Firumaaladheyshey, Episode 59
image
ފިރުމާލަދޭށޭ..
ފުނަމާ
2 ކޮމެންޓް
 

ފިރުމާލަދޭށޭ..

59 ވަނަބައި
ސައިޑްޓޭބަލްމަތީގައި އޮތް ފޯނު ސްކްރީން އެ ނިވުނީ ހަމަދެންމެއެވެ. ރާނިޔާއަށް ބަލައިލެވުނުވަގުތެވެ. ދެފޯނު އޮތީ ދާދި ކައިރީގައިކަމަށްވާތީ ރާނިޔާ ފުރަތަމަ ހިއްލާލީ، ދެންމެ ސްކްރީން ނިވުނު ފޯނެވެ. ދެބުމަ ގޮއްޖަހައިލައިފައި ދެލޯ ކުޑަކޮށްލެވުނެވެ. ގިޔާދާގެ ފަސް ކޯލް، މިސްވެފައި އެބައޮތެވެ. ތުން އަނބުރާލާފައި، ކުރިއަށްވުރެންވެސް ބޮޑަށް ރާނިޔާ ލޯއަޅައިލިއެވެ. އެމަންޒަރު ބަލާނެ މީހަކުނެތަސް، ނިކަންގިނަ ވައްތަރު ޖެއްސިއެވެ.


"މީނައަށް ޖެހޭތަ މަގޭ ފިރިމީހާއަށް ގުޅަން.." ލިބުނު ފުރުސަތުގައި އެ ކޯލްތަކުގެ ރެކޯޑްވެސް ރާނިޔާ ފޮހެލިއެވެ. އެއްވެސް ހާލެއްގައި އިންމަ ގިޔާދާއަށް ގުޅަން، ރާނިޔާ ބޭނުމެއްނޫނެވެ. ނިދާފައި އޮތް އިންމަގެ ނިއްކުރީގައި ކިސްކޮށްލުމަށްފަހު، ރާނިޔާ ހިނގައިގަތީ ކޮޓަރީން ނިކުންނާށެވެ. ނަމަވެސް ފަހަތް ބަލައިލެވުނީ، ހިތް އެކަމަށް އެދުނީތީއެވެ. ނަސީބުވެސް ރަގަޅެވެ. މިވަގުތު ކޯލެއް އެއަންނަނީ ރާނިޔާއަށެވެ. ހަލުވިކޮށް އައިސް ފޯނު ނެގީވަރަށް ޖޯޝުގައެވެ.

***
ސަޔަށް އޯޑަރުދިންތަކެތި މޭޒުގައި ނުބަހައްޓަނީސް، މާޔާގެ ފޯނު ރިންގްވާންފެށިއެވެ. އޮފީހުގެ ރަސްމީ ވަގުތުކަމަށްވާތީ، ފޯނު ނުނަގައެއްވެސް ނުކެރުނެވެ.

"އަހަންނަށް އިނގޭ ކާކު ކުރިމަތީގައިކަން މިވަގުތު އިންނާނީ! އަހަރެން ބުންނަން ބޭނުމީ، އަހަރެން މާޔާދެކެ މިވާ ލޯތްބާއި ގާތަށްވެސް ތި ފިރިހެނާއަށް މާޔާ ދެކެ ލޯބިނުވެވޭނެ.. އަހަރެން ވަރަށް ލޯބިވޭ!" ޒިޔާންގެ ވާހަކަ އަޑުއެހުމުގެ އެއްވެސް ޝައުގުވެރިކަމެއް މާޔާގެ ނެތެވެ. ފޯނުކަނޑާލީ އެއަޑު އިވުނުކަން ނުވަތަ ނޫންކަންވެސް ބުނެނުލައެވެ. ރިންގް އޯފްކޮށްލުމަށްފަހު ބަންޑުން ފޯނުބޭއްވީ، ދެން އަންނަ ކޯލެއްގެ ހިލަމެއްވިޔަ ނުދިނުމަށެވެ.

