Firumaaladheyshey, Episode 56
image
ފިރުމާލަދޭށޭ..
ފުނަމާ
5 ކޮމެންޓް
 

ފިރުމާލަދޭށޭ..

56ވަނަބައި
ސަވާނާގެ އަމަލުތައް ހުރިގޮތުން އިންމައަށް ނުހަނު އުނދަގޫތަކެއްވާކަން، ރާނިޔާއަށް އިނގެއެވެ. އެއްޗެއް ނުބުންޏަސް، އެކަމުން ސަލާމަތްވާން، އިންމަ އެއިނީ ކެތް މަދުވެފައެވެ. ނިކަން ރުޅިގަދަވެފައި ރާނިޔާ ޑައިލް ކޮށްލިއެވެ. ސަވާނާވެސް އިންމަވެސް އެތިބީ ރާނިޔާގެ އަޑުއިވޭ ހިސާބުގައެވެ. ދާދިގާތުގައެވެ.

ފޯނު ރިންގުވެއެވެ. މާޔާއަށް އުނދަގޫވެއެވެ. އެގުޅަނީ މަންމަކަން އެނގިހުރެވެސް އީތަން މިރޭ ހިތްވަރުއެކުރަނީ ފޯނު ނުނެގުމަށެވެ.

"ކުޑަކުޑަކަމަކާއި ތިވަރަށް ރުޅިއަންނާކަށް ނުވާނެ..؟ މަންމައަށް އިނގޭތަ، މިތަނުގައި ހިނގާކަންކަން.. އެންމެ ފަހަރަކުވެސް ފޯނަށް ޖަވާބުދީބަލަ.. އޭރުން މަންމައަށް އިނގޭނެ އީތަން ހުރީ މިގޭގައިކަން.. ދަރިން ގެއަށް ނިދަން ނައުމަކީ މައިންބަފައިންނަށް އުނގަދޫވާނެކަންކަން.. ކޮންމެވެސް ދުވަހަކުން އީތަންއަށްވެސް އެކަން ޔަގީންވާނެ" ޒިޔާންގެ ކޯލަށްފަހު އީތަންގެ މޫޑް ވަރަށްބޮޑަށް ބަދަލުވެއްޖެއެވެ. ދުވަހެއްގައިވެސް މާޔާއާއިމެދު އެފަދަ ޝަކުވާއެއް ކުރުމަށްވެސް އީތަންއަށް ފުރުޞަތެއް ލިބިފައެއްނެތެވެ. ނަމަވެސް މިރޭ އިވުނު އަޑު އީތަންގެ އުފާވެރިކަން ފަނޑުކޮށްފިއެވެ. އީތަންގެ ޖީބުން ފޯނު ނެގުމަށްފަހު، ކޯލް ރިސީވްކުރީ މާޔާއެވެ.

"ހަލޯ ދަރިފުޅާ..! ކިތައް ފަހަރު މެސެޖްކޮށްފިން؟ ސަވާނާ އެބައިން ދަރިފުޅާއި ބައްދަލުކޮށްފައިނޫނީ މިގެއިން ނުނިކުންނަން.. މަންމައާއި ބައްޕައާއި މިތިބީ ނުނިދިފައި.. ނިކަން އަވަހަށް ގެއަށް އައިސްދީބަލަ" ރާނިޔާގެ އަޑު ކަންފަތުގައި ޖެހުމާއެކު އީތަންއަށް ފޯނު ދިއްކޮށްލަން، މާޔާ ހަރަކާތްކޮށްލާން އުޅުނުވަގުތު، ދެން އިވުނު ނަމެއްގެ ސަބަބުން މާޔާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެއްޖެއެވެ.

"މަންމަ ހާސްނުވޭ! ލަހެއްނުވާނެ.. ވީއެންމެ އަވަހަކަށް އީތަން، ގެއަށް މިފޮނުވަނީ" ރާނިޔާ ބުނެފާނެ އެއްޗަކަށް އިންތިޒާރުކުރުމެއްނެތެވެ. ފޯނު ކަނޑާލީ މާޔާއެވެ.

