Firumaaladheyshey, Episode 57
image
ފިރުމާލަދޭށޭ..
ފުނަމާ
2 ކޮމެންޓް
 

ފިރުމާލަދޭށޭ..

57 ވަނަބައި
ދޮރުތަޅުލިކަން ޔަގީންވީތީވެސް ބޭރުން ނިކަންބާރަށް ދެތިންފަހަރަކު ދޮރުގައި ފައިން ޖެހިއެވެ. އެއީ ސަވާނާ ރުޅިގަދަވުމުން ކަންކަން ކުރާގޮތެވެ. އެކަމަށް، މާޔާ ނޫން އެހެންމީހުންގެ ކަންފަތާއި ސިކުނޑި ފަރިތައެވެ.

"ވަރުގަދަކަމެއް ނުން.. މިކަމުން ސަލާމަތްވެވޭނެބަ؟" ދެފަރާތައް ބޯ ހޫރުވާލާފައި އިންމަ ބުންޏެވެ. އެވަރު އެއްޗެއްވެސް ބައްޕަގެ ދުލުން ބުނެލުމަކީ އާންމުކަންކަމެއްނޫނެވެ. މިފަހަރުވެސް އީތަންއަށް ބަލައިލެވުނީ ސުވާލުގެ ނަޒަރަކުންނެވެ.

"މާލެއަށް އައިސްގެން އެއުޅެނީ ކޮން އިރަކުބާ؟ އެކަނި ތަންތަނަށް ފޮނުވަން ހެޔޮވާވަރުގެ އަންހެންދަރިއެއްނޫން އެއީ " ރާނިޔާގެ ސުވާލު، މާޔާއަށް ވަރަށް މުހިއްމުވިއެވެ. ޖަވާބު ހޯދަން ބޭނުންވި ސުވާލެކެވެ. ލިބުނު މައުލޫމާތުގެ ސަބަބުން ސިކުނޑިއަށް ލުއިވެއްޖެއެވެ. ހިތްބުނެލިއެވެ. އީތަންއަށް އެކަށްޏެއް ނޫނެވެ. އީތަންގެ މަންމައަށްވެސް ނޭގެނީއެވެ. އެހެންވީމާ ސަވާނާ މާލެއަށް އައިއިރެއް ހަމަނޭގެނީއެވެ. ހަށިފުރައި ސިއްރު ނޭވާއެއް ދޫކޮށްލެވުނީ ހަގީގަތުގައިވެސް ބޮލަށް ލުއިވީމައެވެ.
އިންމަ ބަލައިލީ ރާނިޔާއަށެވެ. މާޔާގެ ކޮންމެ ހަރަކާތެއް ރާނިޔާ ނަކަލުކުރާން ބޭނުންވަނީ ބާވައެވެ؟ އެހެންދިމާއަކަށް ރަނިޔާއަށް ބަލައިވެސް ނުލެވެއެވެ.

"ހާދަ ވަރަކަށް ތި ބަލަނީ؟" ވަރަށް ސިއްރުން އިންމަ ބުނެލިއެވެ. އީތަންއާއި މާޔާއަށް ފުރަގަސްދެމުންނެވެ.

"އަހަރެން ހިޔެއް ނުކުރަން، މިހާ ރީތި ކުއްޖަކާ އީތަން ރައްޓެހިވެގެން އުޅޭކަމަކަށް.. ހާދަ ރީތި ކުއްޖެކޭ!" ހުވަފެނީގޮތަކަށް ދެލޮލުގެ އެސްފިޔަތައް ހަރަކާތްކޮށްލަމުން ރާނިޔާ ބުނެލިއެވެ.

"އޭނަ އެދައްކަނީ ކޮން ވާ ހަކައެއް؟ މާވަރަކަށް ބިރުދައްކަން އެއުޅެނީ ކޮންބާރެއް އޭނާއަށް އޮތީމައި؟" ވަރަށް މަޑުމަޑުން މާޔާ ސުވާލުކުރިއެވެ. ނުތަނަވަސްކަން އެކުލެވިފައިވިޔަސް، އެއީ ލޮބުވެތި ބުނެލުމެކެވެ. އީތަން ނޫން މީހަކަށް އެއަޑު ނީވޭނެއެވެ.

