Ibu Huvaakurumai Gulhuvaigen Dhulhaheyo Hashiheyo Namugai Kulhivaru Festivaleh
image
"ދުޅަހެޔޮ ހަށިހެޔޮ" ގެ ނަމުގައި ބާއްވާ ސްޕޯޓްސް ފެސްޓިވަލް އިއުލާނުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން---
0 ކޮމެންޓް
 

އިބޫ ހުވާކުރުމާއި ގުޅުވައިގެން "ދުޅަހެޔޮ ހަށިހެޔޮ" ކުޅިވަރު ފެސްޓިވަލެއް

"ދުޅަހެޔޮ ހަށިހެޔޮ" ގެ ނަމުގައި މާލޭގައި ބޮޑު ސްޕޯޓްސް ފެސްޓިވަލެއް މިމަހުގެ އަށާރަ އަދި ނަވާރަ ވަނަ ދުވަހު ބާއްވަން ނިންމާފައިވާކަމަށް އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ އިންތިގާލީ ކޮމެޓީން ބުނެފިއެވެ.
އިންތިހާބީ ރައީސް އިބޫ މިމަހުގެ 17 ވަނަ ދުވަހު ހުވާކުރައްވާތީ އެކަމުގެ އުފާ ފާޅުކުރުމުގެ ގޮތުން އަށާރަ ވަނަ ދުވަހުގެ 14:00 އިން 17:00 އަށް ކުޅިވަރު ފެސްޓިވަލެއް ކުރިއަށް ގެންދަވަން ނިންމަވާފައިވާކަމަށް އެކަން އިންތިޒާމު ކުރުމުގައި އެންމެ އިސްކޮށް އުޅުއްވަމުން އަންނަ އަލީ ނިޔާޒު ވިދާޅުވިއެވެ.

އިންދިގާލީ ކޮމެޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނިޔާޒު ވިދާޅުވީ، އެ ކުޅިވަރު ފެސްޓިވަލް ކުރިއަށްދާނީ މާލޭގެ ހަތަރު ސަރަހައްދެއްގައިކަމަށެވެ.

"މި ހަރަކާތް ފަށާނީ އަށާރަ ވަނަ ދުވަހުގެ ސާދަ ގަޑި ސުންމިނެޓުގައި ސުވިމިން ޓްރެކުން. އެއަށްފަހު ރާޅުގަނޑު ސަރަހައްދުގައި އެއަށްފަހު މޫދު ކުޅިވަރުތައް އެއް ނަމްބަރު ފާލަން ސަރަހައްދުގަ. އަދި މިހާތަނަށް ކުޅޭ ހުރިހާ ކުޅިވަރުތައް ބައިވެރިވާ ގޮތަށް ހިންގި ހަރަކާތްތައް އޮންނާނީ މާލޭ ކުޅިވަރު އެކުވެނީގެ ހުރިހާ ދަނޑުތަކުގަ." ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ، އެ ހަރަކާތުގައި ބައިވެރިވުމަށް ރާއްޖޭގެ ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކަށް ދައުވަތުދިނުމާއި ގުޅިގެން އެހުރިހާ ފަރާތްތަކުން ދައުވަތު ގަބޫލުކޮށް އެހަރަކާތުގައި ބައިވެރިވުމަށް ޕްރޮޕޯސަލް ވެސް ފޮނުވާފައިވާކަމަށެވެ.

"އެގޮތުން ރާއްޖޭގެ ސަތާރަ އެސޯސިއޭޝަނަކާއި ފަނަރަ އެންޖީއޯއެއް މިހަރަކާތުގައި ބައިވެރިވާނެ." ނިޔާޒު ވިދާޅުވިއެވެ.

ޓްރެކް ސަރަހައްދުން އެކުޅިވަރު ފެސްޓިވަލު ފެށުމަށް ހަމަޖައްސާފައިވާއިރު އެތަނުގައި ކުރިއަށްދާނީ ކުޑަކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ކުޅިވަރުތަކެކެވެ. އޭގެ ތެރޭގައި ސާރފިން އާއި ބޮޑީބޯޑިން ވެސް ހިމެނޭއިރު އެކުޅިވަރުތައް ކުރިއަށް ގެންދާނީ ވީހާވެސް ގިނަ ބައިވެރިންނަށް ބައިވެރިވެވޭނެ ފަދަ ގޮތަކަށް ކަމަށެވެ.

އޭގެ އިތުރުން ވެސް ގިނަ ކުޅިވަރުތަކެއް ހިމެނޭހެން ކުރިއަށް ގެންދާ އެ ސްޕޯޓްސް ފެސްޓިވަލް 15:15 ހާއިރު ނިންމާލުމުގެ ކުރިން ޓްރެކް ސަރަހައްދުގައި ވޯމްއަޕްގެ ހަރަކާތްތަކެއް ފަސް މިނެޓް ވަންދެން ކުރިއަށް ގެންދާނެއެވެ. އަދި ނިންމާލުމުގެ ކުރިން ދުވުމުގެ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު އަށާރަ ވަނަ ދުވަހުގެ ކުޅިވަރު ހަރަކާތް ނިންމާލުމުގެ ކުރިން އިންތިހާބީ ރައީސް އެ ފެސްޓިވަލުގެ ބައިވެރިންނާއި މުހާތަބުކުރުމަށް ވެސް ހަމަޖައްސާފައިވެއެވެ.

މީގެއިތުރުން ނަވާރަ ވަނަ ދުވަހުގެ ރޭގަނޑު ފުޓްބޯޅަ މެޗުތަކެއް ވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެގޮތުން އެމެޗުތައް ކުރިއަށް ގެންދާނީ ހަތަރު ބަޔަކަށް ބަހާލައިގެންނެވެ. އެއީ ރާއްޖޭގެ ނަވާރަ އަހަރުން ދަށުގެ ޓީމުގެ މެޗަކާއި ނަވާރަ އަހަރުން ދަށުގެ އަންހެން ޓީމާއި ސީނިއާ ޓީމުގެ މެޗެކެވެ. އަދި ފުޓްބޯޅަގެ ލެޖެންޑުން ބައްދަލުކުރާ މެޗެއްގެ އިތުރުން ސިޔާސީ ފަރާތްތައް ބައްދަލުކުރާ މެޗެކެވެ.

އެކުޅިވަރު ފެސްޓިވަލަކީ ހުރިހާ އުމުރެއްގެ ފަރާތްތައް ޝާމިލުވާ ދުޅަހެޔޮ ހަށިހެޔޮ މުޖުތަމައެއް ބިނާކުރުމަށް ހިތްވަރުދިނުމަށް ކުޅިވަރު ފެސްޓިވަލެކެވެ. އަދި އެ ފެސްޓިވަލުގެ މަގުސަދަކީ ކުޅިވަރު ޕްރޮމޯޓުކުރުމާއި އެންމެންގެ މެދުގައި ކުޅިވަރުގެ ރޫހާއި ޝައުގު އިތުރުކުރުމުގެ އިތުރުން ކުޅިވަރުގެ އަހުލާގުގެ ތެރެއިން ދިރިއުޅުމުގެ ރީތި އާދަތައް ހަރުލެއްވުމާއި ހަރުދަނާ މުޖުތަމައެއް ބިނާކުރުމަށް ބާރު އެޅުންކަމަށް ނިޔާޒު ވިދާޅުވިއެވެ.
ހިޔާލު