ދެއްކި ވާހަކަ އަޑުއިވުނެވެ. ނަމަވެސް އިތުރަށް ބުނާނީ ކީކޭ ހެއްޔެވެ؟ ރާނިޔާ ވާހަކަދެއްކީ އޭނާގެ ފިރިހެން ދަރިފުޅާއެވެ. ފޯނުން އަޑުއެހީ އެދަރިފުޅުގެ ލޯބިވެރިޔާއެވެ. އަޑުއިވުނީ ދިރިއުޅުމުގައި ވިހައަކަށްވުރެން ހިތި ޒަހަރެއްފަދަ ޚަބަރެކެވެ.

މެންދަމުންއަލިވެ އެކެއްޖެހުމާއި ގާތްވެއްޖެއެވެ. މިވަގުތު އީތަންހޯދަން ސަވާނާ އަންނާންޖެހޭ ސަބަބެއް އެބައޮތް ހެއްޔެވެ؟ ސަވާނާ މާލޭގައި އުޅޭޚަބަރު މާޔާއަށް ނޭގިއޮތީ ކީއްވެހެއްޔެވެ؟ އެކަން އީތަން ސިއްރުކުރީ ހެއްޔެވެ؟

"ކިހިނެއްވީ؟ މަންމަ ކީކޭބުނީ؟ މަންމަ ބުންޏަސް އަހަރެން މިރޭ ގެއަށްދާނީ، ދާން ބޭނުންއިރަކުން" ގޮތްދޫނުކުރާ ރާގެއްގައި އީތަން ބުންޏެވެ.

"ހަމަ މިހާރު އީތަން ގެއަށް ދާންވީ! ޖަސްޓް ލީވް މީ އެލޯން" މާޔާ ބުނެލި ޖުމުލައިގެ އިހުސާސް އީތަންގެ ހިތުގެ އެންމެފުނަށް އަސަރުކޮށްލިއެވެ.

"ކިހިނެއްވީ ޕްރިންސެސް؟ މަންމަ ކީކޭ ބުނީ؟ ބޭބީ އެއްވެސް އެއްޗެއް ބުނިފަހުން، މަންމަ އެއްޗެއް ބުނާން ފުރުސަތެއް ނުދީ ފޯނު ކަނޑާލީ.. އެހެންވީމައި މަންމަ އެބުނިއެއްޗެއް ބުނާނީ އަހަރެން ކަމަށްހީކޮށް.. ޓެލް މީ ނައު.. ޕްލީޒް.. ކިހިނެއްވީ؟" މާޔާ ދިއްކޮށްލި ފޯނުގައި އީތަން ހިފިއެވެ.

"ކަންކަން ސިއްރުކުރަނީ އަހަރެންތަ؟ ނުވަތަ އީތަންތަ؟ އޭނައަކީ އެވަރުގެ މުހިއްމު މީހެއްކަމަކަށް އަހަރެން ހިޔެއްނުކުރަން.. ކޮންމެފަހަރަކު އީތަން ދައްކާ ހުރިހައި ވާހަކައެއް ގަބޫލުކުރަނީ ވަރަށް ލޯބިވާތީ.. ޝައްކެއްވެސް ނުކުރަން.. އެކަމެއް ނިމުމަށްފަހު ޝަކުވާއެއްވެސް ނުކުރަން.. އަހަރުމެން ދެމީހުންގެ ދެމެދަށް ސަވާނާއަށް ނުވަދެވޭނެ ދުވަހެއް އަންނާނެތަ؟ މިކަމުން ސަލާމަތްވާނެ ދުވަހެއް ބުނެދީބަލަ" ސަވާނާގެ ނަން މާޔާ ބުނެލުމާއެކު ދެބުމަ ގޮއްޖަހައިލާފައި އީތަންއަށް ބަލައިލެވުނެވެ. މާޔާގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލެވުނީ ތަންކޮޅެއް ބާރަށެވެ. ވެގންއުޅޭގޮތެއް ބުނެދިނުމަށް އީތަންއެދުނީ އަމުރުވެރި ރާގެއްގައެވެ. ނުހަނު ލޯބިން މާތަން ފޮޅުވަން، އީތަން ބޭނުންވި ވަގުތެއްގައި ހީވެސްނުކުރާވަރުގެ ޠޫފާނެއް ކުރިމަތިވީއެވެ. އީތަންގެ މަންމަގެ މެސެޖް ވަރަށް ފުރިހަމައަށް މާޔާ ރައްދުކޮށްލިއެވެ. އީތަންގެ ސިކުނޑިއާއި ލޭނާރުތަކުގައި އެވަގުތު ދަތުރުކޮށްލި އޮއެވަރެއް ބުނެދޭން އީތަންއަށްވެސް ނޭގެއެވެ. ގަބޫލުކުރާން ވަރަށް އުނދަގުލެވެ. ނަމަވެސް މަންމަ ނުބުނާއެއްޗެއް މާޔާ ނުބުނާނެކަން އީތަންއަށް ޔަގީނެވެ. ސުވާލަކީ ދަންވަރުގެ އެވަގުތުގައި ބޮޑުދޮގެއް ހަދައިގެން އީތަން ގެއަށް ގެންދާން މަންމަ ބޭނުންވެދާނެތޯއެވެ.