"އެވާހަކަ ކިޔައިނުދެވިއޮތީ އެކަމަށް ރަގަޅު ވަގުތެއް ނުލިބިގެން" މާޔާގެ އުނަގަނޑުގައި ލުއިގޮތަކަށް ހިފަހައްޓައިލަމުން އީތަން ވާހަކަދެއްކިއެވެ. ލަދުގަތީ މާޔާއެވެ. އެފަދަ ހަރަކާތަކަށް މިވަގުތު މާޔާ ތައްޔާރެއް ނޫނެވެ. އީތަންގެ މައިންބަފައިންގެ ކުރިމަތީގައިވީމައެވެ.

"އެނގެން ބޭނުން.. ލަސްނުކޮށް ބުނައްޗޭ.. ޕްލީޒް" ހަތަރުކަޅި ހަމަވެގެންދިޔަވަގުތު މާޔާއަށް އިސްޖަހައިލެވުނެވެ. ހުރެވުނީ ކޮންތަނެއްގައިކަން އިޙްސާސްވުމުންނެވެ. އީތަންގެ ކަޅިރަވައިގެ ބާރުގަދައީއެވެ.

"ހޫމްމްމްމް.. ލެޓް މީ ޑޫ ސަމްތިންގ" އިޝްގީ ގޮތަކަށް އެއްބުމަ އަރުވައިލަމުން އީތަން ބުނެލިއެވެ.

"މަންމާ..! މިއީ މާޔާ.. އަހަރެންގެ މާޔާ" މަންމައާއި މުޚާތަބުކޮށް ވާހަކަދެއްކިއަސް، އީތަންއަށް ބަލައިލެވުނީ ބައްޕައާއި ދިމާއަށެވެ.
ފުރަތަމަ ފަހަރަށް މަންމައަށް، އީތަންގެ ލޯބިވެރިޔާ ތަޢާރަފްކޮށްދިނެވެ. ރާނިޔާގެ ދެއަތް ހުޅުވާލީ މާޔާއަށްޓަކައެވެ. ލަދުރަކި ހިނިތުންވުމަކާއެކު، އީތަންގެ މޫނަށް ބަލައިލަމުން މާޔާ ދިޔައީ ރާނިޔާގެ މަރުޙަބާއަށް އިޖާބަދިނުމަށެވެ. އަންހެން ދަރިއަކު، މަންމަގެ ދެއަތުގެ ތެރޭގައި ރައްކާތެރިކޮށްލާނެފަދައިން ރާނިޔާ ބައްދައިލިއެވެ.

"އޫ އާރ ވެރީ ބިއުޓިފުލް! ވަރަށް ވަރަށް ރީތި..، ހިތްގައިމު ހުރިހައި ސިފައެއް މިދަރިފުޅަށް ލިބިފައި އެބަހުރި.. މަންމައަށް ދަރިފުޅު މަޢާފުކުރާނަންތަ؟ ހިނިތުންވަމުން، ވަރަށް ލޯބިން ރާނިޔާ ސުވާލުކޮށްލީ މާޔާއާއެވެ. ދާދި ދެންމެ ގޭތެރޭގައި ހިނގައިދިޔަ ބޮޑު ކަންތައްގަނޑުގެ އަސަރެއް އެއްވެސް މީހެއްގެ މޫނުމަތީން މިވަގުތު ފެންނާކަށް ނެތެވެ.

"ދަރިންގެ ފަރާތުން މައިންބަފައިން މައާފަށް އެދޭކަން ނުޖެހޭނެ މަންމާ.. އަބަދުވެސް ހިތް ހެޔޮ.. އެކަމަށް ބަދަލެއް ނާންނާނެ" ރާނިޔާގެ ބުރަކަށީގައި ފިރުމައިލަމުން މާޔާ ބުންޏެވެ.

