Firumaaladheyshey, Episode 58
image
ފިރުމާލަދޭށޭ..
ފުނަމާ
2 ކޮމެންޓް
 

ފިރުމާލަދޭށޭ..

58 ވަނަބައި
ފާރުގައި އިން ގަޑިއަށް މާޔާ ބަލައިލިއެވެ. ކިތަންމެ ކަމެއްކުރާނެ ވަގުތު އަދި އެބައޮތެވެ. މަންމައަށް ސައިދީފައި، އެއްޗެހި ދޮންނާނެ ވަގުތުވެސް އެބައޮތެވެ. މެޝިންއަށް އެއްޗެހި އެޅުމަށްފަހު، މާޔާ ވިސްނާލިއެވެ. ހަމަ އެހިނދުގައި ދިޔައީ ގޭތެރެ ސާފުކުރާށެވެ. މަސައްކަތް ނިންމާލެވުނީ އެހެންދުވަސްދުވަހަށްވުރެން ކުޑަތަންކޮޅެއް ލަހުންނެވެ. އެހެންނަމަވެސް އަދިވެސް ލަހެއްނުވެއެވެ. ސިކުނޑީގެ ހާސްކަމާއި، ހިތުގެ ނުތަނަވަސްކަން، މަސައްކަތުގެ ސްޕީޑަށް ބަދަލުގެންނަކަން، މަޔާ ގަބޫލުކުރެއެވެ.

"ހާދައި ބަސްމަދުވެފައި ތިހުންނަނީ؟ ދަރިފުޅަށް ކަމެއް ދިމާވިތަ؟" މާޔާއަށް އައި ބަދަލު، ހައްވާފުޅަށް ފާހަގަކުރެވުނެވެ. ރޭގަނޑުގެ ނިދި މަދުވުމުން ތަންކޮޅެއް 'ހަރަކާތް ލަސް'ދުވަހެއްކަމަށް މާޔާ ބުނެލިއެވެ. އެވާހަކަ މަންމަ ގަބޫލުނުކުރާނެކަންވެސް އެނގިހުރެއެވެ.

"ކަމެއް ދިމާވިޔަސް، މަންމަ ގާތުގައި ބުނެލީމައި، އެކަމެއް ހައްލުކޮށްލަން ކޮންމެވެސް އެހީއެއް ވެވިދާނެކަންނޭގެ ދޯ؟" ކިޔަން އިން ފޮތުން ލޯ ދުރައްނުލައި ހައްވާފުޅު ބުނެލިއެވެ. އޭގެ ޖަވާބުގައި މާޔާ އެއްޗެއް ނުބުނުމުން، ހައްވާފުޅުގެ ޝައްކު ޔަގީނަށް ބަދަލުވިއެވެ.

"އީތަންއާއި މައްސަލައެއް ޖެހުނީތަ؟" ޓާގެޓަށް އަމާޒުހިފޭތޯ، އަނދިރީގައި ހައްވާފުޅުގެ ތީރު ދޫކޮށްލިއެވެ. މަންމައަށް އޮޅުވާލުމަށް އިތުރު ހިތްވަރެއް މިފަހަރު މާޔާއަށް ބޭނުމެއް ނުވިއެވެ. ކުރާންހުރި މަސައްކަތް ބަހައްޓާފައި މަންމަގެ ކުރިމަތީގައި އިށީނެވެ. ރޭގައި ކަންހިނގައިދިޔަގޮތް ވަރަށް ތިލަކޮށް މަންމައަށް މާޔާ ކިޔައިދިނެވެ. އަދި ފަތިހުގެ ފޯނުކޯލްގެ ވާހަކަވެސް ބުންޏެވެ. އެކަމުގައި މާޔާގެ ކަންބޮޑުވުން އޮތްވަރެއްވެސް މަންމައާއި ހިއްސާކުރިއެވެ.

