''Beijing'' ge Badhalugai ''Begging'' Jehumun Maafah Edhijje
image
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޗައިނާގައި.
0 ކޮމެންޓް
 

ޕާކިސްތާން ޓީވީއަކުން ކެޕްޝަނުގައި "ބެއިޖިން"ގެ ބަދަލުގައި "ބެގިން" ޖެހުމުން މައާފަށް އެދިއްޖެ

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން، ޗައިނާގެ ވެރިރަށް ބެއިޖިން އަށް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ކެޕްޝަނުގައި "ބެއިޖިން"ގެ ބަދަލުގައި އޮޅިގެން "ބެގިން" ޖެހުމުން އެ ގައުމުގެ ޓީވީ ސްޓޭޝަނަކުން މައާފަށް އެދިއްޖެ އެވެ.
ކެޕްޝަނުގައި ސްޕެލިން މައްސަލަ ޖެހުނީ، ބެއިޖިންގެ ސެންޓްރަލް ޕާޓީ ސްކޫލުގައި އިމްރާން ދެއްވި ތަގުރީރެއް ވަގުތުން ދެއްކުމުގެ ތެރޭގަ އެވެ. އެ މައްސަލަ ޖެހުނު ޕާކިސްތާން ޓެލެވިޝަން ކޯޕަރޭޝަނުން (ޕީޓީވީ) ބުނީ، އެ މައްސަލާގައި ޒިންމާވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެފަދަ މައްސަލަތައް ނުޖެހޭނެ ގޮތަށް ކަންކަން ރާވާނެ ކަމަށް ޕީޓީވީން ބުނެ އެވެ.

އިމްރާން ދަތުރުފުޅަކީ، އެ ގައުމުގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް ޗައިނާގެ އެހީ ހޯދުމަށް ކުރައްވާ ދަތުރުފުޅެކެވެ. އެގޮތުން އައިއެމްއެފްގެ ބެއިލް އައުޓަށް ބޭނުންވާ ފައިސާއާ އެކު އެތައް ބިލިޔަން ޑޮލަރެއްގެ އެހީ ހޯދުމަށް ޕާކިސްތާނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ސްޕެލިން މައްސަލަ ބްރޯޑްކާސްޓް ކުރެވުނީ 20 ސިކުންތަށެވެ. އެއަށްފަހު އެ މައްސަލަ ވަގުތުން ރަނގަޅު ކުރި އެވެ. ނަމަވެސް، އެކަން ރަނގަޅު ކުރި އިރު، ސޯޝަލް މީޑިއާގައި އެ ވާހަކަ އޮތީ ވަރަށް ބޮޑަށް ފެތުރިގެން ގޮސްފަ އެވެ.
ހިޔާލު