"ބައްޕަ އެންމެ ދެކެން ބޭނުންވަނީ ދަރިފުޅާއި މާޔާގެ ކައިވެނި ކުރެވޭ ދުވަސް" ވަރަށް އަސަރާއެކު އިންމަ ބުނެލިއެވެ. ސިކުނޑިއަށް ބުރަވެފައިވާކަން އީތަންއަށް އިހުސާސްކުރެވުނެވެ. ތަކުރާރުކޮށް އެކަމަށް ބައްޕަ އެދެފިއެވެ.

"ދަރިފުޅުމެންގެ ކައިވެނި، ލަސްކުރަނީ ކީއްވެގެން؟ މަންމަ ބޭނުމީ ވީހާއަވަހަކަށް ދަރިފުޅުމެން ދެކުދިންގެ ކައިވެނި ކުރެވެން.. މަންމައާއިބައްޕަގެ އެކަނިވެރިކަން ފިލުވައިދެވޭނީ ދަރިފުޅުމެން ދެކުދިންނަށް.. މަންމައާއި ބައްޕަގެ ފަރާތުން ބޭނުންވި ކޮންމެ އެހީތެރިކަމެއް އެންމެ ފުރިހަމައަށް ދަރިފުޅުމެންނަށް ލިބޭނެ" މާޔާގެ މޫނަށް ބަލައިލަމުން ރާނިޔާ ބުންޏެވެ. އިސްޖަހައިލުން ފިޔަވައި އިތުރަށް ދެވޭނެ ޖަވާބެއް މާޔާއަށް ނުވިސްނުނެވެ.

"ލަދުގަންނާކަށްނުވާނެ.. މިއީވެސް ހަމަ މަންމައަކާއި ބައްޕައެއް.. ދަރިފުޅުމެން ދެކުދިން ނޫނީ މަންމަމެންނަށް އުއްމީދެއްކޮބައި؟" މައުނަވީ ބެލުމަކުން އީތަންއަށް ބަލައިލަމުން ރާނިޔާ ބުންޏެވެ.

"މާޔާއާއި ވަކިން އެންމެ ދުވަހެއްވެސް ވެއަތުކުރާން މިދުނިޔޭގައި ބޭނުމެއް ނޫން.. އެކަމަކު މަންމާ! އަހަންނަކީ، އެހައި ފަސޭހައިން މާޔާ ހާޞިލްކުރުމުގެ ނަސީބު ލިބިފައިވާ މީހެއްކަމަކަށް މިހާރަކު ގަބޫލެއް ނުކުރަން.. އާދޭސް ކޮށްފިން! އެކަމަކު އަދިވެސް އާނބަސް ނުލިބިގެން މިއުޅެނީ" ލިބުނު ވަގުތުގައި ފައިދާ ނެގެން އޮތް ގޮތެއް އީތަން ވިސްނައިލިއެވެ. މާޔާގެ މަންމަގެ ކުރިމަތީގައި ނިކަމެތިވެ، ޖަޒުބާތުގައި ޖައްސާން ނުކެރުނަސް، އީތަންގެ މައިންބަފައިންގެ ކުރިމަތީގައި، ނެގެން އޮތް ހުރިހައި ފައިދާއެއް ހާޞިލްކުރުމަށް އީތަން ބޭނުންވިއެވެ.

"ކީއްވެ ދަރިފުޅާ؟ ސާފު ލޮލަކުން، މިމަންމަގެ އެހެރަ ދަރިފުޅަށް، މާޔާ ބަލައިލަބަލަ! އެދަރިފުޅަށް އިތުބާރު ނުކުރަނީތަ؟ ސިފަ ހުތުރީތަ؟ އަޚްލާގު ރަގަޅު ނޫނީތަ؟" ވަރަށް ދެރަވެލާފައި ރާނިޔާ ވާހަކަދެއްކިއެވެ. މާޔާ ލަދުން އިސްޖަހައިލިއެވެ. ދެރަވެގެން ތުން ފިއްތާލާފައި އީތަންއާއި ދިމާއަށް ބަލައިލިއެވެ.

