ކުރަން ނިންމާފައިވާކަމަށް ހަބަރުތައް ބުނެފިއެވެ.
ހަބަރުތައް ބުނާ ގޮތުގައި ލަވް ރަންޖަންގެ ކުރިއަށް އޮތް ފިލްމުގައި ދީޕިކާ އާއި ރަންބީރު އެކުގައި ފެނިގެންދާނެއެވެ. އަދި އެފިލްމުގައި އަޖޭ ދޭވްގަން ވެސް މަސައްކަތް ކުރަން ނިންމާފައިވާއިރު އަޖޭއާއެކު މަސައްކަތްްކުރާނެ ބަތަލާ އަދި ކަނޑައަޅާފައި ނުވާކަމަށް ހަބަރުތައް ބުނެއެވެ.

ދީޕިކާ އާއި ރަންބީރު އެކުގައި މަސައްކަތް ކުރާ އެފިލްމާއި ގުޅޭގޮތުން ފިލްމުގެ ޑައިރެކްޓަރު ލަވް ރަންޖަން މިހާތަނަށް ވާހަކަ ދައްކާފައިނުވިނަމަވެސް އެފިލްމު ނެރޭނީ އަންނަ އަހަރުކަމަށް ހަބަރުތައް ބުނެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ރަންބީރާއި ދީޕިކާ ރައްޓެހިވެގެން އުޅުމަށްފަހު ވަކިވި ނަމަވެސް އެދެމީހުންގެ އެކުވެރިކަމަށް ބަދަލެއް ނާދެއެވެ. އެގޮތުން ވަކިވުމަށް ފަހު ވެސް ދީޕިކާ އާއި ރަންބީރު ދެ ފަހަރެއްގެ މަތިން އެކުގައި މަސައްކަތްކޮށްފައިވެއެވެ. އެއީ އިމްތިއާޒު އަލީ ޑައިރެކްޓުކޮށް ނެރުނު ފިލްމު "ތަމާޝާ" އާއި އަޔާން މުކަރްޖީ ޑައިރެކްޓުކޮށް ނެރުނު ފިލްމު "ޔޭ ޖަވާނީ ހޭ ދީވާނީ" އެވެ. އެދެފިލްމަށް ވެސް ބެލުންތެރިންގެ ފަރާތުން ރަނގަޅު ތަރުހީބެއް ލިބިފައިވެއެވެ.

ދީޕިކާގެ އެންމެ ފަހުގެ މަސައްކަތްކަމަށްވާ 'ޕަދްމާވަތު" ވަނީ މިއަހަރުގެ ކުރީކޮޅު ނެރެފައެވެ. އެފިލްމަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވާއިރު ޑައިރެކްޓަރު މެގްނާ ގުލްޒާރު ދާދިފަހުން ވަނީ ދީޕިކާ އާއެކު ފިލްމެއްގެ މަސައްކަތްކުރުމަށް ސޮއިކޮށްފައެވެ. އެގޮތުން އެފިލްމަކީ އިންޑިއާގައި އެސިޑު ހަމަލާއެއްގެ ޝިކާރަކަށްވި ލަކްޝްމީ އަގަރްވާލްގެ ހަޔާތަށް ނެރޭ ފިލްމެކެވެ.

ބޮލީވުޑުގެ މަޝްހޫރު އެކްޓަރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ނެރުނު ފިލްމު ސަންޖޫގައި އެންމެ ފަހުން ރަންބީރު މަސައްކަތްކޮށްފައިވާއިރު އެފިލްމަށް ވަނީ ބޮޑު ތަރުހީބެއް ލިބިގެންގޮސްފައެވެ. އެގޮތުން އެފިލްމަކީ ރަންބީރަށް އެންމެ ބޮޑު ކާމިޔާބީއެއް ލިބިގެންދިޔަ ފިލްމެވެ. އޭނާ މިހާރު އަންނަނީ އަޔާން މުކަރްޖީގެ ކުރިއަށް އޮތް ފިލްމު "ބްރަހްމަސްތުރާ" ގައި މަސައްކަތްކުރަމުންނެވެ. އެފިލްމުގައި އޭނާ ފެނިގެންދާނީ އޭނާގެ މިހާރު ލޯބިވެރިޔާ އާލިއާ ބަޓްއާއެކުއެވެ.
ހިޔާލު