"ވަރަށް ބައިވަރު އެއްޗެހި އެނގެން ބޭނުން.. އީތަންއާއި ގުޅުންހުރި، ސަވާނާގެ ހުރިހައިކަމެއް، އަދި އޭނާ ކުރަން އެއުޅޭ ހުރިހައިކަމެއްގެ ވާހަކަ މިވަގުތު އެނގެންބޭނުން.." ލިބުނު ފޯނުކޯލްގެ ނުތަނަވަސްކަން ފޮރުވަން މަސައްކަތްކުރަމުން މާޔާ އެދުނީ ބޮޑުކަމަކަށެވެ.
ސަވާނާއާއި އީތަންއާއި ދެމެދު ހިނގާފައިވާ ކަންކަމަށްވުރެން ބޮޑަށް އީތަންއަށް މުހިއްމުވީ، މަންމައާއި ސަވާނާއާއި ދެމެދު ހިނގަމުންދާ ނުރައްކާތެރިކަންކަމުގެ ވާހަކަ މާޔާއަށް އޮޅުންފިލުވައިދިނުމެވެ. އެފަދަ ވަގުތެއްގައި ބުނެދެވެން އޮތް އެންމެ ތަފްސީލްކޮށް މާޔާއަށް އީތަން ކިޔައިދިނެވެ. ބުނާނެ އެއްޗެއް ނޭގިފައި މާޔާއަށް އިނދެވުނީ ހަރަކާތްހުއްޓިފައެވެ.

"އައިއެމް ސޯ ސޮރީ ޕްރިންސެސް.. އަހަރެންގެ ފެމިލީއަކީ މާ ޕަރފެކްޓް ފެމިލީއެއްނޫން.. މިވާހަކަތައް ކިޔައިނުދިނީ، އެއްވެސް ކަމެއް ފޮރުވުމުގެ މަޤްޞަދަކުވެސް ނޫން.. އެކަމަކު މިކަންކަމުގެ ސަބަބުން އަހަރެންގެ ލޯބި ލޯބި ޕްރިންސެސް ބީވެދާނެކަމުގެ ބިރު އަބަދުވެސް ހިތުގައި އޮވޭ.. މިކަންކަމުގެ ސަބަބުން، މާޔާގެ އަބުރަށް ދެރައެއް ލިބޭކަށް ބޭނުމެއްނޫން.. ދުވަހަކުވެސް އެފަދަ ކަމެއް މެދުވެރިވާން ހިތެއް ނޭދޭ.. އެވަރުގެ ކަމެއް ގަސްތުގައި ނުވެސްކުރާނަން.. އެވަރުކަމެއް ކުރުމަށް އެހެންމީހަކަށް ފުރުސަތެއްވެސް ނުދޭނަން.. ޔޫ އާރ މައި ލައިފް" މާޔާގެ އަތުގެ އިނގިތަކުގެ ތެރެއަށް އީތަންގެ އަތުގެ އިނގިލިތައް ލައްވައި މަހައިލިއެވެ. ނުހަނު ލޯބިން އެއަތުގައި ފިރުމާލަމުން އެދުނީ އީތަންގެ މޫނަށް ބަލައިލުމަށެވެ.
****

"ކަލޭ ދުނިޔެއިން މޮޔަވީތަ؟ މަގޭ ފިރިމީހާއަށް ކަލޭގެ ހިޔަނިއެޅުނަވެސް ނުދޭނަން.. ތިހެން އިނދެ ފަނާވަންދެން ގުޅިޔަސް، އިންމައެއް ކަލޭގެ ކޯލެއް ނުނަގާނެ.. މަކަރުވެރި ނަވީންގެ ބޯ، ކަލެއަށް ކައިލެވިދާނެ.. އެކަމަކު މަގޭ ފިރިމީހާއަކީ، ފުރިހަމަ ފިރިހެނެއް.. ނަވީންކަހަލަ ރަނޑެއް ނޫން" ގިޔާދާ ރުޅިއަރުވާލަން ރާނިޔާ ކުރި މަސައްކަތް ނުހަނު ކާމިޔާބެވެ. ނަމަވެސް ގިޔާދާގެ މަޖުބޫރު މިވަގުތު ނުހަނު ބާރުގަދައެވެ.