"ނޫން މަންމާ! ނޫން.. ނޫން.. ތިކަހަލަ ކަމެއްނޫން.. އީތަންގެ ކުށެށް އޮވެގެންވެސް ނޫން.. ހަމަރަގަޅަށް އީތަންއަށް އެނގޭނެ ސަބަބު!" ވަރަށް ލަދުންހުރެ މާޔާ ވާހަކަދެއްކިއެވެ. ތަންކޮޅެއް ދުރުގައި އީތަން ބަލަންހުރީ އެއްމިޔަކަނުން ހިނިއައިސްފައެވެ.

"މިރޭ މިހާރު މާބޮޑަށް ދަންވެއްޖެ! އަދި ދިމާވާންވާނެ.. ވަރަށް ގިނައިން މިގެއަށް އަންނަންވާނެ.. ހުރިހައި ސަބަބެއް އެއްކައިރި ކޮށްފައިވެސް މަންމަ ބޭނުމީ ތިދެކުދީންގެ ކައިވެނި ކުރުވަން.." ރާނިޔާ ބޭނުންވާގޮތް ބުނެލިއެވެ. ސަވާނާގެ ކިބައިން އީތަން މިންޖުކުރުމަށް އެނޫން އެއްވެސް ހައްލެއް ނޯންނާނެކަން އެންމެ ރަގަޅަށް އެނގޭނީ ރާނިޔާއަށެވެ.

"މިހާރު ދެން މިރޭ މާ ލަސްވެއްޖެ.. މާޔާ މަންމަ ކައިރީގައި ނުވެސްބުނެ ގޮވައިގެން މިއައީ.. ގޭގައި ނެތްކަން އެނގިއްޖެއްޔާ ވަރަށް ހާސްވާނެ.. މަންމާ.. އަހަރެން އެބައަންނަން މާޔާ ގެއަށް ލާފައި" ބައްޕައާއި މަންމައަށް ބަލައިލަމުން އީތަން ބުންޏެވެ. މާޔާ ލަދުން ވިރިވިރި ހުރިއިރުވެސް އީތަން ހިނގައިގަތީ މާޔާގެ އަތުގައި ހިފައިގެންނެވެ.

***
ފަތިހުގެ ފިނިކަމުގެ ތެރެއިން އިރުގެ ރަންކުލަ ކައުނުގައި ފަވާލައިފިއެވެ. އުޖާލާ ދުވަހަކަށް މަރުޙަބާ ކިޔުމުގައި ދޫނިސޫފާސޫފިތަކާއި ކުކުޅުހާ، އެސޮރުމެންގެ ގޮވެލިފަތި އިއްވަން ފަށައިފިއެވެ. ނިދިބަރުވެފައިވާ ލޯތައް، އެސްފިޔަ ތަގުޅިކޮށްލިޔަސް، މުރާލި ހަށިގަނޑުތައް، އެމީހުންގެ ގައިމަތީގައި އޮތް ރަޖާތައް ހިއްލައިލުމަށްފަހު، ފަތިހުގެ ފަރުޟުއަދާކުރުމާއިގެން މަސްއޫލުވެއްޖެއެވެ. ކިތަންމެ ލަހުން ނިދިޔަސް، ބަންގީގެ އަޑަށް މާޔާވެސް ތެދުވިއެވެ. ނަމާދުކޮށްލައިގެން، މާޔާ އެދިޔައީ މަންމަ ގާތަށެވެ.

