Sitee: Raees goiy dhoonukurahvan adhives beynunfulhunuvaneetho!
image
ޕީޕީއެމްގެ އެއްވުމުގައި ރައީސް ޔާމީން ވާހަކަދައްކަވަނީ.. ފޮޓޯ: ރާއްޖެ އެމްވީ
އަލީ އިބްރާހީމް ބިން އުސްމާނު
2 ކޮމެންޓް
 

އާންމު ސިޓީ: ރައީސް ގޮން ދޫކުރައްވަން އަދިވެސް ބޭނުންފުޅުނުވަނީތޯ!

ރައީސް ޔާމީނަށް
ވެދުން ސަލާމަށް ފަހު ދަންނަވަމެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުން ނާކާމިޔާބީއާ މަނިކުފާނު ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިމުމަކީ ދުނިޔެވީކަމެކެވެ. ދެ މީހަކު ކުޅޭ ނަމަ ކޮންމެވެސް އެކަކު ބަލިވާނޭކަން މިއީ ދުނިޔެ ދަންނަ ބޮޑު ހަގީގަތެކެވެ. ނަމަވެސް ބަލިވާ މީހާ ބަލިވުމުން ދެން ބޮޑާ ހާލާ މައްސަލަ ޖައްސާ ދުނިޔެވި ރީތި އުސޫލުތަކާ ދެކޮޅަށް އަމަލުކުރުމަކީ އަދި މާ ހަޑިމުޑުދާރުކަމެއްކަން މާ ބޮޑަށް މަނިކުފާނަށް އެނގިވަޑައިގަންނަވާނެއެވެ. ނަމަވެސް ކުޅުނު މެޗުން ބަލިވެގެންދިޔައީ ވަރަށް ބޮޑެތި ގޯސްތަކެއް ހަދައިގެން ނަމަ އެ ގޯސްތަކުގެ ވާހަކަ ދައްކާ މެޗް އަލުން ކުޅުއްވުމަށް ބާރު އަޅަން ޖެހޭނެއެވެ. ނަމަވެސް ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކަންކަން ނިމިގެން ދިޔައީ މިދެންނެވިގޮތަށް ގޯސްތަކެއް ހަދައި ނަތީޖާ ބަދަލުވާ ފަދަ ކަމެއް ކުރިމަތިވެގެން ނޫންކަން ހުދު މަނިކުފާނަށް އެނގިވަޑައިގަންނަވާނެއެވެ.

އެހެންކަމުން ގޯހެއް ނުހިނގާ ނިމިދިޔަ އިންތިހާބުން ބަލިވުމާއެކު ދެން ތިޔަ އުޅުއްވަން ފެއްޓެވިގޮތުން މަނިކުފާނަށް ކުރިން ކުރި ތާއިދާއި ލިބިފައިވާ ނަމަ ލިބުނު ހަމްދަރުދީވެސް އޭރު ލިބުނު ވަރަށް ނުލިބޭނެކަމަށް ފެނެއެވެ. ސަބަބަކީ ވެރިކަން ބަދަލުވުމުގައި ދުނިޔޭގެ ގައުމުތަކުން ކަންކުރާގޮތް ވަރަށް ސާފުކޮށް މިއަދުވެސް އެންމެންނަން އެނގިހާމަވާތީއެވެ. ޓީވީފޮށިތަކުންނާއި ލާމެހިފައިވާ ދުނިޔޭގައި ބޭނުންކުރަމުންދާ އިންޓަނެޓުގެ ވަސީލަތް މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ތަނެއްގައި ހިނގާކަންކަން ހަމަ ވަގުތުން އެނގިހާމަވާތީއެވެ.