"ރުޅިމަޑުކޮށްފައި މިވަގުތު އަހަންނާއި ވާހަކަދައްކަބަލަ.. ޕްލީޒް ރާނީ! ވެދިޔަ ހުރިހައި ކަމަކަށް މަޢާފު.." ގިޔާދާގެ ޖުމުލަ ނިމެންދެން އަޑުއެހުމުގެ ކުޑަވެސް ޝައުގުވެރިކަމެއް ރާނިޔާގެ ނެތެވެ.

"މަޢާފޭ.. ކަލެއަށް އަހަރެންގެ ފަރާތުން ދޭނެ މަޢާފެއް ނޯންނާނެ.. މިގޭގައި ވަރަށް ނާޗަރަންގީ ޖެހިއްޖެކަން ޔަގީންކުރަންތަ މަށަށް ތިގުޅީ..! ބުނަން ވާހަކައެއް..! އަހަރެންގެ ލޯބިވާ ފިރިމީހާއާއި އަހަރެންގެ ދަރިފުޅު ހުރަސްކޮށްފައި އަހަރެންނާއި ހަމައަށް އާދެވޭނީ.. އެހައި ހިތްވަރު އެބަހުރިތަ؟ ކަލޭގެ އެހެރަ ގޮތްކުޑަ ނަހަލާލު އަންހެންދަރި ކައިރީގައިބުނޭ، މަގޭ ދަރިއާއި ވައި އެޅުނަސް ކުޅިދައްކާލާނަމޭ.. ދެން ސަވާނާއަށް މިގޭގެ ދޮރަކުން އެތެރެނުވެވޭނެ ދުވަހަކުވެސް" އަޑަށް ބާރުލާފައި ރާނިޔާ ވާހަކަދެއްކިއިރު އޭނާގެ ދެލޮލުން ކަރުނަ އަންނަމުންދިޔަކަމެއް ގިޔާދާއަށް ރެއަކާނުލައެވެ. ހިތާއި ދެކޮޅަށްވެސް ރާނިޔާ ވާހަކަދެއްކީ ވަރަށް ހިތްވަރުކޮށްގެންނެވެ.

***
"މިވަރުގެ ކަންތައްގަންޑެއްގެ ސަބަބުން މާޔާ އަހަރެން ދޫކޮށްލިޔަސް، އަހަންނަށް ކުރެވޭނެ ކަމެއް ނޯންނާނެ.. އެކަމަށް، ޝަކުވާއެއްވެސް ނުކުރާނަން.. އެކަމަކު އަހަރެން...!! ވާނެ ގޮތެއްވެސް ނޭގެ..!! މިހިތް ވަރަށް ބިރުގަނޭ.. ބީވެއްޖެނަމަ އަހަރެން މޮޔަވެދާނެ.. ވަރަށް ވަރަށް ލޯބިވޭ.. ތިނޫން އަންހެނަކަށް މިހިތައް، ދުވަހަކުވެސް ވާޞިލްނުވެވޭނެ.. އައި ލަވް ޔޫ ސޯ މަޗް" ވަރަށް އުނދަގުލުން އީތަން ވާހަކަދެއްކިއެވެ.

"ވަރަށް ދެރަވެއްޖެ، ތިޔަހައި ބާރު ދެރަ އިޙްސާސެއް އަހަރެންނާއިމެދު ކުރީތީވެ! އެވަރުގެ ފިނޑި އަންހެނެއްގެ ނާތަޙްޒީބު ޢަމަލެއްގެ ސަބަބުން އަހަރެންގެ ލޯބި ދޫކޮށްލާފައި، ފުރަގަސްދޭނެހެން ހީވަނީތަ؟" ވަރަށް އަސަރާއެކު މާޔާ އަހައިލިއެވެ. އިސްޖަހައިލެވުން ފިޔަވައި އިތުރު ޖަވާބެއް އީތަންއަށް ނުދެވުނެވެ. ދެލޮލުން ދިލަނަގަނީއެވެ.