"ލެޓް މީ ކޯލް މައި މަމް" ދަތްކުނޑިވިކާލާފައި އީތަން ބުނެލިއެވެ. ހަމަ އެސިކުންތުގައި މަންމައަށް ގުޅައިފިއެވެ. އީތަންގެ 'ހެލޯ'އާއެކު ރާނިޔާގެ ބަސްތައް އަމުނާލިއެވެ.

"މަންމައާއި ބައްޕަ، ތިހައި ނިކަމެތިވީ ކޮންއިރަކު؟ ހަމަ މިހާރު އޭނާގެ އަތުގައި ހިފާފައި ނެރި ގެއިން ބޭރުކުރޭ! އަހަރެންގެ މައިންބަފައިންގެ ގެދޮރަށް ވަނުމަށް، އޭނާއަކަށްވެސް އޭނާގެ މައިންބަފައިންނަކަށްވެސް މިހާރަކު އަހަރެންގެ ހުއްދައެއް ނޯންނާނެ.. ދިހަވަރަކަށް މިނެޓްތެރޭގައި އަހަރެން އެބަދަން.. އެއިގެކުރީން އޭނަ ނެރި ބޭރުކުރޭ!" ބުނާން ބޭނުންއެތި ބުނެފައި އީތަން ފޯނު ކަނޑައިލިއެވެ. ރުޅިއައިސްފައިހުރި ވަރެއް ބުނެދެވޭނެ ހެއްޔެވެ؟ މާޔާގެ ސިކުނޑީގައި ސުވާލުތައް އެނބުރެނީއެވެ.
ކުއްލިއަކަށް އީތަންހިފީ، މާޔާގެ އަތުގައެވެ.

"ކަމް ވިތް މީ"މާޔާގެ މޫނަށްވެސް ބަލައިނުލައި އީތަން ބުނެލިއެވެ. އެނޫން އެއްވެސް އެއްޗެއް ނުބުނެއެވެ.

އީތަން އެގެއިން ނިކުތީ މާޔާގެ އަތުގައި ހިފައިގެންނެވެ. ސައިކަލް ކައިރިއަށް ގެންގޮސް، އެދުނީ އެއަށް އެރުމަށެވެ. ދަންވަރުގެ ވަގުތައްވާތީ، މަގުތައް އީތަންއަށްޓަކައި ހުސްކޮށްލާފައި އޮތްފަދައެވެ. ދުއްވާއެއްޗެހި ވަރަށް މަދު ވަގުތެކެވެ. ބާރަށް ދުއްވާން ފުރުސަތުލިބުނު ސަބަބަކީވެސް އެއީއެވެ.
****
ޓީވީ ހުޅުވާފައި ހުއްޓަސް، އެއިން ދައްކާ އެއްޗެއް ދޭހައެއްނުވެއެވެ. ވިސްނުން ދަތުރުކުރަނީ މުޅިން އެހެން މަންޒިލެއްގައެވެ. ގިޔާދާގެ ހަރަކާތްތައް ހުރިގޮތުން ނަވީންގެ ބޮލަށް އުނދަގޫވެގެން ދެތިންފަހަރަކު، ތަންކޮޅެއް ބާރަށް އެއްޗެހިވެސް ބުނެފިއެވެ.

"ތަނެއްގައި އިށީނދެ އިނދެގެން ތިވައްތަރުޖެއްސިއްޔާ އެހެން މީހުންގެ ބޮލަށް ތަންކޮޅެއް ފަސޭހަވާނެ.." ހިތްހަމަނުޖެހިފައި ނަވީން ބުނެލިއެވެ. ޓީވީ ކުރިމަތީން ހުރަސްކަނޑަމުން، ރާނިޔާ ދެކޮޅަށް ހިނގާތާ ކިތަންމެ އިރެކެވެ. ސަވާނާއަށް ވީގޮތެއް ނޭގިގެންނެވެ. ފޯނު ނިވައިނުލާށޭ ބުނީމައިވެސް، ފޯނުވެސް ނިވައިލައިފިއެވެ.