ރާއްޖޭގައި ނޫނަސް ދައުރު ހަމަވުމުގެ ކުރިން އިންތިހާބު ބާއްވާ މޮޅުވާ މީހަކަށް ވެރިކަން ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމީ ފެންނަ ހުރި ހަގީގަތެކެވެ. އެ ފަދަ ކަންކަން ހިނގާ ގައުމުތަކުގައި އެ ހިސާބަށް ކަންކަން ދިއުމުން ކަން ހިނގާގޮތާއި ރާއްޖޭގައި ކަން ހިނގާގޮތް ތަފާތުވުމަކީ މާ ބޮޑު މައްސަލައަކަށް ނުވިޔަސް މަނިކުފާނު ތިޔަ ކުރައްވާކަންކަމަކީ އިންތިހާބީ ރައީސާއި ރައްޔިތުންނާ ޖެއްސުމުގެ އަމަލުތަކެއްކަމަށް ފެންނަކަމީ ހިތާމަ ހުރިކަމެކެވެ.

މަނިކުފާނުގެ ވެރިކަމުގައި އަދި މިހާރުވެސް ކުރަމުންދާ ވަރަށް ގިނަކަންކަމަކީ ކަރޮފްޝަނަށް މަގުފަހިވާގޮތަށް އަދި ނުހައްގުންނާއި އިންސާފުގެ މަގުން އެއް ފަރާތްތަކޮށް އިންތިހާބުވި ރައީސާ މެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެދޭ ގޮތަކަށް ހިންގާކަންކަމަށްވާތީ އެފަދަ ކަންކަން ނުކުރުމަށް އިންތިހާބީ ރައީސްގެ ފަރާތްޕުޅުން ތަކުރާރުކޮށް ވަނީ ގޮވާލާފައެވެ. ނަމަވެސް އެ ހުރިހާ ގޮވާލުމަކަށް ގޮން ޖަހައި މަނިކުފާނުގެ ހުރި ގޮތް ދޫނުކުރުމާއި އިންސާނުންގެ މެދުގައި ހުރި ރީތި އުސޫލުތަކާއި ހަމަތައް އެއް ފަރާތްކޮށްލުމަކަށް ފަހު ކަންކަން ތިޔަ ކުރައްވާ ހަގީގީ ސަބަބާ މެދު އިންތިހާއަށް ކަން ބޮޑުވަމެވެ. ސަބަބަކީ އަޅުގަނޑަކީވެސް މިގައުމުގައި ދިރިއުޅެން ޖެހިފައިވާ ރައްޔިތަކަށްވެފައި އިންސާނީ ރިވެތި އުސޫލުތައް ދޫކޮށްލައި ތިމާއަށް ލިބިފައިވާ ބާރާއި ނުފޫޒު އޭގެ އެންމެ މަތީ ފެންވަރުގައި ބޭނުންކުރަމުންދިއުމުގެ ނަތީޖާ ހިތިވާނެކަމަށް ފެންނާތީއެވެ.

ނަމަވެސް މީހުންގެ ފަރާތުން އަޅުގަނޑަށް މަނިކުފާނު އެނގިފައިވާގޮތުންނާއި އަދި ރަށުތެރޭގައި ޒަމާނުންސުރެ ދައްކާ ވާހަކަތަކަށް ބަލާއިރު މަނިކުފާނު ތިޔަކުރައްވާ ކަންތައްތަކާ މެދު ހަރާނެއްނުވެއެވެ. ސަބަބަކީ މަނިކުފާނު މަނިކުފާނަށް ވަނީ ކުރިން ފާހަގަކުރިކަންކަން ކުރައްވާތީކަމަށް ވެއެވެ. ނަމަވެސް ދަންނަވަން އޮތް ވާހަކައަކީ އިންތިހާބީ ރައީސާ މެދު ނަފުރަތު އުފެއްދުމަށް ހިނގާ އަދި ނޭނގި ނަމަވެސް ނުވަތަ އެނގި ހުރެގެން ނަމަވެސް ހިނގާ ކަންކަން ހުއްޓާލުމަކީ ގައުމަށާއި މަނިކުފާނަށް ވެސް އޮތް އެންމެ ރަނގަޅުގޮތްކަމެވެ.

މިހާރުވެސް ތިޔަވަނީ ފްލެޓްތަކެއް ދޫކުރުމަށް އަންގަވާފައެވެ. އެ ފްލެޓްތަކަށް އެދުނު މީހުންނާއި ލިބޭ މީހުން ކަނޑައެޅުމުގައި ގެންގުޅެފައިވާ ހަމަތަކާއި އުސޫލުތަކަކީ މީން ޒަމާނަކުވެސް ރާއްޖޭގައި މަނިކުފާނު ނޫން ވެރިއަކު ގެންގުޅުނު ހަމައާއި އުސޫލެއް ނޫންކަން ވެސ އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ހުދު މަނިކުފާނަށެވެ.