"ޔޫ އާރ ރޯންގ މައި ލަވް! އެއަށްވުރެން ދުނިޔެއަށް ލޯހުޅުވޭ އަންހެނެއް މިއީ! އެކަހަލަ މީހުންނަށް ރައްދު ދޭނެގޮތް އަހަންނަށް އެނގޭ!.. ގޮތްކުޑަ އަންހެނެއްގެ ފައިދަށުގައި ޗިސްކޮށްލެވޭ ވަރަށްވުރެން ހިތްވަރު އެބަހުރި! " މޭގައި އަތް ޖަހައިލަމުން މާޔާ ބުނެލިއެވެ.

ސީރިއަސް ބަލައިލުމެކެވެ. ލޯބިވެރިޔާއަށްޓަކައި އީތަން ފަޚްވެރިވި ކިތަންމެ ހާލަތެއް ފާއިތުވެއްޖެއެވެ. ނަމަވެސް މިއީ މާ ބާރުގަދަ އިޙްސާސެކެވެ. ބުނެދޭންވެސް ނޭގުނެވެ. މާޔާ ގެނެސް މޭގައި ޖައްސައި ބާރުކޮށްލަން ބޭނުންވިއެވެ. ނަމަވެސް ވަގުތާއި، ހާލަތު އެކަމަށް ތަނެއް ނުދެއެވެ. ގިނަބަޔަކު ހެނދުނުގެ ނާސްތާއަސް އިންސާފުކުރާންތިބި، އާންމުތަނެކެވެ. އީތަންގެ ލޮލުން ކަރުނައެއް ވެއްޓުމަށް މާޔާއަށް ކެތެއް ނުކުރެވޭނެއެވެ. ކިތަންމެ ބަޔަކު އެމަންޒަރު ބެލިޔަސް ފަރުވާލެއްނެތެވެ. ނުހަނު ލޯބިން ދެލޯ ފޮހެލައިދިނީ މާޔާއެވެ.

"މިވަގުތުންފެށިގެން ތިކަމުގެ ޒިންމާ އަހަރެން ނަގާނަން.. ބްލެކްމެއިލްކުރުމާއި ބިރުދެއްކުމަކީ ކޮބައިކަން އޭނާއަށްވެސް އެނގެންޖެހޭ" ކޮފީތަށީގައި ތުންޖަހަމުން މާޔާ ބުނެލިއެވެ. އެންމެބޮޑު ހިތްހަމަޖެހުމެއް މާޔާއަށް ލިބުނީ ސަވާނާގެ ފޯނު ނަންބަރު ލިބުނީތީއެވެ. ކުރިއަށް ދާންވީ މަގު ވަރަށް ސާފުކޮށް މާޔާއަށް ފެނެއެވެ. ސަވާނާއަށްޓަކައި ހިތުގައި އުފެދުނު ހަމްދަރުދީގެ ކަންފުޅެއްވެސް މިހާރު ނެތްކަން ޔަގީނެވެ.
***

"އަހަރެންގެ ދަރިފުޅުގެ ޚަބަރެއް ނުވެގެން މިއުޅެނީ.. ތިގެއަށް ދިޔަ އޭނަ! އެކަން އަހަންނަށް ޔަގީން.. ބުނޭ، ކަލޭމެން ސަވްއަށް ހެދިގޮތެއް.. ބުނަންވީ!" ވަރަށް އަސަރުކޮށްފައިވާ އަޑަކުން ގިޔާދާ ވާހަކަދެއްކިއެވެ. އެއަޑާއި، އެ އިހުސާސްގެ ސަބަބުން ރާނިޔާއަށް ލިބުނީ އިތުރު ހިތްވަރެކެވެ. ކުރެވުނީ މަލާމާތެކެވެ.