"އެބައިނގޭދޯ އެގޭގައިކަންވީ.. އެމީހުންނަކަށް ނުކެރޭނެ މިދަންވަރުގައި ސަވާނާ އެގެއިން ނެރެ ބޭރުކުރާކަށް.. އެވަރުގެ ގަޓެއް ހުރިމީހަކު އެގެއަކު ނޫޅޭނެ.. ރާނިޔާ އެކަން ކުރާނެނަމަ، މެންދަންވަންދެން ސަވާނާއަށް އެގޭގައި ނުހުރެވޭނެ.. އެވަރު ވިސްނާނެ ތެތްކަމެއް ގިޔާދާގެ ސިކުނޑީގައި ނެތިއްޔާ، އަހަރެން ބުނާނެ އެއްޗެއް ދެން ނެތް! މަގޭ ބޯހަލާކު! ނިދިއައިސްގެން އިނދެވެނީއެއް ނޫން.. ކޮޓަރިއަށް ދިޔަދިނީއެއް ނޫން.. މިތާއޮވެގެން އެސްފިޔައެއް ޖަހައިލިޔަދިނީއެއް ނޫން" ނިދިއައިސްގެން ނަވީން ރުޅިގަދަވަނީއެވެ.

"އަދިވެސް އެމީހުންގެ ދިފާޢުގައި..؟ ރާނިޔާއަކީ ނަވީން ހީކުރާވަރުގެ މާ، މާތްމީހެއް ނޫން.. އޭނާ އަހަރެންގެ ދަރިއަށް ކޮންމެފަދަ ގޮތެއްވެސް ހަދާފާނެ.. އަހަރެން ވަރަށް ހާސްވޭ.. މަށަކަށް ލާހިކެއް ނޫން އެމީހުންނަށް ގުޅާކަށް.. އަޅެ ނަވީން ގުޅާބަލަ" ވަރަށް އާދޭހާއެކު ގިޔާދާ އެދުނެވެ. ނަމަވެސް ފާޅުގައި ނަވީން އެކަމަށް އިންކާރުކުރިއެވެ. ހިތްހަމަޖައްސައިލައިގެން ނިދަން ދިއުމަށް ގިޔާދާއަށް ނަސޭހަތްދިނެވެ.
****
ސައިކަލުން ފޭބުމަށްފަހުގައިވެސް އީތަން ހިފީ މާޔާގެ އަތުގައެވެ. އެންމެ ހިނދުކޮޅަކަށްވެސް ދޫކޮށްލާން ބޭނުންނުވާހެން ހީވެއެވެ.

"ކީއްކުރަންތަ ތިއުޅެނީ؟ އަހަރެން ގޮވައިގެން ތިޔައައީ ކީއްވެގެން؟ ކީއްކުރަން؟ މަންމަވެސް އުޅޭނެ.. ނުކެރޭނެ!" މާޔާގެ ސިކުނޑީގައި ބޮނޑިވެފައި ހުރި ސުވާލުތަކުން ބައެއްސުވާލު ހުޅުވައިލިއެވެ. އަނގަ ހިމޭނުންލައިގެން ހުރެވޭވަރަށްވުރެން އީތަންގެ ހަރަކާތްތައް ތަފާތެވެ. މާޔާގެ އަޑެއް އީތަންއަށް އިވޭހެން ހީވެސްނުވެއެވެ.

****
"ގުޅާބަލަ އިންމައަށް! ގައިމުވެސް ހަރިކަށިކޮށް މީހަކާއި އަނގައިންވެސް ބުނާނެ މީހެއް ނޫން އެއީ..! އަހަންނަށްޓަކައިވެސް ގުޅާލަދީބަލަ.. މައި ލަގޮނޑިއަށް ކެތްވާނެތަ؟" ދެއަތް ޖޯޑްކޮށްލާފައި ނަވީންގެ ކުރިމައްޗަށް ގިޔާދާ ހުއްޓުނެވެ.