"ތިވަރުކަމެއް ހިނގައިގެން އުޅޭއިރުވެސް މަންމައަށް ޚަބަރެއް ކޮށްނުލީމައި، ދަރިފުޅަށް ސާބަސް ދޭވަރުވޭ! މަންމަ ނޫންތަ ދަރިފުޅަށް އެހީވާން ހުރިމީހަކީ؟ ބުނަންތަ ދަރިފުޅާ! މިއީ ދަރިފުޅުގެ އިމްތިޙާނުގެ ވަގުތު! ވަރަށް ވިސްނާފައި ނޫނީ އެންމެ ފިޔަވަޅެއްވެސް ކުރިއަށް ނާޅާތި! ލޯތްބަކީ އަބަދު ފަހަތުން ކަފުޖަހާފައި އޮންނާނެ ބާ އޮޑިއެއް ނޫން.. ތިޔަހެން ފުރަގަސްދިނުމުން، ކުރިމަތިވެދާނެ ކޮޅިގަނޑެއް ދަރިފުޅަށް ވަޒަންކުރާންވެސް ނޭގެނެ..، މޭވާ ބިންނަން އެންމެ ރަގަޅުވާނީ ގަހުގެ މަތިވަރު އެންމެ ރަގަޅުވަގުތުގައި.. މަންމަމެންގެ ބޮލުގައި މިވަރަށް ނުރަޖަހާފައި މިހުރީ، ހާދަ ތަޖުރިބާއެއްގެ ރަމުޒެއްގެ ގޮތުގައޭ ދަރިފުޅާ! ތިޔަ ސަވާނާއަކީ ދަރިފުޅުގެ ސިކުނޑިއަށް ސަވާރުވެވޭވަރުގެ އަންހެނަކަށް ވެގެންނުވާނެ.. އޭނާގެ ކަންކަމުގެ ސަބަބުން، ދަރިފުޅުގެ މުޅި ދުވަސް ޚަރާބުކުރުމަށްވުރެން ބޭކާރު އެހެންކަމެއް އޮންނާނެތަ؟ ވެވެން އޮތްގޮތަކުން އޭނާގެ އުނދަގުލުން ސަލާމަތްވޭ.. ޖަޒުބާތުގައި ނުޖެހޭތި! އެކަމުން މިންޖުވާނެ ގޮތް މަންމަ ނުބުންޏަސް، މަންމަގެ ވިސްނުންތޫނު ތިޔަދަރިފުޅަށް އިނގޭނެ" މާޔާގެ ލޮލަށް ބަލަންއިނދެ، ވަރުގަދަ ފިލާވަޅެއް ހައްވާފުޅު ނަގައިދިނެވެ. ބުނާނެއެއްޗެއް ނޭގިފައި މާޔާއަށް އިނދެވުނެވެ.

"ދަރިފުޅާ! ކައިވެނި އަވަސްކުރޭ!" މާނައިން ފުރިގެންވީ ނަޒަރަކުން މާޔައަށް ބަލައިލަމުން، ބުއްދިވެރި ބުނެލުމެއް ހައްވާފުޅު ބުނެލިއެވެ.

"އެކަމަކު މަންމާ!!! އަހަންނަށް މީހަކާ އިނދެވިދާނެ.. އަހަރެންގެ ހުރިހައި ވަގުތެއް އޭނާއަށް އަދި އޭނަގެ އާއިލާއަށް ހިބަކުރުމަށް އުޒުރުވެރިވަންޏާ، އެކައިވެނި މިވަގުތު ކުރުން ބުއްދިވެރިތަ؟ މަންމަ ބަލަން އުނދަގުލީއެއްނޫން.. އެކަމަކު މިވަގުތު ދުނިޔޭގައި މަންމައަށްވުރެން މުހިއްމު އެހެންމީހަކު އަހަންނަކަށް ނެތް.. އިންތިހާއަށް ލޯބިވޭ އީތަންދެކެ.. ދުވަހަކުވެސް ވަކިވާކަށް ބޭނުމެއްނޫން.. އެކަމަކު މިވަގުތު މަންމައަށް ފައިސާއެއްކުރުން އަހަންނަށް ވަރަށްމުހިއްމު..! އިންޝާﷲ ދާދި އަވަހަށް މަންމަގެ އޮޕަރޭޝަންގެ ފައިސާ ހަމަވާނެ.. ގިނައިން އިތުރުގަޑި ހަދަނީވެސް އެހެންވެ.. އޭގެ ފަހުގައި އަހަރެން ކައިވެނިކުރާނީ " މާޔާގެ ސިކުނޑިއަށް އެންމެ އުނދަގޫވާ މައުލޫއަށް ވާޞިލްވިއެވެ.