***
ބޮޑެތި، ބަރުވެހިކަލްތަކުގެ އަޑަށް ގިޔާދާއަށް ހޭލެވުނެވެ. އަނދިރިކަމުން ލޮލަށް އިނގިލިވަނަސް، ނޭގޭހައި އަނދިރިއެވެ.

"ނަވީން..! ނަވީން! ނަވީން! ކަރަންޓެއް ނެތޭ.. ތެދުވެބަލަ.. ހާދަ ހޫނެއްވެޔޭ!" ނިދިއަޑަކުން ބަރުހެލިގޮތަކަށް ގިޔާދާ ގޮވީ ނަވީންއަށެވެ. ނަމަވެސް އަޑުއިވޭކަމަށް ނުހެދިއެވެ. ކުރިއަށްވުރެން ބާރަށް ނަވީންއަށް ގޮވަން ފެށިއެވެ. ކަރަންޓު ނެތްކަމާއި، އަނދިރިކަމުން ލޮލަށްވެސް ނޭގޭކަމަށް ބުނަންފެށިއެވެ.

"ދެން؟ އަޑުގައި ހުރި ބާރެއް ލާފައި މަށަށް ގޮވިއްޔާ، ކަރަންޓު އަންނަނީތަ؟ އެހެންވިއްޔާ، ބާރަށް ގޮވާ! އަވަށްޓެރިންގެ ދެފައި ކޮޅަށްޖެހިގެންދާވަރަށް ގޮވާ!" ހިތްހަމަނުޖެހިފައި ނަވީން ބުނެލިއެވެ. މިފަހަރު ގިޔާދާ ހިތުގައި ޖެހުނެވެ.

"އަހަރެންނަށް އިނގޭ، ހަގީގަތުގައި ނަވީން އަހަރެންދެކެ ލޯބިނުވާކަން.. ރާނިޔާދެކެ ނަވީން ލޯބިވަނީ! އޭނައަށް ކަމެއްވިޔަސް، އެހެރަ އުޅެގަންނަ ގޮތެއް! މަގޭ ސިކުނޑި ފަޅައިގެންދާހެން ހީވަނީ..! އެކަމަކު މިވަރުގެ ކުޑަކުޑަ ކަމެއްގައިވެސް އަހަރެން ބުނެފިއްޔާ މަލާމާތްކުރާނީ.. އެހެންނޫނީ ހިތުގައި ޖައްސާނެ.. އެއްޗެއް ނުބުނެ ކަމެއް ނުކޮށްދޭނެ.. ރޭގައިވެސް ކޮންފަދަ ނުތަނަވަސް ރެއެއް.. އެކަމަކު ސަވްގެ ފޯނަށް ނުގުޅިގެން އަހަރެން މޮޔަވާވަރުވީރުވެސް ނަވީންއަށް ހީނުވޭ ކަހެރުވަކެކޭވެސް.. އަހަރެންގެވެސް އޮންނަނީ ހިތެއް! ދެރަވެޔޭ! އެއްޗެއް ނުބުނަނީ ނަވީންއަށްޓަކައި.. ކަރަންޓު ދިޔައީ މިގެއިން އެކަނިތޯ ބަލާލިއްޔާ ކީއްތަވާނީ" ގިޔާދާ ރޯންފަށައިފިއެވެ.

"ބާރަށް ރޮއެ! ނިދިޔަނުދޭތި އިނގޭ! ރޭ ހަތަރުދަމު އެވަރު! މިއަދު މިއުޅެނީ އިރުނާރައިގެން، މިހާރު ފެށީ.. ދެރަކަމެއްނުންމީ..! މަށަށް ކަރަންޓު ގެނެވޭނަމަ، މިހާރު ހުންނާނީ ގެނެސްފައި.. އިތުރަށް ބޮލަށް އުނދަގޫ ނުކުރޭ" ނަވީންގެ ހަރަކާތްތައް ހުރިގޮތުން، މާއަވަހަށް ހޭލާން ބޭނުންނުވާކަން އެނގެއެވެ. ކުސްތަޅަމުން ގިޔާދާވެސް މައިތިރިވީ، ނަވީންގެ އެހީއެއް އެވަގުތު ނުލިބޭނެކަން އެނގޭތީއެވެ.