"ކަންތައް މާބޮޑުކޮށްލައިގެން ތިއުޅެނީ.. މިތަނުގައި އުޅުނަސް ގިޔާދާއަކީ ތިވަރުން ސަވާނާގެ ކަންކަމަށް ސަމާލުކަންދޭ މީހެއްނޫން.. ކިތައް ރޭ ކްލަބްތަކަށް ދެމިފައި އޮއްވައި އޭނާ ރައްޓެހީން މިގެއަށް ގެންނަނީ؟ ތިބުނާ މައިވަންތަކަށް ކޮބައި؟ ލަނގޮޑި ނެރެ ބޭރުގައި ބާއްވާފަތަ، އެތަންތަނަށް ސަވާނާ ފޮނުވަނީ؟" މިފަހަރު ނަވީންގެ އަޑު މާބޮޑަށްވެސް ހަރުކަށިވެފައި ރާގު ތަފާތެވެ. ހިތްހަމަނުޖެހުމާއެކު ނަވީންގެ މޫނަށް ބަލައިލާފައި ފުރަގަސްދިނީ ގިޔާދާ ހިތްހަމަނުޖެހުނީމައެވެ. އެފަދަ ވަގުތެއްގައި ދެމަފިރިންގެ ޒުވާބުފަށަން ގިޔާދާ ބޭނުންނުވީއެވެ. ގޮތްދޫކުރާން މަޖުބޫރުވީއެވެ.

****
ގޭތެރޭގެ ދޮރު ހުޅުވުމާއެކު ތިން މީހުންވެސް ދިޔައީ ސިއްސައިގެންނެވެ. ކަޅު ޓީޝާޓަކާއި ނޭވީބްލޫ ޖީންސްގައި އީތަން ކިތަންމެހާވެސް ފުރިހަމައެވެ. ހިނިތުންވަމުން ސަވާނާއަށް ތެދުވެވުނީ އޭނާއަށް ކާމިޔާބުވެއްޖެކަން އެހެންމީހުންނަށް ސާބިތުކޮށްދިނުމަށެވެ. އަނގަހުޅުވާނުލެވި އުޅެނިކޮށް، ފެނުނީ އަންހެން ކުއްޖެކެވެ. ދެބުމަ ގޮއްޖަހައިލައިފައި ސަވާނާއަށް ބަލައިލެވުނެވެ. ދެލޯ ބޮޑުވީ، އެކުއްޖެއްގެ ފުރިހަމަ ސޫރަ ފެނުމުންނެވެ. ނަމަވެސް ހިނދުކޮޅެއްގެތެރޭގައި ސަވާނާގެ ސިކުނޑިއަށް އޭނާގެ އަމިއްލަ ބާރުގަދަކުރިއެވެ.

ގޭދޮރުމައްޗަށް އެރިއިރު މާޔާހުރީ އީތަންގެ ފުރަގަހަށްވަދެ ނިވައިވެގެންނެވެ. މާޔާ ފެނުމާއެކު އިންމައާއި ރާނިޔާއަށް ކޮޅަށް ތެދުވެވުނެވެ. އިންމަގެ މޫނުމަތީން އުފާވެރިކަމުގެ ހިނިތުންވުން ބަބުޅާލިއެވެ. ނަމަވެސް ރާނިޔާއަށް ބަލައިލެވުނީ ސުވާލުގެ ނަޒަރަކުންނެވެ. ދުވަހަކުވެސް ރާނިޔާއަށް މާޔާ ފެނިފައެއް ނުވެއެވެ. ނަމަވެސް އީތަންއާއެކު އިންމައަށް، މާޔާވަނީ ފެނިފައެވެ. ފޯނުން ވާހަކަވެސް ދެކެވެއެވެ.

"ދަރިފުޅާ..! މީ.. މި.. މި.. ސަވް!" ތަންކޮޅެއް ޖޯޝުގައި ދަރިފުޅާއޭ ގޮވައިލެވުނަސް، ސަވާނާގެ ނަން ރާނިޔާއަށް ބުނެވުނީ ވަރަށް އުނދަގުލުން، އަދި ވަރަށް މަޑުމަޑުންނެވެ. އީތަންގެ އަތުން ހަރަކާތްކޮށްލީ މަންމަ އެއްޗެކޭ ނުބުނެ ހުރުމަށެވެ.
ސިޓިންރޫމްގެ މެދާއި ހަމައަށް އާދެވުނުއިރުވެސް މާޔާގެ އަތުން އީތަން ދޫކޮށްނުލައެވެ. ސިޓިންގރޫމްގެ މެދާއި ހިސާބުގައި ހުރި، ކުޑަމޭޒު ކައިރިއަށް ހުއްޓި، މާޔާގެ ފުރަގަހަށް އަތް ލައްވާލާފައި، އެއް އަރިމައްޗަކުން އީތަން ބައްދައިލިއެވެ. މާޔާ ހުރީ އިސްޖަހައިގެންނެވެ. އިންތިހާއަށް ލަދުގަތްފައެވެ. ފުރަތަމަ ފަހަރަށް އީތަންގެ މައިންބަފައިންގެ ކުރިމަތީގައި ހުއްޓިލަންޖެހުނު ގޮތުންނެވެ.