"ދަރިފުޅާ..! ކޮންމެވެސް ދުވަހަކުން މަންމަވެސް، ދަރިފުޅުވެސް މިދުނިޔެއާއި ވަކިވެގެންދާނެ! އެންމެކުރީން އެދުވަސްއަންނާނީ މަންމައަށްކަމެއް ނުވަތަ ދަރިފުޅަށްކަމެއް ބުނާކަށް ނޭގޭނެ ދޯ.. ލިބިފައި އޮތް ކުޑަވަގުތުކޮޅުގައި ދުނިޔޭގައި އުޅެ، ހެޔޮލަފާ ޢަމަލުތަކެއް، އެމީހެއްގެ ހަނދާންތަކެއްގެ ގޮތުގައި ދޫކޮށްފައި ދިއުމުގެ ހިތްވަރު ލިބިގަންނާންޖެހޭ.. ތިމާ ނެތް ދުވަހަކުން އެމީހެއްގެ މައްޗަށް ދުޢާ ދަންނަވާނެ ޞޯލިޙް ދަރިންތަކެއް ބިނާކުރުމަށްވުރެން ބޮޑު އުފަލެއް މަޔަކަށް ޙާޞިލެއް ނުކުރެވޭނެ.. މަންމަގެ ދަރީންނަށްޓަކައި މަންމަ މިއަދު ފަޚްރުވެރިވަން.. ދަރިފުޅަކީ އަބަދުވެސް މަންމަ ފަޚްރުވެރިވާ ކުއްޖެއް.. އެލީގެ މިޒާޖަށްޓަކައި ރެއާއި ދުވާލު މަންމަ ރޮއެ، ﷲގެ ހަޟްރަތަށް ދެންނެވީން.. މާޝާﷲ ގައިސަރުގެ ސަބަބުން ނަމަވެސް އެދަރިފުޅަށް ތެދުމަގު ފެނިއްޖެ! މަންމައަށްވުރެން އުފާ އިޙްސާސްކުރާނެ އެހެން އަންހެނަކު ދަރިފުޅު ބުނެބަލަ! ކޮންމެ ވަގުތެއްގައި މަރު ބައްދަލުކުރިޔަސް މަންމަ ތައްޔާރު.. ދަރިފުޅަކީ ދުރުވިސްނޭ ކުއްޖަކަށް ހަދަން، މަންމަކުރި މަސައްކަތް ބޭކާރުކޮށްނުލާ! މަންމަ ބަލަންޖެހޭތީ، ކައިވެނިނުކޮށް ހުރުމަކީ ބުއްދިވެރިކަމެއް ނޫން.. މަންމަގާތުގައި ހުންނަން އީތަން ގެނެސްދޭ ކުއްޖާވެސް، މާދަމާ މާލެ އަންނާނެކަމަށް އީތަން ބުނި.. އޭރުން މަންމަ އެކަނިވެރިއެއްވެސް ނުވާނެ.. އަބަދުވެސް ކައިރީގައި މީހަކު ހުންނާނެ.. އީތަންއަކީ ދަރިފުޅަށްޓަކައި ކޮންމެފަދަ ޤުރުބާނީއެއްވުމަށްވެސް ތައްޔާރަށް ހުރި ކުއްޖެއް.. އެފުރުޞަތަށް ނޫނެކޭބުނެ، އެސޮރު މާޔޫސްކޮށްލުން ރަގަޅެއް ނޫން.. ތި ސަވާނާއެއްގެ ކަންތައް ކިހާ މިންވަރަކަށް ދަރިފުޅުގެ ހަޔާތަށް ނުފޫޒުފޯރުވާފާނެކަން ދަރިފުޅަށް އިޙްސާސްވެސް ނުކުރެވޭނެ.. އެކަހަލަ ކަންކަމަށް ބަލަންޖެހޭނީ، ތަންކޮޅެއް ބޮޑަށް ލޯ ހުޅުވައިގެން.. ރޯކޮށްފައިވާ ހުޅުކޮޅު، ކިތަންމެ އަލިގަދަޔަސް، ވައިރޯޅިއެއްގެ ކުޑަކުޑަ ބީހިލުމަކުންވެސް އެހުޅުކޮޅު ނިވިގެން ހިނގައިދާނެ.. ރައްކާތެރިވެ، ދަރިފުޅުގެ ލޯ ހުޅުވާ! " މަންމަގެ ވާހަކަ އަޑުއަހަން، މާޔާ އިނީ ޝައުގުވެރިކަމާއެކުއެވެ. ތެދެކެވެ. އެމީހެއްގެ ކުރިމަގުގެ ހުޅުކޮޅު ނިވުނަނުދީ ސަލާމަތްކުރާނީ އެމީހެކެވެ.

