Thahugeegah Fileyne Furusathu Adheebah Dhevigen Nuvaane: Rilwange Ailaa
image
ރިލްވާން އޭނާގެ މަންމައާއެކު--
0 ކޮމެންޓް
 

ތަހުގީގަށް ފިލޭނެ ފުރުސަތު އަދީބަށް ދެވިގެން ނުވާނެ: ރިލްވާނުގެ އާއިލާ

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބަކީ ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ސުވާލުކުރަން ޖެހޭ ފަރާތަކަށްވާތީ ތަހުގީގަށް ފިލޭނެ ފުރުސަތު އޭނާއަށް ދީފައިނެތީ ރިލްވާންގެ އާއިލާއިން ކަންބޮޑުވެއްޖެއެވެ.
އަދީބް ޖަލުގައި ބަންދުކޮށްފައިވަނިކޮށް އޭނާގެ ލޮލަށް ބޭސްކުރުމަށްޓަކައި ދިވެހިރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ހުއްދަ ދޭންޖެހޭކަމަށް އިދިކޮޅު ލީޑަރުން ހިމެނޭގޮތުން ގޮވާލަމުންދާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް ރިލްވާންގެ އާއިލާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މީގެ ކުރިންވެސް ހާމަވެފައިވާ ބައެއް މައުލޫމާތަށް ބަލާއިރު، ރިލްވާން ވަގަށް ނެގުމުގައި ބައިވެރިވި މީހުން ކަމުގައި ބެލެވޭ މީހުންނާއި އަދީބާ ގުޅުންތަކެއް އޮންނަކަން އެނގެއެވެ. އަދި އަދީބަކީ ރާއްޖެއަށް ގެއްލުން ލިބުނު ބޮޑެތި ހިޔާނާތުގެ މައްސަލަތަކުގައި ހިމެނޭ މީހެއްކަމަށް ތުހުމަތު ކުރެވޭ މީހެއްކަމުން އޭނާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަދީފިނަމަ އަނބުރާ ނައުމުގެ ފުރުސަތު ބޮޑުކަމަށް އެ ބަޔާނުގައި ބުނެއެވެ.

އެހެން ކަމުން މައްސަލައިގެ ތަހުގީގު އަލުން ކުރާނެކަމަށް އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާއިރު ރާއްޖެ އިން ބޭރަށް ދިޔުމުގެ ފުރުސަތު އޭނާއަށް ދީފިނަމަ ތަހުގީގުގައި ކުރެވޭ ސުވާލަށް އޭނާ ފިލުމަކީ އެކަށީގެންވާކަމެއްވާ ކަމެއްކަމަށް އާއިލާގެ ބަޔާނުގައި ބުނެއެވެ.

ތަހުގީގު ސުވާލުތައް ނުކޮށް އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ނުފޮނުވުމަށް ރިލްވާނުގެ އާއިލާއިން ބުނެފައިމިވަނީ ތަފާތު މައްސަލަތަކާ ގުޅިގެން ބަންދުކުރާ ޤައިދީންގެ ތެރެއިން ސިޔާސީ ބޮޑެތި މަޤާމުތައް ފުރާފައިވާ ބައެއް މީހުން ބޭސްފަރުވާއަށް ފުރައިގެން ދިއުމަށްފަހު އަނބުރާ ޤައުމަށް ނައިސް ފިލައިގެން ދިއުން ފަދަ ކަންކަން ހިނގާފައިވާތީއެވެ.

މީގެއިތުރުން އެބަޔާނުގައި ބުނީ ގައި ބައިތިއްބާފައިވާ ޤައިދީންގެ ތެރެއިން ކޮންމެ މީހަކީވެސް އެކަށީގެންވާ ބޭސްފަރުވާ، ލަސްނުކޮށް ލިބޭނޭ އިންތިޒާމު ދައުލަތުން ހަމަޖައްސައިދޭން ޖެހޭކަމަށް ގަބޫލުކުރާކަމަށެވެ. އެގޮތުން ރާއްޖެއިން ބޭސްފަރުވާ ނުކުރެވޭފަދަ ޙާލަތެއް ދިމާވާ ނުރައްކާތެރި މުޖުރިމުންނަށް ބޭރުން އެފަދަ ފަރުވާ ރާއްޖެއަށް ގެނެސްގެން ކުރެވޭނޭ މަގު ހުޅުވާލުމަކީ މުހިއްމުކަމެއް ކަމަށެވެ. އަދި މުޖުރިމަކު ފިލައިގެން ދިއުމުގެ ފުރުސަތު ހުޅުވާލުމަކީ އެކަމަށް ސަރުކާރު ފުރިހަމައަށް ޒިންމާ ނަގަންޖެހޭނޭކަމެއްކަމަށް ވެސް އެއާއިލާގެ ބަޔާނުގައި ބުނެއެވެ.

މީގެއިތުރުން، އެބަޔާނުގައި ބުނީ ދިވެހިރާއްޖޭގެ އިންސާނީ ޙައްޤުތަކުގެ މައްސަލަތައް ގިނަވެފައި ވަނިކޮށް، ސިޔާސީ ހެޔޮ ބަދަލަކަށް ފުރުސަތު ލިބޭ ދަނޑިވަޅަކީ ނުހަނު ވިސްނުންތެރިކަމާއެކު، ހެޔޮ މަގުގައި ކުރިއަށް ދާން ލިބޭ ވަގުތެއްކަން ދެނެގަނެ، އެތަކެއް ބައެއްގެ ޙައްޤުތަކަށް އަރައިގެންކަމުގެ ތުހުމަތު އުފުލިފައިވާ މީހަކު ފިލައިގެން ދިއުމަށް ތަން ނުދީ، ސާފު ފިޔަވަޅަކުން ފެށުމަށް އިދިކޮޅު ކޯއެލިޝަނަށް ގޮވާލާފައެވެ.
ހިޔާލު