"މިއީ މާޔާ! އަހަރެންގެ ހިތް!" މޭގައި އަތް އަޅާފައި އީތަންބުނެލީ ސަވާނާއަށް ބަލައިލާފައެވެ.

"އަހަރެންގެ ފުރާނައަށްވުރެންވެސް، މާޔާ ދެކެ ލޯބިވޭ.. ދެވަނަ އަންހެނަކަށް ރުހުމުގެ ލޮލަކުން އަހަރެން ބަލައިވެސް ނުލާނަން.. އަހަރެންގެ ހިތާއި ހަށިގަނޑުގެ ކޮންމެ ގުނަވަނެއް އަހަރެން އަދިޔާކޮށްފައިވާނީ މާޔާއަށް.. މިނޫން އަންހެނަކުދެކެ އަހަރެން ދުވަހަކުވެސް ލޯބިނުވަން.. ނުވެސް ވާނަން! އަހަރެންގެ ނަޒަރުގައި މާޔާއަށްވުރެން ފުރިހަމަ، ރީތި އަންހެނަކުވެސް ނުވޭ!" އެންމެންގެ ކުރިމަތީގައި އީތަންގެ ލޯބި ދިފާޢުކޮށް އޭނާގެ ލޯބި ހާމަކުރިއެވެ.

ބައްޕައަކު ދަރިއަކަށްޓަކައި އެވަރުގެ އުފަލެއްވެފައި ހުއްޓައި ފިލްމެއްގެ މަންޒަރަކުންވެސް ރާނިޔާއަށް ފެނިފައެއް ނުވެއެވެ. އުފާވެރިކަމުގެ ކަރުނަ އިންމަގެ ލޮލުން ވެއްޓެނިކޮށް މިނޫނީ ރާނިޔާއަށް ފެނިފައެއްނުވެއެވެ. ކިޔަމަންތެރިކަމާއެކު އިސްޖަހައިލައިގެން، ހުރި މާޔާއަށް ރާނިޔާ ބަލައިލިއެވެ. ފައިންފެށިގެން ބޮލަށެވެ. ވަކިވަކީން ގުނަވަންތައް ހިތުދަސްކުރާންއުޅޭހެންވެސް ހީވިއެވެ. މުޅި ރޭގެ ނުތަނަވަސްކަން ފިލައި ހިގައްޖެކަން ކަށަވަރެވެ. ތެދެކެވެ. ރީތިކަމުގެ ނަމޫނާ އަންހެން ކުއްޖެކެވެ. ބުރުގާ ނާޅާއި ހުއްޓަސް ހަށިގަނޑުގެ ނުވަދިހަ ޕަސެންޓްވަނީ ނިވާކޮށްފައެވެ. ލަފާކުރެވޭގޮތުން ކަނދުރާއާއި ހަމައަށް ކޮށާލާފައިވާ ފަން އިސްތަށިގަނޑު އުފުލާލާފައި، އައްސާލާފައި އޮތްގޮތުން މާޔާގެ ތަނަވަސް ނިއްކުރިއާއި ސާފު މޫނުގެ އުޖާލާކަން ހާމަވެއެވެ. އިސްތަށިގަނޑު ރީތި މުށިކުލައަކުން ހައިލައިޓްކޮށްލާފައިވުމުން، ރީތިކަމަށް މާޔާ ސަމާލުކަންދޭވަރު ހާމަވެއެވެ. ރޭގަނޑުގެ އެވަގުތުގައިވެސް މާޔާގެ އެތައް ސިފައެއް ރާނިޔާ ހިތުދަސްކޮށްލިއެވެ.