"ވަކި ގޮތެއް ނިންމަން މިވަގުތު ފަސޭހައެއް ނޫން މަންމާ.. އެކަމަކު ވިސްނާންވެސް ނޫނީ ނުވިސްނާންވެސް މިދެމެދުގައި ހުރީ އަހަރެން.. ހިތައް ފެންނަނީ ރޭގައި އޭނާއަށްވެފައިހުރިވަރު! ހިތައް ގެންނާންވެސް ނޭގެނީ އޭނާ، ސިގުނަލް އެކުރާ ކަމެއް.. މިވަގުތު އަހަންނަށް އެންމެ މުހިއްމީ އެކަމެއް އެނގުން ދޯ މަންމާ" މާޔާގެ މޫނުމަތީން އެވަރުގެ ސީރިއަސްކަމެއް ހައްވާފުޅަށް ފެންނާނީ މަދުފަހަރަކުއެވެ. ވިސްނައިލުމަށްފަހު މާޔާ ތެދުވިއެވެ. ކުރާންހުރި މަސައްކަތުގައި ޝާމިލްވާން އުޅުނުހެންވެސް ހީވިއެވެ.
ނަމަވެސް، މަސައްކަތް ބަހައްޓާފައި މާޔާ ދިޔައީ ފޯނާއި ދިމާއަށެވެ.

***
ނަވީން ކިތަންމެ ރުޅިއަޔަސް، ގިޔާދާގެ އަނގަ ހިމޭނުން ބާއްވާއިގެން އޭނާއަށް ނުހުރެވުނެވެ.

"ހެޔޮނުވާނެ، އެމީހުންނަށް ގުޅައިދީބަލަ! އަހަރެންގެ ދަރިފުޅުގެ ފޯނު އަދިވެސް އޮތީ ނިވާލާފައި.. އެކުއްޖާ އުޅޭ ހާލެއްވެސް ނޭގެ.. އެމީހުން އޭނާއަށްކޮންމެފަދަ ގޮތެއްވެސް ހަދާފާނެ.. އަހަރެންގެ ހިތް ބިރުގަންނަނީ.. ނަވީންއަށް އިހުސާސްވެސް ނުކުރެވޭނެ ރާނިޔާ، ސަވާނާދެކެ އަންނަ ރުޅި.. އޭނާއަށް ވެގެންވަންޏާ އަހަރެން ބަރުބާދުކޮށްލާނެ.. ހެޔޮނުވާނެ އިންމައަށް ގުޅައިދީބަލަ" ގިޔާދާގެ ވާހަކަތައް ނަވީންއަށް ކަމަކުނުދެއެވެ. ބޯ ހޫރުވާލާފައި ބިއްދޮށަށް އެނބުރުނީ ރާނިޔާއަށް މޫނު ނުދައްކާންވެގެންނެވެ.

"ހިތެއްވެސް ނެތީތަ؟ އެއީ ނަވީންގެ ލޭ! އަހަރުމެންގެ ލޯބީގެ ނިޝާން.. ރާނިޔާ ކަމަކު އެދިއްޖެއްޔާ ދެފައި އެއްތާގައި ނުޖެހޭނެ އެކަން ނުކޮށްދެވެނީސް" ގިޔާދާ ރޮއެގަތެވެ.

"އަހަރެން ގަބޫލުކުރަން އެއީ އަހަރެންގެ ދަރިއެއްކަމަށް.. އެކަމަކު ނަހަލާލު، ޓެގް މަށަށް ބަދަލެއް ނުކުރެވޭނެ.. ދެން ތިބުނަނީ ލޯބީގެ ނިޝާނޭ.. އޭރު ގިޔާދާގެ ހަޔާތުގައި ލޯބީގެ ކިތައް ނިޝާން އުޅުނުކަން އަހަރެން ބުނެދޭންވީތަ؟ އަމިއްލައަށް އެދުވަސްވަރުގެ ހަނދާންތަކުން ހިރަފުސްފޮޅާނީތަ؟" ނަވީން ހިތްހަމަނުޖެހިފައިވަނީ ރޭގައި ދެމަފިރިންގެ ދެމެދު ކުރެވުނު ޒުވާބުގެ ސަބަބުންނެވެ. ރާނިޔާއާއި ގިޔާދާގެ އަޅާކިޔުމަށްފަހުއެވެ.