***
އާޓާފުށުގެ ދެތިންރޮށި ފިހެލުމަށްފަހު، ލައިގެން ކާނެ އެއްޗެއް ހަދަން މާޔާ އުޅުނީ ބަދިގޭގައެވެ. ފޯނު ރިންގުވާއަޑު އިވުމާއެކު ސުވާލުގެ ނަޒަރަކުން ބަލައިލެވުނީ ބަދިގޭގެ ދޮރާއި ދިމާއަށެވެ. ފޯނު ނަގަން ދާނީތޯ ނުވަތަ ނޫންތޯ ވިސްނައިލުމަށެވެ. އާންމުކޮށް ފޯނު އަންނަ ވަގުތަކަށް ނުވާތީ، އެކޯލަށް ޖަވާބު ދިނުމުގެ ޝައުގުވެރިކަން އުފެދުނެވެ. ހަލުވިކޮށް ހިނގާލާފައި ކޮޓަރިއާއި ހަމައަށް ދެވުނުއިރު ފޯނު ކެނޑިއްޖެއެވެ. ދޮރުލައްޕާފައި އެނބުރުވަގުތު ދެވަނަ ފަހަރަށްވެސް ރިންގުވާންފެށިއެވެ. ވަގުތުން ކޮޓަރިއަށްވަދެފައި ފޯނު ނެގިއެވެ. ނުދަންނަ ނަންބަރެކެވެ.
ސަލާމުގެ ބަދަލުގައި ބޭނުންކުރީ 'ހެލޯ'އެވެ. ހަރުކަށި ބުނެލުމެކެވެ. ކާކުތޯ ސުވާލުކުރީ ނުހަނު ބާރަށެވެ. ހަމައެއާއެކު ނިކަން ބާރަށް މާޔާގެ ނަމުން ގޮވައިފިއެވެ. އެމީހަކު ހުރީ ހަމައިގައިކަމެއް ނުވަތަ މަސްތުގެ ހާލަތުގައި ކަމެއް މާޔާއަކަށް ނޭގެއެވެ. ވާހަކަދައްކަނީ، އަނގައިން ވާގިދޫކޮށްލައިގެންނެވެ. އެމީހަކަށް، މާޔާގެ ނަން އިނގެއެވެ. ގުޅުނީ މާޔާއަށްކަންވެސް އެގެއެވެ.

"ތިއީ ކާކުކަމެއް އަހަންނަކަށް ނޭގުނު.. މިގަޑީގައި އަހަންނަށް ގުޅާނެމީހަކު ނުހުންނާނެ.. ތިމީހަކަށް ގުޅިގެން ތިއުޅެނީ އޮޅިގެންކަމަށްވާނީ" މާޔާ ވާހަކަދެއްކީ ވަރަށް ވިސްނައިގެންނެވެ. ނަމަވެސް
މިފަހަރު އަޅޭއްލަވައިގަތީ ކުރިއަށްވުރެން ބާރަށެވެ.

"އަހަރެންގެ އީތަންގެ ބޮލުން ކަލޭ ފައިބާނީތަ؟ ނޫނީ އަހަރެން އޭނާގެ ބޯ ބުރިކޮށްލާންވީތަ؟" ދުލުގައި ވާގިނެތް މީހަކު ވާހަކަދައްކާ ކަހަލަ ގޮތަކަށް އޭނާ ބުންޏެވެ.

"ކަލޭ ތިއީ ކާކު؟" މާޔާ ސުވާލުކުރިއެވެ.

ޖަވާބުގައި ސަވާނާގެ ނަން އަޑުވިމުން މާޔާގެ ދެފައި، ބިމުން ލުހިގެން ދިޔަހެން ހީވިއެވެ. އަންހެނަކަށްވީތީ، ދެވަނަ އަންހެނަކާއިމެދުގައި ވިސްނާލެވުނީއެވެ. ރޭގައި އީތަންގެ ގެއިން ނިކުތްއިރު ސަވާނާ ރަގަޅެވެ. އެކަން މާޔާއަށް ޔަގީނެވެ. ނަމަވެސް މިވަގުތު ސަވާނާއަށް މީހެއްގެ އެހީތެރިކަން ބޭނުންވެއެވެ. އޭނާގެ މައިންބަފައިންނާއި ހަމައަށް އެކަން އެންގުންވެސް މާޔާއަށް ނުހަނު މުހިއްމުވިއެވެ. ސަވާނާ ހަޅޭލަވަމުންދަނިކޮށް، ފޯނުކަނޑާލުމަށްފަހު އީތަންއަށް ގުޅާލެވުނީ ވަރަށް ބޮޑަށް މާޔާ ހާސްވެގެންނެވެ.