"ކަލޭގެ ލޮލުން ލޭކަރުނަ އޮހޮރޭތަން ދުށުމަށްވުރެން ބޮޑު އެދުމެއް މިދުނިޔޭގައި އަހަންނަށް ނުފުދި ނުވޭ! މިވަގުތަކީ އަހަރެންގެ އަލަތު ލޯބި، ބީވެދިޔަފަހުން ލިބުނު އެންމެ އުފާވެރި ވަގުތުކޮޅު! ވޭނާއި ކަރުނައިގެ އާހްގައި ކަލެއާއި ނަވީން ލެއްވުން އެދި، އަހަރެންގެ ކޮންމެ ދުޢާއެއްގައި އެދެން.. އަހަރެންގެ ދުޢާ އިޖާބަކުރެއްވިކަމުގެ އުފާވެރި އިޙްސާސް މިވަގުތު އަހަންނަށް ކުރެވިއްޖެ.. އަދިވެސް ޖެހޭނީ ރޯން.. އުމުރަށްވެސް ޖެހޭނީ ރޯން.. އަހަރެންގެ ހަޔާތް، ފޭރިގަތްފައި ކަލެއަށް އޭގެމަތީގައި ގަނޑުވަރެއް ބިނާކުރާން ލާހިކެއް ނޫން.. އަހަރެންގެ އެންމެ ގާތްއެކުވެރިޔާގެ ގޮތުގައި ހުރެ، އަހަރެންގެ ހިތަށް ވިހަ ދޫކޮށްފައި، ކަލެއަށް އަބަދަކު އުފަލުގައި ނޫޅެވޭނެ.. އެކަމަކު މިއަދު އަހަންނަކީ ދުނިޔޭގެ އެންމެ އުފާވެރި އަންހެނުންގެ ތެރެއިން ގުނާލެވޭނެ އެކަކު.. އަހަރެންގެ ފިރިމީހާގެ ލޯބި، މިއޮތްހައި ދުވަހު އަހަންނަށް ބަލައިގަނެވިފައެއް ނެތް.. އެއީ އަހަރެންގެ ފުރާނަ.. އެފަދަ ލޯބި ފިރިޔަކު އެހެންމީހަކަށް ލިބިފައިވާނެކަމަށް މިއަދު އަހަރެން ގަބޫލެއްވެސް ނުކުރަން.. އުމުރުގެ ކޮންމެ ސިކުންތެއް، އަހަރެންގެ ފިރިމީހާއަށްޓަކައި އަހަރެން ހިބަކޮށްދޭނަން.. ނުދެވުނު ލޯބި، އޭނާއަށް އަދާކުރާނީ އަހަރެންގެ ހިތާއި ފުރާނައިން.." އެތައް އަހަރެއްވަންދެން ރާނިޔާގެ ހިތުގައި ބާއްވައިގެންއުޅުނު ރިހުން، ހިތުން ނެރި ބޭރުކޮށްލާން އޭނާ ބޭނުންވިއެވެ.

"ރާނިޔާ ބޭނުން ކޮންމެ އެއްޗެއް އަހަންނާއި ދިމާއަށް ކިޔަންވީ! އެކަމަކު އަހަރެންގެ ސަވް ވީތަނެއް ބުނޭ.. އާދޭސްކޮށްފައި މިއެދެނީ ސަވްއަށް ވީ ގޮތެއް ބުނެތީ!" ވަރަށް ނިކަމެތިވެފައި ތަކުރާރުކޮށް ގިޔާދާ އެދެމުންދިޔައީ އެންމެ ކަމަކުއެވެ. އެކަމަށް އެދޭ ކޮންމެ ފަހަރަކު ރާނިޔާއަށް އެތައް ގުނައެއްގެ އުފާ އިޙްސާސްކުރެވެއެވެ.