"ނުވަންޏާއި ނުވާނެޔޭ ބުނޭ! އަހަރެން ގުޅާފާނަން!" ގަދަކޮށްލުމުގެ ގޮތުން ގިޔާދާ ބުންޏެވެ. ނަމަވެސް ބުނެލިބަސް، ތަންފީޒުކުރާންޖެހުނީވެސް އަމިއްލައަށެވެ. ނުގުޅާނަމޭ ނަވީންބުނީ ގިޔާދާއާއި ދިމާއަށެވެ. ބޮލަށް އުނދަގޫވިއެވެ. ކިތަންމެ ވަރަކަށްވެސް ރުޅިގަދަވިއެވެ. ނަމަވެސް މިވަގުތު ގިޔާދާއަށް އެނޫން ގޮތެއް އޮތްކަމަކަށް ގަބޫލެއް ނުކުރެވުނެވެ.

"ސިކުނޑި ކުނިވެފައި އޮތީމައިތަ، ސަވާނާ ހުންނަ ގެސްޓްހައުސްއަށް ގުޅަން ނުކެރިގެން ތިއުޅެނީ؟ނޫނީ އެވަރުވެސް ތަންދޮރު ނުދަންނަނީތަ" ހިތްހަމަނުޖެހިފައި ނަވީން ބުނެލިއެވެ. ގިޔާދާގެ ހަރަކާތްތައް ހުއްޓުނީ އޭނާގެ ގަމާރުކަން ހިތައްއެރުމުންނެވެ. ތެދެކެވެ. އެގޮތް އެބައޮތް ނޫންހެއްޔެވެ. ނަވީންއާއި ދިމާއަށް ލޯއަޅާލާފައި ފޯނުހިފައިގެން ގިޔާދާ އިށީނީ ކުޑަދޮރުކައިރީގައި ހުރި ސޯފާއެއްގައެވެ.

***
އެއްބަސްވެވިފައިވާ ގޮތަށް މަސައްކަތްތައް ފެށުމަށްޓަކައި އީތަންގެ އެހީ ވަރަށް ބޮޑަށް ޔާދުއަށް ބޭނުންވިއެވެ. ލިޔެކިތުންތައް ނިންމާލުމަށްފަހު ދިގުމުއްދަތެއް އެދެމެދުގައި ފާއިތުވުމަކީ ގައިސަރު އެދޭގޮތް ނޫންކަމަށްވާތީ، ޔާދު ބޭނުންވީ ވީއެންމެ އަވަހެއްކުރާށެވެ.. މާދަމާ މަސައްކަތްފެށުމަށްޓަކައި ހަމަކުރާންޖެހޭ ހުރިހައި އެއްޗެއް ހޯދުމަށް، ކުއްޔަށްދޭ ތަންތަނުން އެތަކެތި ލިބުނީ އުނދަގުލުންނެވެ. ނަމަވެސް ނަސީބުރަގަޅުކަމުން، މާގިނަ ދުވަސްތަކެއްގައި އިންތިޒާރުކުރާން ނުޖެހުނެވެ. ރޭވުމާއި އެއްގޮތަށް މަސައްކަތްފެށި، އިމާރާތް ތަޅައިލުމުގެ މަސައްކަތް މާދަމާ ފެށޭނެއެވެ.

****
ނުވަގަޑިބައިވީރުވެސް އީތަން ނުގުޅައެވެ. ސަޔަށް ދާންވީމައި ގުޅާނެކަމަށްވަނީ ބުނެފައެވެ. މާޔާގެ ހިތް އަވަސްވެފައިވަނީ އީތަންއާއި ވާހަކަދައްކަން ބޭނުންވާތީއެވެ. ސަވާނާގެ ޚަބަރެއް ބެލުމުގެ ކުރީން، އީތަންއާއި ވާހަކަދެއްކުން މާޔާއަށް މިއަދު ވަރަށް މުހިއްމެވެ.

"މިއަދު ސަޔަށްވެސް ނުނިކުންނަންތަ؟ އަހަރެންގެ ދަޢުވަތު ގަބޫލުކުރާނެކަމަށް ޔަގީންކުރަން.." އުއްމީދު ނުކުރި ވަގުތެއްގައި ޒިޔާންގެ އަޑުއިވުމުން މާޔާއަށް ބަލައިލެވުނީ ކުއްލިޔަކަށެވެ. މާޔާގެ ހަރަކާތްތަކަށް އެތައް އިރެއްވަންދެން ބަލަން އިނުމަށްފަހު ޒިޔާން، ހުށަހެޅީވެސް ވަރަށް އުއްމީދުގައެވެ. އޮފީހުގެ ގިނަ ސްޓާފުން ސަޔަށް ގޮސްފައިވާތީ، މިވަގުތު ސެކްޝަންގައި ވަރަށް މީހުންމަދެވެ.