"ހެއި ޕްރިންސެސް.. ނުނިދިގެންތަ ތިގުޅީ؟ ނޫނީ ޖަވާބު ދޭންތަ ތިގުޅީ؟ އައި ލަވް ޔޫ ސޯ މަޗް" އީތަންގެ ލޯބި މިޒާޖަށް މާޔާ ވަރަށް ގަޔާވެއެވެ. ކަންތައްވީގޮތް މާޔާ ކިޔައިދިނެވެ. އީތަން އަޑުއަހާކަންވެސް އިނގުނީ، މާޔާ ވާހަކަ ނިންމާލާފައި، ހެލޯ އޭ ބުނެލުމުން އެއަށް ޖަވާބު ދިނީތީއެވެ.

"ކީއްވެތަ އެއްޗެއް ނުބުނީ؟ ވަރަށް ހާސްވެގެން ދޯ މިގަޑީގައި ގުޅާނީ.. އެހެންނޫނީ ނިދާފަ އޮއްވައި ނުގުޅަން!" ހިތްހަމަނުޖެހޭގޮތް ދައްކައިލަމުން މާޔާ ބުންޏެވެ.

"ޕްރިންސެސް ހީކުރަނީ، އެއީ އޭނާ އަލަށްކުރިކަމެއްކަމަށްތަ؟ ނޯ މައި ލަވް! ސައުވީސް ގަޑީރުން އެއްފަހަރު އޭނާ ޗާޖުކުރާނެ.. އެކަން އޭނަގެ މައިންބަފައިންނަށްވެސް އިނގޭނެ.. އެކަނި މިތަނަށް ފޮނުވިއިރުވެސް އިނގޭނެ އެވައްތަރަށް އުޅޭނެކަން.. އަހަރުމެންނަށް ކޮންކަމެއް؟ އުޅޭނެވައްތަރަކަށް އުޅެފައި ހިނގައިދާނެނުން.. ވަރަށް ސޮރީ މައި ބިއުޓިފުލް ޕްރިންސެސް! އެއްވެސް އެހީއެއް ނުވާނަން.. އޮފިހަށް ދާން ތައްޔާރުވެފައި ގުޅާލާތި އިނގޭ.. ބަލައިދާނަން" ފޯނު ބާއްވަމުންވެސް އީތަންބުނެލީ މާޔާދެކެ އިންތިހާއަށް ލޯބިވާކަމަށެވެ.

މާޔާއަށް ގޮތް ހުސްވެއްޖެއެވެ. ސަވާނާގެ ހާލަތާއިމެދުގައި މާބޮޑަށް ވިސްނެނީއެވެ. ނަމަވެސް އޭނާއާއި ބެހޭ މާބޮޑު މައުލޫމާތެއް މާޔާއަކަށް ނޭގެއެވެ.

-- ނުނިމޭ --
ހިޔާލު

ދިޔެ

ދެން މާޔާވެސް ސަވާނާގެ ކަންތަކާއި އަޅާލާނެ ކަމެއްނެތް..އަމިއްލަ ދިރިއުޅުމާގެން ކުރިއަށް ދެވޭތޯ ބަލަންވީ..

ރާނިޔާ

ދެން އަންނަ ބައެއްގަ ސަވާނާ ޖަލަށް ގެންދާނެ ކަމަށް އުންމީދު ކުރަން. ހުރިގޮތަށް ހުރި ސަފަރު ކަތްދައެއް މި ސަވާނާމީ