"ކަލޭގެ ނަހަލާލު ދަރި، ކޮންމެވެސް ތަނެއްގައި ހެޔޮވަރު ސައިޒެއްގެ ފުޅިޔަކާއެކު ދެމިފައި އޮންނާނެ.. ގެއްލިގެން މީހުން ހޯދުމަށް މި ގައުމުގައި އޮންނަ މުއައްސަސާއަކީ ޕޮލިސް ސަރވިސް.. އެތަނުން ކަލެއަށް އެހީވާނެ" ލިބިފައި ހުރި ހިތްވަރުގައި ނިކަން މަލާމާތުގެ ރާގުތަކަށް ރާނިޔާގެ ޖުމުލަތައް ހެޔޮވަރުކޮށްލިއެވެ.

ގިޔާދާގެ ގިސްލުމުގެ އަޑަކީ ރާނިޔާގެ ހިނިތުންވުމަށް މެދުވެރިވާ ވަޞީލަތެއްކަމުގައި ރާނިޔާއަށް އިޙްސާސްކުރެވުނެވެ. އާދޭސްކުރަމުން ގިޔާދާގެ އަޑު ސާފްނުވާ މިންވަރަށް ދާންދެން ރުއެވެ. މަލާމާތުގެ ހިނިތުންވުމަކާއެކު ފޯނު ކަނޑާލީ ރާނިޔާއެވެ.
ކުރިން އޮތްގޮތަށް، ޗާޖަށް ޖަހާފައި ފޯނު ބޭއްވީ ސައިޑްޓޭބަލް މަތީގައެވެ. ހިތުގައި ހުރި އެތައް ޝަކުވާއެއް ބޭރުކޮށްލެވުމުން ލިބުނު އުފަލުގައި، ކޮޓަރީން ނިކުތުމަށް ރާނިޔާ ހިނގައިގަތްއިރު އެތަނުގައި އެހެންމީހަކު ވެއްޖެކަން ހަނދާނެއްވެސް ނެތެވެ.

"ލޯބިވާ! ދަނީތަ؟" އިންމަގެ އަޑު އިވުމުން ރާނިޔާ ދިޔައީ ސިއްސައިގެންނެވެ. ހައިރާންވެފައި ބަލައިލިގޮތުން އިންމަ ހިނިވެސް އައެވެ.

"މީހަކު މިތާ އޮތްކަން އެނގޭވަރެއް ނޫނެއްނުން! ކުރުދޮށިން ދީފައި ތިހައިފަސޭހައިން ނުދެވިދާނެ އާދެބަލަ!"

ކުރުއަތް މައްޗަށް އޮށޯވެ އޮތް އިސްމާއިލް ބަލަން އޮތީ އިޝްގީ ބެލުމަކުންނެވެ. އިސްމާއިލްގެ ހުށަހެޅުމަކަށް ނޫނެކޭ ބުނުމުގެ ބާރެއް ރާނިޔާގެ އިޙްސާސްތަކަށް މިއަދު ލިބިފައި ނެތެވެ. ލަދުވެތި ބެލުމަކުން، ފިރިމީހާއަށް ބަލައިލަމުން ރާނިޔާ ގާތްވެލީ، ނުހަނު ލޯތްބާއެކުއެވެ.

"ތިޔަށްވުރެން ރީތި އަންހެނަކު ނުދެކެން.. ހާދާ ރީއްޗޭ! ނިދާފައި ހޭލެވުނު ވަގުތު ތިޔަހެން ފިލައިގެން ނުދެވޭނެދޯ" ނުހަނު ލޯބިން ބައްދައިލަމުން އިންމަ ބުންޏެވެ. ނިއްކުރިއާއި މޫނުގެ އެތަން މިތަނުގައި ކިސްކޮށްލުމަށްފަހު، ލޯބީގެ އިތުރު ހަރުފަތަކަށް ގިރާކޮށްލުމުގެ އުފާވެރިކަން އިންމަ ލިބިގަތެވެ. ރާނިޔާގެ ޓީޝާޓް ބާލައި، އެއްލާލުމަށް އިންމަ ފަރިތައެވެ. ރާނިޔާގެ ދެލޯ މެރިގެންދިޔަ ވަގުތު ކަންފަތުގެ ފޫޅުގަނޑުގައި އިންމަގެ ތުންފަތް ބީއްސާލަމުން ވައިއަޑުން ބުނެލި އެއްޗަކުން ރާނިޔާގެ ހިނިގަނޑުދިޔައީ ފަޅައިގެންނެވެ.