"ބަނޑުހައެއް ނުވޭ.. ގެއިން އައީ ސައިބޮއެގެން" ވިސްނައިލުމެއްވެސް ނެތި މާޔާ ބުނެލިއެވެ. އިސްޖަހައިލަމުން ޒިޔާން ބޯޖަހައިލިއެވެ.

"އެއްއޮފީހެއްގައި މަސައްކަތްކުރާ ދެ މުވައްޒަފަކު އެކުގައި، ކޮފީއަކަށް ދިއުމަކީ މައްސަލައެއްކަމަށް އަހަރެން ގަބޫލެއް ނުކުރަން.. ވަރަށް ބަނޑުހައިވެގެން މިއަދު މިއެދުނީ.. އެހެންމީހުން އައުމުގެކުރީންވެސް އަހަރުމެންނަށް އާދެވިދާނެ.. ހިނގާބަލަ! ޕްލީޒް!" ޒިޔާންގެ ހުށަހެޅުން އަޑުއަހަން މާޔާ ތައްޔާރުވެލީ ހަށިގަނޑު ސީދާކޮށްލާފައެވެ.

"އެއްއޮފީހެއްގައި އުޅެމުން، ވެރިމީހާގެ ދަށުން މަސައްކަތްކުރާ އަންހެން މުވައްޒަފަކަށް ލޯބި ހުށަހެޅުމަކީވެސް މައްސަލައެއް ނޫންތޯ؟ ނުރުހޭކަން އިނގޭއިރުވެސް ފަހަތުން ނުނައްޓައިގެން އުޅުމަކީ މައްސަލައެއް ނޫން؟" ކިތަންމެ ހަރުކަށިކޮށް މާޔާ ވާހަކަދެއްކިޔަސް، ޒިޔާން ނޫން މީހަކަށް އެއަޑު ނީއްވުމަށްވެސް މާޔާ ސަމާލުކަންދިނެވެ.

"ޕްލީޒް.. މިއަދު އެކަނި.." ވަރަށް ދެރަވެލާފައި ޒިޔާން އެދުނެވެ. ހަމައެވަގުތު މާޔާގެ ފޯން ރިންގުވާންފެށިއެވެ. ސްކްރީން، ޒިޔާންއަށް ފެންނަގޮތަށް މާޔާ ދައްކައިލިއެވެ.

"ޔެސް މައިލަވް! ވަރަށް ބަނޑުހައި.. އަވަހަށް އާދޭ.. މިނިކުންނަނީ" ޒިޔާންގެ ކުރިމަތީން މާޔާ ނިކުތީ، ޒިޔާންގެ ގައިގައި ނުޖެހޭނެގޮތަށް އަރިވެލައިގެންނެވެ. ލިބުނު ނާކާމިޔާބުގައި ފަޓޫލުގެ ޖީބުގެތެރޭގައި ޒިޔާންގެ އަތް ފޮރުވައިލިއެވެ.
***
ރޭގައި އިންމަ ނިދީ ފަތިސްނަމާދުކޮށްގެންނެވެ. ގިނަބޭސްތަކެއް ކާންޖެހޭތީ ނިދިހަމަކުރުން ވަރަށް މުހިއްމެވެ. ފޯނު ސައިލެންޓްކުރީ މަސައްކަތް ކުރިއަށްގެންދާ ރިސޯޓްތަކުން ގުޅާނެތީއެވެ. ކޮޓަރީގައި ޗާޖަށްޖަހާފައި ފޯނު ބޭއްވުނު ހަނދާންވެގެން ރާނިޔާ އައީ ފޯނުބަލައެވެ.

-- ނުނިމޭ --
ހިޔާލު

ޢަޒުމް

ތަންކޮޅެއް ކުރު ދިގު ކޮށްލުމަށް ފެނޭ އަދި 5 ޕެރެގްރާފް ދިގުކޮށްލާ

ދިޔެ

ހައްވާފުޅު އެދެއްކީ ހާދަ ބުއްދިވެރި ވާހަކަތަކެއްކަން އަހަންނަންވެސް ވިސްނިއްޖެ...”މޭވާ ބިންނަންޖެގެނީ ގަހުގެ މަތިވަރު އެއްމެ ރަގަނޅު ވަގުތުގައި”މިއީ ވަރަށް ބޮޑުތެދެއް🤔މަރިވަރު އެއްމެ ރަގަޅުނޫން ވަގުތެއްގައި ބިދެވުނީމަދޯ ފާޑެއްގެ ހިތި ރަހައެއްމިލަނީ...