ވީމާ ދަންނަވަމެވެ. ވެރިކަމުގައި ބާކީ އޮތް 18 ވަރަކަށް ދުވަހުގެ ތެރޭގައި ސަރުކާރުން ތަފާތުކަންކަން ކޮށް އާ ސަރުކާރާ މެދު ހިތްހަމަނުޖެހުން އުފެއްދުމަށް ނުވަތަ އުފެދިދާނެ ކަހަލަ ކަންކަން ނުކުރުމަށް މި އެދެނީ ނުހަނު އިހުލާސްތެރިކަމާއެކުގައެވެ. ބޭނުަމަކީ ދިވެހިންގެ ގައުމަކީ ހަމަޖެހޭ ސުލަހަވެރިތަކެއްގެގޮތުގައި ބޭއްވުމެވެ. ނަމަވެސް އެ ގޮތަކީ ފަހަރުގައި މަނިކުފާނަށް ކުރިމަތިވެވަޑައިގެންނެވި ހިތްދަތިކަމުގެ ސަބަބުން މިވަގުތު ކުރައްވަން ބޭނުންފުޅުވެވަޑައިނުގަންވަާކަމަކަމަން ވެދާނެއެވެ.

ނަމަވެސް މިއީވެސް ގައުމެއްކަމާއި މިތަނުގައިވެސް އުޅެން ތިބީ އިންސާނުންކަމާއި އެ މީހުންވެސް ހަމަޖެހުމާއި ސުލަހަވެރިކަން ބޭނުންވާނެކަން ހިތާ ދެކޮޅަށް ނަމަވެސް ގަބޫލުކުރެއްވުން އެދެމެވެ. މާދަވާ ވެސް ވާނެ ގޮތެއް ނޭނގޭއިރު ދެންވެސް ޝަރަފުވެރިކަމާއެކު އުޅުމަކީ އެންމެ ބުއްދިވެރި ގޮތް ނޫންތޯ އެވެ. އެހެންކަމުން މި ގައުމުގެ މަސްލަހަތަށްޓަކައި މިހާރުކުރައްވާކަންކަން މަޑު ޖައްސާލައްވައިގެން ހުންނެވުމަށް ނުހަނު އާދޭހާ އެކު ރައީސް ޔާމީނުގެ އަރިހުން އެދެމެވެ. އަޅުގަނޑު އެދެނީ ވެރިކަމުގެ ދައުރު ފުރިހަމަވި ނަމަވެސް އަޅުގަނޑުމެންނާއެކު މަނިކުފާނު މި ގައުމުގައި ދިރިއުޅުމެވެ. އަދި ފާގަތި ދުވަސްތަކެއް މަނިކުފާނަށް މިންވަރުކޮށް ދެއްވުމެވެ.
ޝުކުރިއްޔާ
30 އޮކްޓޫބަރު 2018

އަލީ އިބްރާހީމް ބިން އުސްމާނު

ރައީސް އަބުދުﷲ ޔާމީން/ ރިޔާސީގަނޑުވަރު
ހިޔާލު

ޙުސެން

ޖަލަށް ނުވަދެ ސަލާމަތްވިޔަސް އާޚިރަތްދުވަހު ހަދާނެ ޑިލެއް މަރާނެ މީހަކު ނުހުންނާނެ ޔާނޫ

Shiyam

ރޔ އަވަހަށް ތިޔަ ބާޣީ ފީމުޑި ވިއްދި ކޯޅިސަން ގަނޑު ބޮޅައް ސަރުކާރު އެއްޅާޅާ ހުސް ބޮޑުފަޓް މުސްކުޅިން މަގާމާ މަޖިޅިސް ޓިކެޓް ބަހާއިރަށް އެކަކު އަނެކަކު އަޑިން ހަސަދަ ހުޅު ރޯކުރާނެ....ނުވާނެ...