Palestine Muzaaharage Therein Negi Photo Gina Baehgge Samaalu Kamah
image
ފަލަސްތީނު މުޒާހަރާގެ ތެރެއިން ނެގި ފޮޓޯ ގިނަބައެއްގެ ސަމާލުކަމަށް--
0 ކޮމެންޓް
 

ފަލަސްތީނު މުޒާހަރާގެ ތެރެއިން ނެގި ފޮޓޯ ގިނަބައެއްގެ ސަމާލުކަމަށް

ގަޒާގައި ކުރަމުންދާ މުޒާހަރާގައި ޒުވާނެއް ފަަލަސްތީނު ދިދަ ހިފަހައްޓައިގެން ހުންނަ ފޮޓޯއެއް ގިނަބައެއްގެ ސަމާލު ކަމަށް އަތުވެއްޖެއެވެ.
މުޒާހަރާގެ ތެރެއިން ނަގާފައިވާ ފޮޓޯގައި ފެންނަނީ 20 އަހަރުގެ ޒުވާނެއް އެއްއަތުން ފަލަސްތީނުގެ ދިދައެއް ހިފައިގެން މުޒާހަރާގެ ކަޅު ދުންގަނޑުގެ ތެރެއިން ނިކުންނަ ތަނެވެ.

ގިނަ އަދަދެއްގެ މީހުން މުޒާހަރާ ކުރަން ނިކުމެ އުޅުނު މީހުން ތިބީ ބޯއަންނައުނު ލައިގެން ލިބިދާނެ އަނިޔާތަކަށް ރައްކޭތެރި ވެގެންނެވެ. ނަމަވެސް ފޮޓޯގައި ފެންނަ ޒުވާނާ ހުސްގަޔާ ހުރެ، ފޯރި މަރަމުން ދާތަން ފެނެއެވެ. ފޮޓޯއިން ފެންނަ ޒުވާނާ އަބޫ އަމްރޯ އަލްޖަޒީރާ އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި އޭނާގެ ފޮޓޯ ވައިރަލް ވުމުން ވަރަށް ހައިރާން ވިކަމަށެވެ. އަދި އެވަގުތު އޭނާގެ ފޮޓޯ އެއް ނެގި ކަމެއްވެސް އޭނާއަށް ނޭންގޭ ކަމަށް އަމްރޯ ބުންޏެވެ.

އޮކްޓޯބަރު 22 ވަނަ ދުވަހު ތުރުކީގެ އަނާޑޮލު އޭޖެންސީގެ މުސްތަފާ ނަގާފައިވާ އެފޮޓޯ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވަނީ 1830 ވަނަ އަހަރު ފްރާންސްގައި ތާރީހީ ފްރެންޗް ރެވޮލޫޝަން ޒަމާނުގައި ކުރަހާފައިވާ އަގުބޯޑު ކުރެހުމަކާ އެއްގޮތް ވެގެންނެވެ. އެކުރެހުމުގައި ހަމަނުޖެހުން ތަކެއްގެ ތެރެއިން އަންހެނެ ފްރާންސްގެ ދިދައެއް ހިފައިގެން ނިކުންނަތަން ފެނެއެވެ.

އެފޮޓޯ އާއި ގުޅިގެން ވާޙަކަ ދައްކަމުން އަމްރޯ ބުނީ ހިފަހައްޓައިގެން ހުރި ދިދަ އަކީ ކޮންމެ މުޒާހަރާއެއްގައިވެސް ގެންގުޅޭ ދިދަ ކަމަށެވެ. އަދި އޭނާ ރައްޓެހިންނާއި އެކު ކޮންމެ ހުކުރު ދުވަހު އާއި ހޯމަ ދުވަހަކުވެސް ކުރަމުންދާ ކަމަށެވެ. "މުޒާހަރާގައި މަރުވެއްޖެ ނަމަ އަހަރެން ވަޅުލާން ވާނީ ގައިގައި އެދިދަ އޮޅާފަ. މިއަދު މިމުޒާހަރާ ކުރަނީ ކުރިޔަށް އޮތް ޖީލުތަކަށް މިނިވަން ކަން ހޯދާ އަހަރުންގެ ހައްގުތައް އަނބުރާ ހޯދަން." އަމްރޯ ބުންޏެވެ.

ފަލަސްތީނުގެ ގައްޒާގައި ދިރިއުޅޭ ރައްޔިތުން މުޒާހަރާ ކުރަމުން ދާތާ މިހާރު 7 މަސް ވެއްޖެއެވެ. އެމީހުން ބުނާ ގޮތުގައި އިޒްރާއިލުން މީގެ 70 އަހަރު ކުރިން އަތުލި ބިމާއި ދިރިއުޅެމުން ދިޔަ ގެދޮރު އަނބުރާ އެމީހުންނަށް ދޭން ޖެހޭ ކަމަށެވެ.

މިދިޔަ މާޗު މަހު ފެށުނު މުޒާހަރާ ތަކުގައި އިޒްރާއިލުން މިހާތަނަށް 205 ފަލަސްތީނު މީހުން މަރާ، އިތުރު 18،000 މީހުންނަށް އަނިޔާ ކޮށްފައިވެއެވެ. އޭގެ ތެރެއިން އެކަން ކަވަރު ކުރަމުން ދިޔަ ނޫސް ވެރިންނާއި ޕެރަމެޑިކް މީހުންވެސް ހިމެނެއެވެ.
ހިޔާލު