"ސާބަސް! ތިއީ މިކަހަލަ ވަގުތެއްގައި ބުނާކަހަލަ އެއްޗެއްތަ؟" ފިރިމީހާގެ މޫނުގައި ދެފަރާތުން ހިފަހައްޓާލާފައި ނޭފަތުގައި ރާނިޔާގެ ނޭފަތް ހާކައިލަމުން، ބުނެލިއެވެ.

"ކީއްތަވީ؟ ބުނާކޮންމެ އެއްޗެއް ބުނަންވާނީ ލޯބިން.. ތިހައި ލޯބި އަންބަކަށް ނަސޭހަތްދޭން މިއަށްވުރެން އުފާވެރިގޮތެއް މަށަކަށް ނުވިސްނޭ.. ހެދުނު ގޯސް ތަކުރާރު ނުކުރާނެކަން ޔަގީންވީމައި ކިހައި އުފާވާނެ" އިންމަގެ ޖުމުލަ ނިންމާލަމުން ރާނިޔާގެ ތިރީތުންފަތުގައި މަޑުމަޑުން ދަތްއަޅައިލިއެވެ.

"ދުވަހަކުވެސް ދެން، ބޭވަފާތެރިނުވާނަން! މިއީ ވަޢުދެއް! ދެން އެކަމަކު އެމީހުންގެ ވާހަކަ މިކަހަލަ ގަޑިއެއްގައި، އަދި އެވަރުގެ ރޮމެންޓިކް ވަގުތެއްގައި ބުނީމައި ހިނިއަންނާނެދޯ.." ރާނިޔާ ބުނެލިއެވެ.

"އެމީހުންގެ ވާހަކައެއްވެސް، އެއްވެސް މީހެއްގެ ވާހަކައެއްވެސް ނުދައްކަން.. އަހަރެން ބުނިހައިވެސް އެއްޗަކީ، އެއްވެސް ދުޢާއެއްގައި އެއްވެސް ހާލަތެއްގައި އެއްވެސް މީހަކަށް ބަދު ދުޢާއެއް ނުކުރައްޗޭ.. ކިތަންމެ ބޮޑު އަނިޔާއެއްދިން މީހަކަށްވެސް މަޢާފުކުރައްޗޭ! ދޮގެއްތަ؟ މިނޫން އެއްޗެއް އެވަގުތު ނުބުނަމެއްނުން" ރާނިޔާގެ ކަނދުރާއާއި ކަރުދަށުގައި އިންމަ ލޯބިކޮށްލާ ކޮންމެފަހަރަކު، އެތައް މޭލެއް ދުރަށް ރާނިޔާއަށް ދަތުރުކުރެވެނީ ލޯބީގެ އާލަމަށެވެ. ހިތުގެ ކޮންޓްރޯލް ސިކުނޑިން ގެއްލިގެންދާ ހިނދުގައި އަމިއްލަ ނަފުސުގެ ދިފާއުގައި ކަންކުރާނެ ގޮތް ރާނިޔާއަށް ބުނެދިނީ، ލޯބީގެ އިންތިހާ އަރާމުން އެ ހިތް ފުރާލަދެމުންނެވެ.
***
އޮފީހަށް ވަދެވުމާއެކު މާޔާ ހަމަޖެހިލިއެވެ. ކަންތައްތައް ކުރާނެގޮތެއް ސިކުނޑީގައި ރާވައިލިއެވެ.

-- ނުނިމޭ --
ހިޔާލު

ކަނބުލޮ

ވަރައް ރީތި އިނގޭ

ދިޔެ

ހުހޫމްް!!،،😜 ހާދަ ރޮމެންޓިކްދޯ❤️