"އަދި ތިޔަހެން ފުއްޕާފައި އަޔަސް އަހަރެން ބިރެއް ނުގަންނާނެ" ސަވާނާގެ އަޑު، ގޭތެރޭގެ ހިމޭންކަން ފޫދުއްވައިލިއެވެ. އެންމެންގެ ކުރިއަށް ނިކުމެ، އީތަންއާއި ކުރިމަތިލާން މަސައްކަތްކުރިއެވެ. ނިއްވާލާފައި އޮތް ފޯނު، އޮންކޮށްލިއެވެ. ބޭނުންވާ ޑްރާމާކުޅެވޭނެކަމަށެވެ.

"މިގޭގައި ފުއްޕިއަސް، ނުފުއްޕިއަސް އަހަރެންގެ އަޑު ގަދަވާނެ.. ކަރުބުޑުން ތި ގޮތަށް އަޅޭއްލަވާނީ ކަލޭ ކަހަލަ ގޮތެއްފޮތެއް ނެތް މީހުން.. ކަލޭ އެތެރެއަށްވަނީވެސް އެހެރަ ދޮރުން.. ނިކުންނާނީވެސް ހަމަ އެދޮރުން.. ލަފުގަ ހިފާފައި ހޫރުވާނުލަނީސް ހަމަމިހާރު ނިކުމޭ!" ޝަހާދަތްއިނގިލިން އިޝާރަތްކޮށް އީތަން ދެއްކީ ގޭގެ މައިދޮރެވެ.

"ނިކުންނާނަން.. ހަމަ އެދޮރުން ނިކުންނާނަން.. މަގޭ ގައިގައި އިނގިލިކުރި ޖައްސައިލިޔަސް ފުލުހުންނަށް ހުށަހަޅާނަން.. ކަލޭމެން އެކަކަށްވެސް އެއްގޮތެއްވެސް ނުހެދޭނެ.. މިހިރަ މުޑުދާރު އަންހެނާގެ ދިރިއުޅުން ފަނާކޮށްލާނަން.. މިދުނިޔޭގައި އަހަރެންގެ ކަރުބުޑުގައި ނާކާމިޔާބުގެ ރަހަ ލައްވާލި ހަމައެކަނި މީހަކީ، މިހިރަ ގޮތްކުޑަ އަންހެނާ.." އިޝާރާތްކޮށްލާފައިވާ، ސަވާނާގެ އިނގިލި އަމާޒުކޮށްފައިވަނީ މާޔާއަށެވެ.

"ހަޑިމުޑުދާރު ދުލުން، މާޔާއަށް ނިސްބަތްކޮށް އެންމެ އެއްޗެއް ބުނެލިޔަސް..!" އީތަންގެ ރުޅިގަނޑު ކޮންޓްރޯލުން ނައްޓަފާނެތީ މާޔާ ބިރުގަތެވެ.

"ނޯ ބޭބީ.. ޕްލީޒް! ހަމަޖެހިބަލަ! ކޮންމެ އެއްޗެއް ކިޔަސް، އެންމެ ރަގަޅު.. އެއްކަމެއްވެސް އޭގެ ސަބަބުން ބަދަލުނުވާނެ.." ވަރަށް މަޑުމަޑުން މާޔާ ބުނެލިއެވެ. ކެތްތެރިކަމުގެ ނަމޫނާއެކެވެ.

އީތަންގެ މޭގައި މާޔާ ފިރުމާލި ގޮތާއި، އީތަންގެ މޫނަށް މާޔާ ބަލައިލިގޮތުން ރާނިޔާގެ ގައިން ހީބިހިނެގިއެވެ. ދަރިފުޅުގެ ނަސީބަށްޓަކައި ފުރަތަމަފަހަރަށް ﷲގެ ހަޟްރަތަށް ރާނިޔާ ޙަމްދުކުރިއެވެ. ދެފަރާތަކަށް ބޯ ހޫރުވާލައިފައި އީތަން މާޔާގެ ލޮލަށް ބަލައިލީ، އިޝްގުންފުރިގެންވާ ބެލުމަކުންނެވެ. އެމަންޒަރު ފެނުނު ކޮންމެ ލޮލެއް ދެލޯބިވެރިންނަށްޓަކައި ހެޔޮ ދުޢާކުރާނެއެވެ. ސަވާނާގެ އުނދަގުލުގެ އެއްވެސް އިޙްސާސެއް ރާނިޔާއަށް ކުރެވޭކަމުގެ އަލާމާތެއް ނުފެނެއެވެ. މާޔާއާއި އީތަންގެ ކޮންމެ ހަރަކާތަކަށް ރާނިޔާ އާޝޯޚްވެއްޖެއެވެ. އެދެކުދިންގެ ދެމެދަށް ވަންނާން އުޅެވުނީތީވެސް، އަމިއްލަ ނަފުސު ކުށްވެރިކުރެވިއްޖެއެވެ. ދެކުދިންގެ ކޮންމެ ބަލައިލުމަކީވެސް އެތައް ވާހަކަތަކެކެވެ. ބުއްދިއެއްހުރި މީހަކަށް އެތައް ޢިބްރަތެކެވެ.

"ތިއާއިލާގެ ދުވަސް ދުއްވާލާނަން.. އަހަރެންގެ އަތުގައި ހުރި އެއްޗެހީގެ ކޮންމެވެސް މިންވަރެއް ކަލޭމެންނަށް މިހާރު ދައްކައިފިން.. ދެން ހުރި އެކަށްޗެއްވެސް ނުދައްކާނަން.. ހުރިހައި އެއްޗެއް ލީކްކޮށްލާނަން.." ރުޅިގަދަވެގެން ސަވާނާ ތުރުތުރުއަޅައެވެ. މާޔާއަށް ނޭގުނީ ސަވާނާ އެބުނި އެއްޗެކެވެ. އީތަންގެ މޫނަށް ބަލައިލެވުނީ އެހެންވެއެވެ.

"އެއްކަމެއްވެސް ނުކުރެވޭނެ..ހަމަމިހާރު މިގެއިން ނިކުމޭ!" ދޮރާއި ދިމާއަށް އަތްދިއްކުރީ އީތަންއެވެ. ނަމަވެސް އެއީ އީތަންގެ އަޑެއް ނޫނެވެ. ބައްޕައަށް އެވަރުގެ ހިތްވަރެއް ލިބުނުކަމަށްޓަކައި އީތަން ފަޚުރުވެރިވިއެވެ. މިފަހަރު ހައިރާންކަން ލިބުނީ ސަވާނާއަށެވެ. ގަބޫލުނުކުރެވޭވަރު ކަމެއް ހިނގީތީއެވެ.

"އަހަރެންގެ ބައްޕައަކީ އަހަރެންގެ ހީރޯ.. ބައްޕަގެ ކޮންމެ ލަފްޒަކީ އަހަންނަށް ދުނިޔެއެއްފަދަ އަގުހުރި އެއްޗެއް.. އެއަށް އިހްތިރާމްކޮށް ކަލޭ މިގެއިން ނިކުމޭ!" ރާނިޔާއަށް ދުނިޔެ ފެނިއްޖެއެވެ. ދެބަފައިންގެ ބަދަހި ލޯތްބެވެ. އީތަންއާއި މާޔާގެ ބާރުގަދަ އިޙްސާސްތަކެވެ. ފިރިމީހާއާއި ދަރިފުޅު، ރާނިޔާއަށްޓަކައި ދުނިޔެއާއި ހަނގުރާމަކުރާން ތައްޔާރަށް ތިބިކަން ސާފު ބިއްލޫރިކޮޅެއް ފަދައިން ފެނިއްޖެއެވެ.

"ކުޅި ދައްކާލާނަން..!" ދެފަޔަށް ބާރުލާފައި ސަވާނާ ހިނގައިގަތީ ދޮރާއި ދިމާއަށެވެ. އޭނާގެ ފަހަތުން ގޮސް، ދޮރުތަޅުލީ އިންމައެވެ.

-- ނުނިމޭ --
ހިޔާލު

އައިޝާ މުދައްރިސް

ވަރަށް ފުރިހަމަ.

ޢައިނ

ކޮބާ 55 ވަނަ ބައި. އެއް ބަި ދޫކޮށްލާފައި

ވާވް

ވާވާ ހާދަ ރީއަޗޭ ...

ދިޔެ

މިހާރު އެބަރަގަނޅުވޭ🙂ވަރަށް އުފާވެއްޖެ

ޒީވާ

އޯ ވާއު ،،،،، ވާހަކަ ވވވވވވވ ރީތި،،،،، ތި ސަވާނާ އަށް ރަނގަޅު ފިލާވަޅެއް ނަަގައި ދޭން ވާނެ، އޭނަގެ މަންމައާ ބައްޕައައްވެސް